އިޝާނާއި އަަނަންޔާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް

"ކާލީ ޕީލީ" ކިޔާ ފިލްމެއްގެ މަސައްކަތުގައި މިހާރު އެއްކޮށް އުޅެމުން އަންނަ ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.


އިޝާން، 24، އަކީ އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ. އަނަންޔާ، 21، އަކީ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި، އެ ގުޅުން މިހާރު ލޯތްބަށް ފައްކާވެފައި ވަނީ "ކާލީ ޕީލީ" ގެ ސެޓުންނެވެ. ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކޮށް، މަގްބޫލް ޚާން ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަށް ނިމުމަކަށް އައިސްފައިވާ އިރު، އަނަންޔާ މިދިޔަ ހަފުތާގައި ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮރޯނާވައިރަހާ ހެދި ޝޫޓިން މެދުކަނޑާލި އިރު، ބާކީ ނަގަން ޖެހޭ އޮތީ ފިލްމުގެ އެންމެ ދުވަހެއްގެ ޝޫޓިން ކަމަށެވެ.

"ކާލީ ޕީލީ" އަކީ މި އަހަރު ޖޫން 12 ގައި ގެނެސްދޭނެ ފިލްމެކެވެ.

އިޝާނާއި އަނަންޔާ ޑައިރެކްޓަރު މަގްބޫލާ އެކު.

އިޝާނާއި އަނަންޔާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ކުރިން ވެސް އެ ދެ ތަރިންނާ އެހެން ކޯ-ސްޓާރުންނާ އަޅުވާކިޔާފައިވެ އެވެ.

އެގޮތުން އިޝާނާއި "ދަޅަކް" ގެ ބަތަލާ ޖާންވީ ކަޕޫރް ވެސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އަނަންޔާ އާއި "ޕަތީ ޕަތުނީ އޯރް ވޯ" ގެ ބަތަލު ކާތިކް އާރިޔަން ވެސް ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނުކަމުގެ އަޑުތަކެއް ވަރަށް ގަދައަށް އަރާފައިވެ އެވެ.

ނަމަވެސް މިއިން އެއްވެސް ވާހަކައެއް އެ ތަރިން އެހާ ސީރިއަސްކޮށް ނަގައިފައެއް ނުވެ އެވެ.