ވާހަކަ / ބިންމާ އިބްރާހީމް ވަހީދު

ޖިންނިއެއްގެ ޝަކުވާ

01 އެޕްރީލް 2020 - 09:53

11 comments

އާދިއްތަދުވަހާ ގުޅޭ

ހަނާ ޖަވާބެއް ނުދިނެވެ. ހިނިއައިސްފައި އޮތީއެވެ. އަނިލް ދެ ފަހަރަށް އެހީމައި ވެސް ހަނާ ޖަވާބެއް ނުދިނެވެ. އިންސާނުން ލައްވާ ކަންކަމަށް އާދޭސްކުރުވުމަކީ ޖިންނިސައިތާނުން ކުރާހިތްވާ ކަމެކެވެ. އެ މަޅީގައި އެންމެ ގިނައިން ޖެހެނީ ސިހުރުވެރީންނެވެ. އަނިލްއަކީ އެ ފަދަ މީހެއް ނޫނެވެ.

"ކަލޭ ތި ހީކުރަނީ މަ އާދޭސްކުރާނެކަމަށް؟" ހިނިއައިސްފައި އަނިލް ސުވާލުކުރިއެވެ. "އަހަރުމެންގެ ތެރެއިން ބަޔަކަށް ހީވާ ކަހަލަ ކަލޭމެންނަކީ ދެން މާ ވަރުގަދަ ބަޔެކޭ. ކަލޭމެން ދެކެ ބިރުގަންނަން ޖެހޭނޭ. ކޮންތާކު! އަހަރުމެންނަށް ކަލޭމެން ނުފެންނަކަން އެކަނި. އެއީ ވެސް ކަލޭމެންގެ މޮޅުކަމެއް ނޫނޭ. ކަލޭމެންނަށް ﷲ ދެއްވި ބާރެއް އެއީ. އަހަރުމެންނަށް ވެސް ބާރު ދެއްވިޔޭ! އެކަމަކު އޭގެ ބޭނުން ނުކޮށް ރީތިކޮށް މި ކަން ނިންމޭތޯ މި އުޅެނީ."

"ބުނަންތަ ވާހަކައެއް؟ ކަލޭ ކުރާ ކޮންމެ ސުވާލަކަށް އަހަންނަކަށް ނޯވޭ ޖަވާބުދެވޭކަށް،" ހަނާ ވާހަކަދައްކަން ފެށިއެވެ. "ސިހުރުހަދަނީ ކޮން ބައެއްކަމެއް ނުބުނެވޭނެ. އެކަމަކު އަހަރެންގެ އާއިލާ ލައްވާ އެންމެ ގިނަ ސިހުރު ބެހެއްޓީ ކޮން ތަނެއްގަކަން ބުނެފާނަން. މިތާ ކައިރީގަ މިއޮތީނު މަތިންދާބޯޓު ޖައްސާ ރަށެއް. މަ ހަނދާނެއް ނެތް އެ ރަށަށް ކިޔާ ނަމެއް. އެ ރަށާ ގުޅިފަ އޮންނަ ރަށުގަ އޮވެއެއްނު މަސް ފިހާ ދިމާއެއް. އެ ދިމާލުގެ ގަސްތަކުގެ ތެރޭގަ ހުންނާނެ ބައިވަރު ސިހުރު. އަހަރެން އެ ކަހަލަ ކަންތައް ވަރަށް ނުކުރަން. ދުރުގަ ބަލަން ހުންނަނީ. އަހަރެން ނިކަން ވޭ ވާނުވާ ބަލަން ހުންނަ ހިތް."

ޖިންނިސައިތާނުން ދައްކާ ހުރިހާ ވާހަކައެއް އަނިލް ގަބޫލެއް ނުކުރެއެވެ. ބައެއް ފަހަރު އަނިލް "އަޑުއަހަނީ" ޖިންނީން ނުދައްކާ ވާހަކައެވެ. ނުބުނަން އުޅޭ ވާހަކައެވެ. ފޮރުވަން މަސައްކަތްކުރާ ކަންތައްތަކެވެ.

"ތި ވަރުން މަށަށް ފުދިއްޖެ!" އަނިލް ބުންޏެވެ. "މިހާރު އަހަންނަށް އެނގިއްޖެ!"

"ކޯޗެއް ކަލެއަށް އެނގުނީ؟" ހަނާ އެހިއެވެ.

"ކަލޭ ބުނެބަލަ އަހަންނަށް އެނގުނީ ކޯޗެއްކަން. ކަލެޔަށް އެނގެއެއްނު ހުރިހާ އެއްޗެއް." އަނިލް ވެސް ސީދާ ޖަވާބެއް ނުދިނެވެ.

"ބަލަ ކަލެއެއްނު އިރުއިރުކޮޅާ ތި ކިޔަނީ މަށަށް އެނގިއްޖޭ މަށަށް އެނގިއްޖޭ! މަ ނުޖެހޭ ބުނާކަށް. ކަލެއަށް އެނގުނު އެއްޗެއް އެނގިފަ ހުރެދާނެއްނު! މަ ނޫޅެން ބަލާކަށް ވެސް." ހަނާ ދެއްކީ ބޭކާރު ވާހަކައެވެ.

އެ ހިސާބުން އަނިލް ވާހަކަދެއްކުން ހުއްޓައިލިއެވެ. ކިޔަވަން ފެށިއެވެ. އެ ގޮތަށް ކިޔަވަން ފަށައިފިއްޔާ ކޮޅެއްގައި ނުޖެހެނީސް އަނިލް ހުއްޓައެއް ނުލައެވެ. އިސާހިތަކު ހަނާގެ ބަނޑު ފުފެން ފެށިއެވެ. އެއީ އަލާމާތެކެވެ. ސިހުރު ހުންނަ ތަންތަން އެކި ގޮތްގޮތަށް ތެޅެއެވެ. ނުވަތަ ފުއްޕައެވެ. އަތާއި ފައިގައި ސިހުރު ހުރެއްޖެ ނަމަ މައްޗަށް ހިއްލެއެވެ. ގައި ހިރުވުމާއި، ހަށިގަނޑުގެ އެކި ދިމަދިމާއިން ހޫނުއެރުމަކީ ވެސް ސިހުރު ހުރިކަން ހާމަވާ ހެކިތަކެވެ.

"ކާކު ބަނޑުގަ އޮތީ؟" ބަނޑަށް އިޝާރާތް ކޮށްފައި އަނިލް ވަރަށް ހަރުކަށިކޮށް އެހިއެވެ. "ކާކު މީ؟"

"އެއީ އަހަރެންގެ ކޮއްކޮ!" ހަނާ ބުންޏެވެ.

އަނިލް ފެންފުޅި ނެގިއެވެ. އެކަމަކު ބަނޑަށް ފެންޖެހުމުގެ ކުރިން ހަނާ އެ ކަން ހުއްޓުވިއެވެ.

"އޭ މަޑުކޮށްބަލަ!" ހަނާ އެދުނެވެ. "ތިހެން ހަދައިފިއްޔާ ކާފަ ވަރަށް ދެރަވާނެ."

ރުޤްޔާގެ އެހާ ހިސާބަށް އައިއިރު ކާފައެއްގެ ވާހަކައެއް "ހަނާ" ނުބުނެއެވެ. އަނިލް ވިސްނައިލިއެވެ. އެއްގޮތަކީ ޖިންނީގެ ފަރާތުން ސިއްރެއް ފަޅާއެރީއެވެ. އަނެއް ގޮތަކީ އޮޅުވާލަން ވެެގެން މޮޅު އުކުޅެއް ހެދީއެވެ. އަނިޔާއިން ސަލާމަތްވާން އެހެން ދިމަދިމާއަށް ސަމާލުކަން އަނބުރައިލުމަކީ ޖިންނިސައިތާނުން އާންމުކޮށް ކުރާ ކަމެކެވެ.

"އަހަނ! މިހާރު ކާފަޔާ ޖެހުނީ؟" އަނިލް ރުޅިއައިސްފައި ބުންޏެވެ. "ދެން ތި ޖެހުނީ ކާފަ ވެސް ގެންނާކަށްނު!"

"އޭ! ކާފަ ވަރަށް ރަނގަޅުވާނެ. އޭނަ ގެންނާނެކަމެއް ނެތް،" ހަނާގެ ރާގުގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ. "މި ކަހަލަ ކަންތަކާ އޭނަ ނުވެސް ބެހޭނެ."

"ބަލަ އޭނަ ނުބެހުނަސް ކަލެއެއްނު އޭނަ މި ތަނަށް ތި ވެއްދީ،" ފެންފުޅި ބަހައްޓައިފައި ހަތިމު ނަގަމުން އަނިލް ބުންޏެވެ. "ކަލޭ ހުންނާތި ބަލަން. ކާފަ ގެނެސް މި ފަހަރު ހަމަ ބަނދެލާނީ."

"އޭ! އޭނަ ވަރަށް މުސްކުޅިވާނެ. އޭނަޔަށް އަނިޔާނުކުރައްޗޭ!" ހަނާ އެދުނެވެ. "އޭނަ ވަރަށް ރަނގަޅުވާނެ. އަހަރުމެންނަށް ވެސް ވަރަށް ހެޔޮ ނަސޭހަތް އޭނަ ދޭނީ. ދުވަހަކު ވެސް ނުބައި ނަސޭހަތެއް ނުދޭނެ."

"އެކަމަކު އޭނަ ބުނާ ބަހެއް ކަލޭ ނާހަމެއްނު،" އަނިލް ބުންޏެވެ. "އަހާ ނަމަ ކަލޭ މި ތާކަށް ގެންނާކަށް ނުޖެހުނީހެއްނު!"

ވާހަކަ ކުރިޔަށް ގެންދަން އަނިލް ބޭނުމެވެ. ހަނާއަށް ކޮށްފައިހުރި ކަމަކާއި، އެ ކަމެއް ކުރި ސަބަބު ހޯދަން އާއިލާގެ އެންމެން ވެސް ބޭނުމެވެ. އަނިލް ބޭނުންވަނީ ސިހުރު ހުރި ތަންތަނާއި މިންވަރު ހޯދާށެވެ. އެއަށް ފަހު އެ ތަކެތި ނައްތައިލާށެވެ. އެކަމަކު، އަނިލް ކަންތައްކުރީ، ޖިންނިސައިތާނާޔާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ނެތްހެން ހީވާ ގޮތަށެވެ. ވީހާ ވެސް ކުރު ޖަވާބެއް ދިނުމަށް ފަހު އަނިލް އަނެއްކާ ވެސް ފެށީ ކިޔަވާށެވެ.

"ކުޑަކޮށް ބަސްއަހަމޭ! އަހަރުމެންގެ އާއިލާ އުޅޭނީ އެއްކޮށް. އެހެންވީމަ އެކަކު ވެސް އަނެކަކަށް ދެރައެއް ނުދޭނެ." ހަނާ ބުންޏެވެ.

"އެކަމަކު ކަލޭ އިންސާނުންނަށް ކިހާ ބޮޑު ދެރައެއް ތި ދެނީ،" ތަންކޮޅެއް ހަރުކަށިކޮށް އަނިލް ބުންޏެވެ. "މިހާރު ވެސް ސިހުރަކާ ހަވާލުވެގެނެއްނު ކަލޭ ތި އުޅެނީ. ބުނެބަލަ ނޫނެކޭ."

"އޭ! މަ ހަވާލުވި އެއްޗެއް ބަނޑަކު ނުހުންނާނެ،" ތަންކޮޅެއް ނިކަމެތިވެފައި ހަނާ ބުންޏެވެ. "އެއްވެސް ދޮގަކާ ނުލާ މި ބުނީ."

"ދެން ކޯޗަކާ ކަލޭ ހަވާލުވީ؟" ކުރިން ވެސް އެހި ރާގުގައި އަނިލް ސުވާލުކުރިއެވެ. "މިހާރު އަހަންނަށް އެނގިއްޖެ ބަނޑުގަ ހުރީ ކަލޭ ކޮއްކޮ ހަވާލުވި ސިހުރުކަން."

"އާނ! އެއީ ކޮއްކޮގެ ކަންތައް. މަ ނުޖެހޭނެ އެކަމާ ޒިންމާވާކަށް،" ބޮލުންނައްޓައިލަން ހަނާ މަސައްކަތްކުރިއެވެ. "ނޫންތަ؟"

"މައްސަލައެއް ނެތް!" ކިޔެވުން މެދުކަނޑައިލައިފައި އަނިލް ބުންޏެވެ. "ކަލޭ ރައްކާވޭ! ކޮއްކޮޔާ ދެން އަހަރެން ވާހަކަދައްކާނީ. އޭނަ އެބަ އިނެއްނު އަޑުއަހަން. އަހަރެންގެ އަޑު އޭނައަށް އިވޭނެ. ހަމަ މިހާރު ބަނޑުގަ ހުރި އެއްޗެހި ނަގާ!"

ކުއްލިއަކަށް ހަނާގެ ހަރަކާތްތައް ބަދަލުވިއެވެ. ދެ ލޯ ހުޅުވައިލިއެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސައިލިއެވެ. ކުޑަކުދިން ޖައްސާ ކަހަލަ މަޖާ ވައްތަރެކެވެ. އަދި ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ.

"އޭ! މަ ނުޖެހޭ ކަލޭ ބުނާހާ ގޮތެއް ހަދާކަށް،" ގޮތްދޫ ނުކުރާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ. "އަހަރެންގެ ދައްތައަށް ކަލޭ ބިރުދެއްކިޔަސް އަހަންނަކަށް ނުދެއްކޭނެ."

"މިހާރު ތި އެނގުނީނު އެއީ ދައްތައެއްކަން،" އަނިލް ވަގުތުން ބުންޏެވެ. "އޭނައަށް ކިތައް އަހަރު؟"

"ކަލެއަށް ހީވޭތަ މަ ބުނާނެހެން؟" ޖެއްސުމުގެ ރާގަކަށް ހަނާ ބުންޏެވެ. "ކަލޭ ތީ ކާކު އަހަންނަށް އަމުރުކުރަން؟"

"މައްސަލައެއް ނެތް!" އަނިލް ބުންޏެވެ. "ބަނޑުގަ ހުރި އެއްޗެހި ނަގާ!"

"އަހަނ! އަނެއްކާ ވެސް އަމުރުކުރީޔޭ!" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "ނުނަގާނަން!"

"ނަގަންޖެހޭނީ!" އަނިލް އަމުރުކުރިއެވެ. "އެ ނޫން އެއްވެސް ގޮތެއް ކަލެޔަކަށް ނޯންނާނެ."

"ތި ފާޑަށް ބުނެގެން ނުޖެހޭނެ ނަގާކަށް،" ހަނާ އެއްބަހެއް ނުވިއެވެ. "ކަލޭ ތަންކޮޅެއް ރީތިކޮށް ބުނެފިއްޔާ.."

"ނުޖެހޭ ރީތިކޮށް ބުނާކަށް. ކަލެއަށް ހީވޭތަ ކަލޭ ދެކެ މަ ބިރުގަންނާނެހެން؟ ދެން އިނދެބަލަ ނުނަގާ!" އަނިލް އަނެއްކާ ވެސް ކިޔަވަން ތައްޔާރުވިއެވެ. "މަ ބަލައިލާނަން ކަލެޔަށް ކިހާ އިރަކު ތިހެން އިނދެވޭތޯ!"

ހަނާ ވަކި އެއްޗެއް ނުބުނުމުން އަނިލް ކިޔަވަން ފެށިއެވެ. އެ ފަހަރު ކިޔެވީ ސިހުރު ބާތިލަށެވެ. ގާތްގަނޑަކަށް ފަންސަވީހަކަށް މިނެޓު ވަންދެން ހަނާ ކެތްކޮށްލައިގެން އިނެވެ. އެކަމަކު ހަނާގެ މޫނުމަތިން އަނިލްއަށް ފެންނަމުންދިޔައީ އޭނަ ބަލިކަށިވަމުންދާ ތަނެވެ. ކެތްކުރަން އުޅެ އެ ކަން އޭނައަށް ނާކާމިޔާބުވަމުންދާ ތަނެވެ.

"އޭ! ކަލެއަކަށް ލަހެއް ނުވޭތަ؟" ކުއްލިއަކަށް ހަނާ އެހިއެވެ.

"މަށަށް ލަސްވޭތޯ ކަލޭ ބަލަންޖެހޭތަ؟" ހަނާއަށް ނުވެސް ބަލާ އަނިލް ސުވާލުކުރިއެވެ.

"ބަލަ ކަލޭ ފުރަންޖެހެއެއްނު!" ހަނާ ހަނދާންކޮށްދިނެވެ.

"ހަނާ" ބުނީ ތެދެކެވެ. ކިޔެވުން ނިންމާ ގޮތަށް އަނިލް ފުރަންޖެހެއެވެ. އަދާކުރާ ވަޒީފާގެ ގޮތުން އަނިލް އިރުއިރުކޮޅާ ތަންތަނަށް ފުރަންޖެހެއެވެ. ގިނަ ވަގުތު ކަނޑުމަތީގައި އުޅެންޖެހެއެވެ.

"އެއީ ކަލެޔާ ބެހޭކަމެއްތަ! ނުބެހޭ ކަންތަކާ ނުބެހި އިނދޭ!" އަނިލް ޖަވާބުގައި ބުންޏެވެ.

"ހައްތާ ވެސް ކަލެޔަށް ރަނގަޅަކަށް،" ހަނާ ބުންޏެވެ. "ފަހަރެއްގަ ހަނދާންނެތިފަ ވެސް ހުރެދާނެތީ."

އެކި ވާހަކަދައްކައިގެން އަނިލްގެ ކިޔެވުން މެދުކަނޑާލަނީ ޖިންނިސައިތާނާއަށް ލިބެމުންދާ ވޭނުން ލުޔެއްހޯދާށެވެ. އެ ފުރުސަތު ދޭކަށް އަނިލް ބޭނުމެއް ނޫނެވެ. ވީމާ، އަނެއްކާ ވެސް ކިޔަަވަން ފެށިއެވެ.

"ހޫނހޫނ! ހުއްޓާލާ!" ހަނާ ހަތަރެސްފައިން ގޮވަންފެށިއެވެ. "މަ ނަގާފާނަމޭ! މިރޭ ކިޔެވުންގަނޑު ހުއްޓާލާކަށް ވެސް ނޫޅުނޭ!"

"އަވަސްކުރޭ!" އަނިލް އެދުނެވެ. "ދެން ނެތް މާ ގިނަ ވަގުތު ދެވޭކަށް."

"ހަމަ ނަގަންވީ؟" ހަނާ އެހިއެވެ. "ކުޑަ އެތިކޮޅެއް ބެހެއްޓިޔަސް އެންމެ ރަނގަޅުތަ؟"

"އުހުނ! އެތިފުކެއް ވެސް ނުބޭއްވޭނެ!" އަނިލް އެއްބަހެއް ނުވިއެވެ. "ހަމަ އެއްކޮށް ނަގަންޖެހޭނީ. އަވަސްކުރޭ! އެހެން ނޫނީ.."

"މައިތިރިވެބަލަ!" ހަނާ ބުންޏެވެ. "ވަގުތުކޮޅެއް ލިބިގެން ދޯ މަށަށް ވެސް އެ ކަން ވާނީ."

އިރުކޮޅަކެއް ވަންދެން ހަނާ އެއްޗެއް ނުބުނެ އިނެވެ. އެކަމަކު ހަށިގަނޑު އެގޮތްމިގޮތަށް ހަރަކާތްކުރިއެވެ. މޫނުމައްޗަށް ވައްތަރުތަކެއް ޖެއްސިއެވެ. ހީވީ ހަނާގެ ހަށިގަނޑު ތެރޭގައި ކޮންމެވެސް ކަމެއް ހިނގާހެންނެވެ. ދެން ހަނާ ބަލަން ފެށީ ހަނާގެ ބަނޑަށެވެ. އަދި ބަނޑުން ފެށިގެން އެނދުމަތިން ގޮސް ތަޅުންގަނޑަށް ނަޒަރު ހުއްޓައިލިއެވެ. ހީވަނީ ބަނޑުން ނުކުތް އެއްޗެއް ތިރިއަށް ފޭބިހެންނެވެ. ދެން ފާރަށް ބަލަމުން އިސްއުފުލަމުން ހުޅަނގު ދެކުނު ކަނަށް ނަޒަރު ހުއްޓައިލިއެވެ. އިރުކޮޅެއް ވަންދެން މައްޗަށް ބަލަހައްޓައިގެން އިނެވެ.

ނުނިމޭ

11 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 29%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅި

02 April 2020

ހަމަ ވަރަށް އަސްލު, ވަރަށް ސަޅި. މިކަހަލަ ވާހަކަ ކިޔޭނީ މިފަދަކަމެއް ހިނގާގޮތް އެނގޭ ވަރަށް ކެއްތެރިންނަށް.

The name is already taken The name is available. Register?

އަނީލް

02 April 2020

އަނީލް އަކީ ލެޖެންޑް އެއްނު.. އަނީލް ވަރުގެ މީހެއް ނެތް.. އަނީލް ކުޑަ ބޮލުން ކުޅެނީ..

The name is already taken The name is available. Register?

ހައްވޫ

01 April 2020

މި ބައިތައް ދިގު ދަންމާތީ މަވެސް ދުވަސްކޮޅަކުން ޖިންނި މޮޔަވެދާނެހެން ހީވަނީ، ޕލޒ ބިންމާ މިހާރު ފަސް އެޕިސޯޑު މިނިމުނީ ހަމަ އެކައްޗެއް ތަކުރާރު ވާތާ. ޖިންނި ރުޅި އައިސްފާނެ، ދޮގު ހަދާފާނެ، ޖެއްސުންކޮށްފާނެ، ދެން އަނިލް ފެން މަތުރާލަފާނެ، ކިޔަވަފާނެ، ސުވާލެއްކޮށްލަފާނެ. ސޭމްތިންގް ރިޕީޓެޑް... ލައިކް އެ ނެވާރ އެންޑިންގް ސާކަލް.

The name is already taken The name is available. Register?

ދެރަ

01 April 2020

އާޅެ ތިޔަ ރުގުޔާ ތިޔަގޮތަށް ހައަރުވަންދެން ކިޔާވަރަށްވެސް ވާހަކަ ދިގުކުރެވިދާނެ. ފޫހި

The name is already taken The name is available. Register?

Mohamed

01 April 2020

ރީތި އިނގޭ!! އެބުނާހެން ތަންކޮޅެއް ކުރީ ގެނެސްދޭވަރު..

The name is already taken The name is available. Register?

ކުރަަފަތްބޭބެ

01 April 2020

ޔޭ މަ ފަސްޓް

The name is already taken The name is available. Register?

ސްނޯ

01 April 2020

މަޖާވެފަ ރީތި. އެކަމަކު ދެން ދިގުކޮށްލަދީބަލަ...މި ހާރު ރުޤްޔާ ކުރާތާ ކޮންދުވަ ހެއް

The name is already taken The name is available. Register?

ޢައިމިނަ

01 April 2020

ޙާސަރު ދިގުކަމުން ފޫހި

The name is already taken The name is available. Register?

އަލީ ބާާބާ 2

01 April 2020

ތަންކޮޅެއް ދިގު ކޮށްލަދީބަލަ ބިންމާ.

The name is already taken The name is available. Register?

ފަސްޓު

01 April 2020

ޔޭ...މަ ފަސްޓު

The name is already taken The name is available. Register?

ވައި ނޮޓް ކޮކޮނަޓް

01 April 2020

އަސްލުވެސް ޔޫ ފަސްޓް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454