އަދިތިޔާ.
31 ޖެނުއަރީ 2020 - 08:33
ފިލްމުތަކަށް ތަރިން ނެގުމުގައި ބައެއް ފަހަރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެކްޓިން ހުނަރު އެއްފަރާތްކޮށްފައި ހަމައެކަނި އެ ތަރިއެއްގެ ރީތި ކަމަށް ބަލާފައި ފިލްމުތަކުން ފުރުސަތުދޭ ކަމަށް ޒުވާން އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރް ބުނެފި އެވެ.
އަންނަ މަހުގެ 7 ގައި ރިލީޒްކުރާ "މަލަންގް" ގެ ބަތަލު ބުނީ އެއީ ހަމައެކަނި ބޮލީވުޑްގައި ކަން ހިނގާ ގޮތް ނޫން ކަމަށެވެ.
"މިސާލަކަށް ހޮލީވުޑަށް ބަލާ ކަމަށް ވަންޏާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޓް ޕިޓް ކަހަލަ އެކްޓަރުންގެ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ ވެސް އެ މީހުންގެ އެކްޓިން ހުނަރަށް ވުރެ ބޮޑަށް ސްކްރީނުން ބަލާލަން ރީތި ސްކްރީން ޕްރެޒެންސް ޗާލު އެކްޓަރުންގެ ގޮތުގައި،" އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި އަދިތިޔާ ބުންޏެވެ.
އޭނާ ބުނީ ފިލްމު ކުޅޭ މީހުންގެ ކިބައިގައި ރީތި ސިފައެއް ހުރުން އަމިއްލަ އަށް ވެސް ގަބޫލުކުރާ ކަމަށެވެ. އެކަމަކު އެއް އިރެއްގައި ވެސް މާ ރީތި މީހެއްގެ ގޮތުގައި ދައްކަން މަސައްކަތްނުކުރާ ކަމަށާއި އެއީ އަމިއްލަ ބާރުގައި އޮންނަ ކަމެއް ނޫން ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ރީތިކަމާ އެއްވަރަށް މީހާގެ އެކްޓިން ހުނަރަކީ ވަރަށް މުހިއްމު އެއްޗެއް. އަހަރެން ބަލަނީ އެކަހަލަ މީހަކަށް ވޭތޯ،" ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ ކޮއްކޮ ބުންޏެވެ. "ނަމަވެސް ބައެއް ހާލަތްތަކުގައި ފާހަގަކުރެވިފައި އެބަހުރި އެކްޓިން ހުނަރަށް ނުބަލައި ހަމައެނި މީހާގެ ރީތި ކަމަށް ބަލާފައި ބައެއް މީހުންނަށް ފުރުސަތު ދީފައި ހުރި ތަން ވެސް. އެކަން އަހަރެން ސިފަކުރާނީ ތަރިންނަށް ދޭ ޑިސްކައުންޓެއްގެ ގޮތުގައި."
އަދިތިޔާ، 34، ބޮލީވުޑަށް ނުކުތީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ކަމަށް ވެސް ފަހުން އޭނާ ވެފައި ވަނީ ކާމިޔާބު ލީޑް އެކްޓަރަކަށެވެ. އަދި ވަރަށް ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އޭނާ އަކީ އިސްކޮޅުން ދިގު ބަލައިލަން ރީތި، އެކްޓަރެކެވެ. އަދިތިޔާ ކުޅެފައިވ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމަކީ 2013 ގެ "އާޝިގީ 2" އެވެ.
އޭނާ ފާހަގަކުރެވިފައި ވަނީ އަބަދު ވެސް ފިލްމުތަކުގައި ކުޅެން ލިބޭ ކެރެކްޓާތަކަށް ވަރަށް ބޮޑަށް ތައްޔާރުވާ ބަތަލެއްގެ ގޮތުގަ އެވެ. އެގޮތުން "މަލަންގް" އަކީ އަދިތިޔާގެ ހަށިގަނޑުން ވަރަށް ބޮޑު ބަދަލެއް ދައްކުވައިދޭނެ ފިލްމެކެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނޫރާގް ބާސޫގެ "ލޫޑޯ" އާއި މަހޭޝް ބަޓްގެ "ސަޅަކް 2" އަދި "މަލަންގް" އާއި "އާޝިގީ 2" ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން 2" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy