އަނިލް.
21 ޖެނުއަރީ 2020 - 07:25
ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރަކީ އޭނާގެ ޒުވާންކަމުގެ ވާހަކަ އަބަދު ވެސް ގިނަ ބަޔަކު ދައްކާ އެކްޓަރެކެވެ. އުމުރުން 63 އަހަރުވީ އިރު ވެސް އޭނާ ފެންނަނީ މިހާރުގެ އެންމެ ޒުވާން އެކްޓަރުންހާ ފިޓްކޮށް، ތާޒާކޮށެވެ.
ޒުވާން ތިން ކުދިންގެ ބައްޕަގެ ޒުވާންކަމުގެ ސިއްރާ ބެހޭ ގޮތުން މިހާތަނަށް އެތައް ފަހަރެއްގެ މަތިން ސުވާލުކުރެވި، އޭގެ ޖަވާބު އެކި ގޮތްގޮތަށް އަނިލް ދީފައިވެ އެވެ. އެކަމަކު އަބަދު ވެސް އޭނާ ފާހަގަކުރާ ގޮތުގައި ޒުވާންކަމުގެ ސިއްރަކީ ދުޅަހެޔޮ ދިރިއުޅުމެވެ. ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ގަވައިދުން ކަސްރަތުކޮށް، ހަރަކާތްތެރިކޮށް އުޅުމެވެ.
ބަތަލާ ސޯނަމް ކަޕޫރާއި އެކްޓަރު ހާޝްވަރުދަން ކަޕޫރާއި ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ބައްޕަ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ޒުވާންކަމުގެ ހަގީގީ ސިއްރަކީ އުފާވެރިކަން ކަމަށެވެ. އަދި އަބަދުވެސް އުފާވެރިކޮށް ހުންނަން މަސައްކަތްކުރާ ކަމަށް ބުންޏެވެ.
"އެއް ކަމަކީ އާއލާއާ އެކު ވީހާ ވެސް ގިނަ ވަގުތު ހޭދަކުރުން. އެއީ އަބަދުވެސް އަހަރެން ވަރަށް ސަމާލުކަންދޭ ކަމެއް. އާއިލާގެ މީހުންނާއި ގުޅުން ވަރުގަދަވުމާއި އެ މީހުންނާ އެކު ވަގުތުތައް ހޭދަކުރުމަކީ ނަފުސާނީ ގޮތުން ވެސް މީހާ ވަރުގަދަކޮށްދޭ ކަމެއް،" އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަދި އެއީ މީހާގެ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭނެ މައިގަނޑު އެއް ސަބަބު."
އަނިލް ބުނިގޮތުގައި ވަރަށް ގިނަ މީހުންނަކީ ދިރިއުމުގައި މެންޓަލް ހެލްތަށް މާ ބޮޑު ސަމާލުކަމެއްދޭ ބައެއް ނޫނެވެ. އެކަމަކު ނަފުސާނީ މައްސަލަތަކުން ސަލާމަތްވެ، އުފާވެރި ދިރިއުޅުމެއް ހޯދުމަކީ މީހާ އަށް ޒުވާންކަން އިހުސާސްކޮށްދޭނެ ކަމެއް ކަމަށް ބުންޏެވެ.
އަންނަ މަހުގެ 7 ގައި ރިލީޒްކުރާ "މަލަންގް" އިން ފެނިގެންދާ އަނިލް ބުނީ މިހާރު ފިޓްކޮށް ހުންނަން އެންމެ ބޮޑަށް އެހީތެރިވެދެނީ ދަރިފުޅު ހާޝް ކަމަށެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން އާ ޑައިޓްތަކާއި އާ ވޯކައުޓްތައް ވެސް ތަޖުރިބާކުރަމުން އަންނަ ކަމަށް ބުންޏެވެ.
"އަބަދު އެއްކަހަލަ ކަސްރަތުތައް ކުރުމުގެ ބަދަލުގައި ކޮންމެވެސް އާ ކަމެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަހަރެން އަބަދު ވެސް ވޯކައުޓްކުރާ އިރު އެކަމަށް ބަލަން. ހަމަމިއާ އެކު ދުވުމާއި ޕްލޭންކަކީ ވެސް ކުރުން މުހިއްމު ކަންތައްތައް." ކަރަން ޖޯހަރުގެ "ތަޙުތު" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އެކްޓަރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލޫ
21 January 2020
އަނިލް ގެ ހަގީގީ އުމްރަކީ 66! ވ ގިނަ ކުރީގެ ލިޔުން ތަކުގަ އެބައިން އޭނަ އުފަންވީ 1953 ގާ ކަމަށް!.. ރިޝީ ކަޕޫރު ގެ ޑިސްޓެންޓް ކަޒިން އެއްގެ ހައިސިއްޔަތުން އޭނަ އުފަންވީ ރިޝީ އަށް ވުރެން 1 އަހަރު ފަހުން ކަމަށް ކަޕޫރު ޚާންދާނުން ބުނޭ
ހުތް އާދަނު
21 January 2020
ހާދަ މޮޅޭ