ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.
11 ޖޫން 2020 - 10:48
(ޖޫން 9، 2020، އަންގާރަ ދުވަހުގެ ބަޔާ ގުޅޭ)
"އެކަން ކުރަންވީ ހެއްޔެވެ؟" އޭނާގެ ހިތަށްއެރި އެވެ. އެކަމަކު ހުސޭނުބެ އެ އޮތީ ގޯސްހަދައިފަ އެވެ. އެ ގޯހުން ދެން ނުކުމެވެން އޮތީ، އޭނާއަށް ބިރު ދައްކަމުން އެ ދާ މީހާ/މީހުން ބުނާ ގޮތެއް ވެސް ހަދައިގެންނެވެ. އެކަން ކޮށްފި ނަމަ އިންތިހާބުގެ ކުރިން ހުރިހާ ކަމެއް ސިއްރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތެވެ. ނުދަންނަ ބަޔަކަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ބޮޑު ސުވާލެކެވެ. "އެކަމަކު ކުރަން އެ ބުނަނީ މާ އުނދަގޫ ކަމެއް ވެސް ނޫނޭ" ނިހާދުގެ ހިތަށް އަރަމުން ދެ އެވެ. އަދި ނުލާހިކު ކުޑަ މުއްދަތެއްގެ ތެރޭގައި މިހާ ހިސާބަށް ދަތުރުކޮށް، ހިތްވަރު އެލުވާލުމުގެ ނިޔަތެއް އޭނާގެ އަދި ނެތެވެ. ވިސްނާލަން އިނދެފައި، ގޮނޑީގައި ހަމަޖެހިލުމަށް ފަހު، ރައީސް ހާލިދުގެ އިންޓަކަމް ނަންބަރަށް އޭނާ ގުޅާލި އެވެ.
"ކޮބާ އޮފީހުގައިތަ؟ އާދޭ މިތަނަށް ދިހަވަރަކަށް މިނިޓް ފަހުން،" ނިހާދަށް އެއްޗެކޭ ބުނެވުމުގެ ކުރިން ރައީސް ބުންޏެވެ.
ނިހާދު ފޯނު ބޭއްވި އެވެ.
އޭނާ އޮފީހަށް އައިސް ރައީސްއާ ގުޅާލުމުގެ ކުރިން އީމެއިލް ޗެކްކޮށްލި އިރު، ނުދަންނަ މީހަކު ފޮނުވާފައި އޮތް އެ އީމެއިލާ އެކު، އެރީ ހުއްޓުމެވެ. ރައީސް ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ސެކްރެޓަރީ ބުނެފައި އޮތަސް، ކޮޓަރިން ނުކުންނަ ހިތްނުވެ، އިނދެވުނީ އެވެ.
ނިހާދު އަނެއްކާވެސް މޫދާ ދިމާއަށް ގޮނޑި އަނބުރާލި އެވެ. އޭނާ އެ އިނީ ރައީސް އޮފީހުގަ އެވެ. ރާއްޖޭގެ އެެންމެ ބާރުގަދަ އޮފީހެވެ. އެކަމަކު އޭނާއަށް ދެން ހެދޭ ކުޑަކުޑަ ގޯހަކުން ވެސް، މުޅި ރާއްޖެއަށް އޭނާ ބޭޒާރުވެ، މިހާތަނަށް އޭނާ ހޯދި ގަދަރާއި ބާރާއި މަޝްހޫރުކަން، ނިމިދާން މާ ގިނަ ވަގުތެއް ނުނަގާނެ އެވެ. މިއީ އަނެއްކާ އޭނާގެ އަމިއްލަ އެދުން މާ ބޮޑުވުމުން ދިމާވި ކަމެއް ހެއްޔެވެ؟ އޭނާއަށް އޭނާ އޮޅުނީ ހެއްޔެވެ؟ އެންމެ ހަތަރު އަހަރުގެ ތެރޭގައި، މިސްޓަ މޯލްޑިވްސްގެ ލަގަބުން، ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓަރުގެ ގޮނޑިއަށް އޭނާ އެ އައީ ހަމަ ހުރެފައެއް ނޫނެވެ. ވަކި މިނިސްޓްރީއެއްގެ މިނިސްޓަރަކަށް އޭނާ ނުލިޔަސް، ޒުވާނުންނާއި ކުޅިވަރާ ބެހޭ ހުރިހާ މިނިސްޓްރީއަކާއި އިދާރާތަކަށް އޮތީ އޭނާގެ ނުފޫޒެވެ.
އެއީ ދިވެހި ޒުވާނުންގެ މިނިސްޓަރެވެ.
ރައީސް އޮފީހަށް އޭނާ ނުކުމެ، ރައީސް ހާލިދު ހަވާލުކުރި ޒިންމާތައް ނަގަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ނިހާދަކީ އާދައިގެ މީހެއް ނޫންކަން، ރައީސަށް އެނގުނެވެ. އޭނާގެ އެކުވެރި މަހުޖަނުގެ ދަނބިދަރިފުޅަށް ވުން އެކަންޏެއް ނޫނެވެ. ޒުވާނުން ގަޔާވާ އެތައް ސިފައެއް ނިހާދުގެ ވެސް ހުންނަނީ އެވެ. އެހެންކަމުން ރައީސަށް ނިހާދު ކަމުދިޔަ އެވެ.
ރިޔާސީ ގަނޑުވަރަށް ނިހާދު ގެންގޮސް ބައްދަލުކުރި ފުރަތަމަ ރޭ ވެސް ހާލިދު ދިނީ ފިލާވަޅުތަކެކެވެ: މީހުންގެ ހިތް އަތުލާށެވެ. ދެން އެ އޮތީ ސިޔާސީ ހަޔާތް ފެށިފަ އެވެ. ދޮގުހަދައިގެން ވިޔަސް، އޮޅުވާލައިގެން ވިޔަސް ލޯބި ހޯދުމަކީ، ސިޔާސީ އުކުޅެވެ. ހިނިތުންވެ ހުރެ އެންމެންނާ ވެސް ބައްދަލުކުރާށެވެ. އެކަމަކު އިދިކޮޅު މީހުންނާ މެދު ނަފުރަތެއް އޮތް ނަމަ، ހިތުތެރޭގައި އެނދިޔަ ދޭށެވެ. ނުނިކުމެވޭ ކަހަލަ މަޅިއެއްގައި ނުބެދޭށެވެ. އޭރުން އެ މަޅިން ނުކުންނަން ދެން އަޅަން ޖެހޭނީ ހުސް ވެސް ނުބައި ފިޔަވަޅުތަކެވެ. އެއްވެސް މީހަކު ކަލެއަށް ބިރުދެއްކިޔަ ނުދޭށެވެ. އެކަމަކު ބިރުދެއްކޭނެ ކަހަލަ ކަށަވަރު ސަބަބުތަކެއް ހުރެއްޖެ ނަމަ، އެބަޔަކު ޖެހޭނީ ފުނޑާލާށެވެ.
އޭނާ މިހާރު އެ އިނީ މަޅިއެއްގައި ބެދިފަ އެވެ. އޭނާއަށް ބިރު ވެސް އެބަ ދައްކަ އެވެ. އެކަމަކު ކަށަވަރު ސަބަބުތަކެއް ހުރެގެންނެވެ. ދެން އޮތީ އެބަޔަކު ފުނޑާލުމެވެ. އެކަމަކު އެއީ ކޮން ބައެއް ހެއްޔެވެ؟ ނޭނގޭ ބަޔަކު ފުނޑާލާނީ ކިހިނެއް ހެއްޔެވެ؟ ފުލުހުން މެދުވެރިކޮށްފި ނަމަ އޭނާގެ ދުވަސް ވެސް ދިޔައީ އެވެ. ފުލުހުންގެ ތެރޭގައި ވެސް ހުރިހާ ސިއްރެއް ނުހިފެހެއްޓެ އެވެ. އޭނާގެ ކޮމްޕިއުޓަރު ބަލަން ދީފި ނަމަ، އޭނާގެ އެތައް ކަމެއް ފަޅާއަރާނެ އެވެ. އެހެންކަމުން އޭނާ އެ އިނީ، ރައީސް ބުނި ގޮތާ މުޅިން ތަފާތު ހާލަތެއްގަ އެވެ: ކަށަވަރު ސަބަބުތަކެއް ހުރެގެން ބިރުދައްކާ ބަޔަކު އުޅެމެ، އެބަޔަކު ފުނޑާލާނެ ގޮތެއް ނެތިފަ އެވެ.
އޭނާއާ ދެކޮޅަށް އެގޮތަށް ނުކުމެއްޖެ ނަމަ ބޭނުންކުރާނެ ގްރޫޕްތައް އަތްދަށުގައި އެބަ ހުއްޓެވެ. މީހުން ކަތިލާ ޒުވާނުންނާއި ތަންތަން މުގުރާ، ސުންނާފަތިކުރާ ގްރޫޕްތަކެވެ. ސިޔާސީ ކަންކަމުގައި ބޭނުންކުރާ ގޮތްކުޑަ ޒުވާނުންނެވެ. އެކަމަކު ދިމާވެގެން މި އުޅެނީ އެކަހަލަ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ސިއްރުވެރި ރޭވުމެކެވެ. ކުރިމައްޗަށް ނުކުމެ، ދިމާކުރާ ބައެއް ނޫނެވެ. އެމީހަކު/އެބަޔަކު އެ ތިބީ ފޮރުވިގެންނެވެ. ރާއްޖޭގައި ކަމަށް ވިޔަސް، ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށް ވިޔަސް މެ އެވެ.
ވިސްނުން އެއްފަރާތްކޮށް، ނިހާދުގެ ކޮޓަރިން ނުކުމެ، ރައީސްގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭނާއަކީ އެއްވެސް ހުރަހެއް ނެތި، ސީދާ ރައީސްގެ ކޮޓަރިއަށް ވަނުމުގެ ހުއްދަ އޮންނަ މަދު މީހުންގެ ތެރެއިން އެކެކެވެ.
ދޮރުގައި ޓަކި ޖަހާލުމަށް ފަހު، ހުޅުވާލި އެވެ. ރައީސްގެ ރަސްމީ މޭޒު ކައިރީގައި ސެކްރެޓަރީ ފައިލެއް ހިފައިގެން، އެއްޗެއްގައި ސޮއިކުރަން ހުއްޓެވެ. ރައީސް ބަލާ ވެސް ނުލައި، ސޮއިކުރަމުން ދިޔަ އެވެ.
"އިށީނދޭ،" ސޮއިކުރަން އިސްޖަހައިގެން އިނދެ، ރައީސް ހާލިދު ބުންޏެވެ.
މިއީ އެ ކޮޓަރި އެވެ. މިއީ އެތަނަށް ވަން ފުރަތަމަ ދުވަހު ވެސް، ނިހާދުގެ ހިތުގައި ކުރެހުނު، ކުއްލިއަކަށް ހުވަފެން ދެކެން ފެށުނު ކޮޓަރި އެވެ. މިއީ ރާއްޖޭގެ އެންމެ ބާރުގަދަ މީހާގެ އޮފީސް ކޮޓަރި އެވެ. މިތަނަށް ވަދެވޭނީ، އެހެން އެންމެންނަށް ވުރެ ސިކުނޑި ރަނގަޅުވެގެންނެވެ. ކުރާ ކަންކަން ނުބައިވިޔަސް، އަނިޔާވެރިވިޔަސް، ސިކުނޑި ރަނގަޅުވެގެންނެވެ. އެއީ ނިހާދު ގަބޫލުކުރާ ގޮތެވެ.
މި އޮފީސް ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އުފެދިގެން އަންނަނީ އެ ގޮނޑީގައި އިށީނދެވޭނެ ދުވަހެއްގެ އުއްމީދުތަކެވެ. އޭނާއާ ބައްދަލުވި ރާއްޖޭގެ އެތައް ހާސް ޒުވާނުންނެއް އަތުޖައްސާލުމަކީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު އެވަރަކުން އަދި މި ގޮނޑިއަކަށް ނާދެވެ އެވެ. އެއަށް ވުރެ ކެތްތެރިވެ، އެއަށް ވުރެ ރޭވުން މޮޅުވެ، އެއަށް ވުރެ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
ނިހާދު އިށީނދެ އިނދެ، ރައީސް ހާލިދާ ދިމާއަށް ކަޅިޖަހާނުލައި ބަލަމުން ގެންދިޔަ އެވެ. އޭނާއަށް އެނގިފައވާ ގޮތުން ރައީސްގެ ސިޔާސީ ހަޔާތް ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމަކު ނިހާދަށް ފުރަތަމަ ވެސް ލިބުނީ މިނިސްޓަރުކަމެވެ. އެއީ ރައީސްގެ މުޅި ސިޔާސީ ހަޔާތަށް ބަލާ ނަމަ ގާތްގަނޑަކަށް ފަނަރަ އަހަރުގެ މުއްދަތެއްގައި ހާސިލްކުރެވުނު މިންވަރެވެ.
އެ ނިސްބަތުން ނިހާދު އުޅެނީ، ރަސްމީ މުހިންމު ސިޓީތަކެއްގައި ސޮއިކުރަން އެ އިން ރައީސް ހާލިދަށް ވުރެ މާ ކުރީގަ އެވެ.
ސޮއިކޮށް ނިމިގެން، ގަލަން ބާއްވާފައި ނިހާދުއާ ދިމާއަށް ރައީސް އަ އެވެ. އޭނާ ތެދުވި އެވެ. ދެން ރައީސް އިށީނުމުން އޭނާ ވެސް އިށީނެވެ. ދެ މީހުން އެކަންޏެވެ.
"މިހާރު އަހަރެން ނިންމައިފިން، ރަނިން މޭޓަކަށް ނިހާދު ހަދަން،" ފުރަތަމަ ވެސް ރައީސް ބުނީ އެހެންނެވެ. ދެން އެ ނޭވާގައި، ސަލާންކުރަން އަތް ދިއްކޮށްލި އެވެ. މިއޮތް ހުރިހާ ދުވަހު އުއްމީދުކުރަމުން އައި ކަންތައް، ރައީސް އޭނާ ކައިރީގައި އެ ބުނީ ކުއްލިއަކަށެވެ. ނިހާދު ހިނިތުންވެފައި، ސަލާންކޮށްލި އެވެ.
"އަންނަ ހަފުތާގައި އޮންނަ ޕާޓީގެ ބޮޑު އެއްވުމުގައި އިއުލާންކުރާނަން. އަހަންނަށް އެންމެ ދަށްކޮށް ތާއީދު އޮތީ ޒުވާނުންގެ ތެރޭގައި. އެ ސަޕޯޓް ހޯދަން ނިހާދު ވަރުގެ މީހަކު ނެތް. ޕާޓީ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުޅެދާނެ. އެކަމަކު މިއީ ނަސްރާމެންގެ ބައްޕައަށްޓަކައި ވެސް އަހަރެން އަދާކުރަން ޖެހޭ ދަރަންޏެއް. ތައްޔާރުތަ؟" ވާހަކަ ނިންމާލީ، ސުވާލަކުންނެވެ.
"ރައީސް ނިންމި ގޮތަކާ ދެކޮޅެއް ނުހެދޭނެތާ!" ނިހާދު ބުންޏެވެ. އޭނާއަށް ބަޔަކު ދިން އިންޒާރާ އެކު ހިތުތެރޭގައި އެ ކުރަމުންދާ ހަނގުރާމަ ނެތް ނަމަ، މިއީ މުޅި ހަޔާތުގައި ވެސް އެންމެ އުފާވާނެ ވަގުތުކޮޅެވެ.
"ރަނގަޅު. ދެން ނިހާދު ކުރަން ޖެހޭ ކަންކަން ފަހުން ކިޔައިދޭނަން. ވަރަށް ރަނގަޅު މިރޭ ވެސް ތާސްގަނޑެއް ޖަހާލަން ގެއަށް ޖައްސާލައިފިއްޔާ. ހުސޭނުބެ ނެތީމާ އެކަން ދަނީ ވަރަށް ފޫހިކޮށް. މި ހަފުތާއަކު އޭނާ ނޫޅޭނެ. މިހާރު ވީ ބެންކޮކްގައި،" ރައީސް ހާލިދު ބުންޏެވެ.
ނިހާދަށް އެކަން އެނގެ އެވެ. ބެންކޮކަށް ދިއުމަކީ ހުސޭނުބޭގެ އާދައެކެވެ. ގޯސްހަދައިގެން އެ އުޅެނީ ބެންކޮކްގައި ކަމެއް، ނުވަތަ އެބަޔަކު މާލެއިން އޭނާއާ ބައްދަލުކޮށް ބިރުދައްކައިގެން ކަމެއް، ޔަގީނެއް ނޫނެވެ.
"ނިހާދު ހަމަ ކުރިއަށް ދާންވީ. ޒުވާނުންގެ ސަޕޯޓް ހޯދާނެ ކޮންމެ ގޮތަކަށް ރޭވުން އޮތީ ނިހާދުގެ އަތްމަތީގައި. އާއިލާގެ ކަންކަން ހަމަޔަކަށް އެޅެން ދުވަސް ނަގާނެ. އެކަމާ މެދު ވިސްނާނެ ކަމެއް ނެތް. މަޑުމަޑުން ހަމަޖެހިގެން ހިނގައިދާނެ،" ހާލިދު ބުންޏެވެ.
އެހެން އެއްވެސް ކަމަކަށް ރައީސްގެ ހިތުގައި ޝައްކެއް ނެތެވެ. އޭނާ ނިންމި ގޮތް އެކިޔާލީ ހަމަޖެހިލައިގެން އިނދެ އެވެ. ފިކުރެއް، ހާސްވުމެއް ނުފެނެ އެވެ. ޕާޓީގައި ތިބި މާ ތަޖުރިބާކާރު، މާ މޮޅަށް ކިޔަވައިގެން ތިބި އެތައް ބަޔަކު ފައި ނަގަމުން ދިޔަ ރަނިން މޭޓްކަން އެ ދިނީ އޭނާއަށެވެ. ދެން ކުރިމަތިވާ ޕްރެޝަރަށް ކުރިމަތިލާން ރައީސް އެ ހުރީ ތައްޔާރުވެގެންނެވެ.
ސަބަބު އޭނާއަށް ވަރަށް ސާފެވެ. އެއީ ހަމައެކަނި ޒުވާނުންގެ ސަޕޯޓް ހޯދުމެއް ނޫނެވެ. އެއަށް ވުރެ ރައީސްގެ އެދުން މާ ބޮޑެވެ. ނަމަވެސް އެކަމާ އޭނާ ވިސްނާކަށް ނުޖެހެ އެވެ. އިންތިހާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ހާލިދު އަންނާނެކަމާ މެދު ޝައްކެއް ނެތެވެ. ދެން އޮތް ފަސް އަހަރަށް ފަހު، ރައީސްގެ މި ކޮޓަރި، އެ މޭޒު ލިބުން ކައިރީ އޭނާއަށެވެ.
"މިރޭ ގެއަށް ޖައްސާލާތި!" އެހެން ކިޔާފައި، ތެދުވެ، ރައީސް ހިނގައިގަތީ، މޭޒާ ދިމާއަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކޮޓަރިން ނިހާދު ނުކުތެވެ. އާ އުއްމީދުތަކަކާ އެކު އެވެ. ނަމަވެސް ހިތުގައި އޮތީ ނުތަނަވަސްކަމާއި ބިރުވެރި ހިޔާލުތަކެވެ.
ސާރާ އޮތީ ނިންދުވަންވެގެން ރީތިކޮށްފަ އެވެ. ބައްޕަ ކޮޓަރިއަށް ވަންތަން ފެނުމުން އުފަލުން ހޭން ފެށި އެވެ. އޭނާގެ ދެ އަތް، ހުސޭނުބޭގެ ގައިގައި ބައްދާލުމުގެ އުއްމީދުގައި އުފުލާލި އެވެ. ހުސޭނުބޭ އެނދު ކައިރިއަށް ގޮސް، ގުދުވެ ދަރިފުޅުގެ ގައިގައި ބައްދާލައިގެން އިރުކޮޅަކު އޮތެވެ. ދަރިފުޅުގެ ގައިން އެ ދުވާ މީރުވަހުން އޭނާ ހިތްހަމަޖެހެ އެވެ. މަޑުމަޑުން އިސްތަށިގަނޑުގައި ފިރުމާލަމުން ދިޔަ އެވެ. ދެން ތެދުވެ، ކައިރީގައި ހުރި، އޭނާ އަބަދުވެސް އިންނަ ގޮނޑީގައި، އިށީނދެ ސާރާގެ ދެ އަތް ތިލާގައި ހިފަހައްޓާލި އެވެ.
"ބައްޕަ ދެކެ ލޯބިވޭތަ؟" ހުސޭނުބޭ އަހާލި އެވެ. އެހެން ބުނާއިރަށް ސާރާ ހޭން ފަށަ އެވެ. އާދައިގެ މަތިން މިފަހަރު ވެސް ހޭން ފެށީ އެވެ. ދެން ހުސޭނުބޭގެ އަތުން، އޭނާގެ ދެ އަތް މިނިވަންކޮށް، އަނެއްކާވެސް ބައްދާލަން އަތް އުފުލައިލި އެވެ. ހުސޭނުބެ ދެން ވެސް ލޯބިން ބައްދާލީ އެވެ.
