ވާހަކަ

ފައިސާ ކާޑު

ދެ ހާސް ނަވާރަ ވަނަ އަހަރު އަހަންނާ އެންމެ ގިނައިން ބައްޕަ ކުރި ސުވާލަކީ "މަ ބުނީ ދޮގެއް؟" އެވެ. އޭގެ ކުރިން ވެސް ބައްޕަ އެހެން އަހައެވެ. އެކަމަކު މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ. މިދިޔަ އަހަރު ހަފުތާއަކު ދެ ފަހަރު ބައްޕަ އެ ސުވާލުކުރިއެވެ. ތޫރި ޅީވާ ނަމަ އަހަރެންގެ ތޫރި ވީހެވެ. އަހަރެންގެ ރުޅި ކޮންޓުރޯލުން ނައްޓާ ނަމަ ބައްޕަ ސަހަރޯހީވާވަރު ކުރެވުނީހެވެ. ނަސީބަކުން އަހަންނަކީ ރުޅިމަޑު މީހެކެވެ. ކެތްތެރި މީހެކެވެ. އިންސާފަށް ލޯބިކުރާ މީހެކެވެ. ބައްޕަގެ ބަސްނޭހުނީ އެހެންވެއެވެ. ނަފީސާ ދެކެ ލޯބިވެވުނީ އެހެންވެއެވެ.

ނަފީސާއަކީ މޮޅަށް ކިޔެވިފައިވާ ކުއްޖެއް ނޫނެވެ. ކިޔަވާހިތް ނުވާތީއެއް ނޫނެވެ. ނަފީސާގެ މައިންބަފައިންނަކީ ފައިސާވެރި ބަޔަކަށް ނުވީތީއެވެ. ނަފީސާގެ ބައްޕަ ކާންބޯންކުރާ މަސައްކަތަކީ މީހުންނާ އިނދެވަރިކުރުމެވެ. ނަފީސާގެ މަންމަ ހިސާބުގަނޑު މީހުންނާ ވަރަށް ގިނައިން ޒުވާބުކުރެއެވެ. ނަފީސާޔާ ރައްޓެހިވެގެން އަހަރެން އުޅޭކަން ބައްޕައަށް އެނގުމުން އެ ހުރިހާ ވާހަކައެއް ބައްޕަ ބުންޏެވެ. އެ ސަބަބުތަކަށް ޓަކައި ނަފީސާޔާ ގުޅުންކަނޑާލުމަށް އެދުނެވެ. އަހަރެންނަކަށް އެއްބަހެއް ނުވެވުނެވެ. ބަދަލުގައި ލޯބިވީ އިތުރެވެ. ނަފީސާގެ ކުށެއް ނެތީމައެވެ. ނުކުރާ ކުށަކަށް އަދަބުދިނުން އަހަންނަށް ބަލައިނުގަނެވޭތީއެވެ.

ނަފީސާގެ މިޒާޖުގައި ކޮރު ސިފަތަކެއް ހުރެއެވެ. ނަސޭހަތްދީގެން ހާނުވައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ކަންނެތްކަމެވެ. ބޭކާރު ހަރަދުކުރުމެވެ. ހަޔާތުގައި އިސްކަންދޭންޖެހޭ ކަންތައްތަކުގެ ތަރުތީބު އޮޅިފައިވުމެވެ. ޒިންމާނަގަން ނޭނގުމެވެ. ކިތައް މީހުންގެ ކިބައިގައި އެ ފަދަ ކޮރު ސިފަތައް ހުރޭ ހެއްޔެވެ؟ އެންމެންގެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ގައިމުވެސް އަހަރެންގެ ކިބައިގައި ވެސް އެ ފަދަ ސިފަތައް ބައިވަރެވެ. އަހަންނަކީ ފައިސާޔާ ހެދި މޮޔަވެފައި ހުންނަ މީހެކެވެ. ކާނާ އިސްރާފުކުރެވެއެވެ. ގަޑިއަށް ފަރުވާތެރިއެއް ނުވެވެއެވެ. އަހަރެންގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. އާންމު އިންސާނުންނަކީ އުނިސިފަ ގިނަ ބަޔެކެވެ. ނަފީސާގެ އުނިސިފަތައް ގުނަން ގެންގުޅޭ ކަހަލަ ތަސްބީހައެއް، ބައްޕަގެ އުނިސިފަތައް ވެސް ގުނަން ގެންގުޅޭނެ ނަމައޭ އަހަރެން ހިތަށްއަރައެވެ. މީހުނާއިންނަންޖެހެނީ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގައެއް ހޯދާކަށް ނޫނެވެ. މީހުން އަތުން ދަރަނިނަގާއިރު ދައްކަންޖެހޭނެކަން ހަނދާންހުންނަ ނަމައެވެ. މަންމަޔާ ޒުވާބުކުރަން ނޫންކަމަކަށް ގެއަށް ވަދެލެވެންވާނެއެވެ. ބައްޕަގެ ނަޒަރުގައި އެއިން އެއްވެސް ކަމަކީ މައްސަލައެއް ނޫނެވެ. އެއީ އަހަންނާ ބެހޭކަމެއް ވެސް ނޫނެވެ.

އަހަރެން "ވާވައްދަން" ނަފީސާ ސިހުރެއްނަހަދައެވެ. ނަފީސާޔާ އަހަރެން ކައިވެނިކުރީ މޮޔަވެގެނެއް ވެސް ނޫނެވެ. އެހެން ހީވާ ނަމަ އެއީ ބައްޕަގެ މޮޔަކަމެވެ. މީހުންނާ އިނުމުގެ އާ ރެކޯޑެއް ބައްޕައަށް ނުހެދުނު ތާނގައި ލޯތްބަކީ ކޯޗެއްކަން ވެސް ބައްޕައަށް ނޭނގުނީއެވެ. ނަފީސާ ދެކެ އަހަރެން ވަަރަށް ލޯބިވެއެވެ. ބަދަލުގައި ލޯބިލިބޭނެކަމަށް އަހަރެން އުންމީދުކުރީމެވެ. ޝަރުތެއް ނުކުރަމެވެ. ނަފީސާޔާ ރައްޓެހިވެގެން އުޅުނުއިރު ނަފީސާގެ ރަނގަޅު ސިފަތަކެއް ވެސް އަހަރެން ދުށީމެވެ. އޭނައަކީ އެހެން މީހުންނަށް ޚިޔާލުދޭން މޮޅު އަންހެނެކެވެ. އޭނައަކީ ދެވަނަ ލޯބިވެރިއެއް ގެންގުޅޭ މީހެއް ނޫނެވެ. ލޯބީގައި މަކަރުހަދާ މީހެއް ނޫނެވެ. ނަފީސާގެ ރީތި ސިފައިގެ ސަބަބުން އޮހޭ ދައުވަތުތަކަށް އޭނަ ދެނީ ބީރުކަންފަތެވެ. އެކަމުގައި އެހާ ގޮތްހުރި އަންހެނެއް އަހަރެން ނުދަންނަމެވެ. ނަފީސާގެ ގަހަނާއަކީ އަބުރުވެރިކަމާއި، އިއްފަތްތެރިކަމާއި، ތެދުވެރިކަމެވެ. ދުރުން ބަލާ މީހަކަށް އެ ސިފަތައް ނުފެނިދާނެއެވެ.

އަހަންނާއި ނަފީސާ ކައިވެނިކުރެވުނުއިރު އަހަންނަކީ މަހުމުސާރަވެރިޔެކެވެ. އޮފީހެއްގެ މެނޭޖަރެކެވެ. ނަފީސާޔާ ކައިވެނިކުރިފަހުން އަހަރެން އަމިއްލަ މަސައްކަތެއް ފެށީމެވެ. އެ ޚިޔާލުދިނީ ނަފީސާއެވެ. ޝައްކުގެ ދެ ބުމަ ގޮށްޖަހައިގެން އަހަރެންގެ މައިންބަފައިން ނަފީސާއަށް ކަޅިއަޅަމުންދިޔައިރު ނަފީސާ އަހަންނަށް ހިތްވަރުދިނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. އުމުރުދުވަހު މީހެއް ކައިރީގައި މަސައްކަތްކުރުމުގެ ބަދަލުގައި އަހަރެން ކައިރީގައި އެހެން މީހުން މަސައްކަތްކުރުވުމެވެ. މި ހަގީގަތް ވެސް އަހަރެންގެ މައިންބަފައިންނަކަށް ނޭނގޭނެއެވެ. ކައިވެންޏަށް ހަތަރު އަހަރު ވަނިކޮށް އަހަރުމެންނަށް ފުރަތަމަ ދަރިފުޅު ލިބުނެވެ. އޭގެ ތިން އަހަރު ފަހުން ދެވަނަ ދަރިފުޅު ލިބުނެވެ. ދެ ފިރިހެންކުދިންނެވެ. އަހަރެން އުޅުނީ އާމްދަނީހޯދުމުގައި އަވަދިނެތިއެވެ. ނަފީސާ ޝަކުވާއެއް ނުކުރެއެވެ. އޭނަ ބެލީ ވީވަރަކުން ދަރިންގެ ކަންތައް އަހަންނަށް ނުޖައްސާވޭތޯއެވެ. އޭގެ ސަބަބުން އަހަރެންގެ ހުރިހާ ސަމާލުކަމެއް އަހަރެންގެ މަސައްކަތަށް ހުސްކުރެވުނެވެ.

އަހަރެން ފެށީ އެލްމެނިޔަމް މަސައްކަތެވެ. ފަށައިގަތްއިރު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އެ ސިނާއަތުގައި ވަކިހިއްޕައިލައިގެން ތިބި ކުންފުނިތަކާ ވާދަކުރަން ނުކުތްއިރު އަހަރެންގެ ތަޖުރިބާއެއް ނެތެވެ. ހުރިހާ ހިތްވަރެއްދިނީ ނަފީސާއެވެ. އެ ވަގުތު އަހަންނަށް ބޭނުންވި އެއްޗަކީ ވެސް އެއީއެވެ. ނަތީޖާއަކަށްވީ، ވެއްޓުނު އަޑިގަނޑުން އަހަރެން އަރައިގަނެ، ފުރަތަމަ ސަފުގައި ފައިތިލި ސާބިތުކުރުމެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އެއްވަނަ މަގާމު ވެސް އަހަރެން އަތުލީމެވެ. އެ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް އަހަރެން ފުރަތަމަ ފިޔަވަޅުއެޅީމެވެ. ކިތަންމެ ލުއިކޮށް ނަމަވެސް އެ ޚިޔާލު ވެސް ދިނީ ނަފީސާއެވެ.

އަހަރުމެންގެ ކައިވެންޏަށް ނުވަ އަހަރު ފުރުނު އަހަރަކީ އަހަރެންގެ ރިސޯޓު ހުޅުވި އަހަރެވެ. އަހަރެން މަހުޖަނަކަށް ބަދަލުވެ، ދިހަބުރިޔަށް ގެ ހަދައި، ކާރެއް ގަނެ، ޑުރައިވަރެއް ވެސް ހަމަޖެއްސީމެވެ. އަތްމަތި ތިޔާގިވެ، މީސްމީހުންނަށް ބޮޑެތި ލޯނުތައް ދީ، ހަމަނޭވާލެވިއްޖެއެވެ. އެހެންނަމަވެސް، ދިރިއުޅުން ހަމަޔަކަށް ނޭޅުނެވެ. ފުދުންތެރި މީހަކަށްވުމަށް ހޭބޯނާރައި އަހަރެން މަސައްކަތްކުރިއިރު މުށުތެރެއިން ދޫވި ލޯބީގެ ވާފަށް އަލުން އަތަކުނުޖެހުނެވެ. ނަފީސާ އެހެން މީހަކާ ރައްޓެއްސެއް ނުވެއެވެ. ސިއްރު ފޯނުކޯލުތަކެއްގައި ހުއްޓައެއް ނުފެނެއެވެ. އެ ކަހަލަ އަޑެއް ވެސް ނާރައެވެ. ނަފީސާއަކީ އަހަރެންގެ ތެދުވެރި، ވަފާތެރި އަނބިމީހާއެވެ. އެ ނިމުނީއެވެ. އަހަރުމެންގެ ދެމެދުގައި ރޯވި ލޯބީގެ ހުޅުކޮޅު ކަނިވެގެން ގޮސް ނިވުނުތާ ކިތަންމެ ދުވަހެކެވެ.

އާއިލީ ޒިންމާތައް ނަފީސާ ބަރާބަރަށް އަދާކުރެއެވެ. ކުދިންގެ ކަންތައް ބަލަހައްޓައެވެ. ގޭތެރެ ބަލަހައްޓައެވެ. އަންބަކު ކޮށްދޭންޖެހޭ ހުރިހާ ކަމެއް އަހަންނަށް ކޮށްދެއެވެ. ލޯބިވުން ފިޔަވައެވެ. އަހަންނާ އަނގައިންބުނެލާކަށް ނަފީސާއަކަށް ވަގުތެއް ނެތެވެ. އެ ޝައުގުވެރިކަން ހުރިހެނެއް ވެސް ހިޔެއްނުވެއެވެ. ނަފީސާގެ ވަގުތުތައް ހޭދަވަނީ އޭނަގެ އެކުވެރިންނާ އެކުގައެވެ. ކާރުދުއްވަންދިއުމާއި، ރިސޯޓަށް ދިޔުމާއި، ރެސްޓޯރަންޓުތަކަށް ދިޔުމެވެ. އެއިން ކަމެއްގައި އަހަރެން ބައިވެރިއެއް ނުކުރެއެވެ. އަހަރެން ފޫހިވާނެތީއެވެ. ނަފީސާގެ ރައްޓެހިންނާ އަހަރެން ދައްކާނެ ވާހަކައެއް ނޯންނާނެތީއެވެ. އެއީ ދޮގެއް ނޫނެވެ.

އަހަރެން މަތިން ނަފީސާ ހަނދާންވާ ވަގުތެއް އާދެއެވެ. ލޯބިން އަހަންނާ ގުޅާލާ ވަގުތެއް އޮވެއެވެ. ނަފީސާގެ ކާޑުގައި ހުންނަ ފައިސާކޮޅު މަދުވުމުންނެވެ. ވަގުތުން އަހަންނަށް ގުޅައިލައެވެ. އަވަހަށް ފައިސާކޮޅެއް ލުމަށް އެދެއެވެ. އަހަރެން ކޮންމެ ކަމެއް ކުރަން ހުއްޓަސް އެ ކަމެއް ހުއްޓައިފައި ފައިސާ ޖަމާކުރަމެވެ. ނުކުރަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މުއްސަނދިކަމުގެ މޭސްތިރިޔަކީ ނަފީސާއެވެ. އަހަރެންގެ ކޮންމެ ރުފިޔާއަކުން ބައިރުފިޔާއަކީ ނަފީސާގެ ހައްގެކެވެ.

އަހަރެން ގެއަށް އަންނަ ވާހަކަ ބުނެފިއްޔާ ނަފީސާ އިންނާނީ ކާންހަދައިގެންނެވެ. އަހަރެންގެ އެއްވެސް ކަމެއް އެހެން މީހަކު ކުރިޔަކަނުދޭނެއެވެ. ނުބުނެ އަންނަ އެއްވެސް ފަހަރަކު އޭނަ ގެޔަކު ނޫޅޭނެއެވެ. އެ ފަދަ ހުރިހާ ވަގުތަކު އަހަންނަށް ކާންހަދާނީ މަންމައެވެ. ނުވަތަ ގޭގައި ގެންގުޅޭ ބިދޭސީމީހާއެވެ. މައިންބަފައިންގެ ލޮލުގައި އަޅައިގަންނަނީ އެ މަންޒަރެވެ. ބަލަން އުނދަގޫވަނީ ވެސް އެ މަންޒަރެވެ. އެ މީހުންގެ ނަޒަރުގައި އަހަރެން ޝަކުވާ ނުކުރަނީ އަނބިދަށުވެފައި ހުންނާތީއެވެ. އަހަންނަކީ އަންބަކަށް ދޭންވާ ވަރަށް ވުރެ ބޮޑަށް މިނިވަންކަންދީގެން އުޅޭ މީހެކެވެ. އަހަންނަށް ބޮނޑިލިބުނީ ބައްޕަގެ ބަސްނޭހީމައިކަމާއި، ދެން ވާނެ ގޮތް ވެސް ބައްޕަ ހަނދާންކޮށްދެއެވެ.

ނަފީސާ އުޅޭ ގޮތް މީހަކު ލައްވާ އަހަރެން ބެލުވީމެވެ. އެތައް ފަހަރަކުއެވެ. ލޯބީގެ ގޮތުން ނަފީސާ އެއްވެސް މީހަކާ ގުޅުމެއް ނުބާއްވައެވެ. އަހަންނަކާ ވެސް ގުޅުމެއް ނުބާއްވައެވެ. ލޯތްބާ ނުލައި އުޅެން ނަފީސާ ހޭނުނީއެވެ. ލޯބި އުނިވެގެން ވެސް އޭނައެއް ނޫޅެއެވެ. އަހަރެން އެ ވާހަކަ ބުނީމެވެ. އެ ކަން ހައްލުކުރަން ނަފީސާ މަސައްކަތް ވެސް ކުރިއެވެ. ކައިވެނީގެ އުފާ އަހަންނަށް ލިބެއެވެ. ދެމަފިރިކަމުގެ ގުޅުމަކަށް ބަަދަލެއްނާދެއެވެ. އެހެންނަމަވެސް އެއީ ލޯތްބެއް ނޫނެވެ. އެއީ އަންބެއްގެ ހައިސިއްޔަތުން ނަފީސާ އަދާކުރާ ޒިންމާއެކެވެ. އަހަރެން ހިތަށްއަރައެވެ. ދަރިން ލިބުމުން ލޯބީގެ ނަން ޒިންމާއަށް ބަދަލުވަނީ ހެއްޔެވެ؟

އަހަރެން ވަރަށް އެކަނިވެރިއެވެ. ނަފީސާޔާ އެކުގައި ރެސްޓޯރަންޓަކަށް ކާންދާން ބޭނުންވިޔަސް ނަފީސާގެ ޝައުގުވެރިކަމެއް ނުހުރެއެވެ. އޭނަ އެދެނީ އަހަރެންގެ ރައްޓެހިންނާ އެކުގައި ދިޔުމަށެވެ. ގިނަ ފަހަރަށް އަހަރެން ދަނީ އެކަންޏެވެ. އެ ކަމާ އަހަރެން ރޯންވީ ހެއްޔެވެ؟ ރުޅިއަންނަންވީ ހެއްޔެވެ؟ ދިރިއުޅުމުގައި އަހަރެން ކާމިޔާބު މީހަކަށްވީ ހޭބޯނާރައި އެ ކަމަށް މަސައްކަތްކުރީމައެވެ. އެ ފުރުސަތު ހޯދައިދިނީ ނަފީސާއެވެ. އެ ދުވަހު އަހަރެން ޝަކުވާއެއް ނުކުރަމެވެ. ވީމާ، ފަހުން ކުރާނީ ކޮން ޝަކުވާއެއް ހެއްޔެވެ؟

ތަންކޮޅެއް ބާރުލައިފައި އަހަރެން ބުނެފިއްޔާ ކޮންމެ ކަމެއް ވެސް ނަފީސާ ކުރެއެވެ. އެކުގައި ތަންތަނަށް ވެސް ދެއެވެ. ވާހަކަދައްކަން ވެސް އިނދެއެވެ. އެކަމަކު ލޯތްބަކުން ނޫނެވެ. އަންބެއްގެ ޒިންމާއަދާކުރުމުގެ ގޮތުންނެވެ. ނަފީސާގެ މޫނުމަތިން އަހަންނަށް އެކަން އެނގެއެވެ. ކުޑަކޮށް ކުސްތަޅައިލުމުން އަހަންނާ ސަމާސާ ވެސް ކުރެއެވެ. އަމިއްލައަށް ފެނިގެން އެ ފަދަ އެއްވެސް ކަމެއް ނަފީސާ ނުކުރެއެވެ. އެއީ ނަފީސާ ވަރިކުރަންޖެހޭ ވަރުގެ ސަބަބެއްކަމަކަށް އަހަރެން ނުދެކެމެވެ. ދިވެހިންގެ ގޮތަކީ އެޔެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ބަހަނާއެކެވެ. އެ ހިސާބުން އަންހެނުން ވަރިކޮށްފައި އެހެން މީހަކާ އިންނަންވީއެވެ. އެކަމަކު އަހަރެންނަކީ އެއްކަލަ އިންސާފަށް ލޯބިކުރާ މީހާއެވެ. ކެތްތެރި މީހާއެވެ. ރުޅިމަޑު މީހާއެވެ. އަހަރެންގެ ހަޔާތަށް ތަނަވަސްކަމާއި ފުދުންތެރިކަން ގެނެސްދިން ތެދުވެރި އަނބިމީހާ ދުލެއްނުކުރެވޭނެއެވެ. މީހެއް ދެކެ ލޯބިވާންޖެހެނީ އޭނަގެ އުނިސިފަތަކާ އެކުގައެވެ. ހަގީގަތް ޖެހޭނީ ގަބޫލުކުރާށެވެ. ގާނޫނީ ގޮތުންނާއި ދީނީގޮތުން އަހަންނަކީ ނަފީސާގެ ފިރިމީހާއެވެ. އެކަމަކު ހަގީގަތުގައި އަހަންނަކީ ނަފީސާގެ ފައިސާ ކާޑު ނޫން އެހެން ކޯޗެއް ހެއްޔެވެ؟

ނިމުނީ

11 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 70%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭބެ

15 January 2020

ބިންމާގެ ވާހަކަ ވަރަށް ފުރިހަމަ މިވާހަކަ ބޭބެ ހަޔާތާ ވަރަށް ގުޅޭ ތަފާތަކީ އަހަރެންނަކީ އޭނާގެ ޑުރައިވަރަށް ވިކަން

The name is already taken The name is available. Register?

އަޒް

01 January 2020

ވާހަކަ ނިންމާފައި އިން ސުވާލު އެގޮތަށް ނުލިޔިނުނަމަ ވާހަކަ މާ ރީތިވީސް..

The name is already taken The name is available. Register?

ޢާސިފު

01 January 2020

ތިޔަ ކުރި ސުވާލުގެ ޖަވާބަކީ "މީހެއް ދެކެ ލޯބިވާންޖެހެނީ އޭނަގެ އުނިސިފަތަކާ އެކުގައެވެ. ހަގީގަތް ޖެހޭނީ ގަބޫލުކުރާށެވެ."

The name is already taken The name is available. Register?

ޟިނާ

01 January 2020

ރުޕޭ ކާރޑް ކި ނަ މަ

The name is already taken The name is available. Register?

ދެލޯ

01 January 2020

ހައްހައްހައްހާ ހާދަ މަޖާ ސްޓޯރީއެކޭ ދޯ!

The name is already taken The name is available. Register?

ގީސް

01 January 2020

ހަމައެއްނުޖެހޭ އަމިއްލައަށް ހުރުހާކަމެއް ގަބޫލުކޮށްފައި ނިންމާލިގޮތް ކަމަކުނުދޭ.

The name is already taken The name is available. Register?

ޛުލައިޚާ

01 January 2020

މި ވާހަކަ ނަފީސާ ކިޔާނެ ނަމަ

The name is already taken The name is available. Register?

ނަފީސާ

17 January 2020

ކިޔަައިފިން

The name is already taken The name is available. Register?

ސަސި

01 January 2020

ބިންމާ އަދި ނަފީސާއަށްވެސް ސަލާމް.

The name is already taken The name is available. Register?

މާމ މާހިރާ

01 January 2020

"ހަވީރު" ނޫހުގައި ގެނެސްދެއްވި ބިން މާ ގެ ވާހަކައެއް ކަ މުގައިވާ "2020" ގެނެސްދެވިދާނެތޯ؟

The name is already taken The name is available. Register?

ފަސީހު

05 January 2020

"ލަފުޒު" މި ވާހަކަވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454