ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.
22 ޖޫން 2020 - 09:32
ޖޫން 18، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ
އޭނާ ގަޑިއަށް ބަލައިލި އެވެ. އެމިރޭޓްސްގެ ފްލައިޓް އަދި ލަންޑަނަކަށް ނުދާނެ އެވެ. އޭނާގެ އަތުގައި ހުސޭނުބޭގެ ނަންބަރު އެބަ އޮތެވެ. އޭނާގެ ސެޓެލައިޓް ފޯނު ރައްކާތެރި އެވެ. އެންމެ އަވަހަށް ވެސް ދެން މައުލޫމާތެއް ލިބެން އޮތީ، ހުސޭނުބެއާ ހިސާބުންނެވެ. އަދިވެސް އޭނާގެ ހިތުގައި ހުސޭނުބެއާ މެދު އެހާ ބޮޑު ޝައްކެއް ނުއުފެދެ އެވެ.
ސާރާ އެ އޮތީ މާލޭގަ އެވެ. ރައީސްގެ ފުރާނައަށް ވުރެ ހުސޭނުބެއަށް މުހިންމުވާނީ ދަރިފުޅުކަން ފާތިރަށް ޔަގީނެވެ. އެހެންކަމުން އެ ކޯލަށް އޭނާ އިންތިޒާރުކުރަން ފެށި އެވެ.
---
ދިވެއްސެއްގެ ސާފުތާހިރުކަން އެހާ ކުޑަވެދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ރައީސް ހާލިދުގެ ހިތަށް އަރާކަށް ވެސް ނުޖެހެ އެވެ. އޭނާގެ ކުރިމަތީގައި އެ އިނީ، ސީދާ އެ ޖަވާބެވެ.
އެންމެ ފަހުން ފެންވެރި ދުވަހެއް ނޭނގެ އެވެ. ނުރަ އިސްތަށިގަނޑުގެ އެކި ހިސާބުތަކުގައި ތަތްލާފައި ހުރީ ބޮލުގެ މަރުވެފައި ހުރި ހަންތަކުގެ ބައިތަކެވެ. ދުންފަތް ލައިގެން ދުފުމާއި އެ ރަތްކަން ފިލުވަން ގަވާއިދުން ދަތް ނޫނގުޅާތީ، ދަތްތައް ހުރީ ރަތްވެފަ އެވެ. ބައެއް ދަތްތަކަށް ކަޅު ކުލަ އަރަން ފަށައިފަ އެވެ. ދެ މިޔަކަނުގައި، ހައްޕުޑެވެ. ވާހަކަ ދައްކާ އިރު ދޭތެރެދޭތެރެއިން އަތުން ފޮހެ ވެސް ލަ އެވެ. ލައިގެން އިނީ ހުދު ގަމީހެއް ނަމަވެސް މުޅި ގިރުވާން ކަޅުވެފަ އެވެ. މޭ މައްޗާ ހަމައަށް ގޮށް ނެއްޓިފައި ހުރި އިރު، ދާވެ ކިލާވެފައި ހުރި މިންވަރު ދިމާއަށް ފެނެ އެވެ. މުންޑުގެ އެކި ހިސާބުތަކުގައި، ރަތް ކުޅުގެ އަސަރުތަކާއި ހިރަފުހުގެ މިލަ އެވެ.
އެކަމަކު އެއީ ރައީސް ހާލިދު އެންމެ އިތުބާރުކުރާ ސިހުރުވެރިޔާ އެވެ.
ހަސަން ތައްހާނުގެ އެހީ އެންމެ ފުރަތަމަ ހޯދަން ފެށީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ތެރޭގަ އެވެ. އެއީ ހުސޭނުބޭގެ ހޮވުމެކެވެ. ރައީސް ކައިރީގައި ހުސޭނުބެ ބުނީ "ފަކުރުގަނެގެން ނުވާނެ" ކަމަށެވެ. "އޭނާގެ އެއްވެސް ސިފަޔަކާ ބެހޭ ގޮތުން ސުވާލުނުކުރާތި،" އެއީ ދެން ދިން ނަސޭހަތެވެ. ބައެއް ސިހުރުވެރިންނަކީ ގައިން ތާހިރުނުވާ ބައެއްކަން، ރައީސް ހާލިދަށް ވެސް އެނގެ އެވެ. އެކަމަކު ހަސަން ތައްހާނަކީ ބޮޑުވަރެވެ.
ރިޔާސީ ގަނޑުވަރުގެ ވަކި ކޮޓަރިއެއްގައި ރައީސް ހާލިދު އިނީ އެއް ގޮނޑީގަ އެވެ. އޭނާގެ ކުރިމަތީގައި ސިހުރުވެރިޔާ އެވެ. މެންދުރު ނަމާދަށް ބަންގި ގޮވީ ދާދި ދެންމެއަކު އެވެ.
"މަ މި ބުނާ ގޮތަށް ކަލެއަށް ކެރޭނެތަ ހަދަން؟" ރައީސް ހާލިދުގެ ދެ ލޮލަށް ބަލަން އިނދެ، ރަތް ދަތްޕިލާ ދައްކާލަމުން، ހަސަން ތައްހާނު އެހި އެވެ. ކޮންމެ މީހަކާ ދިމާއަށް ވެސް އޭނާ މުހާތަބުކުރަނީ "ކަލެ"އޭ ކިޔައިގެންނެވެ. އެ ބަހުރުވަ ރައީސަށް މިހާރު އަލެއް ވެސް ނޫނެވެ.
"ދެން ތިބުނާ ކަމެއް ނުކެރެވި މިކަން ވާން އެބަ އޮތްތަ؟" ރައީސް ވެސް ޖަވާބު ދިނީ ސުވާލަކުންނެވެ.
"ތިބުނީ ރަނގަޅަށް، މިހާރަކު ނެތް. އެކަމަކު ބިރުން ތި ގެންގުޅޭ މީހުންތައް ގޮވައިގެން އެ ރަށަށް އަރައިގެން ނުވާނެ. ރޭގަނޑު ސިއްރުން އެކަނި އަރަން ޖެހޭނީ،" ތައްހާނު ބުންޏެވެ.
"ބަލަ މަށަކީ މި ގައުމުގެ ރައީސް. މަގޭގެ ހަށިފާރަވެރިން ވެސް ތިބޭނެ ދޯ؟" ރައީސް ހާލިދު ބުންޏެވެ.
"އާނ ތިބުނީ ހެޔޮކަށް. އެކަމަކު ކަލޭ ފާހާނައަށް ވަންނަ އިރު ވެސް ތި މީހުންތައް ވައްދަންތަ؟ ކަލޭ އަންހެނުންނާ އެކު އުޅޭ އިރު...."
"ތައްހާނު، މަ ބުނަން ވާހަކައެއް. ތި ވަރަށް ނުގެންދޭ! ރާއްޖޭގެ ރައީސް އެކަނި، ރޭގަނޑު، ރަށު މީހުންނަށް ނުފެނި، އެގޮތަށް އުޅެވޭނެހޭ މަ މި އަހަނީ؟" ރައީސް ހާލިދު ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.
"އާއެނކޭ، އާއެނކޭ. އުޅޭށޭ ޖެހޭނީ. މިކަމުގައި ހަމަ އުޅޭށޭ ޖެހޭނީ. ކަލޭ ހިތަށްއަރަނީ މި ރާއްޖޭގެ ރައީސްކަން ލިބުނީމާ ދެން ހުރިހާ ކަމެއް އެނގޭ ކަމަށްތަ؟" ތައްހާނުގެ ލޯ ވައްކޮށްލާފައި ސުވާލުކުރި އެވެ. ނުރަ ދިގު އިސްތަށިތަކުން އުފެދިފައި ހުރި ދެ ބުމަ ގޮއްޖެހިފަ އެވެ. ރައީސް ކުޑަކޮށް ބިރުގަތެވެ. އެއްޗެއް ނުބުނެ މަޑުން އިނުން ނޫން ގޮތެއް ނެތެވެ.