އެއީ އޭނާގެ ހިތެވެ. އެއީ އޭނާގެ ލޯތްބެވެ. ދެން ކުރަން އޮތް ކަމެއް ވެސް ކުރާނީ މި ދަރިފުޅަށްޓަކަ އެވެ. ބެންކޮކުން މިއަދު އައުމުގެ ކުރިން އޭނާގެ ހަޔާތުން ބައެއް ކަންކަމާ މުޅި އުމުރަށް ދުރަށް ދިޔަ އެވެ. ގޭގައި ހުރިއްޔާ ހުރި ރާފުޅިތަކެއް އުކާލި އެވެ. އޭނާ ގެންނަ އަންހެނުން ލާން ހާއްސަކުރި ހުރިހާ ހެދުމެއް ވެސް އުކާލި އެވެ.
އެމީހާ އޭނާ ކައިރީ ދެއްކި ބައެއް ވާހަކަތައް ނޭނގެނީކީ ނޫނެވެ. އެކަމަކު އޭނާގެ ފައިދާއަށް، އޭނާގެ މުއްސަނދިކަން ބޮޑުކުރަން ލޯ މަރާލީ އެވެ. ތެދެކެވެ. ނިހާދު އޭނާއަށް ލާރި ދިނެވެ. އަދި ނިހާދުގެ އަސްލު ރޭވުން ކާމިޔާބު ކުރެވިއްޖެ ނަމަ ދޭނެ އަގު ވެސް ކަނޑައެޅި އެވެ. އެކަމަކު އޭނާއަށް އަގެއް ލިބުނަސް، އޭގެ ހުރިހާ ފައިދާއެއް އޮތީ ނިހާދަށެވެ. އެހެންކަމުން އެއީ ނިހާދުގެ ރޭވުމެއްގައި އޭނާ ބައިވެރިކުރުވުމެވެ. އޭނާއަށް ލޯ މަރާލައިފައި ބައިވެރިވެވުމެވެ. މައްސަލައަކީ އެފަދަ ނުބައި ކަމެއްގައި އޭނާއަށް ނޫނެކޭ ނުބުނެވުނުކަމެވެ.
ނަމަވެސް އޭނާގެ މުޅި ނަފުސު އެމީހާގެ އެންމެ އަމަލަކުން ބަދަލުވި އެވެ: އެތައް މިލިއަން ޑޮލަރެއް ލިބިފައި އޮއްވާ އެއިން އެންމެ ނޫޓެއްގައި ވެސް އަތް ނުލައި، އެތަނުން ނުކުމެގެން ދިޔަ ދިއުމެވެ.
އެއީ އާދައިގެ އިންސާނެއް ނޫންކަން، އެވަގުތު ހުސޭނުބޭގެ ހިތަށްއެރި އެވެ. އަމިއްލަ އެދުމެއް ނެތި، އެމީހާ ދެއްކީ މައުސޫމްގެ ލޭގެ ބަދަލު ހިފުމުގެ ވާހަކަތަކެވެ. ހުސޭނުބޭ ކަހަލަ ނުބައި، އަނިޔާވެރިންގެ ބާރުގެ ދަށަށް މުޅި ގައުމު ގޮސް ނިދާފައި އޮތް ވާހަކަ އެވެ.
"ނާސި އަންހެނުންނާ އެކު މަޖާކޮށް، އެ ހެރެ ރާފުޅިތަކުން ކަލޭގެ ބަނޑު ފުރަމުން ތި ދަނީ، ދޮގެއްތަ؟ ސާރާ ހިތަށްއަރާނީ ކީކޭ؟ ބައްޕައަކީ ވަރަށް ރަނގަޅު މީހެކޭ. އޭނާއަށް ކަލޭ ފެންނަނީ މަލާއިކަތެއްގެ ގޮތުގައި. ސާފު، ހުދު މީހެއް. އެކަމަކު ހަގީގަތަކީ ކޮބާ؟ ކަލޭ އަމިއްލައަށް ވިސްނާލާ، ކަލޭގެ ނަފުސަކީ ކިހާ އަގުހުރި އެއްޗެއްތޯ. އެންމެ ދުވަހަކު ވެސް ދިރިހުންނަން ޖެހޭތޯ،" އެއީ އެމީހާ އޭނާއާ ދިމާއަށް ބުނި އެއް ވާހަކަ އެވެ.
އޭނާއަށް ވިސްނުނީ ހަޔާތުގައި ދެން އިތުރަށް ހޯދާނެ އެއްޗެއް ނެތް ކަމެވެ. އިތުރަށް ކުރާނެ ފާފައެއް ވެސް ނެތް ކަމެވެ. ދެން އޭނާއަށް އޮތީ ތައުބާވުމެވެ. ސާރާއަށްޓަކައި ގޭގައި މަޑުކުރުމެވެ. ނުބައިވެގެންވާ އަމަލްތަކުގެ އަޅަކަށް ވާން ބެންކޮކަށް ކުރާ ދަތުރުތައް ނިންމާލުމެވެ.
އެ އެޕާޓްމަންޓުން އެންމެ ފަހަރަކު ވެސް އޭނާ ނުނިކުމެ އެވެ. ކެއުން ހަމަޖެއްސީ އޯޑަރުކޮށްގެން ބޭރުން ގެނެސްގެންނެވެ. ދަތުރު ވެސް ކުރުކޮށްލީ އެވެ. ރައްކާކޮށްފައި ހުރި ފައިސާއަށް ހަދާނެ ގޮތަކާ މެދު ވިސްނުން ފަހަށް ދޫކޮށްލުމަށް ފަހު، މާލެ އައީ އެވެ.
ސާރާ އޭނާގެ ބައްޕަގެ ގައިން ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އެކަމަކު ހުސޭނުބޭ މަޑުމަޑުން ދަރިފުޅުގެ އަތް ދުރުކޮށްފައި، އަނެއްކާވެސް ގޮނޑީގައި އިށީނެވެ. ސާރާގެ ދެ އަތް ތިލަ ޖައްސާ، ޖޯޑުކޮށްފައި ހިފަހައްޓާލި އެވެ. ދެން އަތަށް ދޮނެއް ދޭން ތުންފަތް ޖައްސާލި ގޮތަށް، މަޑުކޮށްލެވުނީ އެވެ. ލޯ ވެސް މަރާލެވުނީ އެވެ.
"ބައްޕަ ދެން އަބަދުވެސް ހުންނާނީ ދަރިފުޅު ކައިރީގައި. ތިއީ ބައްޕަގެ ހުރިހާ ވެސް އުފަލަކީ. ދަރިފުޅަށް އެނގޭތަ، ދަރިފުޅު ކިހާ ރީތިކަން؟ ކިހާ ލޯބި ކުއްޖެއްކަން؟ ކިހާ ހިތްހެޔޮކަން؟ އެހެން މީހުން ދެކެ ކިހާ ލޯބިވާކަން... ދަރިފުޅުގެ ހިތަށް އެނގޭނެ.... ދަރިފުޅުގެ ސިކުނޑިއަށް ވިސްނޭނެ... ދަރިފުޅަށް ބުނަން ނޭނގެނީ... ދޯ...." ހުސޭނުބެއަށް މަޑުމަޑުން ބުނެވުނެވެ.
އެ ވާހަކަ ދެއްކި އިރު އޭނާގެ މޫނުމަތިން އުފާވެރިކަން ހިނގައްޖެ އެވެ. ލޮލުން ކަރުނަ ފައިބަން ފެށި އެވެ. އެކަން އިހުސާސްވުމުން އަވަހަށް ލޯ ހުޅުވާލި އެވެ. އެކަމަކު އޭރު ސާރާގެ މޫނުމަތިން ވެސް އުފާވެރިކަން ފެންނާކަށް ނެތެވެ. އޭނާ ވެސް އޮތީ ދެރަވެ، ރޮވެން ކައިރިވެފަ އެވެ. ހިތްހަމަޖައްސައިދޭން ހުސޭނުބެއަށް އެއްޗެއް ބުނެވުމުގެ ކުރިން، ސާރާ ރޯން ފެށި އެވެ. އޭނާގެ އެ އަޑުން ކޮޓަރި ތެރޭގެ ހިމޭންކަން ފުނޑުނޑުވި އެވެ.
"ދަރިފުޅާ! ނޫން. އަވަހަށް ހުއްޓާލާ! ބަލާބަލަ ބައްޕައާ ދިމާލަށް، ބައްޕަ މިހިރީ ހެވިފައެއްނު...ބަލާބަލަ...!" ހުސޭނުބޭ، ކުއްލިއަކަށް ތެދުވެ، ސާރާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ބުންޏެވެ.
އެވަގުތު ކުއްލިއަކަށް ނަޖުމާ އާއި، ސާރާ ބަލަން ހުންނަ އެއް ނަރުހަކު ދުވެފައި އައިސް އެތަނަށް ވަނެވެ.
"ކިހިނެއް ވީ އަނެއްކާ؟" ނަޖުމާއަށް ބާރަށް ބުނެވުނެވެ.
"އަހަރެން ދެރަވެފައި އިން ތަން ފެނިގެން ކަންނޭނގެ...." ހުސޭނުބެ ހަމަ އޮތްގޮތަށް އޮވެ، ބުންޏެވެ.
"މަންމަގެ ދަރިފުޅާ...." ނަޖުމާ ވެސް ސާރާ ކައިރިއަށް ގުދުވަމުން ގޮވާލި އެވެ.
"ބަލާބަލަ ބައްޕައަށް! މިހިރީނު އުފާވެފައި...." ހުސޭނުބޭ އަނެއްކާވެސް ބުންޏެވެ.
ސާރާގެ ނަޒަރު ހުސޭނުބޭގެ މޫނު ނޫން ދިމާއަކަށް ނޭނބުރެ އެވެ. ނަޖުމާގެ މޫނަށް ވެސް ނުބަލަ އެވެ. މަޑުމަޑުން ރުއިން ހުއްޓެމުން، އަޑު ކެނޑެމުން ދާން ފެށީ ހުސޭނުބޭގެ މޫނުމަތިން ހިނިތުންވުން ދައްކަން ފެށުމާ އެކު އެވެ. އެ ކުއްލި ބާރު ރުއިންގަނޑު މުޅިން ހިމޭންވުމުން، ނަޖުމާ، އެނދުގެ ބޯލާ ކޮޅުގައި ހުރި ކަބަޑުން ޓިޝޫއެއް ނަގައި، މޫނު ފޮހެލަ ދިނެވެ.
ސާރާއާ ސަމާސާކުރަން ދެމަފިރިން އިރުކޮޅެއް ވަންދެން ތިއްބެވެ. އޭނާއަށް ނިދުނީ، ބައްޕަ އާއި މަންމަގެ ފިރުމުންތަކުގެ އަރާމު ވެސް ލިބިގެންނެވެ.
"އޭނާއަށް ފެންނަ ގޮތަށް ދެރަނުވާން، ނުރޯން އަހަރެމެން ތިބީ އެއްބަސްވެގެން ދޯ!" ސާރާ ގަދައަށް ނިދާފައި އޮތްކަން ޔަގީންވުމުން، ނަޖުމާ މަޑުމަޑުން ބުންޏެވެ.
"މިރޭ ހަމަ ކުއްލިއަކަށް އެހެންވިއްޔޭ. ހިތަށް މާ ގިނަ އެއްޗެހި އެރީ. ދެން ނުވާނެ އެހެންނެއް،" ނަޖުމާގެ އަތުގައި މަޑުމަޑުން ހިފާލަމުން ހުސޭނުބޭ ބުންޏެވެ. ދެމަފިރިންގެ ހަތަރު ކަޅި ހުއްޓުނީ ވަރަށް ފުން، ކުއްލި އިހުސާސްތަކެއްގެ ތެރެއިންނެވެ. އެކަމަކު އެ ވަގުތު، އަންހެނުންގެ އަތުން ދޫކޮށްލައި، ހުސޭނުބޭ ތެދުވެ، ހިނގައިގަތެވެ.
---
އެއީ ވަރަށް ހާއްސަ ކޮޓަރިއެކެވެ. ރައީސް ހާލިދަށް ރިޔާސީ ގަނޑުވަރުގެ އެންމެ މުހިންމު ތަނެވެ. ފާރުތަކުގައި ހުރީ ލަކުޑީގެ ޑިޒައިންތަކެވެ. ހަތަރެސްކަނަށް ހުރި ޖާގަތަކުގައި ރާއްޖޭގެ ލިޔެލާޖެހި ފަންނުވެރިންގެ ތަފާތު އުފެއްދުންތަކެވެ. އެއިން ކޮންމެ ޖާގައަކުން ވެސް، ވަރަށް ފަނޑު އަލިކަމެއް ފާއްދާލަ އެވެ.
ކޮޓަރީގެ މެދުގައި ހުރީ ހަތަރު މީހުންގެ ލަކުޑީގެ ރީތި މޭޒެކެވެ. ހަތަރު ފަރާތުގައި އަރާމުކޮށް ގިނަ އިރު ތިބެވޭ ކަހަލަ ފަސޭހަ ހަތަރު ގޮނޑި އެވެ. އެންމެ ބިއްދޮށަށް ހުރި ގޮނޑީގައި އިންނަ މީހެއްގެ ކަކުލާ ހިސާބަށް އަރާވަރުގެ ލަކުޑީގެ ކުޑަކުޑަ މޭޒެއް ހުއްޓެވެ. އެ މޭޒުމަތީގައި، ޓިޝޫ އާއި ލަކުޑީގެ ދުފާމަލާފަތެކެވެ.
މޭޒު ހުރި ދިމާލުން ސީދާ މޭޒާ ދިމާވާ ގޮތަށް ބިތުގައި ހައިވަކަރުން ހަދާފައިވާ ވަރަށް ހާއްސަ ކަބަޑެއް ހަރުކޮށްލާފައި ހުއްޓެވެ. އޭގެ ބިއްލޫރި ދޮރުން އެތެރެ ފެނެ އެވެ. ކަބަޑު ފުރިފައި ވަނީ އެކި ޑިޒައިންތަކުގެ ތާސްބައިންނެވެ. އޭގެ ބައެއް ފޮށިތަކުން ވިދަ އެވެ. އެއީ ރިހި ނޫނީ ރަނުގެ ކޮންމެވެސް ރޮނގުތަކެއް އޭގައި ހިމެނޭތީ، އައްޔާ އެކު، ފާޅުވަމުން އަންނަ ވިދުވަރެކެވެ.
ރައީސް ހާލިދު ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން، ހާއްސަ ހާދިމާއި އެހެން އެހީތެރިއެކެވެ. ހާއްސަ ހާދިމް ގޮސް، ރައީސް އިންނަ ގޮނޑީގެ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި، ފެނާއި އެޕަލް ޖޫސްތައްޓެއް ބެހެއްޓި އެވެ. އެހީތެރިޔާ ގޮސް، އެއް ފަރާތުގައި ހުރި ހިމަ މޭޒެއް މަތީގައި އަތުރާލީ، ބިއްލޫރި ތަށިތަކަކާއި ފެނާއި އެޕަލް ޖޫސް ދެ ޖަގެވެ.
ފަރުވާތެރިކަމާ އެކު އެ އެއްޗެހި ބެހެއްޓުމަށް ފަހު، ދެ މީހުން ވެސް ނުކުމެގެން ދިޔައީ އެވެ.
ރައީސް މަޑުކޮށްލީ ތާސްބައިތައް ލާފައި ހުރި ކަބަޑު ކުރިމައްޗަށެވެ. ދެން ހުޅުވާލި އެވެ.
"މިރޭ ނަގާނީ...ނަގާނީ...." އެހެން ކިޔާފައި، ތާސްބައިތަކުގެ ފޮށިތަކުގައި، ޝަހާދަތް އިނގިލިން މަޑުމަޑުން ތަޅަމުން ދިޔަ އެވެ. ދެން މިރެއަށް އެންމެ ހިތްހަމަޖެހޭ ބައި ނެގި އެވެ. އެ ފޮއްޓަށް ބަލައިލި އެވެ. ފޮށީގެ އަރިމަތީގައި ހުރީ ރަން ކުލަ އެވެ. ފޮށީގެ މަތިގަނޑުގެ މެދުގައި، ކާލާ މަންނަގެ ސިފައަށް ކަނޑާ ނަގާފައި ހުރީ ވެސް، ރަނުންނެވެ.
ކަބަޑު ލައްޕާފައި ގޮސް، ރައީސް ހާލިދުގެ ގޮނޑީގައި އިށީދެ، ފޮށި ހުޅުވާލުމަށް ފަހު ތާސްބައި ނެގި އެވެ. އޭގެ އަރިމަތި، ރަން ކުލައިން ވިދަނީ އެވެ. އެއިން ކޮންމެ ގަނޑެއްގެ ވަށައިގެން ހުރީ ރަނެވެ. އެހެންކަމުން ހުރިހާ ގަނޑެއް އެއްކޮށް އޮންނަ އިރު، ވިދާބަބުޅަ އެވެ.
ރައީސްގެ ސިކުނޑި އެންމެ ބޮޑަށް ހުޅުވޭ ވަގުތަކީ މި އެވެ. އަންބެއް، ދަރިއެއް ނެތުމުގެ އުނިކަން އޭނާ ފޫބައްދަނީ ގޭގައި ތާސްބައި ކުޅެގެންނެވެ. މަސައްކަތް ނެގުމަށް ފަހު ދެން އޮންނާނީ ތާސްބަ އެވެ. ކުޅޭނެ އެހެން މީހަކު ނެތަސް، އެކަނިމާއެކަނި ވެސް، އެ މޭޒު ދޮށުގައި ގަނޑުތަކާ ކުޅެން އިނދެ އެވެ. ވިސްނަ އެވެ. ސިކުނޑިއަށް ހިޔާލުތައް އާދެ އެވެ. ސިޔާސީ ކުޅިގަނޑު އަތުރާލަ އެވެ. ކައިރި ކުރަންވާ މީހުންނާއި، ގުޅުން ކަނޑާލައި، އެއްފަރާތްކޮށްލަން ޖެހޭ މީހުން ދެނެގަނެ އެވެ. ނުބައި ޝައްކުތަކަކަށް ވިޔަސް، އެ ނިންމުންތައް ނިންމަ އެވެ.
އާއިލާއެއް ބިނާކުރެވޭ ވަރަށް ވުރެ ރައީސް ހާލިދުގެ ވިސްނުން ހުރީ ސިޔާސީވެފަ އެވެ. އެހެންކަމުން އަންބަކަށް ވަގުތެއް ދެވި، ބައިވެރިޔާގެ ވާހަކަތައް އަޑުއަހައި، އުފާވެރިކަން ހޯދައިދޭ ކަހަލަ މިޒާޖެއް، އެއްވެސް އިރަކު ނުލިބުނެވެ. ދެ ކައިވެންޏެއްކޮށް ރޫޅުނެވެ. އޭގެ ކުރިން ލޯބިވެރިޔަކު ގެންގުޅުނެވެ. އޭނާ ދޫކޮށްލި ފަހުން މައްސަލަގަނޑެއް ވެސް ދިމާވި އެވެ. އެކަމަކު އެއީ ސިޔާސީ ހަރުފަތުގެ މާ އުސް ހިސާބަކަށް އެރުމުގެ ކުރީގެ ކަމަކަށް ވާތީ، މީހަކު އެވާހަކަ ދައްކައެއް ނުހަދަ އެވެ. ވީ ކަމެއް ސިއްރެއްގެ ގޮތުގަ އެވެ. އެ ލޯބިވެރިޔާ އެހެން މީހަކާ އިންކަން އެނގެ އެވެ. އަދި ކުއްޖަކު ވިހެއުމުގެ ތެރޭގައި މަރުވިކަން ވެސް އެނގެ އެވެ. އެ ހުންނަނީ ހާލިދުގެ ހިތުން މާ ބޮޑު ސަމާލުކަމެއް ލިބޭ، މާ ބޮޑެތި އަސަރުތައް އުފެދިގެން އަންނަ ކަންކަމެއް ނޫނެވެ.
ބައެއް މީހުންގެ ހިލަ ހިތް އަބަދުވެސް އޮންނަނީ އެ ހަރުކަން މަތީގަ އެވެ. އެހެން އިންސާނުންގެ އަސަރުތަކުން އެ މަޑުވެ، އިހުސާސެއް އުފެދޭ ގޮތެއް ނުވެ އެވެ.
ދޮރު ހުޅުވާލައިފައި ވަނީ ހުސޭނުބެ އެވެ. ކުޑަކުޑަ ހައިރާންކަމަކާ އެކު، ހާލިދުގެ މޫނަށް ދެން ވެރިވީ ހިނިތުންވުމެވެ.
"ބަލަ ބުނީމެއްނު އަންނަ ހުކުރުގައޭ އަންނާނީ،" ހާލިދަށް ބުނެވުނެވެ.
"ސާރާ ކުޑަކޮށް ބަލިވެ މާ ގިނައިން ރޯ ވާހަކަ ބުނީމާ މިއަދު އައީ،" އެހެން ބުނެފައި ގޮސް ހާލިދުގެ ކައިރީގައި ހުރި އެއް ގޮނޑީގައި އިށީނެވެ. ދެން ރައީސްގެ އަތުގައި އޮތް ތާސްބަޔަށް ނަޒަރު ހުއްޓާލި އެވެ. މިއީ އެންމެ ރަނގަޅު ވަގުތެވެ.
"ބަލާލަ ބަލަ މިއަށް، ތި ނުވާނެ އެކައްޗަކަށް ވެސް،" ހުސޭނުބޭގެ ޖީބުން ކުޑަ ފޮއްޓެއް ނަގާ ރައީސްގެ ކުރިމަތީގައި ބަހައްޓަމުން ބުންޏެވެ.
ހުސް ކަޅު ކުލަ އެވެ. އެކަމަކު އެއީ އަސްލު ފޮށީގެ ބޭރު ކަވަރެއްކަން ރައީސަށް އެނގުނެވެ. އަތުގައި އޮތް ތާސްބައިގެ ގަނޑުތައް އަރިމަތީގައި ބާއްވާލައިފައި، ހިނިތުންވަމުން އެ ނަގައި، ހުޅުވާނެ ގޮތް ހޯދާލި އެވެ.
"ތި ބުނީ މި ތާސްބަޔަށް ވުރެ މޮޅު އެއްޗެކޭތަ!" މަޑުމަޑުން ފޮށި އަނބުރަމުން ހާލިދު ބުންޏެވެ.
"ދެން ހުޅުވާލަ ބަލަ!" ހުސޭނުބެ ހަމަޖެހެން މަސައްކަތްކުރަމުން، ހިނިތުންވުން ދައްކަމުން ބުނެލި އެވެ.
ފުރަތަމަ ކަވަރުގެ ނައްޓާލަން ޖެހޭ ހިސާބު ފެނުނެވެ. ފޮށީގެ އެއްކޮޅުން އެ ބައި ހުޅުވާލައި، އެތެރޭގައި އޮތް ފޮށި ބޭރަށް ނެރުނެވެ. ދެން މަޑުމަޑުން ދެ އިނގިލިން ހިފައި، ކަވަރު އެއްކޮށް ނައްޓާލި އެވެ. ރައީސަށް ލިބުނީ ސިހުމެކެވެ.
"އެހެން ދޯ...." އުފަލުން ރައީސަށް ބުނެވުނެވެ.
އަސްލު ފޮށީގެ މަތިގަނޑުގެ ވަށައިގެން، ފޮށީގެ ބައްޓަމަށް ހަދާފައި ހުރި ރޮނގުގައި ޖަހާފައި ވަނީ، ނޫ ކުލަ އަރަމުން ދާ ކުދިކުދި ޖަވާހިރު ފިޔަވައި އެހެން އެއްޗެއް ނޫނެވެ. މެދުގައި ކާލާ މަންނަ ހަދާފައި ހުރީ ވެސް، ސާފު ޖަވާހިރު ބޭނުންކޮށްގެންނެވެ.
"ކަލޭ ރަނގަޅު އިނގޭ، ހުސޭނާ!" ރައީސް އަބަދުވެސް އޭނާއަށް މުހާތަބު ކުރާ ނަމުން، ބުނެލި އެވެ.
ލޯބިން، މަޑުމަޑުން ފޮށި ހުޅުވާލައި، އެތެރޭގައި އޮތް ތާސްބައި، ވާތުގެ އަތްތިލަ މައްޗަށް ވައްޓާލި އެވެ. ދެން ފޮށި މޭޒު މަތީގައި ބޭއްވި އެވެ. ދެ އަތުން ތާސްބައިގެ ގަނޑުތައް ހުޅުވާލައި، އެންމެ ފުރަތަމަ ވެސް ބެލީ ކާލާމަންނަ ފެނޭތޯ އެވެ. އެ ގަނޑު ހަމަ ފެނުމާ އެކު، އެ ނަގައި، އެހެން ގަނޑުތައް ބެހެއްޓި އެވެ.
"މި އޮތީނު މަގޭ ފުރާނަ،" ކާލާގެ ނިޝާންތައް ކުރަހާލާފައި ހުރިލެއް ރީތިކަމާއި ފުރިހަމަކަމުން އުފަލުން އިނދެ، އޭގައި ރަނގަޅަށް އަތް ކާއްތާލި އެވެ. ދެން ތުންފަތުގައި ޖައްސާ ދޮނެއް ވެސް ދިނެވެ.
"ކީކޭ ހިތަށް އަރައިގެން މިވަރުގެ ހަދިޔާއެއް މިފަހަރު ތި ގެނައީ؟" އެހެން ގަނޑުތަކުގެ ތެރެއަށް ކާލާ މަންނަ ލައި، ތާސްބާ އެއްކޮށްލަމުން ރައީސް ހާލިދު، ހުސޭނުބެއާ ދިމާއަށް ބަލައިލަމުން ސުވާލުކުރި އެވެ.
"ދެން ހަމަ ހިތަށްއެރީ އިންތިހާބުގެ ކަންތައް ވެސް ކައިރިވަމުން އަންނާތީ، ހިތްހަމަޖައްސާލަން ތަފާތު ތާސްބައެކޭ ހޯދާނީ،" ހުސޭނުބެ ޖަވާބުދިނެވެ.
"އެކަމަކު މި ތާސްބައި ނަގާނީ އިންތިހާބު ކާމިޔާބުކޮށްފައި،" ހާލިދު ބުންޏެވެ. ދެން ތާސްބައި ފޮއްޓަށް ލައި، އޭގެ ކަޅު ކަވަރު ތެރޭގައި ފޮރުވި އެވެ. ހުސޭނުބެއާ ދިމާލުން، މޭޒުގެ އަރިމަތީގައި ބޭއްވި އެވެ.
"ނިހާދު އަންނަންދެން ހިނގާ ބަލަ ގަނޑެއް ޖަހާލަން،" އެހެން ބުނެފައި، ކުރިން ނެގި ތާސްބައި ކަނޑަން ފެށި އެވެ. ހުސޭނުބެ ކައިރީގައި އެއް ބައި، އަދި މެދުގައި އަނެއް ބައި ބެހެއްޓުމަށް ފަހު، އޭނާގެ ބައި އަތަށް ނެގި އެވެ.
ތަފާތު ވާހަކާގައި ތިބެ ދެ މީހުން ކުޅެމުން ގެންދިޔަ އެވެ.
ނިހާދު ދޮރުން ވަނީ އޭގެ ވިއްސަކަށް މިނިޓް ފަހުންނެވެ. ހުސޭނުބެ ފެނުމާ އެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ހެނދުނުންސުރެ އޭނާ އެއާ ދެކޮޅަށް ހަނގުރާމަކުރަމުން ދާ ބިރާއި ނުތަނަވަސްކަން ބޮޑުވި އެވެ. އެކަމަކު މޫނުމަތިން އެއްވެސް ކަހަލަ ބަދަލެއް ފެނުނަނުދޭން މަސައްކަތް ކުރަމުން، ހުސޭނުބެއަށް ވެސް ގޮވާލި އެވެ. ދެން ހުސޭނުބެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"ރައީސަށް އެބަ އޮތޭ ހަދިޔާއެއް،" ކުއްލިއަކަށް ނިހާދު ބުންޏެވެ. ދެން ގޮނޑިން ކުޑަކޮށް ތެދުވެލާފައި، ޖީބުން ނެގީ، ހުސޭނުބެ ގެނައި ކަހަލަ ކަޅު ކުލައިގެ ކަވަރަކުން ނިވާކޮށްލާފައި އޮތް ތާސްބައެކެވެ.
ހައިރާންވެގެން ރައީސަށް ބަލައިލެވުނީ ހުސޭނުބެއާ ދިމާއަށެވެ. ދެން ރައީސާއި ހުސޭނުބެއަށް ވެސް ނިހާދުއާ ދިމާއަށެވެ. އޭނާ ކުޑަކޮށް ބިރުގަންނަ ގޮތްވި އެވެ. އެކަމަކު އޭރު ވެސް، ހުސޭނުބޭ ކައިރީގައި އޮތް ތާސްބައި ފެންނަވަރެއް ނުވެ އެވެ.
"ދެ މީހުން ރާވައިގެން މަށަށް ސަޕްރައިސެއް ތި ދެނީ އަނެއްކާ މިއަދު މަ ބުނި ވާހަކައަކުންތަ؟ ކަލޭ ހުސޭނު ގާތުގައި ވެސް ބުނީދޯ. ނިހާދު އަންނަންދެން ނޭނގޭ ކަމަށް ހަދައިގެން ހުސޭނު ވެސް ތި އިނީނު،" ނިހާދު އަތުން ތާސްބައި އަތުލަމުން، ރައީސް ބުންޏެވެ. ދެން އޭގެ ބޭރު ކަވަރު ނައްޓާލައި، އަސްލު ފޮށި ދަމައިގަތެވެ. އެކަމަކު އެ ފޮށީގެ ބޭރުގައި ހުރީ، ހުސޭނުބެ ދިން ތާސްބައިގެ ނޫ ކުލައާ ތަފާތުކޮށް، ފިޔާފޮށި ކުލަ ނުކުންނަ ޖަވާހިރުތަކެކެވެ.
"މިއީ އާދައިގެ ރެއެއް ނޫން!" ހެމުންހެމުން ރައީސަށް ބުނެވުނެވެ. ދެން އެ ފޮށީގެ ގަނޑުތައް ވެސް ނަގައި، ފުރަތަމަ ހޯދީ ކާލާ މަންނަ އެވެ. ދުނިޔޭގެ އެހެން ކަންކަން ހުއްޓުނު ފަދަ ހިނިތުންވުމަކާ އެކު ކާލާ މަންނަ ނަގައި، އޭގައި ދެ އަތުން ފިރުމާލި އެވެ.
"މިހިރަ ރީތިކަމެއްތާ ދޯ!" ރައީސަށް ބުނެވުނެވެ.
ނިހާދާއި ހުސޭނުބެގެ ހިތް ވެސް ސުވާލުތަކުން ފުރުނެވެ. ކުރިން ނުއުފެދޭ ކަހަލަ ބިރެއް، ހިތުގައި އުފެދުނެވެ. އަނެއްކާ ދެ މީހުންނަށް ކުޅެން މި ޖެހުނީ އެއް ގޭމެއް ހެއްޔެވެ؟ ދެ މީހުންގެ ހިތަށް ވެސް އެރި އެވެ. ނޫނީ ދެ މީހުން ވެސް މި މެހެވެނީ އެއް މަޅިއަކަށް ހެއްޔެވެ؟ ދެ މީހުން މި ކޮޓަރީގައި، ބެދި، ފުނޑިގެން ދިއުމުގެ ވަގުތު އައީ ހެއްޔެވެ؟ އެމީހުންނަށް ނޭނގޭ ސިއްރުތަކެއް މި ތާސްބައިތަކުގައި ހުރީ ހެއްޔެވެ؟
އެވަގުތު ދެ މީހުންގެ އަތުގައި އޮތް ގަޑިއަށް ވެސް ބަލައިލެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ.
(ހަ ވަނަ ބައި، ޖޫން 15، 2020، ހޯމަދުވަހު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާން
15 June 2020
ކޮބާ ވާހަކަ
އއމނ
12 June 2020
މީ ހަމަ ބެސްޓް. މި ފަހަކުން އަނެއްކާ ކުރީގެ ބައިތައް ކިޔާލީމި. އެދުރާ މިފަހަރު މެދުކަނޑާ ނުލާތި އިނގޭ ކޮންމެސް.
އެދުރު ފޭން
12 June 2020
ހީވަނީ ހަމަސިފަވާހެން އެދުރަށް ސާބަސް.
ޢައިޝާ މުދައްރިސް
11 June 2020
ޢެދުރަށް ހަ މަ ސާަބަސް
ވަން
11 June 2020
ހާދަ ގިނަކަންތައްއެގޭ މީހެކޭ އެދުރަކީ ހީވަނީ ހަ މަ އަސްލުހެން
ޔާގޫތު
11 June 2020
ވަރަށް މޮޅު ވާހާކަ އެއް. ޝުކުރިއްޔާ
ނާޝް
11 June 2020
އެދުރަށް ހަމަ އައްސަރިބަހުން ސާބަސް. ގހާދަ އިންތިޒާރެއް ކޮށްފީމޭ މިއަދުގެ ބަޔަށް. އެންމެ ރީތިހިސާބުން ނިންމާލަނީ ތިޔަ. ހައްވަ މަތިން ހަނދާން ނައްތާނުލާތި އެދުރު. ކޮންމެވެސް ހިސާބަކުން ހައްވަގެ ބައެއް ކިޔާލަން ލިބޭނެކަމަށް އުއްމީދުކުރަން. އެދުރަކީ ގަދަ މީހެއް އިނގޭ.
އިއްސެ
11 June 2020
ހެޔޮނުވާނެ އެދުރާ ތިހެން ނުހަދާ، ހޮނިހިރު ދުވަހު ގެނެސްދީ އަނެއްބައި!! ވ ވ ރީތި މިބައިވެސް. ފާތިރުމެންގެ ޕްލޭން މިފަހަރު އަދި މާ ސަޅިވާނެ ކައްނޭނގެ!!
އިބްރާހިމްކިލެގެފާނު މާލްދީފީ
11 June 2020
ދެންފަހެ، މިޔަދުވެސް އެދުރު ކިލެގެފާނުގެ މި ވާހަކަ އަހުރެން ކިޔައިފީމުއެވެ. ނުހަނު ޝައުގުވެރިއެވެ. ޙާދިމްކުމް (ސޮއި) އިބްރާހީމް ކިލެގެފާނު
ޭއެންޓި
11 June 2020
ޙަބޭސް