މަނޯޖް.
18 ފެބުރުއަރީ 2020 - 07:35
ހޮނިހިރު ދުވަހުގެ ބޭއްވި 65 ވަނަ ފިލްމުފެއާ އެވޯޑްގެ ތަޖުރިބާ އަށް ފަހު، އިންޑިއާގެ މަޝްހޫރު ޅެންވެރިޔާ މަނޯޖް މުންތަޝިރު ކުރިއަށް އޮތް ތަނުގައި އެވޯޑް ހަފުލާތަކަށް ނުދާން ނިންމައިފި އެވެ.
ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކަށް ހިތްގައިމު އަދި މާނަފުން ޅެންތަކެއް ހަދައިދީފައިވާ މަނޯޖަށް މައްސަލައަކަށްވީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރު ފިލްމު "ކޭސަރީ" އަށް އޭނާ ހަދައިން އަސަރުގަދަ ލަވަ "ތޭރީ މިއްޓީ" އަށް އެންމެ މޮޅު ޅެމުގެ އެވޯޑް ނުލިބުމެވެ.
މި ފަހަރު އެ އެވޯޑް ގެންދިޔައީ އެންމެ ގިނަ އެވޯޑްތައް ގެންދިޔަ ފިލްމު "ގަލީ ބޯއި" ގެ "އަޕްނާ ޓައިމް އާއެގާ" އެވެ. އެ ލަވައިގެ ޅެން ލިޔުނީ ރެޕާ ޑިވައިން އާއި އަންކޫރް ތިވާރީ އެވެ.
ނަމަވެސް "ތޭރީ މިއްޓީ" ކަހަލަ ގައުމީ ޖަރުބާތާއި ޝުއޫރުތައް ބަންޑުންކޮށްލަ ދީގެން އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދި ލަވައިގެ ޅެން ފަހަތަށް ޖައްސާލައި، މާ ބޮޑު "އޮއްޓަރު ނެތް" ލަވަ "އަޕްނާ ޓައިމް އާއެގާ" އަށް އެންމެ މޮޅު ޅެމުގެ އެވޯޑް ދިނުމުން މަނޯޖް ވަނީ އެކަމުގެ ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި ވެސް ބަންޑުންކޮށްލައިފަ އެވެ.
އޭގައި އޭނާ ބުނީ އަދިވެސް މޮޅެތި ޅެންތައް ހެދުމުގައި ދެމިހުންނާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި އެއްވެސް އެވޯޑް ހަފުލާއަކަށް ހާޒިރުނުވާނެ ކަމަށެވެ. އަދި މީގެ ފަހުން އެވޯޑް ހަފުލާތަކަށް ސަލާން ކަމަށް ވެސް މަނޯޖް ބުންޏެވެ.
އުމުރުން 43 އަހަރުގެ މަނޯޖަކީ މީގެ ކުރިން ވެސް ޅެންތަކުން އެވޯޑް ހޯދާފައިވާ ޅެންވެރިއެކެވެ. އޭގެ ތެރޭގައި 2015 ގެ ފިލްމު "އޭކް ވިލަން" ގެ ލަވަ "ގަލިޔާ" އާއި 2018 ގެ ފިލްމު "ބާދްޝާހޯ" ގެ ލަވަ "މޭރޭ ރަޝްކޭ ގަމަރު" އިން ހޯދި އައިފާ އެވޯޑް ހިމެނެ އެވެ.
އެވޯޑް ހަފުލާތަކަށް ނުދާން މަނޯޖް ނިންމި އިރު، އިންޑިއާގައި ދޭ ޕޮޕިއުލާ އެވޯޑްތަކަކީ އަބަދު ވެސް ވަކި ބަޔަކަށް ފޭވަކޮށްގެން ދެވޭ، މާ ބޮޑު އިތުރުބާތެއް ނުކުރެވޭ އެވޯޑްތަކެއް ކަމަށް ގިނަ ބަޔަކު އަބަދު ވެސް ދެކެ އެވެ. އަދި ވަކިން ހާއްސަކޮށް ފިލްމުފެއާ އެވޯޑަށް ކުރެވޭ ތުހުމަތުތައް ބޮޑެވެ.
މިފަދަ މައްސަލަތަކާ ހެދި އެވޯޑް ހަފުލާތަކަށް ނުދާ މަޝްހޫރު ތަރިންގެ ތެރޭގައި އާމިރު ޚާނާއި ކަންގަނާ ރަނާވަތު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy