ޖާންވީ.
24 މާޗް 2020 - 08:01
އެންމެ އުފާވަނީ ފިލްމުތަކުގެ ސެޓްތަކުގަ އާއި ކެމެރާގެ ކުރިމަތީގައި ހޭދަކުރާ ވަގުތުތަކުގައި ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ބޮލީވުޑަށް ނުކުތް، ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ބިޔޯންޑް ބޮލީވުޑަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ މަސައްކަތެއްގައި ނޫޅޭ ނަމަ އެއީ އެންމެ ފޫހި ވަގުތުތައް ކަމަށެވެ.
"އަހަރެން އަބަދު ވެސް އެންމެ އުފާވަނީ ޑައިރެކްޓަރުންނާއި ކޯ-އެކްޓަރުންނާ އެކު ސެޓްތަކުގައި ހޭދަކުރާ ވަގުތުތަކުގައި. އަދި ވަކިން ހާއްސަކޮށް ކެމެރާގެ ކުރިމަތީގައި ހޭދަކުރެވޭ ކޮންމެ ހިނދުކޮޅަކީ ވަރަށް އުފާވެރި ވަގުތުކޮޅެއް،" ފިލްމު "ދަޅަކް" އިން ތައާރަފުވި ބަތަލާ ބުންޏެވެ.
ޖާންވީ، 23، ބުނިގޮތުގައި އޭނާގެ ހަކަތަ އިތުރުކޮށްދީ، މީހާގެ ޖޯޝާއި ފޯރި އިތުރުކޮށްދެނީ ވެސް މަސައްކަތްތަކުގައި ހޭދަކުރާ ވަގުތުތަކުގަ އެވެ. އެހެންވެ ގިނައިރު ނިދުމަކީ ވެސް އެހާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށް ބުންޏެވެ.
"ދުވާލެއްގެ މައްޗަށް ދެތިން ގަޑިއިރު ނިދާލިޔަސް އަހަންނަށް ފުދޭނެ. އެކަމަކު ބައެއް ދުވަސްދުވަހު ކަމެއް ނެތިފައި ނިދާލަން އެބަލިބޭ ދިހަ ވަރަކަށް ގަޑިއިރު ވެސް. އެއީ އަހަރެން އެއްގޮތަކަށް ވެސް ގަޔާވާ ކަމެއް ނުން. އަދި އޭގެ ސަބަބުން ފޫހިކަން އިތުރުވުން ނޫން ކަމެއް ނުވޭ." ޖާންވީ ބުންޏެވެ.
އެކްޓަރު އަރުޖުން ކަޕޫރްގެ ކޮއްކޮ ޖާންވީ އަކީ މި ވަގުތު ވަރަށް ބިޒީ ބަތަލާއެކެވެ. އޭނާގެ އަތުގައި ގިނަ ޕްރޮޖެކްޓަތަކެއް ހުރި އިރު، ކޮރޯނާވައިރަހާ ހެދި މިހާރު ހުންނަން ޖެހިފައި ވަނީ މަސައްކަތްތަކާ ދުރުވެ ގޭގަ އެވެ.
"ދަޅަކް" އަށް ފަހު މިދިޔަ ޖެނުއަރީ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ގެ ރޯލެއް ވެސް ކުޅުނު ޖާންވީ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 24 އަށް ތާވަލުކޮށްފައިވާ "ގުންގަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އިންނެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޫހީ އަފްޒާނާ" އާއި "ދޯސްތާނާ 2" އާއި "ތަޚުތު" އާއި "ބޮމްބޭ ގާލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy