17 މެއި 2020 - 10:06
ބުދަ ދުވަހާ ގުޅޭ
"އޭ ﷲ ގެ ޢަދުއްވާ!" އަނިލް ވަރަށް ހަރުކަށިކޮށް ބުންޏެވެ. "ވާހަކަދައްކާ!"
"ނުދައްކާނަން!" ވަރަށް ރުޅިއައިސްފައި ހަނާ ޖަވާބުދިނެވެ.
ވާހަކަ ނުދައްކަން އަޒުމުކަނޑައަޅައިގެން ހުރި ޖިންނީގެ ސާބިތުކަން ގެއްލުނެވެ. ކޮންމެ ފަހަރަކު ވެސް އެ ހިސާބަށް ދިޔައިމަ އެއްޗެއް ނުބުނެ ހުރުމަކީ ޖިންނިސައިތާނުންނަށް އުނދަގޫކަމަކަށް ވެއެވެ. އެއީ މުސްލިމުންނާ މެދު ޖިންނި ސައިތާނުންގެ ކިބައިގައި އޮންނަ އަދާވާތްތަތެރިކަން ބޮޑުކަމުން ވާ ގޮތެކެވެ.
"އަހަނ! އެހެން ބުނީމަކާ ނޯވެވުނު ދޯ!" މަލާމާތުގެ ރާގެއްގައި އަނިލް ބުންޏެވެ. "ގައިމު ބުނި ބޮޑު ފަރުބަދަޔަކަށް ވުރެ ކަލޭ އިސްކޮޅުން ބޮޑޭ. އެކަމަކު މަ މިހިރަ ކުޑަކުޑަ އިންސާނާ ކުރިމަތީގަ ކަލޭ މުޅިން ހަފުސް ވެއްޖެއްނު!"
ތިމާ ބޭޒާރުވުމުން ޖިންނީގެ ހިތުގައި ރޯވި އަލިފާންގަނޑު އިހުނަށް ވުރެ ބޮޑުވި ކަހަލައެވެ.
"ކަލޭމެން އިންސާނުންނަކީ ހާދަ ބޮޑާވާ ބަޔެކޭ ދޯ؟" ހަނާ ބުންޏެވެ.
"އެއީ އަހަރުމެން ބޮޑާވުމެއް ނޫނޭ!" އަނިލް ނިކަން ރަނގަޅަށް ވިސްނައިދިނެވެ. "ކަލެއަށް ވެސް އެނގޭނެ ކަލޭމެންނަކީ އެއްވެސް ސިފައެއްގަ ތިބޭ ބައެއް ނޫންކަން. ކަލޭމެން އުފެއްދެވީ ދުން ނާރާ އަލިފާނުން. އެ އިރެއްގަ ހިތަށްއެރި ސިފަޔަކަށް ކަލޭމެންނަށް ބަދަލުވެވޭނެ. ކަލޭމެން އުފެއްދެވި ގޮތް ނުލާހިކު ސާފުކޮށް އޮތީ އަންގަވާފަ. وَخَلَقَ الۡجَآنَّ مِنۡ مَّارِجٍ مِّنۡ نَّارٍ. އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ. އެހެންވެ އަހަރުމެންނަށް އެނގެނީ."
އަނިލް ބުނި އެއްޗެއްގެ ސަބަބުން އެ ޖިންނިއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ނުވަތަ އެ ވާހަކަ އަޑުއަހަން ޖިންނިއަށް ވަރަށް އުނދަގޫވިހެން އަނިލްއަށް ހީވިއެވެ. ހަނާގެ ނިތްކުރިޔަށް އެރި ރޫތަކުންނެވެ.
"ތީ ކާކު ކަލެއަށް ކިޔައިދިން އެއްޗެއް؟" ހަނާ ސުވާލުކުރިއެވެ.
"އަހަރުމެންނާ ކަލޭމެން ވެސް އުޅެންވީ ގޮތް އެންގެވި ފޮތުގަ އެހެން އޮތީ،" އަނިލް ޖަވާބުގައި ބުންޏެވެ. "ޤުރުއާނުގަ. ކަލެޔަށް އެ ވަރު ވެސް ނޭނގޭތަ؟"
"އާނ! މަ އަޑެއް ނާހަން." ހަނާގެ އަޑުގައި ވެސް ވަނީ ހައިރާންކަމެވެ.
އިސްލާމްދީނާ ބެހޭ ގޮތުން ޖިންނީގެ ހިތުގައި ސުވާލު އުފެދުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. އަނިލް ދުށީ އެއީ ހެޔޮ ފާލެއް ކަމުގައެވެ. ސުވާލެއް އުފެދިގެން މެނުވީ އިތުރު ހޯދުންތަކަކަށް ޖާގައެއް ނުލިބޭނެތީއެވެ.
"އެހެންވީމަ ތިއިން ވެސް އެނގޭ އެއްޗަކީ ކަލޭގެ ދިރިއުޅުން ކިހާ ބޭކާރުކަން،" ފުރުސަތުގެ ބޭނުންހިފައިފައި އަނިލް ބުންޏެވެ. "އުމުރުގެ ދުވަސްތައް ތި ދިޔައީ އެއްވެސް ބޭނުމެއް ނުހިފި. އެ ވަރު ނޭނގެންޏާ އޭގެ މާނައަކީ ކަލެއަށް އެކައްޗެއް ވެސް ނޭނގެޔޭ. ހިތުން ތިމާ ވަރުގެ ބާރު ގަދަ މަޚުލޫގެއް ނެތިގެން އުޅޭކަށް އަދި ނުވެއެއްނު!"
"އާނ!" ހަނާ އެއްބަސްވިއެވެ. "އެ ގޭގަ އަހަރުމެން އުޅެނީ. އެ ގެޔަކުން އަހަރުމެން ނުނިކުންނަން. ކޮންމެވެސް ބަޔަކު ބުނެގެން މި ތަނަށް ވެސް މި އައީ."
"ކީއްކުރަން ކަލޭ މި ތަނަށް އައީ؟" އަނިލް ސުވާލުކުރިއެވެ.
"ކަލޭ ކައިރިޔަކު ނުބުނާނަން،" ހަނާ އިންކާރުކުރިއެވެ. "އެހެން ނޫނަސް ކަލެޔަކީ ދެން މާ ގިނަ އެއްޗެހި އެނގޭ މީހެއްނު. އަހަރުމެން އުޅޭ ގޮތަކަށް އުޅެން ބައިތިއްބާ! ކަލޭ ހީކުރަނީ ކަލޭ ފެންޖެހީމަ މަށަށް ކަމެއް ނުވާކަމަށްތަ؟ މަގޭ މޫނު މިހާރު ވެސް މިހިރީ ޗަސްވެފަ. މަ ރަނގަޅެއްނު ކަލެޔާ ވާހަކަދައްކާކަން ވެސް."
އަނިޔާ ނުކުރަން އަނިލް މަސައްކަތް ކުރިއެވެ. އެހެން ގޮތެއް ނެތިގެން މަޖުބޫރުވީއެވެ.
"ވަރަށް ދެރަކޮށް ތިވީ،" ވިސްނައިދޭ ރާގެއްގައި އަނިލް ބުންޏެވެ. "ކިހާ ވަރަކަށް މަ ބުނިން ކަލޭމެންނަށް އަނިޔާވާނޭ. ރީތިކޮށް ދާށޭ. ކިތައް ފުރުސަތު ދިނިން؟ މި ތާ ތިބެން ކަލޭމެންނަށް ކާކު މަޖުބޫރުކުރަނީ؟ ބުނެބަލަ! ކާކު ބުނެގެން ކަލޭމެން ގަދަ ފައި ވިއްދައިފަ ނުދާން ތި އުޅެނީ؟"
"އެއީ މި ތާ ސިހުރެއް ހަދާފަ ހުރީމަ." ބުނަން ނުބުނަން ކަހަލަ ގޮތަކަށް ހަނާ ބުންޏެވެ.
"އެހެންތަ؟" އަނިލް ހިތްހަމަނުޖެހިފައި ބުންޏެވެ. "މިހާރުތަ ކަލެއަށް އެނގުނީ ތި ވާހަކަ ބުނަން؟ ކަލޭމެން ދެކޭ ގޮތުގަ ތަޅާ އަނިޔާކުރީމަ ނޫނީ އެއްޗެއް ބުނެދީގެން ނުވާނެ. ކަލޭމެންނަށް އަހަރެން ނަސޭހަތް ނުދެންތަ؟ އިންޒާރެއް ނުކުރަންތަ؟ ދާން ފުރުސަތެއް ނުދެންތަ؟"
"ކަލޭ ތި ހުރިހާ ކަމެއް ވެސް ކުރި." ހަނާ އެއްބަސްވިއެވެ.
ރުޤްޔާއަކީ ޖާދޫއެއް ނޫނެވެ. ބުރަ މަސައްކަތެކެވެ. ދޫ ދޭން ޖެހޭ ތަންތަނުގައި ދޫ ދީފައި، ވާންކުރަން ޖެހޭ ވަގުތު ފިސާރި ވާން ވެސް ކުރަންޖެހެއެވެ. ކެތްތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އަނިލްއަކީ އެ ކަމުގެ މާހިރެކެވެ.
"އެހެންވީމަ މަ ކުރަންޖެހޭ ހުރިހާ ކަމެއް މަ ކުރީމެއްނު!" އަނިލް ހަނދާންކޮށްދިނެވެ. "ދެން ކީއްވެ ކަލޭމެން ނުދާން ތި ތިބެނީ؟"
ވަގުތަކުން ހަނާ ޖަވާބެއް ނުދިނެވެ. ހީވަނީ ހަނާ ބުނަން އުޅުނު އެތި ނުބުނެވިގެން އުޅޭހެންނެވެ. އިރުކޮޅެއް ވަންދެން އެ ގޮތް މި ގޮތަށް ބަނޑިބަނޑިލައްވަން އޮތެވެ.
"އެއީ އިސްލާން ވާން ވެގެން." ހަނާ ބުންޏެވެ.
"ހުސް ދޮގު!" އަނިލް ވަރަށް ފާޅުގައި ބުންޏެވެ. "ހަމަ ހުސް ދޮގު ތި ހަދަނީ. އިސްލާން ވާން ކަލޭ ހިތަށްއެރީ މިހާރު. ޗަސްވެ، ފުނޑި، އަނދާ، ތަންތަން ބިންދައިގެން ގޮސް ހުރިހާ ކަމެއް ވީމަ ދެން ކަލޭމެން ތި އެއްބަސްވީ. މިހާރު އަހަރެންގެ އާއިލާ މީހުންނަށްތަ މި އަނިޔާ ވީ؟ ކަލެޔާ ހެދި ކަލޭގެ އާއިލާއަށް ކިހާ ބޮޑު ދެރައެއް ތި ދެވުނީ؟ ކަލޭ ނިކަން ވިސްނާލަބަލަ!"
އަނިލް އެހެން ބުނުމުން ހަނާގެ މޫނުމަތިން ފާޅުވީ ހިތާމައިގެ އަސަރެވެ. ކުރެވުނު ކަންތަކާ އޭނަ ހިތުގަޖެހުނު ކަހަލައެވެ. އެކަމަކު އަނިލް އެ މަޅިޔަކު ނުޖެހެއެވެ. ޖިންނި ސައިތާނުންނަކީ ދޮގުހަދައި އޮޅުވާލަން ކުޅަދާނަ ބަޔެކެވެ.
"ދެން ކޮން ދެރައެއް ވާކަށް؟" އަނިލް ބުންޏެވެ. "މަ ބުނީމަ ކަލޭމެން ގަބޫލުކުރި ނަމަ ކަލޭމެންނަށް އެއްވެސް އަނިޔާއެއް ނުވީހެއްނު! އެއްވެސް ގެއްލުމެއް ނުވީހެއްނު! ރީތިކޮށް ވާހަކަދައްކައިގެން މި ކަން ހައްލުވީހެއްނު. މަ މި ބުނަނީ ކިޔެވީމަ ކަލޭމެންނަށް ގެއްލުން ވާނޭ. ކަލޭ ހީކުރީ މަށަކީ ކަލޭހެން ދޮގުހަދާ މީހެއް ކަމަށްތަ؟"
ހަނާ އެއްޗެއް ނުބުނުމުން ވާހަކަދެއްކުމަށް އަނިލް އަމުރުކުރިއެވެ.
"އެހެން ނޭނގޭނެއްނު!" ވަރަށް މަޑުމަޑުން ހަނާ ބުންޏެވެ. "ކަލޭމެންގެ ތެރޭގަ ވެސް ފޮނިކަނޑާ މީހުން މަދެއް ނޫން. އަނެއްކޮޅުން ދެންމެ ފެންނަ މީހަކު ދައްކާހާ ވާހަކައެއް މަ ޖެހޭތަ ގަބޫލުކުރަން؟"
"ތީ ދެން ކަލޭމެންނާ ބެހޭ ކަމެއް،" ޝައުގުވެރިކަން ނެތް ގޮތަކަށް އަނިލް ބުންޏެވެ. "ކަލޭމެން ބޭނުން މީސްމީހުންގެ ޚަބަރު ކަލޭމެން ބަލަމެއްނު! ކީއްވެ އަހަންނަކީ ކޮން ކަހަލަ މީހެއްތޯ ކަލޭމެން ނުބެލީ؟ އަހަންނަށް އެނގެނީ ކޯޗެއްތޯ، ކުރެވޭނީ ކޮން ކަމެއްތޯ ވެސް ބެލުނީހެއްނު!"
"އަހަންނަށް ވަގުތު ނުވީ!" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ. "އަހަރެން އަބަދު ޖެހޭ މީނަ ކައިރީގަ ހުންނަން. އިރުކޮޅަކަށް ވެސް ދުރަކަށް ނުދެވޭ!"
"ތީ ތި ވާ ވަރަކީ،" އަނިލް ބުންޏެވެ. "ދެން އެ ވާހަކަ ދައްކާނެ ކަމެއް ނެތް. ހިނގާ މި ކަން ނިންމަން."
"އަހަރެން އިސްލާން ވާން ބޭނުން،" އަނެއްކާ ވެސް ހަނާ ބުންޏެވެ. "އަހަންނާ އެކީގަ އެތައް ބަޔަކު އިސްލާންދީން ގަބޫލުކުރާނެ. އެ ކަމާ ކަލޭ އުފަލެއް ނުވޭތަ؟"
އެއީ ތެދެއް ހެއްޔެވެ؟ ނުވަތަ އެއީ ވެސް މަަކަރެއް ހެއްޔެވެ؟ އޭރު އަނިލް ވާހަކަދެއްކި ޖިންނިއަކީ އިސްލާންދީނަށް އެއްވެސް ސަމާލުކަމެއް ކުރިން ދިން ޖިންނިއެއް ނޫނެވެ. އެ ދީނަށް ލޯތްބެއް ހުރި ޖިންނިއެއް ވެސް ނޫނެވެ. އިސްލާންދީނުގެ އެއްވެސް ކަމެއް އޮޅުންފިލުވަން ބޭނުން ނުވި ތާނގައި، ދީނުގެ އެއްވެސް ކަމަކާ އޭނަ ހައިރާނެއް ވެސް ނުވެއެވެ. ހުރިހައި ކަމެއް ނިމެން އުޅެނިކޮށް ކުއްލިއަކަށް އިސްލާން ދީނަށް އޭނަ ޝައުގުވެރިވީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބެއް އަނިލް އަކަށް ނޭނގެއެވެ. އަނިލް އެނބުރިލީ ނާހިދާ ދިމާއަށެވެ. އޭނަ އަކަށް ވެސް ދޭނެ ޖަވާބެއް ނޭނގުނެވެ. ދެތިން ސިކުންތުގެ ތެރޭގައި އަނިލް ގޮތެއް ނިންމިއެވެ.
