"ބަހޫ ބޭގަމް" ގެ ޕޯސްޓަރެއް.
22 ޑިސެމްބަރ 2019 - 07:20
މިދިޔަ ޖުލައި މަހުގެ ތެރޭގައި ދައްކަން ފެށި ކަލާޒް ޗެނެލްގެ ސިލްސިލާ "ބަހޫ ބޭގަމް" ގެ ތަރުހީބު ވަރަށް ބޮޑަށް ކުޑަވެ، ޓީއާރްޕީ ހީވެސް ނުކުރާ ވަރަށް ވެއްޓުމާ ގުޅިގެން އަންނަ މަހުގެ ތެރޭގައި ސިލްސިލާ ނިންމައިލަން ނިންމައިފި އެވެ.
އެ ސިލްސިލާގެ ޓީމްގެ މެމްބަރަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ އޭގެ ފަހު އެޕިސޯޑް ގެނެސްދޭން ނިންމާފައި ވަނީ އަންނަ މަހުހެ ފަހުކޮޅު ކަމަށެވެ. އޭނާ ބުނިގޮތުގައި ކުރިން އުންމީދުކުރީ "ބަހޫ ބޭގަމް" ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް އޭގެ މަގުބޫލުކަން އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާތީ ސިލްސިލާ އަށް ނިމުމެއް ގެންނަން ބޭނުންވީ ކަމަށް ބުންޏެވެ.
ޖުލައި 15 ގައި ދައްކަން ފެށި "ބަހޫ ބޭގަމް" އަކީ މުސްލިމު ޝާހީ އާއިލާއެއްގެ ތެރޭގައި ދެ އަންބަކު ގެންގުޅެން ޖެހޭ ފިރިއެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ.
މީގެ ލީޑް ތަރިންނަކީ އަރްޖިތު ތަނޭޖާ އާއި ޑަޔާނާ ޚާންގެ އިތުރުން ސަމިކްޝާ ޖެއިސްވާލެވެ. މީގެ އިތުރުން މީގެ އަހަރުތަކެއް ކުރިން ސޮނީން ގެނެސްދިން ސިލްސިލާ "ހީނާ" ކުޅެގެން މަޝްހޫރުކަން ހޯދި ސިމޯން ސިންގް ވެސް "ބަހޫ ބޭގަމް" ގެ މުހިއްމު ރޯލެއް ކުޅެ އެވެ.
ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މި ސިލްސިލާ އަކީ ވާހަކަގައި މާ ބޮޑު އޮއްޓަރެއް ނެތް، ކޫސަނި ކަންތައްތަކެއް ދައްކުވައިދޭ ސިލްސިލާއެކެވެ.
"ބަހޫ ބޭގަމް" ގެ 116 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.
މި ސިލްސިލާ ހުއްޓައިލާ އިރު، ކަލާޒުން މި މަހު ވަނީ އާ ދެ ސިލްސިލާއެއް ގެނެސްދޭން ފަށައިފަ އެވެ. އެއީ "ނާގިން 4" އާއި "ޝުބާރަމްބް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy