06 ޖެނުއަރީ 2020 - 06:44
ޑާކް ރެއިން އެންޓަޓައިންމަންޓުގެ ފިލްމުތަކުގެ ކަލަންޑަރަށް އާ ފިލްމެއް އިތުރުކޮށްފި އެވެ.
އެއީ، އަދި އެއްވެސް ތަފުސީލެއް އާންމު ނުކުރާ "ކައިވެނީ އަމާޒު" އެވެ.
އެ ނަމުގައި ފިލްމެއް ހަދަން ނިންމި އިރު، މީގެ އަހަރުތަކެއް ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި ލަވަ "ކައިވެނީގެ އަމާޒު ކަމުގައިވާ ހަގީގަތަކީ ކޮބާ؟" ގެ ރައިޓްސް ފިލްމެއްގައި ހިމަނަން ހޯދާފައިވާ ކަމަށް ޑާކް ރެއިނުން ކުރިން ބުނެފައިވެ އެވެ.
See you guys! Happy MMXX pic.twitter.com/EqHGWeC5oR
— Dark Rain Ent (@DarkRainEnt) December 31, 2019
"ކައިވެނީގެ އަމާޒު..." ލަވައިގެ ޝާއިރަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އަންހެން ޅެންވެރިންގެ ތެރޭގައި ހިމެނޭ ޑޭޒީމާގެ ފާއިޒާ އެވެ. އެ ލަވަ ހިމަނާފައި ވަނީ އޭނާގެ ދަރިފުޅު އަދި ކުރީގެ ޑައިރެކްޓަރު މުހައްމަދު ހިލްމީގެ ސްކްރީން ޕްލޭއަކަށް ހެދި ފިލްމު "ހާލީ" ގަ އެވެ.
ހުސައިން ޝިހާބް ޑައިރެކްޓް ކުރި ފިލްމުގައި "ކައިވެނީގެ އަމާޒު..." ލަވަ ކިޔާފައި ވަނީ ވެސް އޭނާ އެވެ.
އެ ނަމުގައި ހަދާ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ޑާކް ރެއިނުން އަދި އާންމު ނުކުރިޔަސް އެ ފިލްމު ހިމަނާފައި ވަނި އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭނެ ކަމަށް ބެލެވޭ ފިލްމުތަކުގެ ތެރޭގަ އެވެ.
އޭގެ ތެރޭގައި މިހާރު އެންމެ ބާރަށް މަސައްކަތް ކުރިއަށް ގެންދާ ލޯބީގެ ފިލްމު އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ "ނޮވެމްބާ" އާއި މި މަހުގެ ތެރޭގައި ރަސްމީކޮށް ޝޫޓިން ފަށާ އަހުމަދު ޝިނާންގެ ބިރުވެރި ފިލްމު "ބަޅިނދު" ގެ އިތުރުން މޫމިން ފުއާދު ޑައިރެކްޓްކުރާ "ބައިސާ" ހިމެނެ އެވެ.
ޑާކް ރެއިނުން މިދިޔަ އަހަރު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ "ގޮށްރާޅު" އާއި "މާމުއި" އެވެ.
މީގެ ކުރިން ވެސް ޑާކް ރެއިނުން ވަނީ މަޝްހޫރު ލަވައެއްގެ ކަޑިއަކުން ފިލްމަކަށް ނަން ދީގެން ކާމިޔާބު ފިލްމެއް ގެނެސްދީފަ އެވެ. އެއީ އެ ސްޓޫޑިއޯގެ ކާމިޔާބު ކޮމާޝަލް ފިލްމުތަކުގެ ފެށުން ކަމަށްވާ 2010 ގެ "ދިންވޭނުގެ ހިތާމައިގައި" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫގަނޑާ
06 January 2020
ފާއިޒާގެ ޅެމަކަށްވިޔަސް ވަރަަށް ދަށް ފެންވަރުގެ ޅެމެއް...