ކިއާރާ.
12 ޑިސެމްބަރ 2019 - 07:39
ފިލްމު ކުޅެން ފެށުމުގެ ކުރިން ކޮށް އުޅުނު މަސައްކަތަކަކީ ކުޑަކުދިންނަށް ކިޔަވައިދިނުން ކަމަށް، ކުރިއަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ބުނެފި އެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއެއްގައި، މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަބީރު ސިންގް" ގެ ބަތަލާ ބުނީ ތުއްތު ކުދިންނަށް ކިޔަވައިދޭން އުޅުނީ މަންމަ ހިންގި ޕްރި-ސްކޫލެއްގައި ކަމަށެވެ.
"އެތަނުގައި ކުދިންނަށް ނާސަރީ ރައިމްސްތައް ދަސްކޮށްދިނުމާއި އޭބީސީ ދަސްކޮށްދިނުމަކީ އަހަރެން ވަރަށް ގަޔާވެގެން ކުރި ކަމެއް،" ކިއާރާ ބުންޏެވެ. "އޭރު އެންމެ މަޖާ ކަމަކީ ކުދިންގެ ނެޕީތައް ބަދަލުކުރުމުގެ ތެރޭގައި ދިމާވާ ހެއްވާ ކަންތައްތައް."
އޭނާ ބުނިގޮތުގައި ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އަދި އަބަދު ވެސް ކުދިންނާ އެކު ވަގުތު ހޭދަކުރަން ގަޔާވާ ކަމަށް ބުންޏެވެ.
ކިއާރާ އާއިލާއާ އެކު.
"އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އެއީ އެންމެ އުފާވެރި އިހުސާސްތައް ގެނުވައިދޭ އެއް ކަންތައް. އަދި އަމިއްލަ އަށް ދަރިއެއް ހުރުމަކީ އެ އުފާ އެތައް ގުނައަކަށް އިތުރުވާނެ ކަމެއް،" ކިއާރާ ބުންޏެވެ. "އެކަހަލަ ދުވަހަކަށް ވަރަށް އިންތިޒާރު ވެސް ކުރެެވޭ. އަދި އެއީ ވަރަށް ހާއްސަ ކަމަކަށް ވާނެ."
މަންމަ ހިންގާ ޕްރީ-ސްކޫލްގައި ޓީޗަރެއްގެ ޒިންމާ ނަގަން އުޅެފައި ކިއާރާ ބޮލީވުޑަށް ނުކުތީ 2014 ގަ އެވެ. އޭނާ ކުޅުނު ފުރަތަމަ ފިލްމު "ފަގްލީ" އަކީ އަކްޝޭ ކުމާރު ޕްރޮޑިއުސްކުރި ފިލްމެކެވެ. އެކަމަކު "ފަގްލީ" އަކީ އެހާ ހިނގި ފިލްމެއް ނޫނެވެ.
Going to be on repeat this wedding season!!😍#SaudaKharaKhara out now - https://t.co/QodoN17MwA#GoodNewwz @akshaykumar #KareenaKapoorKhan @diljitdosanjh @karanjohar @apoorvamehta18 @ShashankKhaitan @raj_a_mehta @NotSoSnob @Sukhbir_Singer @dhvanivinod @DJLIJO @Dj_Chetas
— Kiara Advani (@advani_kiara) December 3, 2019
އޭގެ ފަހުން ކިއާރާ އަށް މާ ރަނގަޅު ފުރުސަތުތަކެއް ބޮލީވުޑުން ނުލިބި ހުއްޓައި 2017 ގައި އޭނާ އަށް އައްބާސް-މަސްތާންގެ ފިލްމު "މެޝިން" އިން ފުރުސަތު ލިބުމެވެ. އެ ފިލްމަކީ އައްބާސްގެ ދަރިފުޅު މުސްތަފާ ބުރުމާވާލާ ބޮލީވުޑަށް ތައާރަފުކުރި ފިލްމެކެވެ.
ކިއާރާ، 27، ގެ ވިދުން ހަގީގަތުގައި ގަދަވާން ފެށި ކަރަން ޖޯހަރުގެ ރާޑަރަށް އޭނާ އެރި ހިސާބުންނެވެ. އެގޮތުން މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމްކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގައި ކަރަންގެ ސެގްމަންޓްގެ ބަތަލާގެ ރޯލް ކުޅުނީ ކިއާރާ އެވެ. އޭގެ ފަހުން އޭނާ ވެގެން ގޮސްފައި ވަނީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަން ކޭމްޕަށް ނިސްބަތްވާ ބަތަލާއެއްގެ ގޮތުގަ އެވެ.
ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ ވެސް ކަރަންގެ ފިލްމެކެވެ. އެއީ މި މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އެވެ. މި އަހަރު ރިލީޒްކުރި ދަރުމާގެ "ކަލަންކް" ގެ ރޯލެއް ވެސް ކުޅުނު ކިއާރާގެ އަތުގައި ހުރި ކަރަންގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ޝޭރް ޝާހް" އާއި "ގިލްޓީ" ގެ އިތުރުން ޑައިރެކްޓަރު ޝަޝަންކް ކައިތާން ހަދާ ފިލްމެއް ހިމެނެ އެވެ.
އެހެން ސްޓޫޑިއޯތަކާ އެކު ކިއާރާ ކުޅެމުން އަންނަ ފިލްމުތަކުގެ ތެރޭގައި އަކްޝޭގެ "ލަކްޝީ ބޮމްބް" އާއި ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" ގެ އިތުރުން ނިކިލް އަދުވާނީގެ "އިންދޫ ކީ ޖަވާނީ" ހިމެނެ އެވެ.
ކިއާރާ އަކީ ސައުތުގެ ފިލްމުތަކުން ވެސް ފެންނަ ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
17 December 2019
ތިކަހަލަ ޓީޗަރެއް ހޯދަންވީ