ރަންދީޕް.
09 ޑިސެމްބަރ 2019 - 07:26
ލަކްނޫގައި މިހާރު ޝޫޓިން ކުރިއަށްދާ މީރާ ނައިރްގެ ސިލްސިލާ "އަ ސޫޓަބަލް ބޯއި" ގެ ސެޓްގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން އޭގެ ކާސްޓުން އެކްޓަރު ރަންދީޕް ހޫޑާ ބޭރުކޮށްލި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޝާން ޚައްތަރާއި ތައްބޫ ވެސް މުހިއްމު ރޯލްތަކެއް ކުޅޭ ސިލްސިލާ އިން ރަންދީޕް ބޭރުކުރީ އޭގެ މޭކަޕް އާޓިސްޓާ ދެމެދު ހިނގި ކޯލުންތަކަކަށް ފަހު، ގަޔަށް އަތްލާ ހިސާބަށް ގޮސް މައްސަލަ ގޯސްވުމުންނެވެ.
ނަމަވެސް މިވާހަކަތައް ދޮގުކުރަމުން "ޖިސްމް 2" އާއި "މާޑާ 3" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލު ބުނީ "އަ ސޫޓަބަލް ބޯއި" ގެ ސެޓްގައި އޭނާ އާއި މޭކަޕް އާޓިސްޓާ ދެމެދު އަރައިރުންތަކެއް ހިނގި ކަމަށެވެ. އެކަމަކު ގަޔަށް އަތްލައި މާރާމާރީ ނުހިންގާ ކަމަށް ބުންޏެވެ. ރަންދީޕް ބުނީ ސިލްސިލާ އިން އޭނާ ބޭރު ވެސް ނުކުރާ ކަމަށެވެ.
"އަހަންނާއި މޭކަޕް އާޓިސްޓާ ދެމެދު ކޯޅުންގަނޑެއް ހިނގި. އެކަމަކު މާރާމާރީއެއް ނުހިނގާ. އޭނާ އަކީ އަހަރެން މިހާރު މަސައްކަތްކުރަމުން އަންނަ ސަލްމާން ޚާންގެ ރާދޭގެ ވެސް މޭކަޕް އާޓިސްޓް. އަދި ދަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއް،" ރަންދީޕް ބުންޏެވެ. "ދެވަނަ ކަމަކަށް ފިލްމުން އަހަރެން ބޭރުކޮށެއް ނުލާ. އަހަންނާ ހަވާލުކުރި ރޯލްގެ މަސައްކަތް އޮންނާނީ ނިންމާފައި."
އޭނާ ބުނީ ސިލްސިލާގައި ކުޅުނީ ހާއްސަ ފެނިލުމެއް ކަމަށާއި ޝޫޓް ކުރީ އެންމެ ހަތަރު ދުވަހު ކަމަށެވެ.
"އަހަރެންގެ ކެމިއޯއެއް އޭގައި އިންނާނީ. އެ މަސައްކަތް އޮންނާނީ ނިންމާލާފައި. އަދި އެއަށް އެއްބަސްވީ މީރާއާ އޮންނަ ގާތްކަމެއްގެ ސަބަބުން،" ރަންދީޕް ބުންޏެވެ.
އޭނާ ވަނީ 2001 ގައި މީރާ ގެނެސްދިން "މޮންސޫން ވެޑިން" ގައި ވެސް މަސައްކަތްކޮށްފަ އެވެ. މީރާ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ ޑައިރެކްޓަރެކެވެ.
ބީބީސީއާ ގުޅިގެން ހަދާ "އަ ސޫޓަބަލް ބޯއި" އަކީ ހަމަ އެ ނަމުގައި ވިކްރަމް ސޭތު ލިޔެފައިވާ ވާހަކަ އަށް ބިނާކޮށް ހަދާ ހަ އެޕިސޯޑްގެ ސިލްސިލާއެކެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށް ބެލެވޭ މި ސިލްސިލާގެ ކާސްޓުންގެ ތެރޭގައި ރާސިކާ ޑުއްގަލް، ތާނިއާ މަނިކްތަލާ، މާހިރާ ކައްކަރް، ނަމިތު ދާސް، ގަގަން ދޭވް މިކާއީލް އަދި ވިޖޭ ވަރުމާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy