އާސިމް.
26 ޖެނުއަރީ 2020 - 07:14
ކަލާޒް އިން މިހާރު ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރަމުން އަންނަ އާސިމް ރިއާޒަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ކަޝްމީރަށް އުފަން 26 އަހަރުގެ މޮޑެލް އަށް ފުރުސަތު ލިބިފައި ވަނީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ފިލްމަކުންނެވެ. އަދި އެ ފިލްމުގައި އާސިމު ފެންނާނީ ސަނީ ލިއޯނީއާ އެކު ކަމަށްވެ އެވެ.
ސަނީ އަކީ ވެސް ބިގް ބޮސްގައި ވާދަކޮށްގެން މަހޭޝްގެ ރާޑަރަށް އަރައިގެން، އޭނާ ބޮލީވުޑަށް ތައާރަފުކުރި ބަތަލާއެކެވެ. އެއީ 2012 ގައި މަހޭޝްގެ ދަރިފުޅު އަދި ބަތަލާ ޕޫޖާ ޑައިރެކްޓްކުރި "ޖިސްމް 2" އިންނެވެ.
"ބިގް ބޮސް" ސީޒަން ފަހެއްގައި ވާދަކުރި ސަނީއާ އެކު ބޮލީވުޑަށް ނުކުތުމުގެ ފުރުސަތު އާސިމަށް ލިބިފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ. މަހޭޝް އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވާ ނުވާ އިރު، އޭނާ މިހާރު އަންނަނީ ޖުލައިގައި ރިލީޒްކުރާ "ސަޅަކް 2" ގެ މަސައްކަތްކުރަމުންނެވެ.
ސަނީ އަކީ މިހާރު އާސިމަށް އާ މީހަކަށް ވެސް ނުވާނެ އެވެ. ސަބަބަކީ ދާދި ފަހުން ސަނީ ބިގް ބޮސް ޝޯގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ބައިވެރިންނާ އެކު ވަގުތުކޮޅެއް ވެސް ދާދި ފަހުން ހޭދަކޮށްފައިވުމެވެ.
އާސިމަކީ މި ފަހަރުގެ ބިގް ބޮސްގައި އެންމެ ވަރުގަދަ އެކެކެވެ. ޝޯ ފެށުނީއްސުރެ އެއް ވާނެއްގައި ހިފަހައްޓަމުން އަންނަ އާސިމް ފާހަގަކުރެވިފައި ވަނީ ވަރަށް ރުޅިގަދަ ބައިވެރިއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ އާއި އެކްޓަރު ސިދާތު ޝުކްލާގެ ހޫނު ޒުވާބުތަކާއި ކޯޅުންތަކަކީ މި ފަހަރުގެ ޝޯ އެންމެ ހޫނު އެއް މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްމޫ
26 January 2020
އާސިމް ޑިޒާވް ކުރޭ މީތި... އެކަމު ބިގް ބޮސް އުޅެނި ޝެނާޒް ނޫނީ ޝިދާތު ހޮވަން... އާސިމް ހަމަ ބެސްޓް...
ޗައުދަރީ
26 January 2020
ބިގްބޮސްގަ މިސޮރު ވަރަށް ވަރުގަދަކޮށް ފެންނަނީ އެކަމަކު ވިންއެއްނުވާނެ މުސްލިމު ނަމެއް ކިޔާތީ.