01 ޖެނުއަރީ 2020 - 14:06
ބޮލީވުޑްގެ އެވޯޑް ޝޯތަކަކީ ފޭކެއް ކަމަށާއި އެފަދަ އެވޯޑް ޝޯ ތަކަށް އިތުބާރު ނުކުރާ ކަމަށް ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތު ޝެޓީ ބުނެފި އެވެ.
ބަތަލާ ނޭހާ ދޫޕިއާގ ޗެޓް ޝޯ "ނޯ ފިލްޓާ ނޭހާ" ގައި "ގޯލްމާލް" އާއި "ސިންގަމް" އާއި "ސިމްބާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުނީ އެވޯޑް ޝޯ ތަކަށް އޭނާ ދާނީ ވެސް ޝަރުތުތަކާ އެކު ކަމަށެވެ.
"އެއް ކަމަކަށް އަހަރެންގެ ފިލްމަކަށް އެވޯޑެއް ލިބޭ ނަމަ އެ އެވޯޑް ޝޯ އަކަށް ދާނަން. އަނެއް ކަމަކީ ލާރި ދީގެން ޝޯގެ ބައެއް ހޯސްޓް ކުރުވަން ބޭނުންވާ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނަން،" އަންނަ މާޗްގައި ރިލީޒް ކުރާ "ސޫރިޔާވަންޝީ" ގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ރޯހިތު ބުންޏެވެ.
"ކުރުކޮށް ބުނާ ނަމަ އެވޯޑް ޝޯ ތަކަކީ ވިޔަފާރި އަށް ކުރާ ކަމެއް. އަދި އެއީ ހަމައެކަނި ޓީވީ ޝޯ އެއް. އެހެންވެ އަހަރެން އެކަން ފޭކެއްގެ ގޮތުގައި ސިފަކުރަން ބޭނުން ވަނީ."
އޭނާ ބުނިގޮތުގައި އެވޯޑް ޝޯ ތަކުގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ބޮޑު ބަޖެޓްތަކުން ހަދާ ކާމިޔާބު ކޮމާޝަލް ފިލްމަތަކަށް ދޭ ސަމާލުކަން ކުޑަވުމެވެ. އަދި އެއިން ދައްކުވައި ދެނީ ކޮމާޝަލް ފިލްމުތައް ހަދާ މީހުންނާއި އެފަދަ ފިލްމުތަކަށް ދޭ ސަމާލުކަން ކުޑަކަން ކަމަށް ބުންޏެވެ.
"އަހަރެމެން ކޮމާޝަލް ފިލްމުތައް ހަދާ މީހުންނަކީ އާންމު ފިލްމުތަކަށް ވުރެ [އާޓް ފިލްމުތައް] މާ ބުރަކޮށް މަސައްކަތް ކުރާ ފިލްމުތައް. މިސާލަކަށް ނިކަން ވިސްނާލަ ބަމަ 48 ޑިގްރީގެ ފިނިހޫނުމިނުގައި އެކްޝަން މަންޒަރެއް ނަގަން ކުރަން ޖެހޭ މަސައްކަތްތަކާ ދޭތެރޭ،" ރޯހިތު ބުންޏެވެ.
"އެހެންވީމަ ހަގީގަތުގައި ކޮމާޝަލް ފިލްމުތައް ހެދުމަކީ ވަރަށް އުނދަގޫ، ބުރަ މަސައްކަތެއް. މި މަސައްކަތުގެ އަގު ވަޒަން ނުކުރާތީ މައްސަލަ އަކީ."
އޭނާ ބުނީ، އެވޯޑް ޝޯ ތައް ބާއްވައިގެން ޗެނެލްތަކުން މާލީ ބޮޑު ފައިދާއެއް ނަގާ އިރު، ތަރިންނަށް ވެސް އެކަމުން ބޮޑު ފައިދާއެއް ވާ ކަމަށެވެ. އެގޮތުން، ފިލްމުތަކުގައި ގެނެސްދޭ ހިޓް ލަވަތަކަށް ޕާފޯމް ކުރަން ތަރިންނަށް ބޮޑު އަގު ދިނުމަކީ އެ މީހުންނަށް ލިބޭ ފައިދާއެއް ކަމަށް ބުންޏެވެ.
އިންޑިއާގައި ދޭ ޕޮޕިއުލާ އެވޯޑްތަކަށް އިތުބާރު ނުކުރާ ފަންނާނުންގެ ތެރޭގައި އާމިރު ޚާނާއި ކަންގަނާ ރަނާވަތު ވެސް ހިމެނެ އެވެ. އަދި މި ތަރިން އެވޯޑް ހަފުލާތަކުން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy