18 ޑިސެމްބަރ 2019 - 08:28
"އަރުޖުން ރެޑީ" ފަދަ ފިލްމުތައް ކުޅުނު އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާގެ އާ ފިލްމު "ފައިޓާ" ގެ ބަތަލާގެ ރޯލަށް ޖާންވީ ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޕޫރީ ޖަގަންނަތު ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާއަކަށް އާލިއާ ބަޓް ނުވަތަ އަނަންޔާ ޕާންޑޭ ނަގަން މަސައްކަތްކުރި ނަމަވެސް އެ ތަރިންގެ ޝެޑިއުލްތައް ބިޒީކަމުން އެ ފުރުސަތު ފަހިވާ ގޮތެއް ނުވީ އެވެ.
އެހެންވެ "ފައިޓާ" އަށް ޖާންވީ ނެގީ، އޭނާ މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފު ކުރި ފިލްމު "ދަޅަކް" ގެ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެދުމުގެ މަތިން ކަމަށްވެ އެވެ. ނޫސްތަކުން ބުނިގޮތުގައި ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ވިޖޭގެ ފިލްމަށް ސޮއިކުރީ 3.5 ކްރޯޑް ރުޕީސްއަށެވެ. މިއީ އާ ބަތަލަކާ ބަލާފައި ރެކޯޑް އަގެކެވެ.
ހިންދީ ނޫން ބަސް ނޫން ބަހަކުން ހަދާ ފިލްމެއް ކުޅުމަކީ ޖާންވީ އަށް އެހާ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ އޭނާގެ މަންމަ ސްރީދޭވީ އަކީ އިންޑިއާގެ ވަރަށް ގިނަ ބަހުރުވަތަކުން ފިލްމުތައް ކުޅެފައިވާ އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގައި ވެސް މަޝްހޫރު ބަތަލާއަކަށްވުމެވެ.
ޖާންވީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާ ބިރުވެރިި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް"، "ރޫހީ އަފްޒާ"، "ދޯސްތާނާ 2"، "ތަހުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.
"އަރުޖުން ރެޑީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ ފެބްރުއަރީ މަހު ރިލީޒްކުރާ "ވޯލްޑް ފޭމަސް ލަވާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy