05 ފެބުރުއަރީ 2020 - 12:11
މިދިޔަ މަހު މަރުވި ކުރީގެ ރެސްލިން ތަރި އަދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން (ރޮކް) ޖޯންސަންގެ ބައްޕަ ރޮކީ ޖޯންސަންގެ ވާހަކަ ކިޔައިދޭ ފިލްމެއް ބޮޑު ސްކްރީނަށް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.
"ރިންގް ކިންގް" ގެ ނަމުގައި ގެނެސްދޭން ނިންމާފައިވާ މި ފިލްމު ހަދަނީ ރޮކީ އަށް ބޮޑުބޭބެ ކިޔާ އެއްމާބަނޑު ދެބޭން ކަމަށްވާ ޖޮނަތަން އާއި ޖަސްޓިން ގެޖޯސްކީ އެވެ. އެ މީހުން މިހާރު އަންނަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުންނެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު އުމުރުން 75 ގައި މަރުވި ރޮކީގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާކަން އެންމެ ފުރަތަމަ އިއުލާންކޮށްފައި ވަނީ 2018 ގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގަ އެވެ.
ޖޮނަތަން އާއި ޖަސްޓީން ބުނީ އެ މީހުންގެ މަންމަ ފަރާތު ބޮޑުބޭބެގެ ވަކިވުމަކީ ވަރަށް ބޮޑު ހިތްދަތިކަމެއް ކަަމަށާއި ރެސްލިންގެ ދުނިޔޭގައި އޭނާގެ ނަމަކީ ދުވަހަކު ވެސް ފަނޑުވުމެއް ނާންނާނެ ކަމެއް ކަމަށެވެ. އެހެންވެ ރޮކީގެ ހަނދާންތަކާއި އޭނާގެ ކެރިއަރުގެ މުހިއްމު ސޮފުހާތައް ސްކްރީނަށް ގެނައުމަކީ އަބަދު ވެސް ދެކެމުން ދިޔަ ހުވަފަނެއް ކަމަށް ބުންޏެވެ.
"އަހަރެމެން މިހާރު މި އަންނަނީ ފިލްމުގެ ސްކްރީންޕްލޭ ލިޔަމުން. އަދި މީގައި ހިއްސާވާން ރޮކް ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ދެބޭން ހޮލީވުޑް ރިޕޯޓާ އަށް ބުންޏެވެ. "ރޮކީގެ ވާހަކަ އަކީ ވަރަށް އިންސްޕަޔަރިން ވާހަކައެއް. އޭނާ ކާމިޔާބު އަދި ރެސްލިންގެ ނުފޫޒު ގަދަ މީހަކަށްވެގެން ދިޔައީ އެތައް އަޑިގުޑަންތަކަކުން އަރައިގަނެ، ކުރި ހިތްވަރު ގަދަ މަސައްކަތުން."
ރޮކީ(މ) އާ އެކު ޖޮނަތަން އާއި ޖަސްޓިން.
ޖަސްޓިން އާއި ޖޮނަތަން ބުނީ ރޮކީގެ ވާހަކަ ސްކްރީނަށް ގެނައުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ވަރަށް ފުރިހަމަ ފިލްމެއް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށެވެ.
ނަމަވެސް "ރިންގް ކިންގް" ގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދިއިއުލާނެއް ނުކުރެ އެވެ. އަދި އޭގައި ރޮކީގެ ރޯލް ކުޅޭނެ އެކްޓަރަކު ވެސް ނުނިންމަ އެވެ. ފަހަރުގައި ބައްޕަގެ ރޯލުން ރޮކް ވެސް ފެނިދާނެ އެވެ. ހޮލީވުޑަށް ނުކުތުމުގެ ކުރިން ރޮކަކީ ވެސް ރެސްލިން ރިންގްގައި ވިދައިލި ތަރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
05 February 2020
ދެމީހުންވެސް މި ތިބެނީ ހަމަ އެއްތައްގަނޑަކަށް.