11 ޖެނުއަރީ 2020 - 08:14
އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ވާހަކަ ކިޔައިދޭ ފިލްމު "ސާރޭ ޖަހާ ސެ އައްޗާ" އަށް ޝާހްރުކް ޚާން 2018 ގައި އެއްބަސްވުމަށް ފަހު، އެ ފިލްމު ދޫކޮށްލި ނަމަވެސް އެ ފިލްމަށް އަލުން އޭނާ އެއްބަސްވާން ނިންމާފައިވާ ކަމުގެ އިޝާރާތްތަކެއް ބައެއް މީޑިއާތަކުން ދީފި އެވެ.
ކުރިން "ސެލިއުޓް" ގެ ނަން ދިން މި ފިލްމަކީ އާމިރު ޚާނަށް ހުށަހެޅުމުން އޭނާ ނުކުޅެ ދޫކޮށްލައި، ޝާހްރުކް ކުޅެދޭން އެދުނު ފިލްމެކެވެ. އެކަމަކު 2018 ގައި ރިލީޒްކުރި "ޒީރޯ" ގެ ބޮޑު ނާކާމިޔާބީއާ ގުޅިގެން ޝާހްރުކް ވަނީ ކުއްލި ގޮތަކަށް ފިލްމު ދޫކޮށްލައިފަ އެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި އަލުން ފިލްމަށް އެއްބަސްވުމާ ދޭތެރޭ ޝާހްރުކް ވިސްނަމުން އަންނައިރު، މި ފިލްމު ޒުވާން އެކްޓަރު ވިކީ ކޯޝަލް އަށް ހުށަހެޅި ކަމުގެ އަޑުތަކެއް ވެސް ކުރިން އަރާފައިވެ އެވެ. ފިލްމުފެއާ އިން ބުނީ "ސާރޭ ޖަހާ ސެ އައްޗާ" ގެ މަސައްކަތްތަކަށް އަލުން ތައްޔާރީތައްވާން ފަށާފައިވާ އިރު، ފިލްމުން ޝާހްރުކް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މީގެ ރޯލެއް ފާތިމާ ސަނާ ޝެއިހަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ މަޖައްލާ އިން ބުންޏެވެ.
ކުރިން ވެސް ޝާހްރުކާ އެކީ ފާތިމާ ފެނިދާކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދައުރުވި އެވެ. ފާތިމާ ވަނީ ވަރަށް ކުޑައިރު އިރު ވެސް ޝާހްރުކާ އެކީ ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ ޝާހްރުކާއި ޖޫހީ ޗާވްލާ 2001 ގައި ކުޅުނު "ވަން 2 ކާ 4" ގަ އެވެ. އެ ފިލްމު ކުޅުނު އިރު މިހާރު އުމުރުން 27 އަހަރުގެ ފާތިމާ އަށް 9 އަހަރެވެ.
"ސާރޭ ޖަހާ ސެ އައްޗާ" އަކީ 1999 ގައި ރިލީޒްކުރި "ބޯޕާލް އެކްސްޕްރެސް" ޑައިރެކްޓަރު މަހޭޝް މަތާއީ ހަދާ ފިލްމެކެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy