އަދިތިޔާ.
04 ފެބުރުއަރީ 2020 - 07:14
ކާމިޔާބު މިއުޒިޝަނަކަށްވާން އަދިތިޔާ ރޯއި ކަޕޫރް މަސައްކަތްކުރާ ގޮތް ބެލުންތެރުންނަށް ފިލްމު "އާޝިގީ 2" އިން ފެނިފައިވާނެ އެވެ. އަދި ފިލްމު "ލަންޑަން ޑްރީމްސް" ގައި ވެސް އޭނާ މިއުޒިކް ބޭންޑެއްގެ މެމްބަރެއްގެ ރޯލް ކުޅެފައިވެ އެވެ. އެހެންވެ އަދި ސްކްރީންގައި މިއުޒިޝަނެއްގެ ރޯލް ކުޅެފައި ނިންމައިލުމުގެ ވިސްނުމެއް ވެސް ނެތެވެ.
އަދިތިޔާ މިހާރު ބޭނުން ވަނީ މިއުޒިކް އަލްބަމެއް ނެރޭށެވެ. އޭނާ ބުނީ މިހާރު ވެސް އަމިއްލަ އަށް ފައްކާކޮށްފައި ހުރި ރާގުތަކެއް އެބަހުރި ކަމަށާއި ވަރަށް ގިނަ ޅެންތަކެއް ވެސް އަމިއްލަ އަށް ލިޔެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އަމިއްލަ އަށް އެއްވެސް ލަވައެއް ކިޔައިފައެއް ނެތެވެ. އެކަމަކު މިއުޒިކީ ދާއިރާގައި އުޅޭ ފަންނާކަކާ ގުޅިގެން އަލްބަމެއް ނެރުމަކީ ކުރަމުން އަންނަ އުންމީދެއް ކަމަށް ބުންޏެވެ.
އެކްޓިން އަށް ނުކުތުމުގެ ކުރިން ވެސް އަދިތިޔާ އަކީ މިއުޒިކަށް ވަރަށް ޝައުގުވެރިކަން ބެހެއްޓި މީހެކެވެ. ގިޓާ ވެސް ކުޅެން ހުނަރުވެތި އެކްޓަރު ބުނީ ވީޖޭއެއްގެ ގޮތުގައި ހަތަރު ވަރަކަށް މަސައްކަތްކުރި އިރު، ކުރިން ސީރިއަސްކޮށް ފިލްމު ކުޅެން ވިސްނާފައި ވެސް ނެތް ކަމަށެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "މަލަންގް" ގެ ބަތަލު ބުނިގޮތުގައި މިއުޒިކް އެއްފަރާތްކޮށްފައި. އެކްޓިން އަށް ނުކުންނަން އޭނާ ސީރިއަސްވީ ފިލްމެއް ކުޅެން ލިބުނު ހިސާބުންނެވެ. އަދިތިޔާ ބޮލީވުޑަށް ނުކުތީ ސަޕޯޓިން ރޯލްތަކުންނެވެ.
އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ އަޖޭ ދޭވްގަން އާއި ސަލްމާން ޚާން ލީޑް ރޯލް ކުޅުނު 2009 ގެ "ލަންޑަން ޑްރީމްސް" އެވެ. އޭގެ ފަހުން އަދިތިޔާ ސަޕޯޓިން ރޯލްތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "އެކްޝަން ރިޕްލޭ" އާއި "ސަންޖޭ ލީލާ ބަންސާލީގެ "ގުޒާރިޝް" ހިމެނެ އެވެ.
ލީޑް އެކްޓަރެއްގެ ގޮތުގައި އަދިތިޔާ މަޝްހޫރުވީ 2013 ގައި ރިލީޒްކުރި "އާޝިގީ 2" އިންނެވެ.
އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދާވަތޭ އިޝްގް"، "ފިތޫރު" އަދި "އޯކޭ ޖާނޫ" ހިމެނެ އެވެ. އަދިތިޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނޫރާހް ބާސޫގެ "ލޫޑޫ" އާއި މަހޭޝް ބަޓްގެ "ސަޅަކް 2" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy