25 މެއި 2020 - 09:37
ހަޔާތުގެ ކޮންމެ ދުވަހަކީ މަންމަގެ ހަނދާންތައް އާކޮށްދޭ ދުވަހެއް ކަމަށާއި ބޭނުން ވަނީ ވެސް އެ ހަނދާންތަކާ އެކީގައި އުޅެން ކަމަށް އެކްޓަރު އަރުޖުން ކަޕޫރް ބުނެފި އެވެ.
އަރުޖުންގެ މަންމަ މޯނާ ކަޕޫރް މަރުވީ އޭނާގެ އަލަތު ފިލްމު "އިޝަގްޒާދޭ" ރިލީޒްކުރަން 45 ދުވަހަށް ވެފައިވަނިކޮށް މާޗް 25، 2012 ގަ އެވ. އަރުޖުން އަކީ މޯނާ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އެ ކައިވެންޏަށް ދެން ލިބުނީ އަންޝުލާ ކަޕޫރް ކިޔާ އަންހެން ކުއްޖެކެވެ.
މޯނާ އާއި ބޯނީގެ ކައިވެނި 1996 ގައި ރޫޅި، ބޯނީ އާއި ކުރީގެ ބަތަލާ ސްރީދޭވީ ކައިވެނިކުރީ ހަމަ އެ އަހަރު އެވެ. އެ ކައިވެންޏަށް ލިބުނީ ދެ އަންހެން ކުދިންނެވެ. އެއީ ބަތަލާ ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރެވެ.
ބޯނީ އާއި މޯނާ ވަކިވުމާ އެކު، އަރުޖުން އާއި ބޯނީއާ އޮތް ގުޅުން ވަރަށް ބޮޑށް ހީނަރުވެ، 2018 ގައި ސްރީދޭވީ މަރުވުމާ ހަމައަށް އެ ގުޅުމުގައި މާ ބޮޑު ބަދަހިކަމެއް ނެތެވެ. އަދި އަރުޖުން އާއި އެއްބަފާ އަނެއް ދެބޭންނާ ވެސް ކުރިން މާ ބޮޑު ގުޅެމެވެ. އެކަމަކު ސްރީދޭވީގެ މަރާ އެކު ބޯނީ އާއި އޭނާގެ ހަތަރު ކުދިންގެ ގުޅުން މިހާރު ވަރަށް ބަދައްސެވެ.
Arjun Kapoor on nepotism, losing his mom & standing by Boney, Janhvi & Khushi during Sridevi's death. Watch Now! @arjunk26 #ArjunKapoorhttps://t.co/SBroQ0Ma79 pic.twitter.com/ReYbHUvKt1
— Pinkvilla (@pinkvilla) May 23, 2020
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އަރުޖުން، 34، ބުނީ މަންމަ ވަކިވެގެން ދިޔައީ ވަރަަށް ހަނދާނުން ފޮހެލަން ދަތި ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން އަލަތު ފިލްމު ރިލީޒްވާން ވަރަށް ކައިރިވެ، އެ ފިލްމު ބަލައިލުމުގެ ފުރުސަތު ނުލިބި މަންމަ ވަކިވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ބުންޏެވެ.
"އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަރުހަލާގައި އޮއްވައި މަންމަ ބަކިވުމަކީ އަހަރެންގެ މައިބަދަ ބިންދައިގެން ދިއުން ކަހަލަ ކަމެއް،" އަރުޖުން ބުންޏެވެ. "އެއީ ހަޔާތުގެ އެންމެ ހިތްދަތި، އަޑި ދުވަސްތައް."
ބޯނީ އާއި މޯނާ.
އޭނާ ކިޔައިދިން ގޮތުގައި އަބަދު ވެސް މަންމަ އަކީ އާއިލާގެ ތެރޭގައި ހުރި އެންމެ ގާތް މީހާ އެވެ. އެހެންވެ މަންމަގެ ކުއްލި ވަކިވުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ބުންޏެވެ.
"އެ ހަނދާންތައް އަބަދު ވެސް އަހަރެންގެ ސިކުނޑިތެރޭގައި އެނބުރި އަބަދު މުޅި މީހާ ވަށާލާފައި އޮންނަނީ. ވަރަށް ހިތްދަތިކަމެއް މަންމަ ވަކިވުމަކީ. އަބަދު ވެސް ހިތަށް އަރާ މަންމަ އެނބުރި އަންނާނެ. އެކަމަކު އެނގޭ އެ ދުވަހެއް އަލަކުން ނާންނާނެކަން ވެސް،" އަރުޖުން ބުންޏެވެ.
އޭނާ ބުނިގޮތުގައި މަންމަ މިއަދު ހުރި ނަމަ ކެރިއަރުގައި އެންމެ ހިތްވަރު ދޭނެ މީހަކީ ވެސް އެއީ އެވެ. އަދި ކާމިޔާބީ އާއި ނާކާމިޔާބީއާ ފާއިތުވި އަށް އަހަރު އަމިއްލަ އަށް ކުރިމަތިލީ ވަރަށް އުނދަގުލުން ކަމަށް ބުންޏެވެ.
"އެހެންވެ ބޭނުމެއް ނޫން ދުވަހަކު ވެސް މަންމަގެ ހަނދާންތަކާ ދުރަށްދާކަށް ވެސް. މިހާރު ވެސް ހިތްވަރު ހޯދަނީ މަންމަގެ ހަނދާންތަކާއި މަންމަ ދައްކާފައި ހުރި ވާހަކަތަކުން،" އަރުޖުން ބުންޏެވެ.
އޭނާ ބުނިގޮތުގައި މަންމަގެ ވާހަކަ އެއްވެސް އިރެއްގައި ބައެއްގެ ހަމްދަރުދީ ހޯދާކަށް ދައްކައެއް ނޫޅެ އެވެ. އަދި މަންމައެއްގެ ހަނދާންތަކާ ވަކިނުވެގެން އުޅެނީ ހަމައެކަނި މީހަކީ ވެސް އޭނާ ނޫން ކަމަށް ބުންޏެވެ.
"މިއީ ކޮންމެ މީހަކަށް ވެސް ވާނެ ގޮތް." އަރުޖުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy