ޝިނާންގެ "ބަޅިނދު" ގެ ޝޫޓިން ފަށައިފި

މިދިޔަ އަހަރު "ގޮށްރާޅު" ގެނެސްދިން ޑައިރެކްޓަރު އަހުމަދު ޝިނާން، ޑާކް ރެއިން އެންޓަޓައިންމަންޓަށް ޑައިރެކްޓްކޮށްދޭ ދެ ވަނަ ފިލްމު "ބަޅިނދު" ގެ ޝޫޓިން ފަށައިފި އެވެ.


މާލެ އާއި ހުޅުމާލޭގައި މަންޒަރުތައް ނަގާ މި ފިލްމަކީ އަލަށް ފިލްމެއްގެ ސްކްރީންޕްލޭ ލިޔުނު ހޫދު އިބްރާހީމްގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

ޒުވާން ބޮޑު ކާސްޓެއް ފެނިގެންދާ "ބަޅިނދު" ގައި ޑާކް ރެއިންގެ ފިލްމުތަކުގެ އެންމެ އާންމު މޫނު ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު ފެންނާނެ ކާސްޓުންގެ ތެރޭގައި "ބޮސް" އިން ތައާރަފުވި މުހައްމަދު ޔުނާން، އިސްމާއީލް (ޖުމާ) ޖުމައިހް، "ގޮށްރާޅު" އިން ތައާރަފުވި ބަތަލާ އާޝާ، "އެހެނަސް" ވެބް ސީރީޒުން ތައާރަފުވި ބަތަލާ ޝަރާ އަދި "ހުވާ" ވެބް ސީރީޒުން ފެނިގެން ދިޔަ ހުނޭޝާ އާދަމް ހިމެނެ އެވެ.

ފިލްމުގެ ޝޫޓިން ފެށި ނަމަވެސް "ބަޅިނދު" ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. މި ފިލްމަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ޝިނާން ޑައިރެކްޝަނަށް ނުކުތް ބިރުވެރި ފިލްމު "4426" އަށް ފަހު، އޭނާ ހަދާ ދެވަނަ ބިރުވެރި ފިލްމެވެ.

ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ބިރުވެރި ފިލްމަކީ 2013 ގެ "ފަތިސްހަނދުވަރުގެ ފެށުން 3ޑީ" އެވެ.

އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ"، "ބައިސާ" އަދި "ކައިވެނީގެ އަމާޒު" ހިމެނެ އެވެ. އެކަމަކު މިއިން އެއްވެސް ފިލްމެއް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު އެޅުވި ކޮމެޑީ ފިލްމު "މާމުއި" އެވެ.