ނުޝްރަތު.
13 ޑިސެމްބަރ 2019 - 14:38
"ސޯނޭ ކޭ ޓިޓޫ ކީ ސްވީޓީ" ފަދަ ފިލްމުތައް ކުޅުނު ބޮލީވުޑްގެ ބަތަލާ ނުޝްރަތު ބަރޫޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ.
އޭނާގެ އަލަތު ރާއްޖެ ޗުއްޓީ ހޭދަކުރަނީ ސަން ޝިޔާމް އިރުފުށި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް 34 އަހަރުގެ ބަތަލާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕޫލެއްގެ ތެރޭގައި ފްލޯޓިން ނާސްތާ އަށް އިންސާފުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިމެނެ އެވެ.
ރާއްޖެ އަށް އަންނަ ވަރަށް ގިނަ ބަތަލާ އިން އެ މީހުން ޗުއްޓީ ހޭދަކުރާ ރިސޯޓްތަކުގެ ޕޫލަށް އެރި ހެނދުނުގެ ފްލޯޓިން ނާސްތާ އަށް އިންސާފުކުރާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ.
"ޕިޔާރް ކާ ޕަންޗްނާމާ" އާއި "އާކާޝް ވާނީ ފަދަ ފިލްމުތައް ކުޅުނު ނުޝްރަތު ރާއްޖޭގައި ހޭދަކުރަމުން އަންނަ އިރު، އެންމެ ފަހުން ސިނަމާތަކަށް އައި އޭނާގެ ފިލްމަކީ އަޔޫޝްމަން ކްރާނާއާ އެކު ކުޅެ، ސެޕްޓެމްބަރު މަހު ރިލީޒްކުރި "ޑްރީމް ގާލް" އެވެ.
ނުޝްރަތުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 31 ގައި ރިލީޒްކުރާ "ޝާލާންގް" އެވެ. އަޖޭ ދޭގްވަން ޕްރޮޑިއުސްކޮށް، ހެންސެލް މެހެތާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ބަތަލަކީ ރާޖްކުމާރު ރާއޯ އެވެ.
ނުޝްރަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ހުރްދަންގް" ހިމެނެ އެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނީ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލާ އެކީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy