މައިކަލް ބައްޕަ ކާކްއާ އެކު.
07 ފެބުރުއަރީ 2020 - 18:10
"ސްޕާޓެކަސް" ފަދަ ކާމިޔާބުތައް އެތައް ފިލްމެއް ކުޅެފައިވާ ހޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ކާކް ޑަގްލަސް ބުދަ ދުވަހު މަރުވެއްޖެ އެވެ.
އުމުރުން 103 އަހަރުގައި އޭނާ މަރުވި ވާހަކަ، ދަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު އެކްޓަރު މައިކަލް ޑަގްލަސް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ ބައްޕަގެ ވަކިވުމަކީ އާއިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައެއް ކަމަށެވެ.
މަޝްހޫރު ބަތަލާ ކެތެރީން ޒީޓާ-ޖޯންސްގެ ފިރިމީހާގެ އިންސްޓަގްރާމްގައި ބުނީ ކާކް އަކީ އާއިލާ ދެކެ ވަރަށް ލޯބިިވާ ބައްޕައެއް ކަމަށާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ވެސް ވަރުގަދަ ލެގަސީ ދަމަހައްޓަމުން ދިޔަ ފަންނާނެއް ކަމަށެވެ.
އޮސްކާގެ ލައިފްޓައިމް އެޗީވްމަންޓް ވެސް ހާސިލުކޮށްފައިވާ ކާކް ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި އައުޓް އޮފް ދަ ޕާސްޓް (1947)، ޗެމްޕިއަން (1949)، ދަ ބޭޑް އެންޑް ދަ ބިއުޓިފުލް (1952) އަދި ޓަފް ގާއިޒް (1986) ހިމެނެ އެވެ.
ތިން ފަހަރަށް، އޮސްކާގެ މޮޅު އެކްޓަރުގެ މަގާމަށް ވެސް ނޮމިނޭޓްވި ކާކް އެންމެ ފަހުން ކުޅުނު ފިލްމަކީ 2004 ގެ "އިލޫޝަން" އެވެ.
އޭނާ އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއް ވެސް މެ އެވެ.
ކާކްގެ ދަރިންގެ ތެރެއިން ޖޮއެލް އާއި ޕީޓާ ޑަގްލަސް އަކީ ވެސް މަޝްހޫރު ޕްރޮޑިއުސަރުންނެވެ. ކާކްގެ ހަތަރު ކުދިންގެ ތެރެއިން ކުރީގެ އެކްޓަރު އަދި ކޮމީޑިއަން އެރިކް ޑަގްލަސް 46 އަހަރުގައި 2004 ގައި ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy