މުނިފޫހިފިލުވުން / ދިގު ވާހަކަ

ބަނަފިނި

އާދިއްތަ ދުވަހާ ގުޅޭ

އަނަސްއާ ގުޅައިގެން އަހަރެން ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ނާޒިޔާއާ ރުޅިނުވާށޭ ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަގީގަތުގައި އަހަރެން ބޭނުންވަނީ ޝުކުރުއަދާކުރާށެވެ. ނާޒިޔާ ދެކެ އަހަރެން ލޯބިވާ ވަރަކަށް އަނަސްއަކަށް ލޯތްބެއް ނުވެވޭނެއެވެ.

"މީޓްކޮށްފަ ވާހަކަދައްކާނީ،" ފޯނުކޮށްފައި ކަނޑައިލިކަމަށް ހެދިފައި އަހަރެން ބުނީމެވެ. "ދެން ހުއްޓާލާ! ހަވީރު މޭކަޕްކުރަން ދާންވާއިރަށް މޫޑު ރަނގަޅުކުރަން ޖެހޭނެ."

"އަހަރެން ބޭނުމެއް ނޫން މެރީކުރާކަށް،" ނާޒިޔާ ބުންޏެވެ. "ވެޑިން ކެންސަލުކޮށްލާނީ!"

ނާޒިޔާގެ ލޮލުން ފޭބީ ކިނބޫކަރުނައެއް ނޫނެވެ. އޭނަ ހުރީ ވަރަށް ދެރަވެފައެވެ. ހިތްދަތިވެފައެވެ. އެހާ ވަރަށް އަނަސް ދެކެ ލޯބިވީތީ އަހަރެންގެ ހިތުގައި ނަފުރަތު އުފެދުނެވެ. ލޯބިވާ މީހަކު ދުވަހަކު ވެސް ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. ނާޒިޔާއަށް އެ ކަން ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ރުޅިވާން ބޭނުންވާ މީހުންނާއި ވަރިވާން ބޭނުންވާ މީހުންނަކަށް ލޯތްބެއް ނުވެވޭނެއެވެ. އެކަމަކު އެތައް ފަހަރަކު ވެސް އެ މީހުން އަލުން ރައްޓެހިވެދާނެއެވެ. އަލުން ކައިވެނިކޮށްފާނެއެވެ. ލޯތްބަކީ ކޯޗެއްކަން ނޭނގޭ އަހަރެން ކަހަލަ ގަމާރު މީހަކަށް ވެސް އެ ވަރު އެނގެއެވެ.

"އޯކޭ!" އަހަރެން ނިކަން ފަސޭހައިން އެއްބަސްވީމެވެ. "ގަދަކަމުން މެރީކުރާކަށް އަހަރެން ބޭނުމެއް ނޫން. ނާޒިޔާ ފެމެލީ މީހުން ކައިރީގަ ތި ވާހަކަ ބުނޭ. އަހަރެން ވެސް އަހަރެންގެ ފެމެލީއަށް ވިސްނައިދެވޭތޯ ބަލާނަން."

ކައިވެނިކުރަން ދެތިން ގަޑިއިރަށް ވެފައި ވަނިކޮށް ކައިވެނި ކެންސަލުކޮށްލުމަކީ، ބުނަން ފަސޭހަ ކުރަން އުނދަގޫކަމެކެވެ. ޕާޓީއަށް ދައުވަތު ދިން ހުރިހާ އެންމެންނާ ގުޅާނީ ކިހިނެއް ހެެއްޔެވެ؟ ދައްކާނީ ކޮން އުޒުރެއް ހެއްޔެވެ؟ އަހަރެން ވާންޖެހޭނީ އުފަލެވެ. ވީ ދެރައެވެ. ނާޒިޔާ ދެކެ އަހަންނަށް ލޯބިވެވިއްޖެއެވެ. އޭނަގެ އުނި ސިފަތަކާ އެކުގައެވެ. ހިތަށްއެރިއެވެ. ލޯބިނުވެވުނު ނަމައެވެ. ހަދާނެ ގޮތެއް، ކުރާނެ ކަމެއް ނޭނގިފައި އަހަރެން ސައިކަލު ކައިރީގައި ހުރީމެވެ. ފުރަތަމަ ގުޅާނެ މީހެއް، ފުރަތަމަ އެ ވާހަކަ ހިއްސާކުރާނެ މީހެއް ވެސް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. މައްސަލައަކީ ބޭކާރުވި ފައިސާތަކެއް ނޫނެވެ. މައްސަލައަކީ މީހުންނާ އަހަރެން ކުރިމަތިލާނެ ގޮތެކެވެ. ތެދު ބުނާނެ ހިތްވަރެއް ނެތެވެ. ހަދާނެ މޮޅު ދޮގެއް ނުވިސްނުނެވެ. ހިތަށްއެރިއެވެ. އަނަސްއާ ބައްދަލުކޮށްފައި، ވާހަކަދައްކައިގެން މައްސަލަ ހައްލުކުރެވިދާނެއެވެ. އަހަރެންގެ އެ ހުނަރު ހުންނާނެއެވެ. މުދާ އިސްތިހާރުކުރާނެ ގޮތާއި، މީހުންގެ ރުހުން ހޯދާނެ ގޮތް އަހަރެންނަށް އެނގެއެވެ. އެކަމަކު އެއީ، ތީރެއް ތޫނުކޮށްފައި އެހެން މީހެއްގެ އަތަށް ދީފައި، އަހަރެންގެ ހިތަށް ހަރާލާށޭ ބުނުން ކަހަލަ ކަމެކެވެ. ކިތަންމެ ބޮޑު ލަދެއްގައި އަހަރެން ބެދެންޖެހުނަސް ނާޒިޔާ ދެކެ ލޯބިވާން އާދޭސްކުރާކަށް އަނަސް ގާތަކަށް ނުދާނަމޭ ހިތަށްއެރިއެވެ. ސައިކަލަށް އަރައިފައި އިސްޓާޓުކޮށްލި ވަގުތު ނާޒިޔާ ގުޅިއެވެ.

"މި ނައްޓާލަނީ ސެލޫނަށް." ނާޒިޔާ ދިނީ ކުރު މެސެޖެކެވެ.

އެހެން ބުނެލައިފައި އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރުމަކާ ނުލައި ނާޒިޔާ ފޯނު ކަނޑައިލީއެވެ. ނާޒިޔާ ޚިޔާލު ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ކޮންމެހެން މުހިންމެއް ނޫނެވެ. ނާޒިޔާއަކީ އެ ކަހަލަ ކުއްލި ނިންމުންނިންމާ ކުއްޖެކެވެ. އެއީ އޭނަގެ އުނިސިފަތަކުގެ ތެރެއިން އެއް ސިފައެވެ. ނޭނގޭ މީހަކު އެ ކަމާ ހައިރާންވިޔަސް އަހަރެން ހައިރާނެއް ނުވެއެވެ.

އަހަރުމެން ކައިވެނިކުރީމެވެ. އަހަރެން ލޯބިވާކަމެއް ނާޒިޔާއަކަށް ނޭނގެއެވެ. ނާޒިޔާ ލޯބިނުވާކަން އަހަންނަށް އެނގެއެވެ. އޭގެ ސަބަބުން ކައިވެންޏަށް ކުރިމަތިވާނެ ގޮންޖެހުންތައް އަހަންނަށް ވިސްނެއެވެ. ނާޒިޔާ ކޮންމެ ކަމެއް ވެސް ކުރާނީ ނާޒިޔާ ދެކެ އަހަރެން ލޯބިނުވާކަމަށް ދެކިގެންނެވެ. އަހަރެން ކޮންމެ ކަމެއް ވެސް ކުރާނީ އަހަރެން ލޯބިވާކަން ނާޒިޔާއަށް ނޭނގޭ ވަރަށް ވިސްނައިގެންނެވެ.

ކައިވެނީގެ ފުރަތަމަ ރެޔަކީ ވަރަށް އެހެން ކަހަލަ ރެޔެކެވެ. ލޯބިވެގެން ކައިވެނިކުރިޔަސް ވެހެވެ. އަހަރެންގެ ތަފާތަކީ ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖާ، ގާތުގައި އޮށޯވެލައިގެން އޮތްއިރު ލޯބިން ފިރުމާލުމުގެ ނަސީބު ވެސް ނުލިބުނުކަމެވެ. ނާޒިޔާއަކީ އަހަރެންގެ އަނބިމީހާއެވެ. ހުރިހާ ގޮތަކުން ވެސް އަހަންނަށް ހުއްދަ، އެހާމެ ރީތި އަންހެނެކެވެ. ނިދާލައިފައި އޮތްއިރު އެ މޫނުގައި ބޮސްދޭން އަހަރެން ހާދަ ބޭނުންވިއެވެ. ހިތަށްއެރިއެވެ. މި ކުރެވުނީ ކޮން ކަހަލަ މޮޔަކަމެއް ހެއްޔެވެ؟ ނާޒިޔާ ދެކެ ލޯބިނުވެވުނު ނަމަ އެ ކައިވެނިން އަހަންނަށް ލިބޭނެ އުފާތައް ބައިވަރެވެ. އަހަރެންނަށް އަހަރެންގެ ދިރިއުޅުމެވެ. ނާޒިޔާއަށް ނާޒިޔާގެ ދިރިއުޅުމެވެ. އެކަމަކު ހާލަތު ބަދަލުވެއްޖެއެވެ. ހުރިހާ ވެސް މައްސަލައަކީ ލޯތްބެވެ. މީހުން މޮޔަވެގެންއުޅޭ ލޯތްބަކީ މިހާ ހިތި އެއްޗެއްކަމެއް އަހަރެން ނުދެނަހުރީމެވެ. ލޯބިނުވެވުނު ނަމަ އަހަރެންގެ ހިތަށް ކިހާ ލުއިވީސް ހެއްޔެވެ؟

އަހަންނަކީ، އަނބިމީހާއަށް ލޯބި ހުށައަޅަން ނުކެރުނު ފުރަތަމަ ފިރިމީހާއަށް ވެދާނެބާއެވެ؟ އޮފީހުގައި އިންނައިރު ވެސް ވިސްނެނީ އެ ކަމާއެވެ. ބައެއް ފަހަރު ހިނިވެސް އާދެއެވެ. ލޯބިނުވާ މީހަކު އަންބަކަށްވީ ކިހިނެއް ހެއްޔެވެ؟ އަނބިމީހާ ގާތުގައި ލޯބިވާ ވާހަކަ ބުނަން ނުކެރެންވީ ކީއްވެގެން ހެއްޔެވެ؟ އޮޅުންވެފައިވާ ކަންވާރުބޮޅަކަށް ވުރެ އޮޅުން ބޮޑު ހަޔާތަކާ ކުރިމަތިލީމެވެ. ލޯބިވި އަންހެންކުއްޖާ ގާތްވިލެއް ބޮޑުކަމުން އޭނަ ގަޔަކު ފިރުމައެއް ނުލެވެއެވެ.

ނިދީގައި ނާޒިޔާ ވަރަށް ފުރޮޅެއެވެ. އަހަންނަކީ ބާލީހެއްކަމަށް ވެސް، ބައެއް ފަހަރު ނާޒިޔާ ހީކުރެއެވެ. އެ ފަަދަ ކޮންމެ ވަގުތެއްގައި އަހަންނަށް ހޭލެވެއެވެ. ހިތުގެ ވިންދު އަވަސްވެއެވެ. ހިތަށްއަރައެވެ. ލޯބިވާ ވާހަކަ ބުނަންވީއެވެ. އަނބިމީހާ ދެކެ ކޮން ލަދެއްގަންނާކަށް ހެއްުޔެވެ؟ ކޮންމެ ފަހަރަކު ވެސް އެ ކަމަށް ހުރަސްއަޅަނީ އަހަރުމެންގެ ދެމެދުގައި ވެވުނު އެއްބަސްވުމެވެ. ސޮއި ނުކުރިޔަސް، އެއްބަސްވުންމަތީގައި ދެމިހުންނަން އަހަރެން ބޭނުމެވެ.

އެއްދުވަހަކު އަހަރެން އޮފީހުން ގެއަށް އައިއިރު ނާޒިޔާ ހުރީ ބޭރަށްދާން ތައްޔާރުވެގެންނެވެ. އޭރު އޭނަގެ ރީތިކަން ދެ ގުނަ އިތުރެވެ. އަހަރެން ބަލަން ފެށުމުން ނާޒިޔާ ގާތަށް ރަކި ހިންޏެއް އައެވެ. ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނީމެވެ.

"އާދެބަލަ އިށީނދެލަން." އެނދު ދައްކައިފައި ނާޒިޔާ ބުންޏެވެ.

ހިތަށްއެރިއެވެ. ބައްދާލަން އާދެބަލާށޭ ވެސް ބުނެވުނީހެވެ. އެހެން ނުބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އެނދުގައި އިށީނދެލީމެވެ. މީހަކު އަހަރެންގެ ކަންފަތްދޮށުގައި ސިއްރުން ބުނެލާހެން އަހަރެންގެ ހިތް އެ ވަގުތު ބުންޏެވެ. އިސްވެ ނާޒިޔާ ގައިގައި ބައްދާލިއްޔާ ވާނީ ކީއްހެއްޔެވެ؟ އެއީ ގޯސްކަމެއް ނޫނެވެ. ހަޑިކަމެއް ވެސް ނޫނެވެ. ހަލާލު އަނބިމީހާއެވެ. އަހަރެން ކުއްލިއަކަށް ނާޒިޔާ ގައިގައި ބައްދާލީމެވެ. ޖަހައިފައިހުރި ތަނބެއްހެން ނާޒިޔާ ހުއްޓެވެ. ހަރަކާތްކުރަން ނޭނގިފައެވެ. އަހަރެން ދުރަށް ކޮއްޕައެއް ނުލައެވެ. އަހަރެންގެ ގަޔަކު ބައްދައެއް ވެސް ނުލައެވެ. އިރުކޮޅަކަށް ފަހު އަހަރެން މަޑުމަޑުން ނާޒިޔާ ދޫކޮށްލީމެވެ.

"އެއީ ކޮންކަމެކޯ؟" ހިނިތުންވެލައިފައި ނާޒިޔާ އެހިއެވެ.

"އަހަރެން ދެކެން ނުދަންނަ ދެމީހުން ވެސް ބައްދާލާތަން،" އަހަރެން ބޭނުންވީ ތަފުސީލުކޮށް ކިޔައިދޭށެވެ. "ދެ ރައްޓެހިން ވެސް ބައްދާލާ! ގާތްތިމާގެ މީހުންގެ ގައިގަ ވެސް ބައްދާލާ! މަންމަޔާ ދަރިފުޅާ ވެސް ބައްދާލާ! ބޭބެޔާ ދައްތަޔާ.."

"އެއީ މައްސަލައެއް ނޫނޭ!" ނާޒިޔާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އަހަރެންގެ ނެތޭ މައްސަލައެއް. ހިނގާ ސައިކަލުދުއްވާލަން ދަމާ! ދެންމެ ތިކިއި ހުރިހާ މީހުން ސައިކަލު ދުއްވާލަން ވެސް ދެޔެއްނު. އެހެންވީމަ އަހަރުމެންނަށް ވެސް ދެވޭނެއްނު."

"ފުރަތަމަ ދާނީ ހެލްމެޓެއް ގަންނަން." އަހަރެން ބުނީމެވެ.

ދާލަން މަތިން ސައިކަލުގައި ހުޅުމާލެއަށް ދެވެނީ ހެލްމެޓު އަޅައިގެންނެވެ. އެހާ ތަނަށް އަހަރެން މުޅީން ވެސް ދިޔައީ އެހެން މީހުންގެ ސައިކަލު ފަހަތުގައެވެ. ވީމާ، އަމިއްލަ ހެލްމެޓެއް ނެތެވެ. ނާޒިޔާ ދުވަހަކު ވެސް ހެލްމެޓު އަޅައިގެން ހުޅުމާލެއަކަށް ނުދެއެވެ. އެހެންކަމުން ނާޒިިޔާއަށް އެ ތަޖުރިބާ ވަރަށް މަޖާވިއެވެ. ހެލްމެޓު އެޅީއްސުރެ ނާޒިޔާއަށް ހެވެނީއެވެ. ނާޒިޔާއަށް ހީވަނީ ނާޒިޔާގެ ބޯމަތީގައި ކޮންމެވެސް ބަރު އެއްޗެއް ބަހައްޓައިގެން އިންނަންހެންނެވެ. އެހެން މީހުން ނާޒިޔާއަށް ބަލާހެންނެވެ. ލޯގަނޑުން ނާޒިޔާގެ މޫނު ފެނުމުން ނާޒިޔާ މާ ހިނިއާދެއެވެ. އޭނައަކީ އެ ކަހަލަ މިޒާޖުގެ ކުއްޖެކެވެ. ކުޑަކުދިންގެ ހުންނަ އެ ފަދަ ބައިވަރު ކަންތައް ނާޒިޔާގެ މިޒާޖުގައި ހުރެއެވެ. ކުރިން އަހަރެންގެ ބޮލަށް ވަރަށް އުނދަގޫވިއެވެ. ހެލްމެޓުއެޅި ދުވަހު އަހަރެން ގާތަށް އައީ ހިންޏެވެ. ސަބަބު ވަރަށް ސާފެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ. ނާޒިޔާ ދެކެ ލޯބިވާތީ ނާޒިޔާ ކުރާ ކަންތައް އަހަރެންނަށް ކަމުދަނީއެވެ. ސައިކަލު ބާރުކޮށްލުމުން އަހަރެންގެ ގައިގައި ނާޒިޔާ ވަރަށް ބާރަށް ބައްދައިލިއެވެ. އެ ކަމާ ލޯތްބަކާ ގުޅުމެއް ނެތެވެ. ގުޅެނީ ބިރާއެވެ. އުފާވެެގެން ސައިކަލުމަތީ އަހަރެން ނަށާކަށް ނުޖެހެއެވެ.

ކައިވެނީގެ ކުރިން ވެސް ނުވަތަ ފަހުން ވިޔަސް، ނާޒިޔާ ގޮވައިގެން އެ ފަދަ ބުރެއްޖަހައިލުމުގެ ފުރުސަތެއް އަހަންނަކަށް ނުލިބެއެވެ. އެހެންކަމުން އެ ދުވަހަކީ އަހަރެންނަށް ވަރަށް މުހިންމު ދުވަހެކެވެ. ދައްކަން ބޭނުންވެ ނުދެއްކިފައިވާ ބައެއް ވާހަކަ އެ ދުވަހު އަހަރެން ދެއްކީމެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" އަހަރެން ބުނީމެވެ. އަދި ނާޒިޔާ އިޒުނަ ނުދެނީސް އެ ވާހަކަ އެހީމެވެ. "ވެޑިން ކެންސަލުކުރަން ބުނެފަ ޓަސްލާފަ މައިންޑް ޗޭންޖުވީ ކީއްވެ؟"

"ފެމެލީ ލަދުގަންނަވާލަން ބޭނުންނުވީ!" ނާޒިޔާ ޖަވާބުގައި ބުންޏެވެ. "އަހަންނަކީ މާ ރަނގަޅު ކުއްޖެކޭ ނޫން. އެކަމަކު އަހަންނަށްޓަކާ ފެމެލީ ކޮށްދިން ކަންތައްތައް އަހަރެން ހަނދާނެއް ނުނެތޭ! ބަދަލުގަ ޝުކުރު ނުކޮށްފަ، އެ މީހުން ލަދުގަންނަވާލަން ނުކެރުނީ. އެހެން ގޮތަކަށް ބުނާ ނަމަ، ފެމެލީން އަހަންނަށް ދިން ލޯނު ޕޭކޮށްލީ!"

"އަނަސް އަލުން ގުޅައިފިއްޔާ؟" އަހަރެން އެންމެ ބޭނުންވެފައިވާ ސުވާލު ވެސް ކުރީމެވެ. "ދާނަންތަ؟"

ކިތަންމެ ލުއިކޮށް އަހަރެން އެ ސުވާލުކުރި ނަމަވެސް ނާޒިޔާ ދޭ ޖަވާބު ކިހާ ބަރުވާނެކަން އަހަންނަށް އެނގެއެވެ. އަހަރުމެންގެ ކައިވެނީގެ މުސްތަގުބަލާއި، ނާޒިޔާ ދެކެ އަހަރެން ލޯބިވާކަން ހާމަކުރުން ވެސް ގުޅިފައިވަނީ ނާޒިޔާ ދޭ ޖަވާބަކާއެވެ. ޖަވާބުދިނުމުގެ ކުރިން ނާޒިޔާ ވެސް ވިސްނިއެވެ. އޭނަ ވިސްނީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ.

"ވަރަށް ސިންޕަލް ޖަވާބެއް އޮތީ،" އަހަންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެފައި އެހެން ދިމާއަކަށް އެނބުރިލަމުން ނާޒިޔާ ބުންޏެވެ.

ނުނިމޭ

9 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 12%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީ

20 December 2019

ހާދަ ރީއްޗޭ. ބިންމާ އަށް ސާބަސް. ކިޔާހިތުންހުއްޓަ އެ ނިމުނީ

The name is already taken The name is available. Register?

ވާހަކަ ކިޔާ ކުއްޖާ

18 December 2019

"ޜުޅިވާން ބޭނުންވާ މީހުންނާ ވަރިވާން ބޭނުންވާ މީހުންނަކަށް ލޯތްބެއް ނުވެވޭނެއެވެ." ނޯޓެޑް..

The name is already taken The name is available. Register?

ނާޝް

18 December 2019

މަށެއް ހަމަ އެއްގޮތަކަށްވެސް ބޭނުމެއްނޫން މިދެމީހުން ގުޅޭކަށް. ނާޒިޔާ ބޭރުކޮށްފަ ޝާހިދާ އަންނަންވާނީ. ވާހަކަ ވަރަށް ރީތި. އެކަމަކު ހާދަ ދިގު އިންތިޒާރެކޭ ކުރަން މިޖެހުނީ.

The name is already taken The name is available. Register?

ރޯނާ

18 December 2019

ސާބަސްބިންމާއަށް

The name is already taken The name is available. Register?

ޕަރސަން

18 December 2019

ހާދަ އެހެންކަހަލަ ހިސާބަކުން ތި ނިންމާލީ މިއަދުގެ ބައި. ނާޒިޔާގެ ޖަވާބަށް އިންތިޒާރު ކުރަންދޯ މިޖެހުނީ

The name is already taken The name is available. Register?

ޕިޔާ

18 December 2019

ކޮބާތަ ލަންކާއިން ދިމާވި ކުއްޖާ؟؟ އޭނަ އަދިވެސް ލާރި އަނބުރާ ދޭން ނުގުޅާތަ؟؟

The name is already taken The name is available. Register?

އެސް.އެސް 7

18 December 2019

ކޮބާ އެއުޅޭ މަ ފަސްޓް ޤްރޫޕް؟

The name is already taken The name is available. Register?

މަރިޔާ

18 December 2019

މި އުޅެނީނު.. ހަމަ ފަސްޓް މިއަދު..

The name is already taken The name is available. Register?

މަރިޔާ

18 December 2019

ހަމަ ފަސްޓް ދޯ.. ޔޭޭ ޔޭޭ ޔޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454