ރިތޭޝް.
21 ޑިސެމްބަރ 2019 - 08:36
ފުރަތަމަ ފިލްމަކީ މާ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެއް ނޫން ކަމަށާއި އެހެންވެ ދެވަނަ ފިލްމަކުން ފުރުސަތު ލިބޭނެ ކަމަކަށް އެއްވެސް ވަރަކަށް އުންމީދުނުކުރާ ކަމަށް މީގެ 16 އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ރިތޭޝް ދޭޝްމުކް ބުނެފި އެވެ.
އޭނާގެ އަލަތު ފިލްމަކީ އަންހެނުން އަދި ދެ ކުދިންގެ މަންމަ ޖެނެލިއާ ޑި ސޫޒާއާ އެކު ކުޅުނު 2003 ގެ "ތުޖޭ މޭރީ ކަސަމް" އެވެ. އެ ފިލްމަކީ އެހާ ހިނގި ފިލްމެއް ނޫން ނަމަވެސް ރިތޭޝްގެ އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
އޭނާގެ އާއިލާ އަކީ ސިޔާސީ އާއިލާއަކަށްވެފައި ފިލްމު ކުޅެން ނިންމުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ރިތޭޝް، 41، ބުންޏެވެ. އޭނާގެ ބައްޕަ އަދި 2012 ގައި މަރުވެފައިވާ ވިލަސްރާއޯ ދޭޝްމުކަކީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމުގެ އިތުރުން ސަރުކާރުގެ ކެބިނެޓް މިނިސްޓަރުގެ މަގާމު ވެސް ފުރާފައިވާ މީހެކެވެ.
ރިތޭޝް އަންހެނުންނާ އެކު.
ކެރިއަރާ ބެހޭ ގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރިތޭޝް ބުނީ އޭނާ އަށް މިހާރު އާދެވިފައި ހުރި ހިސާބާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި ތަފާތު އެކި ކަހަލަ ކެރެކްޓާތައް ކުޅެން ފަސްނުޖެހުމަކީ އޭގެ ސަބަބަކަށް ވެދާނެ ކަމަށް ބުންޏެވެ. ރިތޭޝް ބެލުންތެރިންގެ ތެރޭގައި ބޮޑަށް މަޝްހޫރު ކޮމެޑީ ރޯލްތަށެވެ. އެކަމަކު އޭނާ ވަނީ ވަރަށް ސީރިއަސް ރޯލްތަކެއް މިހާތަނަށް ކުޅެފަ އެވެ.
އޭގެ ތެރޭގައި ދާދި ފަހުން ރިލީޒްކުރި "މަރުޖާވާ" އާއި 2015 ގައި "އޭކް ވިލަން" ހިމެނެ އެވެ. އެ ދެ ފިލްމުގައި އޭނާ ކުޅެފައި ވަނީ ނުބައިބައި ރޯލްތަކެވެ. ހަމަމިއާ އެކު ރިތޭޝް އަކީ ދެ ކޮމެޑީ ފްރެންޗައިޒެއްގެ ހިއްސާއެއް ވެސް މެ އެވެ. އެއީ "ހައުސްފުލް" އާއި" ދަމާލް" އެވެ.
ރިތޭޝް ދެ ދަރިންނާ އެކު.
އޭނާ ބުނިގޮތުގައި ފިލްމީ ކެރިއަރު އެއްވަރެއްގައި ހިފަހައްޓާލަން، ސްކްރީނުން ގެއްލެން ބޭނުން ނޫން ނަމަ އޮތް ގޮތަކީ ލިބޭ ގިނަ ރޯލްތަކަށް ރުހުން ކަމަށެވެ. ރިތޭޝް ބުނީ ކޮންމެ އެކްޓަރަކީ ވެސް ކާމިޔާބީ އާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ މީހެކެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ބުންޏެވެ.
"އެކަމަކު ކާމިޔާބު މީހަކަށްވުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެއް. އަދި އެކަން ހާސިލުކުރެވުނު ވަރަކަށް އެ މީހެއްގެ މަތިން ބެލުންތެރިން ހަނދާން ވެސް ހުންނާނީ،" ރިތޭޝް ބުންޏެވެ. "އަނެއްކާ މިހާރު ބެލުންތެރިންނަކީ ކޮންމެ ކޮންމެ ކަހަލަ ފިލްމުތަކެއް ބަލައި ގަންނާނެ ބައެއް ނޫން. އެހެންވީމާ އެކްޓަރުން ވެސް އެބަޖެހޭ ތަފާތު ރޯލްތައް އެކްސްޕެރިމަންޓްކުރަން."
ރިތޭޝް މިހާރު އަންނަނީ އަންނަ އަހަރު މާޗްގައި ރިލީޒްކުރާ "ބާގީ 3" ގެ މަސައްކަތްކުރަމުންނެވެ. އޭނާ މި އަހަރު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ޓޯޓަލް ދަމާލް" އާއި "ހައުސްފުލް 4" އަދި "މަރުޖާވާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy