12 ޖެނުއަރީ 2020 - 07:12
ކަލާޒުން ގެނެސްދޭ ރިއަލިޓީ ޝޯ "ކަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަން އަންނަ މަހުގެ 22 ގައި ދައްކަން ތައްޔާރުވާން ފަށައިފި އެވެ.
މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ މި ޝޯ މިދިޔަ އަހަރު ބަލްގޭރިއާގައި ޝޫޓްކޮށްފައިވާ މި، ޝޯ ދައްކަން ނިންމާފައި ވަނީ ސަލްމާން ހޯސްޓްކުރާ ކަލާޒްގެ ރިއަލިޓީ ޝޯ "ބޮގް ބޮސް" ސީޒަން 13 ނިމުމުންނެވެ. ކުރިން 15 ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޝޯ މި ފަހަރު އިތުރު ފަސް ހަފުތާ އަށް ދިގުދަންމާފައިވާތީ ޝޯ ނިންމައިލާނީ އަންނަ މަހުގެ ތެރޭގަ އެވެ.
"ހަތުރޯން ކޭ ކިލާޅީ" ސީޒަން 10 އިން މި ފަހަރު ވެސް މަޝްހޫރު ސެލެބްރިޓީންތަކެއް ފެންނާނެ އެވެ.
އޭގެ ތެރޭގައި ބަތަލާ ކަރިޝްމާ ތައްނާ، ސޮނީން މިހާރު ދައްކާ ސިލްސިލާ "ބޭހަދު 2" ގެ ބަތަލު ޝިވިންގް ނަރަންގް، އެކްޓަރު ކަރަން ޕަޓޭލް، ބަތަލާ އަދާ ޚާން، ބަތަލާ އަމްރުތާ ޚާންވިލްކަރް، ބޯޖްޕޫރީ ބަތަލާ ރާނީ ޗެޓަޖީ، ބަތަލާ ތޭޖާސްވީ ޕްރަކާޝް، ކޮމީޑިއަން ބަލްރާޖް ސިއަލް، ނެށުންތެރިޔާ ދަރުމޭޝް ޔެލަންޑޭ އަދި ރޭޑިއޯ ޖޮކީ (އާރްޖޭ) މަލިޝްކާ އެވެ.
ޝޯ ދައްކަން ފަށާ ތާރީހު ގާތްވަމުން އަންނާތީ، އޭގެ ޕްރޮމޯޝަނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލަވައެއްގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ. އެ ލަވައިގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ކަރިޝްމާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭގައި އޭނާ ފެންނަނީ ސްކޫލް ކުދިން ލާ ކަަހަލަ ޔުނިފޯމެއްގަ އެވެ.
"ހަތުރޯން ކޭ ކިލާޅީ 10" ގެ ޕްރޮމޯ ކަލާޒުން ވަރަށް އަވަހަށް ދައްކަން ފަށާނެ އެވެ.
މި ޝޯ އަކީ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ "ފިއާ ފެކްޓާ" ގެ ހިންދީ ވާޝަނެވެ. "ހަތުރޯން ކޭ ކިލާޅީ" ގެ ނަމުގައި މި ޝޯ އިންޑިއާ އަށް ތައާރަފުކުރީ 2008 ގަ އެވެ.
މިހާތަނަށް މަޝްހޫރު ބައެއް ފަންނާނުން "ހަތުރޯން ކޭ ކިލާޅީ" ހޯސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއި ޕްރިޔަންކާ ޗޯޕްޅާ އަދި އަރުޖުން ކަޕޫރް ހިމެނެ އެވެ. މި އަހަރަކީ ރޯހިތު މި ޝޯ ހޯސްޓްކުރާ ތިން ވަނަ އަހަރެވެ.
މިދިޔަ އަހަރު އާޖެންޓީނާގައި ޝޫޓްކޮށް ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ 9 ވަނަ ސީޒަން ކާމިޔާބުކުރީ ސްޓާ ޕްލަސް އިން މިހާރު ދައްކާ "ޑާންސް +" ގެ ކޯޗުންގެ ތެރޭގައި ހިމެނޭ ނެށުންތެރިޔާ ޕުނިތު ޕަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަޒާނާ
12 January 2020
މަޖަާ ވާނެ ކަންނޭނގެ ދޯ