19 ފެބުރުއަރީ 2020 - 07:39
އަންނަ މަހު ރިލީޒްކުރާ "ބާގީ 3" އަށް ފަހު، ޓައިގާ ޝްރޮފް ދެން ޝޫޓިން ފަށާނެ ފިލްމަކީ އޭނާގެ ފުރަތަމަ ފިލްމު "ހީރޯޕަންތީ" ގެ ދެވަނަ ބައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޓައިގާ ބޮލީވުޑަށް 2014 ގައި ތައާރަފުވި ފިލްމުގެ ސީކްއެލްއެއް ހެދުމަކީ، އެ ފިލްމު ޕްރޮޑިއުސްކުރި ސާޖިދު ނަދިއަދުވާލާގެ ވަރަށް ބޮޑު އުންމީދެކެވެ. އަދި އެކަމަށް މިހާރު މަސައްކަތްކުރަމުން އަންނަތާ އަހަރެއްހާ ދުވަސްވެފައިވާ އިރު "ހީރޯޕަންތީ 2" ގެ ސްކްރިޕްޓް ވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.
މީޑިއާތަކުން ބުނީ އެ ފިލްމު މި ފަހަރު ޑައިރެކްޓްކުރާނީ "ބާގީ 2" އާއި "ބާގީ 3" ވެސް ޑައިރެކްޓްކުރި އަހުމަދު ޚާން ކަމަށެވެ. "ހީރޯޕަންތީ" އާއި "ބާގީ" ޑައިރެކްޓްކުރީ ސަބީރު ޚާނެވެ. އޭނާ މި ވަގުތު އަންނަނީ ޝިލްޕާ ޝެޓީ 13 އަހަރު ފަހުން ބޮޑު ސްކްރީނަށް އަންނަ ފިލްމު "ނިކައްމާ" ގެ މަސައްކަތްކުރަމުންނެވެ.
ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފުކުރާ ޝާލީ ސެތިއާ ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 5 ގަ އެވެ.
ނޫސްތަކުން ބުނިގޮތުގައި "ބާގީ 3" އަށް ފަހު، ޓައިގާ ދެން ކުޅެން އޮތީ މިދިޔަ އަހަރު އޭނާއާ އެކު "ވޯ" ގެނެސްދިން ސިދާތު އާނަންދުގެ "ރާމްބޯ" އެވެ. މިއީ ހޮލީވުޑްގެ ތަރި ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ" ގެ ރިމެކެކެވެ. ނަމަވެސް ފިލްމުގެ ތައްޔާރީތަކަށް އިތުރު ވަގުތު ނަގާނެތީ އޭގެ މަސައްކަތް ފަހަތަށް ޖައްސައިލުމަށް ފަހު، "ހީރޯޕަންތީ 2" ގެ މަސައްކަތް ފަށަން ނިންމީ ކަމަށް ބުންޏެވެ.
ނަމަވެސް މިކަން ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.
ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު "ހީރޯޕަންތީ" ގައި ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ކްރިތީ ސެނަން އެވެ. އަދި ދެވަނަ ބައިން ވެސް އޭނާ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮަަޓޭ
19 February 2020
ޓައިގަރ ހުރޭ ދެން އެކައްޗެއް ކުޅެ ކުޅެ.