ގޯތަމްގެ ދެމަފިރިން ކުރުނބާ ވިލެޖްގައި.
09 ފެބުރުއަރީ 2020 - 22:39
އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ގޯތަމް ރޯޑާއި އަންހެނުން ޕަންކްޅީ އަވަސްތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ދެ އަހަރު ކުރިން ކައިވެނިކުރި ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަ ކުރުނބާ މޯލްޑިވްސްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ޕަންކްޅީ އަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ވެދިކާގެ ރޯލް ކުޅެމުން އަން ބަތަލާ އެވެ.
"ކިޔާ ކުސޫރް ހޭ އަމާލާ ކާ" އާއި "ރާޒިއާ ސުލްތާން" ފަދަ ސިލްސިލާތައް ކުޅެފައިވާ ޕަންކްޅީ މި މަހުގެ 21 ގައި ރިލީޒްކުރާ އަޔޫޝްމަން ކުރާނާގެ "ޝުބް މަންގަލް ޒާދާ ސާވްދާން" ގެ ރޯލަކުން ވެސް ފެންނާނެ އެވެ. މިއީ އޭނާގެ އަލަތު ބޮލީވުޑް ފިލްމެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯތަމް މިހާރު ކުޅެމުން އަންނަނީ ސަބް ޓީވީން ދައްކަމުން އަންނަ "ބާޚަރްވާދީ" އެވެ.
"މޭރާ ނާމް ކަރޭގީ ރޯޝަން" އާއި "ސަރަސްވަތީޗަންދުރާ" ފަދަ ސިލްސިލާތައް ކުޅެފައިވާ ގޯތަމަކީ ވެސް ބޮލީވުޑްގެ ފިލްމުތަކުން މަދުމަދުން ފެންނަ އެކްޓަރެކެވެ.
އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2017 ގައި "އަކްސަރު 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy