06 ޖެނުއަރީ 2020 - 06:50
ކާމިޔާބު ތެލެގޫ ފިލްމުތަކެއް އުފައްދާފައިވާ ދިލް ރާޖޫގެ ތެލެގޫ ފިލްމެއްގެ ހިންދީ ރިމެކަކަށް ސިދާތު މަލްއުތުރާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މުމްބާއީ މިރާ އިން ބުނީ، ރާޖޫ ޕްރޮޑިއުސް ކުރާ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރަމުން އަންނާތީ، އެ ނިމުމާ އެކު ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް ސިދާތާ އެކު އޭނާ ގެނެސްދޭން ނިންމާފައި ވަނީ ތެލެގޫ ކޮން ފިލްމެއްގެ ރިމެކެއް ކަމާއި އެ ޑައިރެކްޓް ކުރާނެ މީހަކު އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު، އެއީ ސިދާތު ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމެއް ކަމަށް ވެ އެވެ.
ރާޖޫ އަކީ ޝާހިދު ކަޕޫރް މިހާރު ކުޅެމުން އަންނަ ތެލެގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރިމެކްގެ ވެސް ޕްރޮޑިއުސަރެވެ. އޭނާ ޕްރޮޑިއުސް ކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "މަހާރްޝީ" އާއި "އެފް2: ފަން އެންޑް ފްރަަސްޓްރޭޝަން" އަދި "ފިދާ" ހިމެނެ އެވެ.
ސިދާތު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި މިލަޕް މިލަން ޒަވޭރީގެ "މަރުޖާވާ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، މި އަހަރު ގެނެސްދޭ ބައޮގަރްފިކަލް-އެކްޝަން ޑްރާމާ "ޝޭރް ޝާހް" އެވެ. މީގެ ބަތަލާ އަކީ ސިދާތުއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ވިދަމުން އަންނަ ބަތަލާ ކިއާރާ އަދުވާނީ އެވެ.
ކަރަން، 2012 ގައި ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ވަރުން ދަވަން އާއި އާލިއާ ބަޓާ އެކު ބޮލީވުޑަށް ތައާރަފުވި ސިދާތަކީ މިހާތަނަށް ކެރިއަރު އެހާ ކާމިޔާބު އެކްޓަރެއް ނޫނެވެ. އޭނާ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކަކީ ވެސް ބޮކްސް އޮފީހުގައި އެހާ ހިނގި ފިލްމުތަކެއް ނޫނެވެ.
އޭގެ ތެރޭގައި މިދިޔަ އަހަރު ގެނެސްދިން "ޖަބަރިޔާ ޖޯޅީ" އާއި 2018 ގެ "އައްޔާރީ" 2017 ގެ "އިއްތިފާގް" އާއި "އަ ޖެންޓްލްމަން" ހިމެނެ އެވެ.
ސިދާތުގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 2014 ގެ "އޭކް ވިލަން" އާއި 2016 ގެ "ކަޕޫރް އެންޑް ސަންސް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy