14 އެޕްރީލް 2020 - 07:39
އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ބީޓްލްސް" ގެ މެމްބަރު ޕޯލް މެކާޓްނީ އަތުން ލިޔުނު ޅެމެއް ނީލަމެއްގައި 910،000 ޑޮލަރަށް ހުކުރު ދުވަހު ވިއްކާލައިފި އެވެ.
އޮކްޝަން ހައުސް ޖޫލިއަންސް އޮކްސްޝަންސް އިން "ދަ ބީޓްލްސް އޮކްޝަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ނީލަމުގައި ބޮޑު އަގަކަށް ވިއްކައިލީ 1968 ގައި ނެރުނު ލަވަ "ހެއި ޖޫޑް" ގެ ޅެމެވެ. ބޮޑު އަގެއްގައި ޅެން ވިކުނު އިރު، އެއީ އެ ނީލަމުގައި ވިއްކައިލަން ހުޅުވައިލި އަގަށް ވުރެ ހަ ގުނަ ބޮޑު އަގެކެވެ. ކުރިން ލަފާކޮށްފައި އޮތީ ޅެން 160،000-180،000 ޑޮލަރާ ދެމެދުގެ އަގަކަށް ވިއްކައިލެވޭނެ ކަމަށެވެ.
SOLD for $910,000! Handwritten lyrics to the 1968 Beatles hit “Hey Jude” written by Paul McCartney in black felt pen and used in studio for recording.
— Juliens Auctions (@JuliensAuctions) April 10, 2020
Sold today in our special "All Beatles" live auction at https://t.co/sIaddGvvQg.#TheBeatles #JuliensAuctions #Auction pic.twitter.com/fxnN6NgpKm
ބީޓްސްލް ރޫޅުނުތާ 50 އަހަރާ ދިމާކޮށް ބޭއްވި ނީލަމުގައި ވަނީ ބޭންޑްގެ އިތުރު ތަކެތި ވެސް ވިއްކާލައިފަ އެވެ. އޭގެ ތެރޭގައި ގިޓަ އާއި އޮޓޯގްރާފް ހިނަމާފައިވާ ގިނަ އަދަދެއްގެ ތަކެއްޗާއި ލަވަހޮޅި އަށް ލައްވާ ޑިސްކް ފަދަ އެއްޗެހި ހިމެނެ އެވެ.
ނީލަމުގައި ވިއްކައިލި އަތުން ލިޔެފައިވާ "ބީޓްލްސް" ގެ ޅެމަކީ އެ ބޭންޑްގެ ބާނީ އަދި އެއް ލީޑް ވޯކަލިސްޓްގެ ތެރޭގައި ހިމެނުނު ޖޯން ލެނަންގެ ކައިވެނި ރޫޅުމާ ގުޅިގެން އޭނާގެ ފިރިހެން ދަރިފުޅަށް ލިބުނު ހިތްދަތިކަމަށް ޝިފާއެއް ހޯދައި ދިނުމުގެ ގޮތުން މެކާޓްނީ، 72، ލިޔުނު ލަވައެކެވެ. ލެނަން ވަނީ އުމުރުން 40 އަހަރުގައި 1980 ގައި މަރާލައިފަ އެވެ.
ޅެމުގެ ނަމަކަށް އެންމެ ފުރަތަމަ ހަމަޖެއްސީ ލެނަންގެ ފިރިހެން ދަރިފުޅު އަދި މިހާރު އުމުރުން 57 އަހަރުގެ ޖޫލިއަން ޖޯން ޗާލްސް ލެނަންގެ ނަމާ ގުޅުވައިގެން "ހެއީ ޖޫލްސް" އެވެ.
ފަހުން "ހެއި ޖޫޑް" ގެ ނަން ދީގެން ނެރުނު އެ ލަވަ އަކީ ގްރެމީ އެވޯޑްސްގައި ވެސް އެތައް ނޮމިނޭޝަނެއް ލިބުނު ލަވައެކެވެ. އޭގެ ތެރޭގައި ރިކޯޑް އޮފް ދި އިޔާ، ސޯންގް އޮފް ދި އިޔާ އަދި ބެސްޓް ޕޮޕް ޕަފޯމަންސް ބައި އަ ޑުއޯ ހިމެނެ އެވެ.
މިއުޒިކް ދުނިޔޭގައި އެންމެ ވިދައިލި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ "ބީޓްލްސް" އަކީ 1960 ގައި ވުޖޫދަށް އައި ބޭންޑެކެވެ. އަދި އެ ބޭންޑްގެ ރަން ޒަމާން 1970 އާ ހަމައަށް ކުރިއަށް ދިޔަ އެވެ. ބޭންޑްގެ މައި ހަތަރު މެމްބަރުންނަކީ މެކާޓްނީ އާއި ލެނަން އާއި ޖޯޖް ހެރިސަންގެ އިތުރުން ރިންގޯ ސްޓާ އެވެ. މި ހަތަރު މެމްބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ މެކާޓްނީ އާއި ރިންގޯ އެވެ.
"ބީޓްލްސް" އިން މިހާތަނަށް މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވެ އެވެ. ބޭންޑުން ނެރުނު ސްޓޯޑިއޯ އަލްބަމްތަކުގެ އަދަދު 23 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމީރު
14 April 2020
މީހުންގެ ލަވަތަކަށް އަޅުދާސްތުވެފަ