ޕްރިޔަދަރްޝަން.
29 އެޕްރީލް 2020 - 08:52
އޮގަސްޓް މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ކޮމެޑީ ފިލްމު "ހަންގާމާ 2" ބޮލީވުޑްގެ ތިން އެކްޓަރަކު ގަބޫލުނުކޮށް، ދޫކޮށްލުމުން ޑައިރެކްޓަރު ޕްރިޔަދަރުޝަން އެ މީހުންނަށް ރައްދު ދީފި އެވެ.
އެ ތިން އެކްޓަރަކީ އަޔޫޝްމަން ކްރާނާ އާއި ކާތިކް އާރިޔަންގެ އިތުރުން ސިދާތު މަލްއުތުރާ އެވެ. އެ ތިން މީހުން ވެސް ފިލްމު ގަބޫލުނުކުރުމުން އެ ރޯލް ފަހުން ދިނީ މިދިޔަ އަހަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް ގެނެސްދިން "މަލާލް" އިން ބޮލީވުޑަށް ތައާރަފުކުރި މީޒާން ޖެފްރީއަށެވެ. އޭނާ އަކީ މަޝްހޫރު އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި، ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޕްރިޔަދަރުޝަން ބުނީ ކާތިކާއި އަޔޫޝްމަންގެ އިތުރުން ސިދާތަށް ފިލްމު ނެރޭޓްކޮށް ދިނުމުން އެ މީހުން ފިލްމު ގަބޫނުކުރީ އޭނާގެ ފެންވަރާ މެދު ސުވާލު އުފައްދާތީ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ސީދާ އެ މީހުންނާ ބައްދަލުކޮށްފައެއް ނޫން ހަންގާމާ 2 ނެރޭޓްކޮށް ދިނީ. އަހަރެންގެ ޓީމުން ތިން މީހުންނަށް ވެސް ފިލްމު ނެރޭޓްކޮށް ދިނީމަ ވަނީ ގަބޫލުކުރަން އިންކާރުކޮށްފައި. ގަބޫލުކުރެވޭ ގޮތުގައި އެއިން އެއްވެސް އެކްޓަރަކު ފިލްމަށް އެއްބަސްނުވީ އަހަރެން ހިންދީ ސިނަމާއާ ދުރުގައި ހުންނަތާ ފަސް ވަރަކަށް އަހަރުވެފައިވާތީ އަހަންނަކީ މިހާރު އައުޓްޑޭޓްވެފައި ހުރި ޑައިރެކްޓަރެއް ކަމަށް ބަލާފައި،" ބޫލް ބުލައްޔާ އާއި ހަލްޗަލް އަދި ހީރާ ޕޭރީ ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
އޭނާ ބުނީ ތިން އެކްޓަރަކު "ހަންގާމާ 2" އަށް އެއްބަސް ނުވިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި މީޒާނަކީ ވެސް ވަރަށް އުންމީދީ ހުނަރުވެރި އެކްޓަރެއް ކަމަށެވެ.
"އަދި އަހަންނަކީ އެއް އިރެއްގައި ވެސް ވަކި ބަޔަކު ފިލްމު ގެންނަން މަސައްކަތްކުރާ މީހެއް ވެސް ނޫން. ކެރެކްޓާތަކަށް ފިޓްވާ ތަރިން ހޯދަން އަހަރެން މަސައްކަތްކުރަނީ. އަހަންނަކީ އެއް އިރެއްގައި ވެސް ތަރިންގެ ފަހަތުން ސޮއި ހޯދަން އާދޭސްކުރަމުން ދުވާ މީހެއް ނޫން." ޕްރިޔަދަރްޝަން ބުންޏެވެ.
އޭނާ ބުނީ "ހަންގާމާ 2" ގެ މަސައްކަތްކުރިއަށްދާ ގޮތާ ދޭތެރޭ ވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް މި ވަގުތު ކޮރޯނާވައިރަހާ ހެދި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުންޏެވެ.
"މިހާރު ފިލްމުގެ އަށްޑިހަ ޕަސަންޓް އޮތީ ނިމިފައި. ބާކީ އޮތީ ލަވައަކާ ދެތިން މަންޒަރެއްގެ ޝޫޓިން. އެއީ ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަހުގެ މަސައްކަތް." ޕްރިދަރްޝަން ބުންޏެވެ. "ކޮރޯނާވައިރަސް ލައިނުގަތް ނަމަ ފިލްމުގެ ޝޫޓިން މިހާރު އޮންނާނީ އެއްކޮށް ނިމިފައި."
"ހަންގާމާ 2" އަކީ 2003 ގައި އަކްޝާ ކަންނާ އާއި ރިމީ ސެން އާއި އަފްތާބް ޝިވްދަސާނީ އަދި ޕަރޭޝް ރާވަލްއާ އެކު ގެނެސްދިން "ހަންގާމާ" ގެ ދެވަނަ ބައެވެ. ޕްރިޔަދަރްޝަން ބުނީ ދެ ވަނަ ފިލްމު ކުރީ ފިލްމަށް ވުރެ މާ މަޖާވާނެ ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.
މީޒާނާ އެކު "ހަންގާމާ 2" ގެ ކާސްޓްގައި ހިމެނެނީ ޕްރަނީތާ ސުބާޝް އާއި ޕަރޭޝްގެ އިތުރުން ޝިލްޕާ ޝެޓީ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އޮގަސްޓް 14 ގަ އެވެ.
ޕްރިޔަދަރްޝަން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ރިލީޒްކުރުން ފަސްކޮށްފައިވާ މަލަޔާޅަމް ފިލްމު "މަރައްކަރް: ލަޔަން އޮފް ދި އެރޭބިއަން ސީ" އެވެ. މޯހަން ލާލް ރޯލްް ކުޅެފައިވާ މި ފިލްމަކީ ތާރީހީ ހަނގުރާމަ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy