މަދުރިމާ.
15 ފެބުރުއަރީ 2020 - 08:21
ކަލާޒުން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައި ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ވިޝާލް އަދިތިޔާ ސިންގްގެ ގައިގައި ތަވައަކުން ތަޅައި މާރާމާރީ ހިންގި މައްސަލާގައި ޝޯ އިން ބޭރުކޮށްލި ބަތަލާ މަދުރިމާ ތުލީ ކަލާޒްގެ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.
ކުރިން ވެސް ސިލްސިލާތަކެއް ކުޅެފައިވާ ބަތަލާ މި ފަހަރު ސޮއިކުރީ ކަލާޒުން ވަރަށް އަވަހަށް ދައްކަން ފަށަން ތައްޔާރުވަމުން އަންނަ "އިޝްގް މޭ މަރުޖާވާ 2" އަށެވެ. މި ސިލްސިލާ އަކީ އެ ޗެނެލުން 2017-2019 އަށް ގެނެސްދިން "އިޝްގް މޭ މަރުޖާވާ" ގެ ދެވަނަ ސީޒަނެވެ.
މި ފަހަރު މުޅިން އާ ކާސްޓަކާ އެކު ސިލްސިލާ ގެނެސްދޭ އިރު، މީގެ ލީޑް ރޯލު ކުޅޭނީ ހެލީ ޝާހާއި ވިޝާލް ވަޝިސްތާގެ އިތުރުން ރަހޫލް ސުދީރެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއެއްގައި މަދުރިމާ ބުނީ "އިޝްގް މޭ މަރުޖާވާ 2" ގައި އޭނާ ފެނިގެންދާނީ ސްޕެޝަލް އެޖެންޓެއްގެ ރޯލުން ކަމަށެވެ. އަދި ކުރިން ގިނައިން ނެގަޓިވް ކެރެކްޓާތައް ކުޅެވިފައި ހުރުމުން، ޕޮޒިޓިވް ކެރެކްޓާތަކަށް މިހާރު މާ ބޮޑަށް އުންމީދުކުރެވޭ ކަމަށް ބުންޏެވެ. އެހެންވެ ލީޑް ރޯލަކަށް ވެސް އިންތިޒާކުރެވޭ ކަމަށް ވެސް ބުންޏެވެ.
Kaisi keemat chukani padegi Ishq mein? Dekhiye Phir Ek Baar #IMMJ, jaldi hi #Colors par. @OfficialHelly7 @v_vishal13 pic.twitter.com/F2Wn1GBnJV
— COLORS (@ColorsTV) January 23, 2020
މަދުރިމާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ބޭބީ" އާއި "ހަމާރީ އަދޫރީ ކަހާނީ" ގެ އިތުރުން "ނާމް ޝަބާނާ" ހިމެނެ އެވެ.
"އިޝްގް މޭ މަރުޖާވާ 2" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
މި ސިލްސިލާގެ ފުރަތަމަ ސީޒަނުގައި 475 އެޕިސޯޑް ދައްކާފައިވާ އިރު، އޭގައި ލީޑް ރޯލް ކުޅުނި އަރްޖުން ބިޖިލާނީ އާއި އާލިޝާ ޕަންވަރްގެ އިތުރުން ނިއާ ޝަރުމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy