07 ޑިސެމްބަރ 2019 - 09:53
މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އިސްކޮޅުން ކުރުކަމުންނާއި އޭނާގެ ސިފަ އަށް ކޮމެޑީ ޝޯއެއްގައި ޖޯކު ޖަހައި މަލާމާތްކުރުމުން އެކަމާ ދެރަވެއްޖެ އެވެ.
މިހާރު އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަދި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ޝޯގެ ޖަޖްކަން ވެސް ކުރާ ނޭހާ އަށް ޖޯކު ޖަހާފައި ވަނީ ސޮނީގެ ދަށުން ހިންގާ ސޮނީ މެކްސް އިން ދެ ފިލްމުގެ ދޭތެރޭގައި "ޑރ. ޕްރާން ލޭލޭ" ގެ ނަމުގައި ގެނެސްދޭ ކޮމެޑީ ސެގްމަންޓެއްގަ އެވެ.
އޭގެ ބައިވެރިންގެ ތެރޭގައި ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ވެސް މުހިއްމު ރޯލެއް އަދާކުރާ ކިކޫ ޝަރުދާ ޑޮކްޓަރެއްގެ ގޮތުގައި އާއި ގޯރަވް ގޭރާ އަންހެން ނަރުހެއްގެ ގޮތުގައި ހެދުން އަޅައިގެން އަދި އިސްކޮޅުން ވަރަށް ކުރު ފިރިހެނަކު ނޭހާގެ ގޮތުގައި ނަމަކަށް "ނޭހާ ޝައްކަރު" ކިޔައިގެން ގެނެސްދިން ސެގްމަންޓްގައި ނޭހާގެ ސިފަ އަށް އެކި ގޮތްގޮތަށް ޖޯކު ޖެހި އެވެ.
އެގޮތުން ނޭހާ ސިފަކޮށްފައި ވަނީ "ކުޑަ ބުލޫޓޫތު ސްޕީކަރެއް" ގެ ގޮތުގަ އެވެ. މީގެ އިތުރުން އަބަދު ތުންފަތަށް ގޮތްގޮތް ހަދައި މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން ހުރެ މައިކް ކައިރީ ހުއްޓެނީ ކިހިނެއްތޯ އަހާފައިވެ އެވެ. މީގެ އިތުރުން ނޭހާގެ ބައެއް ލަވަތަކުގެ ތަންތަންކޮޅު ވެސް ކިޔައި ޖޯކްޖަހާފައިވެ އެވެ.
މި ވީޑިއޯ ނޭހާގެ ބޭބެ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރްގެ އިންސްޓަގްރާމްގައި ހިއްސާކުރުމުން ނޭހާ ވަރަށް ބޮޑަށް ހިތުގައި ޖެހި، އޭނާގެ ޝުއޫރުތައް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވެ އެވެ.
ރީތި އަދި މަގުބޫލު އެތައް ލަވައެއް މިހާތަނަށް ކިޔާފައިވާ ނޭހާ ބުނީ ކޮމެޑީ އަކީ އޭނާ ވެސް ވަރަށް ގަބޫލުކުރާ އެއްޗެއް ކަމަށެވެ. އެކަމަކު މީހެއްގެ ސިފަ އަށް ފާޑުކިޔައި ޒާތީ ގޮތުން ދިމާކޮށްލުމަކީ ވަރަށް ދަށުދަރައިގެ ކަމެއް ކަމަށް ބުންޏެވެ. އޭނާ ބުނީ ކާމިޔާބު ލަވަކިޔުންތެރިއަކަށް ހިތްވަރާއި ބުރަ މަސައްކަތުން ކަމަށްވާތީ އެފަދަ ފަންނާނުންގެ އަގުވަޒަންކުރުމުގެ ބަދަލުގައި ޒާތީވެ، އެ މީހަކާ ދިމާކޮށްލުމަކީ ކުރާ ހިދުމަތްތަކުގެ އަގުވަޒަންނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
އެހެންވެ އޭނާ ދެކެ އެހާ ނަފުރަތުކުރާ ނަމަ އޭނާގެ ނަން ބޭނުންކޮށް، ކިޔާފައިވާ ލަވަތަކަށް ނަށައި ފޯރި ނެގުމަކީ ވެސްކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި މިފަދަ ކަންކަންކުރާ މީހުން އަމިއްލަ އަށް ވެސް ލަދުގަންނަން ޖެހޭނެ ކަމަށް ނޭހާ ބުންޏެވެ.
"މީގެ ކުރިން ވެސް އަހަރެންގެ އާއިލާގެ މީސްމީހުންނާ ޒާތީ ގޮތުން ދިމާކޮށްލައި، ސިފަ އާއި އިސްކޮޅަށް ފާޑުކިޔާފައި އެބަހުރި. މީހެއްގެ އިސްކޮޅުން ކުރުވުމަކީ އެ މީހަކަށް މަލާމާތްކުރަން ޖެހޭ ކަމެއް ނޫން،" އޭނާ ބުންޏެވެ. "އަހަންނާއި އާއިލާގެ މީހުން ކުރުވީ އަހަރެމެން އަމިއްލައަކަށް ނޫން. މީހުންގެ ސިފަ އަށް މަލާމާތްކުރުމަކީ ހެއްދެވި ފަރާތަށް ޖޯކްޖަހައި މަލާމާތްކުރުން."
އިންސްޓަގްރާމް ސްޓޯރީގައި ޝުއޫރުތައް ހިއްސާކުރުމަށް ފަހު، ނޭހާ ވަނީ އޭނާ އަކީ އަބަދު ވެސް ޕޮޒިޓިވިޓީ އަށް ލޯބިކުރާ މީހެއް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީޒް
07 December 2019
އިންޑިއާ ކޮމެޑީ ޝޯވް ތަކުގައި މީހުންގެ އަޑު ހުންނަ ގޮތުން ކަޅުވެގެން ކުރުވެގެން ޖޯކް ޖެހުން އާއްމުކަމެއް..ނޭހާ ކައިރީ ހުރި އިރެއްގަވެސް ނޭހާ ކުރުކަމުން ޖޯކް ޖެހި...އެ ޝޯވް އަކީ ނޭހާ ބޮޑަށް މަޝްހޫރުނުވާ އިރުވީމަ އަޅާނުލާހުރީ..ކޮމެޑީ ސަރކަސް ކިޔާ އެއްޗެއްގައި ނޭހާ ކުރިން ބައިވެރިވި..