ޝިޝާންކް އަދި ކާތިކް.
12 މާޗް 2020 - 07:31
ވަރުން ދަވަންއާ އެކު ޖެނުއަރީ މަހު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި ފިލްމު "މިސްޓަ ލޭލޭ" ގެ ޝޫޓިން ފެށުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެތީ އެ ފިލްމުގެ ޑައިރެކްޓަރު ޝިޝާންކް ކައިތާން އެހެން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ވަރުން އާއި ޖާންވީ ކަޕޫރާއި ބޫމީ ޕެޑްނޭކަރާ އެކު ހަދަން ނިންމާފައިވާ ކޮމެޑީ ތުރިލާ "މިސްޓަ ލޭލޭ" ބޭއްވުމަށް ފަހު، ޝިޝާންކް މިހާރު ވަނީ ކާތިކް އާރިޔަނާ އެކު ފިލްމެއް ހަދަން ނިންމައިފި އެވެ. އެ ނޫހުން ބުނިގޮތުގައި މިކަމާ ބެހޭ ގޮތުން ޝިޝާންކާއި ކަރަން އާއި ކާތިކް މިދިޔަ އާދީއްތަ ދުވަހު ވަނީ ބައްދަލުކޮށް މަޝްވަރާ ވެސްކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމު އިއުލާންކުރާނެ ކަމަށްވެ އެވެ.
ކާތިކް މިހާރު ވެސް އަންނަނީ ދަރުމާ "ދޯސްތާނާ 2" ގެ މަސައްކަތްކުރަމުންނެވެ،. އަދި އޭނާ އަންނަނީ "ބޫލް ބުލައްޔާ 2" ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ދެ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާތީ، ކާތިކް ޝިޝާންގެ ފިލްމަށް ވަގުތު ހުސްކުރާނެ އެވެ.
އެހެންވެ މި ފިލްމުވެގެން ދާނީ އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
"މިސްޓަ ލޭލޭ" އަކީ ވަރުންއާ އެކު ޝިޝާންކް ހަދަން ނިންމި ތިން ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ފުރަތަމަ މަސައްކަތްކުރީ 2015 ގެ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި 2017 ގެ "ބަދުރީނާތު ކީ ދުލްހަނިޔާ" ގަ އެވެ. އެ ދެ ފިލްމުގެ ކާމިޔާބީ އަށް ފަހު، ވަރުން އާއި ޝިޝާންކް ދަރުމާގެ އިތުރު ފިލްމަކަށް ވެސް ސޮއިކޮށް، އިއުލާންކުރި އެވެ. އެއީ 2018 ގައި "ރަންބޫމީ" އެވެ.
ނަމަވެސް އެ ފިލްމަކީ ވަރަށް ބޮޑެތި ތައްޔާރީތަކެއް ވާން ޖެހޭ ބޮޑު ފިލްމަކަށްވާތީ އޭގެ މަސައްކަތް ވަނީ މަޑުޖައްސާލައިފަ އެވެ.
"މިސްޓަ ލޭލޭ" ގެ ޝޫޓިން ކުރިން ރޭވި ގޮތަށް ކުރިއަށް ނުގެންދެވި ޝިޝާންކް އެހެން ފިލްމަކަށް ތައްޔާރުވާން ޖެހުނީ ވަރުން އާއި ޖާންވީގެ އިތުރުން ބޫމީ ވެސް އެހެން ޕްރޮޖެކްޓަތަކެއްގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުން ވަގުތު ހުސްކުރަން ދަތިވުމުންނެވެ. އެކަމަކު ސުވާލަކީ މިހާރު ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ އަންނަ އަހަރުގެ ޖެނުއަރީ 1 ގައި "މިސްޓަ ލޭލޭ" ސިނަމާތަކަށް އަތުވެދާނެތޯ އެވެ؟
ޝިޝާންކް އެންމެ ފަހުން ޑައިރެކްކުރި ފިލްމަކީ 2018 ގެ "ދަޅަކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy