13 އެޕްރީލް 2020 - 08:38
ފިލްމުތަކުން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން މިހާރު ހިފަން ތައްޔާރަށް ހުރި ކަމަށް މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުވި އިންޑިއާގެ އެކްޓަރު މިލިންދު ސުމަން ބުނެފި އެވެ.
އެމްޓީވީން ދާދި ފަހުން ނިންމައިލި "އެމްޓީވީ ސުޕަ މޮޑެލް އޮފް ދި އިޔާ" ގައި ޖަޖްކަން ވެސް ކުރި އެކްޓަރު ބުނީ އެކްޓިން އަށް މިހާރު އޭނާ ވަރަށް ގިނަ ވަގުތު ދެވެން އެބައޮތް ކަމަށެވެ. އެހެންވެ ފިލްމުތަކުންނާއި ވެބް ސީރީޒްތަކުން ވެސް ލިބޭ ކިތަންމެ ކުޑަކުޑަ ރޯލަކަށް ވެސް އެއްބަސްވާން ތައްޔާރު ކަމަށް ބުންޏެވެ.
"އެކަމަކު އެ ރޯލަކީ އަހަރެން ކުޅެން ގަޔާވާ ކަހަލަ ރޯލަކަށްވާން ޖެހޭނެ. އަބަދު ވެސް އަހަރެން ޕްރޮޖެކްޓަކަށް އެއްބަސްވަނީ ކަމުދާ ކަހަލަ ރޯލެއް ލިބިއްޖެ ނަމަ،" މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މެރަތަންއެއްގައި ވެސް ބައިވެރިވި މިލިންދު ބުންޏެވެ. "އަހަންނަށް މިހާރު އެކްޓިން އަށް ވަގުތު ދެވެން އެބައޮތް. އެގޮތުން މިހާރު ވެސް އެއްވެސް ދައްޗަކާ ނުލައި ސަތޭކަ ދުވަސް ދެވިދާނެ."
މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް ނަމަވެސް މިލިންދަކީ މާ ރަނގަޅު ފުރުސުތަކެއް ލިބުނު މީހެއް ނޫނެވެ. އަދި އޭނާ ގިނައިން ކުޅެފައި ހުރީ ވެސް ސަޕޯޓިން ރޯލްތަކެވެ. މި ފަހުން މިލިންދު ބޮޑު ސްކްރީނުން ފެނުނު ފިލްމުތަކަކީ 2017 ގައި ސައިފް އަލީ ޚާން ކުޅުނު "ޝެފް" އާއި 2015 ގައި ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން "ބަޖިރާއޯ މަސްތާނީ" އެވެ.
އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި 2012 ގެ "ޖޯޅީ ބްރޭކާޒް" އާއި 2007 ގެ "ބޭޖާ ޕްރައި" ގެ އިތުރުން 2000 ގެ "ތަރްކީބް" ހިމެނެ އެވެ.
މިލިންދު، 54، ގެ އެންމެ ފަހުގެ މަސައްކަތަކީ މިދިޔަ ޖެނުއަރީ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ސީރީޒް "ފޯ މޯ ޝޮޓްސް ޕްލީޒް" ގެ ފުރަތަމަ ސީޒަނެވެ. އޭގައި އޭނާ ކުޅެފައި ވަނީ އާމިރު ވަރްސީ ކިޔާ އަންހެނުންގެ ޑޮކްޓަރެއްގެ ރޯލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy