އިލިއާނާ.
20 މާޗް 2020 - 08:21
ހަމުގެ ކުލަ އަނދިރިވުމުން މުޖުތަމައުން ކުރިމަތިވާ ތަފާތުކުރުންތަކުގެ މައްޗަަށް ބިނާކޮށް ހަދާ ފިލްމު "އަންފެއާ އެންޑް ލަވްލީ" އަށް ބަތަލާ އިލިއާނާ ޑި ކްރޫޒް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި މި ފިލްމުގައި އިލިއާނާ އެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ ރަންދީޕް ހޫޑާ އެވެ. އެހެންވެ "އަންފެއާ އެންޑް ލަވްލީ" ވެގެންދާނީ މި ދެ މީހުންގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.
"ރުސްތުމް" އާއި "ބަރްފީ" ފަދަ ފިލްމުތައް ކުޅެފައިވާ އިލިއާނާ ބޮލީވުޑް ހަންގާމާ އަށް ބުނީ މި ފިލްމަކީ އިންޑިއާގެ މުޖުތަމައާ ވަރަށް ގުޅޭ ފިލްމެއް ކަމަށާއި އިޖުތިމާއީ މައްސަލައަކަށް ހަދާ ފިލްމުން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. "އަންފެއާ އެންޑް ލަވްލީ" ގައި އިލިއާނާ ކުޅޭނީ ލަވްލީ ކިޔާ ކެރެކްޓާއެކެވެ.
"އަހަރެން ބުނާނީ މިއީ ވަކިން ހާއްސަކޮށް އިންޑިއާގެ އަންހެނުންނާ ވަރަށް ރިލޭޓްވާ ފިލްމަކަށްވާނެ،" އޭނާ ބުންޏެވެ.
ހަރިއާނާގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ބަލްވިންދަރު ސިންގް ޖަނޫޖާ އެވެ. އޭނާ އަކީ 2017 ގައި އިލިނާއާ އެކު ކުޅުނު ފިލްމު "މުބާރަކަން" ގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި "ސާންޑް ކީ އާނކް" ގެ ސްކްރީން ރައިޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy