26 މާޗް 2020 - 07:33
ކޮއްކޮ ޝަމީތާ ޝެޓީ ބޮލީވުޑަށް ނުކުތުމުން ޖެހިލުންވި ކަމަށާއި އެންމެ ކަންބޮޑުވީ އޭނާގެ ސަބަބުން ފުރުސަތުތައް ނުލިބިދާނެތީ ކަމަށް ޝިލްޕާ ޝެޓީ ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ މަޝްހޫރު ނޫސް ޕިންކްވިލާ އިން އަލަށް ފެށި "ނޯ މޯ ސީކްރެޓްސް" ގެ ފުރަތަމަ އެޕިސޯޑްގައި މެހުމާނުންގެ ގޮތުގައި ދެބެއިން ބައިވެރިވެ ދިން އިންޓަވިއުގައި ވަނީ ފިލްމީ ކެރިއަރުގެ ވާހަކަތަކާއި ޒާތީ ދިރިއުޅުމާއި ކުޑައިރުގެ ވަރަށް ގިނަ ހަނދާންތަކެއް ވެސް ހިއްސާކޮށްފަ އެވެ.
ޝިލްޕާ ބުނީ އެންމެ ބިރުގަތް ކަމަކީ ޝަމީތާގެ ސަބަބުން ފުރުސަތުތައް ނުލިބި، އެކަހެރި ވެދާނެތީ އެވެ. އަދި އެކަންބޮޑުވުންތަކުގެ ތެރޭގައި ދުވަސްތަކެއް ވަންދެން އުޅުނު ކަމަށް ބުންޏެވެ. އެކަމަކު ކޮއްކޮ ވެސް ބޮލީވުޑް ކެެރިއަރެއް ފެށުމަކީ އުފާވި ކަމެއް ކަމަށް ބުންޏެވެ.
"އޭރު އަހަންނަށް ގަބޫލުކުރެވުނު ގޮތުގައި ޝަމީތާގެ ސަބަބުން ޑައިރެކްޓަރުން އަހަންނަށް ފުރުސަތުތައް ދިނުން ހުއްޓައިލާނެ. އެކަހަލަ އިންސިކިއުރިޓީތަކެއް ދުވަސްތަކެއް ވަންދެން ސިކުނޑިތެރޭގައި އެނބުރުނު،" ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މަސްތާންގެ "ބާޒީގަރް" އިން 1993 ގައި ޝާހްރުކް ޚާނާ އެކު ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.
ޝިލްޕާ ބުނީ ކޮންމެ މީހަކީ ވެސް އެ މީހެއްގެ ޒާތުގައި ތަފާތު މީހެއް ކަމަށާއި އެހެން މީހަކާ ހެދި ޖެހިލުންވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ފަހުން ގަބޫލުކުރަން މަޖުބޫރުވި ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވޭނީ ހުނަރާއި ބުރަ މަސައްކަތުން ކަމަށް ބުންޏެވެ.
ޝަމީތާ ބޮލީވުޑަށް ނުކުތީ ބަތަލާއަކަށް ފިލްމީ ދާއިރާ އަށް ނުކުންނަން ލިބޭނެ ހުވަފެނީ ޕްރޮޖެކްޓަކާ އެކީގަ އެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2000 ވަނަ އަހަރު ގެނެސްދިން "މުހައްބަތޭން" އިންނެވެ. އެ ފިލްމަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގެ" ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ދެވަނަ ފިލްމެވެ. ބޮޑު ކާސްޓެއް ހިމެނުނު އެ ފިލްމުގައި ރޯލްތައް ކުޅުނު ތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި އަމީތާބު ބައްޗަންގެ އިތުރުން އައިޝްވާރިއާ ރާއީ ހިމެނެ އެވެ.
އަދި ޝަމީތާ އެކު "މުހައްބަތޭން" ގައި އާ ފަސް މޫނެއް ވެސް ހިމެނުނެވެ. އެއީ އަދިތިޔާގެ ކޮއްކޮ އުދޭ ޗޯޕްޅާ އާއި ކިމް ޝަރުމާ އާއި ޖިމީ ޝެރްގިލް އާއި ޕްރިތީ ޖަންގިއާނީހެ އިތުރުން ޖުގާލް ހަންސްރާޖެވެ.
"މުހައްބަތޭން" އިން ބޮލީވުޑަށް ނުކުތް ނަމަވެސް ޝަތީމާ އަކީ މާ ރަނގަޅު ފުރުސަތުތަކެއް ލިބުނު ބަތަލާއެއް ނޫނެވެ. އަދި ކުޅޭނެ ރަނގަޅު ފިލްމުތަކެއް ނުލިބި އޭނާ ވަރަށް އަވަހަށް ބޮލީވުޑުން ގެއްލުނެވެ. ޝަމީތާ، 41، ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޒެހެރު"، "ފަރޭބް"، "ބޭވަފާ" އަދި "ކޭޝް" ހިމެނެ އެވެ.
ޕިންކްވިލާގެ އިންޓަވިއުގައި ޝަމީތާ ބުނީ އޭނާ އަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ ޝިލްޕާއާ އަޅާކިޔުން ކަމަށެވެ. އަދި އަބަދު ވެސް ގިނަ ބަޔަކު އޭނާ ސިފަކުރީ ޝިލްޕާގެ ކޮއްކޮގެ ގޮތުގައި ކަމަށް ބުންޏެވެ. އެހެންވެ އެ ސަބަބާ ހުރެ އަމިއްލަ އައިޑެންޓިޓީއެއް ހޯދަން އެތަކެއް ހުރަސްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ޝަމީތާ ބުންޏެވެ.
"ހަގީގަތުގައި މީޑިއާތަކުން ވެސް އަހަންނާ ދޭތެރޭ ކަންތައްކުރީ އެހާ އިންސާފުކޮށެއް ނޫން." އޭނާ ބުންޏެވެ.
"ބާޒީގަރް" އިން ބޮލީވުޑަށް ނުކުތުމަށް ފަހު، ޝިލްޕާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އަދި ބެލުންތެރިން އަބަދު ވެސް އެންމެ ހަނދާން ހުންނަ ހަމައެކަނި ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ.
ބޮޑު ސްކްރީނާ ދުރުގައި ހުންނަތާ 13 ވަރަކަށް އަހަރު ދެ ދަރިން ތިބި 44 އަހަރުގެ ބަތަލާ މިހާރު އަންނަނީ އެނބުރި އަންނަން ތައްޔާރުވަމުންނެވެ. އެގޮތުން ޝިލްޕާގެ އަތުގައި ދެ ފިލްމެއް އެބައޮތެވެ. އެއީ ޖޫންގައި ގެނެސްދޭ "ނިކައްމާ" އާއި އޮގަސްޓްގައި ގެނެސްދޭ "ހަންގާމާ 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާއްޓެ ދި ވާންޗޯ
27 March 2020
ވާވާވާ!
މަމި
26 March 2020
ކުރީ ދުވަހަކު ލިބެއްޖެއެއްނު ސަރޮގޭޓް މަދާއެއް ތްރޫކޮށް ދަރިއެއް.
2020
26 March 2020
1 ދަރިއެއްނޫންތަ؟