06 ޖެނުއަރީ 2020 - 06:45
އެންމެ ބޭނުންވާ ކަހަލަ ރޯލްތައް ކުޅެން މިހާރު ނުލިބޭ ކަމަށާއި އެހެންވެ އަމާޒަކީ ޕްރޮޑިއުސަރަކަށް ވުން ކަމަށް މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ތުރިޕަތީ ބުނެފި އެވެ.
ސްޓާ ޕްލަސް އިން ދާދި ފަހުން ނިންމައިލި ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ ބުނީ މިދިޔަ ހައެއްކަ އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރެވިއްޖެ ކަމަށާއި މިހާރު އެންމެ ބޮޑަށް ފޯކަސް ކުރަނީ ފިރިމީހާ އާއި އާއިލާއާ އެކު ވަގުތު ހޭދަކުރަން ކަމަށެވެ. އެގޮތުން، ކުރިއަށް ތިން މަހެއްހާ ދުވަސް ހާއްސަ ކުރަން އޭނާ ބޭނުން ވަނީ ވީހާ ވެސް ގިނަ ވަގުތު ފިރިމީހާ އަދި ޓީވީ އެކްޓަރު ވިވެކް ދަހިޔާއާ އެކު ކަމަށް ބުންޏެވެ.
"އާއިލާ އަށާއި ފިރިމީހާ އަށް ވަގުތު ދޭން އަހަރެންނަށް މި ވަގުތު ވަރަށް މުހިއްމު،" ކާމިޔާބު އެތައް ސިލްސިލާއެއް ކުޅެފައިވާ އަދި 2016 ގައި ކައިވެނިކުރި ބަތަލާ ބުންޏެވެ.
ދިވްޔަންކާ 35، ބުނިގޮތުގައި މި ފަހަކަށް އައިސް ކުޅޭނެ މާ ރަނގަޅު ރޯލްތަކެއް ނުލިބެ އެވެ. އެހެންވެ، އެކްޓިން އަށް ދޭ ސަމާލުކަން ކޮންމެވެސް ވަރަކަށް މަޑުޖައްސައިލުމަށް ފަހު، އަމިއްލަ އަށް އުފެއްދުންތަކެއް ގެނެސްދޭން ބޭނުންވާ ކަމަށް ބުންޏެވެ.
"ޕްރޮޑިއުސަރަކަށް ވުމަކީ އަހަރެން ބޭނުންވާ ކަމެއް،" އޭނާ ބުންޏެވެ.
"އެކަމަކު އޭގެ މާނައެއް ނޫން އެއްގޮތަކަށް ވެސް އެކްޓިންއާ ދުރަށް ދިއުން ކަމަކަށް. ފުރުސަތުތައް ލިބޭ ވަރަކުން ހިތްހަމަޖެހޭ ކަހަލަ ރޯލްތަކަށް އެއްބަސްވާނަން. އެ މައްސަލައެއް ނެތް ވެބް ސީރީޒްތަކެއް ކަމަށް ވިޔަސް."
މިދިޔަ އަހަރު ދިވްޔަންކާ ވަނީ އެކްތާ ކަޕޫރް ޕްރޮޑިއުސް ކުރި ވެބް ސީރީޒެއް ވެސް ކުޅެފަ އެވެ. އެއީ ރަޖީވް ކަންޑެލްވާލް (ސޫޖަލް) އާ އެކު ކުޅުނު "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިވް
06 January 2020
ނޯ ޕްލީޒް އަޅެ އެކްޓިންނާ ދުރަށް ނުދައޮޗޭ.. ދިވީ އަށް އެކްޓް ކުރެވޭ ވަރާ ގާތަށް ވެސް އެކަކަށް ވެސް ނުކުރެވޭ..