ރެސްލިން ރިންގް ދޫކޮށްލައި، ހޮލީވުޑަށް ނުކުމެ މިހާރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޑްވޭން (ރޮކް) ޖޯންސަންގެ ކުޑައިރުގެ ވާހަކަކިޔައިދޭ ސީރީޒެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދޭން އެންބީސީން ނިންމައިފި އެވެ.
ރޮކްގެ ފިލްމު ކުންފުނި ސެވެން ބަކްސް ޕްރޮޑަޝަން ވެސް ހިއްސާވާ ގޮތަށް ހަދާ "ޔަންގް ރޮކް" ގެ ނަމުގައި ހަދާ 11 އެޕިސޯޑްގެ ކޮމެޑީ ސީރީޒް ޑައިރެކްޓަރަކީ އަނަކްޗާ ޚާނެވެ. އޭނާ އަކީ އޭބީސީގެ "ފްރެޝް އޮފް ދަ ބޯޓް" އާއި "ޑޯންޓް ޓްރަސްޓް ދަ ބީ...އިން އެޕާޓްމަންޓް 23" ފަދަ އުފެއްދުންތަކުގެ މޭސްތިރިޔާ އެވެ.
ވެރައިޓީން ބުނިގޮތުގައި "ދަ ޔަންގް ރޮކް" ގެ ސްކްރީންޕްލޭ ލިޔަނީ އަނަކްޗާ އާއި ޖެފް ޝިއަންގެވެ. އަދި އެ ދެ މީހުން ވެސް ސީރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާނެ އެވެ.
"ޔަންގް ރޮކް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މީގެ އެޕިސޯޑްތަކުން މިހާރު އުމުރުން 47 އަހަރުގެ ރޮކް ވެސް ފެންނާނެ އެވެ. ނަމަވެސް މީގެ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ރޮކް، އޭނާގެ ކުޑައިރުގެ ދިރިއުޅުން ސިފަކުރަނީ ޓޮމް ހޭންކްސް 1994 ގައި ކުޅުނު "ފޮރެސްޓް ގަމްޕް" ކެރެކްޓާ ކަހަލަ މީހެއްގެ ގޮތުގަ އެވެ.
ރޮކް ކުރިން ވެސް ވަނީ ޓީވީ ސީރީޒެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ އެޗްބީއޯ އިން ފަސް ސީޒަނަކަށް ގެނެސްދީ، މިދިޔަ އަހަރު ނިންމައިލި "ބޯލާޒް" އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޖުމާންޖީ؛ ދަ ނެކްސްޓް ލެވެލް" އިންނެވެ. ރޮކްގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖުލައިގައި ގެނެސްދޭ "ޖަންގަލް ކްރޫޒް" އެވެ.