ވިކީ.
10 ޖޫން 2020 - 05:39
މި އަހަރުގެ އޮކްޓޯބަރަށް ކުރިން ތާވަލުކުރުމަށް ފަހު، އަންނަ އަހަރުގެ ޖެނުއަރީ އަށް ފަސްކޮށްފައިވާ ވިކީ ކޯޝަލްގެ ފިލްމު "ސަރުދާރު އުދަމް ސިންގް" ޖެނުއަރީގައި ވެސް ރިލީޒްކުރެވިދާނެކަމާ ދޭތެރޭ ޑައިރެކްޓަރު ޝުޖިތު ސިރްކާ ސުވާލު އުފައްދައިފި އެވެ.
އޭނާ ބުނީ ފިލްމުގެ ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި ފިލްމު އޮތް ނަމަވެސް އޭގައި މަސައްކަތްކުރަމުން ދިޔަ ޓީމަށް ލޮކްޑައުނާ ހެދި އެކި ތަންތަނުގައި ތިބެގެން މަސައްކަތްކުރަން ޖެހުމުން ފިލްމުގެ މަސައްކަތް އެންމެ އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުދާ ކަމަށެވެ.
ޝުޖިތު ބުނި ގޮތުގައި "ސަރުދާރު އުދަމް ސިންގް" ގައި 150-200 ވަރަކަށް ޓެކްނިޝަނުން ހިއްސާވެ އެވެ. ނަމަވެސް ހުރިހާ އެންމެންނަށް ފިޒިކަލީ އެއްތަންވެވޭނެ ގޮތެއް ނެތުމުން ފިލްމުގެ މަސައްކަތްތައް ހުރީ ވަރަށް ފަހަތުގައި ކަމަށް ބުންޏެވެ.
"އެންމެ ފުރަތަމަ ކަމަކަށް ބޭނުން ވަނީ ފިލްމު އެޑިޓްކޮށް ނިންމަން. އެކަމަކު އެކަން ވެސް ބޭނުންވާ ގޮތަށް ކުރެވޭނީ ލޮކްޑައުނަށް ލުއި ލިބި، އެޑިޓިން ސްޓޫޑިއޯ އަށް ވަންނަން ފުރުސަތު ލިބުނީމަ،" އޭނާ ބުންޏެވެ. "މީގެ އިތުރުން ފިލްމުގެ މިއުޒިކްގެ މަސައްކަތްތައް ޝަންތަނޫ މޮއިތުރާ އެބަކުރިއަށް ގެންދޭ."
ޝުޖިތު ބުނި ގޮތުގައި "ސަރުކާރު އުދަމް ސިންގް" ގެ އެންމެ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވީއެފްއެކްސް އާއި ސައުންޑެވެ. އަދި ސައުންޑް ޑިޕާޓްމަންޓްގެ މަސައްކަތްތައް ފެށޭނެ ކަމަށް ބެލެވެނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ބުންޏެވެ.
"މަސައްކަތްތައް މިހާރު ހުރި ހިސާބަށް ބަލާ އިރު ފިލްމު ޖެނުއަރީ މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ވަރަށް އުނދަގޫވާނެ. އެކަމަކު ވެސް އަހަރެމެން ބަލާނަން އެހާ ތަނަށް ވީހާ ވެސް ރަނގަޅަކަށް މަސައްކަތް ނިންމޭތޯ،" ޝުޖިތު ބުންޏެވެ.
ފިލްމު ތާވަލުކޮށްފައި މިހާރު އޮތީ ޖެނުއަރީ މަހުގެ 15 އަށެވެ. "ސަރުދާރު އުދަމް ސިންގް" އަކީ އެންމެ ފުރަތަމަ މި އަހަރުގެ އޮކްޓޯބަރު 2 އަށް ތާވަލުކުރި ފިލްމެކެވެ.
މި ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. އަދި މިއީ ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީއާ އެކު ޝުޖިތު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
"އޮކްޓޯބާ" އާއި "ޕީކޫ" އަދި "ވިކީ ޑޯނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޝުޖިތުގެ ކުރިއަށް އޮތް ފިލްމަކީ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށާ ކޮމެޑީ-ޑްރާމާ "ގުލާބޯ ސިތާބޯ" އެވެ. އެ ފިލްމުގެ ތަރިންނަކީ އަމީތާބް ބައްޗަނާއި އަޔޫޝްމަން ކްރާނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 June 2020
ހަފްތާއަކު 4 ދުވަހު، ދުވާލަކު 6 ގަޑި އިރު ރަގަނޅަށް ކުރާމަސައްކަތް، ޤައުމަށްވެސް މާދުޅަހެޔޮކަމަށް ދިރާސާތަކުން ދައްކަންފަށައިފި!