"ވޮންޑަ ވުމަން 2" އޮގަސްޓަށް ފަސްކޮށްފި

ޖޫން މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" އޮގަސްޓަ މަހަށް ފަސްކޮށްފި އެވެ.


އެ ފިލްމުގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ވޯނާ ބްރަދާޒް އިން ބުނީ މުޅި ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާއާ ހެދި ކުރިން ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ ޖޫން 5 އިން އޮގަސްޓް 14 އަށް ފިލްމު ފަސްކޮށްފައިވާ ކަމަށެވެ.

"ވޮންޑަ ވުމަން 1984" އަކީ 2017 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ވޮންޑަ ވުމަން" ގެ ދެވަނަ ބައެވެ. މި ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ ގަލް ގެޑޯ އެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސަން ހިމެނެ އެވެ. ޝޫޓިން ނިންމައިލުމަށް ފަހު މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި ޕޮލިޝްކުރަމުން އަންނަ "ވޮންޑަ ވުމަން 1984" އަކީ މި އަހަރު ބެލުންތެރިން އެންމެ އިންތިޒާކުރާ ފިލްމުތަކުގެ ލިސްޓްގައި ހިމެނޭ އެއް ފިލްމެވެ. މިއީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ބަޖެޓަކުން ގެނެސްދިން "ވޮންޑަ ވުމަން" އަކީ ބޮކްސް އޮފީހުގައި 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ވޮންޑަ ވުމަން 1984" އާ އެކު ވޯނާ ބްރޮސް އިން ވަނީ އިތުރު ފިލްމުތަކެއް ރިލީޒްކުރުން ވެސް މުއްދަތަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި މެއި 15 އަށް ތާވަލުކޮށްފައި އޮތް އެނިމޭޓެޑް ފިލްމު "ސްކޫބް" އާއި އޮގަސްޓް 14 އަށް ތާވަލުކޮށްފައި އޮތް ބިރުވެރި ފިލްމު "މެލިގްނަންޓް" ގެ އިތުރުން ޖޫން 26 އަށް ތާވަލުކޮށްފައި އޮތް މިއުޒިކަލް ޑްރާމާ "އިން ދަ ހައިޓްސް" ހިމެނެ އެވެ.