05 ޖެނުއަރީ 2020 - 06:13
ބޮލީވުޑްގެ އެތައް ފިލްމަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިިޔާ އަނޫރާދާ ޕޯޑިވަލް އަކީ މަންމަ ކަމަށާއި އެކަމަކު އޭނާ އެކަމާ އިންކާރު ކުރާ ކަމަށް ބުނެ އަނޫރާދާއާ ދެކޮޅަށް ކެރެލާގެ ފެމިލީ ކޯޓަށް އަންހެނަކު މައްސަލައެއް ހުށަހަޅައިފި އެވެ.
އުމުރުން މިހާރު 67 އަހަރުގެ ލަވަކިޔުންތެރިޔާ އަކީ މަންމަ ކަމަށް ދައުވާކޮށް، ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކަރްމަލާ މޮޑޭޒް ކިޔާ އުމުރުން 45 އަހަރުގެ މީހެކެވެ.
އޭނާ ބުނީ، އަނޫރާދާ އަކީ މަންމަކަން އެނގުނީ އޭނާ ބަލައި ބޮޑުކުރި ދެމަފިރިން މީގެ ފަސް އަހަރު ކުރިން މަރުވުމުގެ ކުރިން އެ މީހުންގެ ފަރާތުން ކަމަށެވެ. އަދި އެ މީހުންނާ ކަރްމަލާ ހަވާލުކުރީ އުމުރުން އެންމެ ހަތަރު އަހަރުގައި ކަމަށާއި އެކަން ކުރީ އަނޫރާދާގެ ފިރިމީހާ އަދި ކުރީގެ މިއުޒިކް ޑައިރެކްޓަރު އަރޫން ޕޯޑްވާލް ކަމަށް ވެސް ކަރްމަލާ ބުންޏެވެ.
ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި، ކަރްމަލާ އެހެން ބަޔަކާ ހަވާލުކުރީ އަނޫރާދާ މިއުޒިކީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުން އެ ދަނޑިވަޅުގައި ކުއްޖަކު ބެލެން ނެތިގެންނެވެ.
ވިކިޕީޑިއާގައި ވާ ގޮތުން، އަނޫރާދާ އާއި އަރުންގެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ އަންހެން ދަރިފުޅު ކަވީތާ ޕޯޑްވަލް 44، އާއި އަދިތިޔާ ޕޯޑްވަލް އެވެ. އަރުން ވަނީ 1991 ގައި މަރުވެފަ އެވެ.
ކަރްމަލާ ބުނިގޮތުގައި އޭނާގެ މަންމަ އަކީ އަނޫރާދާކަން އެނގުނު ހިސާބުން އޭނާއާ ގުޅޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައި ވެ އެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވި އެވެ.
އަނޫރާދާ އަކީ މަންމަ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގައި ކަރްމަލާ ވަނީ މައިންބަފައިންގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލަށް 50 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އާއި އެ މީހުންގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ހަތަރު ބައިކުޅަ އެއްބައި ނަގައިދޭން ވެސް އެދިފަ އެވެ.
ކަރްމަލާގެ ދައުވާއާ ގުޅިގެން، މި މަހުގެ 27 ގައި އަނޫރާދާގެ އާއިލާއާ އެކު ކޯޓަށް ހާޒިރުވާން މިހާރު ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ. މިކަމާ ބެހޭ ގޮތުން އޭނާގެ ތަރުޖަމާނު މީޑިއާ އަށް ބުނީ އަނޫރާދާ އަކީ މަންމަ ކަމަށް ބުނެ ކުރާ ދައުވާ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމެއް ކަމަށާއި އެއީ އޭނާގެ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށެވެ.
ހަތްދިހައިގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް އަނޫރާދާ ވަނީ ވަރަށް ގިނަ ފިލްމުތަކަށް މަގުބޫލު އެތައް ލަވައެއް ކިޔައި ދީފަ އެވެ.
ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއަން އައިޑޮލް 11" ގައި އަނޫރާދާ ދާދި ފަހުން މެހުމާނެއްގެ ގޮތުގައި ވެސް ބައިވެރިވެފައިވެ އެވެ. އަނޫރާދާ އަކީ ނޭޝަނަލް އެވޯޑްގެ އިތުރުން ހަތަރު ފަހަރަށް ފިލްމުފެއާ އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ.
ހިންދީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް 2017 ގައި އިންޑިއާގެ ސަރުކާރުން އޭނާ އަށް ޕަދުމާ ޝްރީ އެވޯޑް ވެސް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީއެންއޭ
05 January 2020
ޑީއެންއޭ ޓެސްޓް ކުރުމުން ތިކަން ސާފުވާނެނު! ފައިސާ އާއި، މުދަލާހެދި ބޫތު ކައިފައި ތިބޭ، އިންޑިއާ މީހުން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ އެވެ.