"ކިހާ ބަޔަކު އެބަ ތިބި؟" އަނިލް ސުވާލުކުރިއެވެ.
"ނުވަ ލައްކަ ތިނެއް." ހަނާ ޖަވާބުގައި ބުންޏެވެ.
"ނުވަ ލައްކަ ވެފަ ދެން ކޮން ތިނެއް؟" އަނިލް އެހިއެވެ.
"އެއީ މިހާރު ތިބި ޖުމުލަ އަދަދު." ހަނާ ވަގުތުން ބުންޏެވެ.
"އެންމެ ރަނގަޅު. ކަލޭމެންގެ ތެރެއިން ކިހާ ބަޔަކަށް އަނިޔާ ވި؟" އަނިލް އެހިއެވެ.
ތެދު ޖަވާބެއް ލިބޭނެ ކަމަކަށް އަނިލް އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް އެ ސުވާލު އަހާލާ ހިތްވީއެވެ.
"ކަލެއަށް ކީއް؟" ހަނާ ވެސް ކުރީ ސުވާލެކެވެ.
"ދެން މަ ވެސް ހަމަ ބަލައިލަން ބޭނުންވަނީ،" ޖަވާބުގައި އަނިލް ބުންޏެވެ. "ދުއާ ކުރީމަ އެންމެން ރަނގަޅު ވެސް ވެދާނެއްނު. ﷲ އަކީ ކުށްތައް އަފޫކުރައްވާ، އެންމެ ދީލަތިވަންތަ ރަސްކަލާނގެ. އަނެއްކޮޅުން ކިހިނެއް ކަލެއަށް އެނގެނީ މަގޭ ހިތުގަ އޮތް އެއްޗެއް؟ މަގޭ ޚިޔާލު ހަމަ ބަދަލު ވެސް ވެދާނެއްނު. އަހަރުމެންގެ ހިތް ހަރުވާނީ ސައިތާނުންގެ މައްޗަށޭ. އެކަމަކު އިސްލާން ވެއްޖެއްޔާ އަޚުންނާ އުޚުތުންނަށް ބަަދަލުވީއެއްނު!"
ހަނާ ހޭން ފެށިއެވެ. އެތައް އިރެއްވީ އިރު ވެސް ހުއްޓައެއް ނުލިއެވެ. އަނިލް ހިތަށްއެރިއެވެ. އެހާ ހިނިއަންނަ އެއްޗަކަށް އަނިލްއަށް ބުނެވުނީ ކޯޗެއް ހެއްޔެވެ؟ އެ ސުވާލު އެންމެންގެ ހިތުގައި ވެސް އުފެދުނެވެ.
"ކަލޭ ކޮން ކަމަކާ ތި ހެނީ؟" އަނިލް އެހިއެވެ.
"އެއީ އަޚުންނަށް ވީމަ!" ވަރަށް އުފާވެފައި ހަނާ ބުންޏެވެ.
"އަދި ނުވޭ!" އަނިލް ހަނދާންކޮށްދިނެވެ. "ކަލޭ އިސްލާން ވީމަ ވާނީ."
"ދެން ވާކަށްނު މި އުޅެނީ." ހަނާ ބުންޏެވެ.
"އޭގެ ކުރިން ބުނެބަލަ! ކަލޭ ގަބޫލުކުރަންތަ ﷲ ޞުބުޙާނަޙޫ ވަތަޢާލާކަން އެންމެ ބާރުގަދައީ؟" އަނިލް އެހީ ބުއްދިވެރި ސުވާލެކެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣައްފާރު
18 May 2020
ރޯދަ މަސް މި ނި މެނީ ތިހެން ޖިންނި އަކާ ޒުވާބު ކުރަން ހުއްޓާ..
ޭާއޭނާ
18 May 2020
"އިސްލާމް" ކިޔާނީ. "އިސްލާން" އެއް ނުކިޔާނެ
ޖުނޫނު1
20 May 2020
ވެރިޔާ، އެބުނަނީ އެމީހުން ފޮލޯކުރާ ދީނުގެ ވާހަކަ އެދީނަށް ކިޔަނީ އިސްލާންދީން. މިހާރު ގިނަ މީހުން އުޅެނީ އިސްލާންދީނަށް. އެކަަމަކު ﷲ ބާވާލެއްވި އިސްލާމް ދީން.
ފޫހި
18 May 2020
އާޅެ އަނިލްއާ ޖިންނިއާ ވާހަކަ ދައްކަނީ ޕާޓޭއަކާ ވާހަކަދައްކާ ގިތޮށް. ޙާދަ ފޫއްސޭ
ޖިންނި
17 May 2020
ބިންމާ ތިހުރީ އަހަރެންގެ އަވާގައި ޖެހިފަ. ދެން ހަމަ އެކައްޗެއް ލިޔެލިޔެ ހުންނަންޖެހޭނީ. ދުވަހަކު ކުރިޔަކަށް ނުދާނެ ދެނެއް
ބަނޑުގަ އޮތް ޖިންނި
18 May 2020
ނޫން، އަހަރެން އަވަލީ ބިންމާއަށް. ކަލޭ މައިތިރި ވޭ!
އުދުހޭ
17 May 2020
ސްކްރޯލް ކޮށްލާފަ ނުނިމޭ ޖަހާފަ އިންތަންކޮޅު ކިޔާލައިފިން.
މާލޭ މީހާ ބޭފުޅު
17 May 2020
އޮނެސްޓްލީ ލޮސްޓް އިންޓްރެސްޓް މިހާރު.
ސްނޯ
17 May 2020
ބިންމާބެއަށް އެއްޗިހި ނުކިޔާ. މީ ހަގީގީ ހާދސާއެކޯ އެއިނީ. ވެދާނެއެއްނު އަދިވެސް ރުޤްޔާ ކުރިއަށްދަނީ ކަަމަށް. މާފަހުން ސްނޯއަށްވެސް ގެޓުވީ. ބިންމާބެ ވާހަކައިގަ ގެނެސްދިން ރުޤްޔާގެ ބައިތައް ވ މަޖާ އަސްލު، އަދި ކަންތައްތައްވެސް އެނގިއްޖެ.
ނެކްސްޓް
17 May 2020
ޜުގްޔަ ކުލާހެއްތަ މީ؟
ޢެހެންތަ ހީވަނީ
17 May 2020
ބިން މާއަކަށް ނޭގޭތަ ޒަ މާނަށް ބަދަލު ވެލާކަން .ދިގުކުރަންހާސަރު ދަ މަނީ ..މިގޮތަށްއެތައް ދުވަހެއް ކިޔާފަ ދެން ފަށަށްވެއްޖެ 2ހަފްތާ ވަންދެން ވާހަކަ ނުކިޔާހުރެ ކިޔާލީ މަވެސް ކުރިންވެސް ކިޔުނު ބަޔާއެއްފަދަ .
ާއާމިނަ
17 May 2020
މިހާރު މިވާހަކަ އަކާއި ހެދި ބިން މާ ދެކެ ފޫހިވެއްޖެ. ކުރިންކީ ވާހަކަތައް ވެސް އަނބުރާ ގެނެސްފިން. އާވާހަކައެއް ލިއުނަސް ކިޔަން ހިތަކަށްވެސް ނާރާ. ކުރީގައި ހާދަ ލޯބިވި ލިއުންތެރިއޭކޭ ބިން މާއަކީ