07 ޖޫން 2020 - 08:59
އެކްޓަރު އާރް މަދަވަން ޑައިރެކްޓްކޮށް، ލީޑް ރޯލް ކުޅެފައިވާ ފިލްމު "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" ގައި ޝާހްރުކް ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 2018 ގައި ރިލީޒްކޮށް، ފްލޮޕްވި "ޒީރޯ" އަށް ފަހު ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންނުކުރާ ޝާހްރުކް "ރޮކެޓްރީ" ގައި ފެންނާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ކާސްޓްގެ ކެމިއޯއަކުން ޝާހްރުކް ފެންނާނެ ވާހަކަ އެ ފިލްމުގެ ވިކިޕީޑިއާގައި ވެސް ބުނެފައިވެ އެވެ.
"ރޮކެޓްރީ" އަކީ އިންޑިއާގެ ޖައްވީ އިދާރާ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ކުރީގެ ސައިންޓިސްޓް އަދި އެއޮރޯސްޕޭސް އިންޖިއަނިއަރު ނަމްބީ ނަރަޔަނަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުން ނަމްބީގެ ރޯލުން ފެނިގެންދާނީ މަދަވަން އެވެ.
"3 އިޑިއަޓްސް" އާއި "ރެހެނާ ހޭ ތެރެ ދިލް މޭ ފަދަ" ހިންދީ ފިލްމުތައް ކުޅެފައިވާ މަދަވަން އަކީ އިންޑިއާގެ ތަމަޅަ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރެކެވެ. އޭނާގެ "ރޮކެޓްރީ" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ހިމެނޭ އިރު، ޝާހްރުކްގެ "ޒީރޯ ގައި މަދަވަން ކެމިއޯއެއް ހިމެނެ އެވެ.
"ރޮކެޓްރީ" އަކީ ތަމަޅަ، ހިންދީ އަދި އިނގިރޭސި ބަހުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އެކަމަކު އަދި ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާނެއްނުކުރެ އެވެ.
"ޒީރޯ" އަށް ފަހު ޝާހްރުކްގެ ކެރިއަރު ވާނުވާގައި އޮތް އިރު އޭނާ ހާއްސަ ފެނިލުމަކުން ފެންނާނެ ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ ފެންޓަސީ އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ހިމެނެ އެވެ. އަޔާން މުކްރަޖީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ މި އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
ރިޕޯޓްތައް ބުނާގޮތުން ޝާހްރުކް ދެން އެންމެ އަވަހަށް ކުޅޭނެ ކަމަށް ބެލެވެނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ. އަދި ތަމަޅަ ޑައިރެކްޓަރު އެޓްލީ އާއި ރާޖް އެންޑް ޑީކޭގެ ފިލްމެއް ވެސް އޭނާ އަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
07 June 2020
މިވީޑިއޯ ކޮޅު ތޭރިތަކުން ކެނޑުމެއް ނެތި ފިލްމްކޮށްފަ އެވަނީ ވަރަށް މޮޅު ކޮށެވެ.
ނަމްބީ2020
07 June 2020
މި ފިލްމުގައި ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާގެ ވާހަކަ އަންނާނެ ބާ؟ ނަމްބީ ނާރަޔާނަން ހައްޔަރުކުރެވުނީ އެމީހުންނަށް އިންޑިޔާގެ ސަލާމަތީ ސިއްރު މައުލޫމާތުތަކެއް 1994 ގައި ދިން ކަމަށް ތުހުމަތުކުރުމަށްފަހު.