ޝިލްޕާ އެވޯޑާ ހަވާލުވާ އިރު، ފިރިމީހާ ރާޖް ކުންދުރާ ވެސް ކައިރީގައި.
22 ޖެނުއަރީ 2020 - 08:48
ދުޅަހެޔޮ ލައިފްސްޓައިލް ޕްރޮމޯޓްކުރަން ކުރާ މަސައްކަތްތަކާއި އިންޑިއާގެ ވެށި ސާފުކޮށް، ރީތިކުރަން ބަތަލާ ޝިލްޕާ ޝެޓީ ކުރާ މަސައްކަތްތައް ފާހަގަކޮށް އޭނާ އަށް ޗެމްޕިއަން އޮފް ޗޭންޖްގެ އެވޯޑް ހޯމަ ދުވަހު ދީފި އެވެ.
އިންޓަރެކްޓިވް ފޯރަމް އިން އިންޑިއަން އިކޮނޮމީ (އައިއެފްއައިއީ) އިން އިންތިޒާމުކޮށްގެން ދޭ އެވޯޑްގެ މި އަހަރުގެ ހަފުލާގައި އެވޯޑް ލިބުނު މީހުންނާ އެވޯޑްތައް ހަވާލުކޮށް ދެއްވީ އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އެވެ.
އިންޑިއާގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ޗެމްޕިއަނެއްގެ އެވޯޑް ލިބުމާ ގުޅިގެން ޝިލްޕާ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނީ އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ގައުމަށްޓަކައި ފަރުދީ ގޮތުން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަކީ ގައުމީ ވާޖިބެއްކަމަށް ދެކޭ ކަމަށެވެ.
"ހާއްސަކޮށް މި ގައުމަކީ ސާފު ރީތި ގައުމަކަށް ހެދުމަކީ އަހަރެމެން އެންމެންކުރަން ޖެހޭ ކަމެއް. ސާފުކުރުން ފެށިގެން އަންނަން ޖެހެނީ މީހާގެ ވިސްނުމާ ހިސާބުން. އޭގެ ފަހުން އަމިއްލަ ނަފުސާއި ދިރިއުޅޭ ތަނާއި މުޅި ވެއްޓާއި މުޅި ގައުމު ސާފުކޮށް ބޭއްވުމަކީ އަހަރެމެން އެންމެން ކުރަން ޖެހޭ ކަމެއް،" އިންޑިއާ ސަރުކާރުން ކުރިއަށް ގެންދާ "ސްވަޗް ބާރަތު އަބިޔާން" އަށް އިޝާރާތްކޮށް ޝިލްޕާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ސާފުތާހިރު ކަމަށް ލޯބިކުރުމާ އެކު ގަސްގަހާގެހި އިންދުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އަމިއްލަ އަށް 480 ގަސް އިންދި ކަމަށް ބުންޏެވެ.
"މިއީ ކުރިމަގަށްޓަކައި ކުރަން ޖެހޭ ކަމެއް. ކާބަން ފުޓްޕްރިންޓަށް ވާސިލުވުމުގެ އެންމެ މުހިއްމު އެއްބައި،" ޝިލްޕާ ބުންޏެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ މިހާރު އަންނަނީ 13 އަހަރުން ފަހުން ބޮޑު ސްކްރީނަށް އަންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ދެ ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ "ނިކައްމާ" އާއި "ހަންގާމާ 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2020
22 January 2020
ރަނގަޅުވާހަކައެއްތިބުނީ
ރަބަރު
22 January 2020
އިންޑިއާ ސާފުތާހިރު ތަނެއްގެ ގޮތުގައި އޮތުމަކީ އަހަރުމެނަށްވެސް މުހިންމުކަމެކެވެ. ރާއްޖެއާ އެންމެ ކާރީގައި އޮތް ދިވެހިން ގިނައިން ދާތަނަކަށްވުމުންނާއި އިންޑިއާ މީހުންވެސް ރާއްޖެ އައިސް އުޅުމުން އެގައުމުން ބަލިތައް އައުމުގެ ފުރުސަތު އޮތީމައެވެ. އެކަމަކު އެމީހުންގެ އާދަކާދަ ހުންނަގޮތުން ގިޔާމަތާ ހަމައަށްވެސް ތިގައުމު ސާފުތާހިރުތަނަކަށް ވާނެހެން ހީނުވެއެވެ.