"ނޭނގޭނެ. ބަލަ މަ ފެންނުވަރާ، ދަތް ނޫނގުޅާ، ރަނގަޅަށް ގައިން ތާހިރު ވެސް ނުވެ މި އުޅެނީ ކީއްވެ؟ އެނގޭތަ؟ ނޭނގޭނެ. ބަލަ މި ގޮތަށް މުޅި އުމުރު ހޭދަކުރަނީ ކަލޭމެން ކަހަލަ މީހުންނަށް، އެހެން އިންސާނުންނަށް ނުވާ ކަންކަން ކޮށްދޭން ދޯ. މި ނުސާފުކަމާއި ނުތާހިރުކަމާ ހެދިއޭ ކަލޭމެންނަށް ނުފެންނަ އެ އެއްޗެހި އެ އަންނަނީ. އުނދަގުލުން ވިޔަސް އެ އެއްޗެހި ލައްވާ ކަންކަން ކުރުވަނީ. އެކަމަކު މަށަށް ވެސް ނޭނގޭ ކަންކަން ހުރޭ. އެއިން އެއް ކަންތައް އެއީ، އެ މުސްކުޅި ދައިތަގެ އަސްލު ބާރު،" ހަސަން ތައްހާނު، ޖެހިލުމެއް ނެތި، ރައީސްގެ ކުރިމައްޗަށް އޭނާގެ ބަސްތައް އޮއްސާލި އެވެ.
ރައީސް އިނީ އަޑުއަހާށެވެ.
"މަގޭގެ ބައްޕަ އާއި ކާފަ އާއި މުނިކާފައަކަށް ވެސް ނޭނގޭ. އެމީހުން ބުނަނީ ފިއްލަދޫގައި އިލްމުވެރި މިވެނި އާއިލާއެއް އުޅޭނެއޭ. އެމީހުން ބަލަހައްޓަން އެހެން އާއިލާއެއް، އެ ގެއާ ޖެހިގެން އުޅޭނޭ. އެމީހުންނާ ކޮންމެ ކޮންމެ މީހަކަށް ކުރިމައްޗެއް ނުލެވޭނެއޭ. އެކަމަކު އަހަރެމެންގެ އެކަކަށް ވެސް އެ ރަށަކަށް ނޭރޭނޭ،" ތައްހާނު ވާހަކަ ކުރިއަށް ގެންގޮސް، މަޑުކޮށްލާފައި، ކަނާތް ފަރާތަށް ގުދުވި އެވެ. ފައި ތިލަ ކައިރީގައި ބާއްވާފައި އޮތީ ފޮތި ކޮތަޅެކެވެ. އެ ނަގާ ފަލަމަސްގަނޑު މަތީ ބެހެއްޓި އެވެ. ދެން އޭގެ ތެރޭގައި ބާއްވައިގެން އޭނާގެ މަޑިސީލަ ހުޅުވާލައި، އަނގަޔަށް ފޯކާއި ބޮޑު ބިލެތްގަނޑެއް ލި އެވެ. އޭގެ ފަހުން ދުންފަތާއި ހުންޏާއި އެހެން ސާމާނެވެ. ބިލެތްގަނޑުގެ ބޮޑުކަމާ އެކު، ކަނާތު ކޮލުގެ ބޭރުން ތަންގަނޑެއް ހުރީ ނުކުމެފަ އެވެ.
މިއީ ތައްހާނާ ބައްދަލުވާ ހަމަ ކޮންމެ ފަހަރަކު ވެސް ކަން ހިނގާ ގޮތް ކަމަށް ވާތީ، ރައީސް ހާލިދު ކެތްކޮށްލައިގެން އިނީ އެވެ. ސިހުރުވެރިޔާ ދެކެ ޖެހިލުންނުވާ ނަމަ، އޭނާގެ ބިޔަ ބޮޑީގާޑުގެ އެތިފަހަރެއް މިހާރު އޮންނާނީ ކަންކަށިމައްޗަށް އަރައިފަ އެވެ. އެކަމަކު މިއީ އެކަހަލަ ސަކަރާތެއް ޖަހައި، ތިމާގެ އަމިއްލަ ބާރު ދެއްކޭ ކަހަލަ ވަގުތެއް ނޫނެވެ. އޭނާ ބޭނުންވަނީ ހަސަން ތައްހާނުގެ ލަފާ ހޯދައި، ވީހާވެސް އަވަހަކަށް ފިއްލަދުއަށް ދާށެވެ.
ރަނގަޅަށް ދުފުންގަނޑު މީރުކޮށްލުމަށް ފަހު، ކޮތަޅު ތެރެއިން ކުޑަ ދަޅެއް ނެގި އެވެ. ދެން އެއަށް ދެ ފަހަރަށް ކުޅު ޖަހައި، ދަޅުގެ މަތިގަނޑު އެޅި އެވެ.
"އެންމެ ރަނގަޅު، މިހެން ކަންތައް ކުރޭ. އެއްވެސް މީހަކަށް ނޭނގި، ކަލެ އާއި ކަލޭ ކައިރީގައި އެ ހުންނަ، ބިޔަ ދެޔޯ، ރޭގަނޑު ފިއްލަދުއަށް އަރާ. އެ ގެ ހުންނާނީ ރަށުގެ މީހުން އުޅޭ ހިސާބަށް ވުރެ ވެސް އުތުރަށް ކަމަށް، މަށަށް އެނގިފައި އޮންނަނީ. ކަލޭ ގޮސް ބުނޭ ތިމަންނައަކީ ރާއްޖޭގެ ރައީސޭ. ނުވަތަ އޭގެ ކުރިން އެ ދައިތައަށް ކަލޭ އަންނަކަން ވެސް އެނގިފައި އޮވެދާނެ. އެހެންވެއްޖެއްޔާ، އެއްވެސް ހުރަހެއް ނެތި، ގެއަށް ވަދެވުން ކައިރީ،" ތައްހާނު ބުންޏެވެ.
ރައީސް ވިސްނާލި އެވެ. ސިހުރުވެރިޔާ އެ ބުނާ ގޮތަށް ދަތުރެއް ރޭވިދާނެ އެވެ. އެކަމަކު ބިރު ދައްކައިގެން އެދައިތަގެ އަތުން އޭނާއަށް އެއްވެސް އެއްޗެއް ލިބިދާނެ ހެއްޔެވެ؟ މިއީ ބޮޑު ސުވާލެކެވެ.
"އަހަރެން އެދޭ ކޮންމެ ކަމެއް އޭނާ ކޮށްދޭނެތަ؟" އެ ސުވާލު ރައީސް ކުރި އެވެ.
"ކަލެއަކީ ރާއްޖޭގެ ރައީސް ދޯ. ދެން ނުކޮށްދީ އެދައިތަ އެ އެނދުގައި އޮންނާނީ ކިހިނެއް؟ ސިއްރުން ރަށަށް އެރިޔަސް ރައީސް ވާނީ ރައީސަށް. އެހެންވީމާ ކަލޭގެ ހާލަތު ކިޔައިދީ. އިބްރާހިމަށް ކޮށްދޭ ކަމެއްގެ ގޮތުގައި ނަމަވެސް، އެހީތެރިވެދޭށޭ ބުނޭ. އެކަމަކު މީގެ ތެރެއަށް މަ ނުބާނާތި!" ތައްހާން ބުންޏެވެ.
"އޭނާ ދޭ ފެން ތަށި ބޯންވީ މަ ބޭނުންވާ ހުރިހާ ކަމެއް ހިތުއަޅައިގެން ދޯ. އިތުރު ކަމަކާ ވިސްނަން ޖެހޭނެތަ؟" ހާލިދު އެހި އެވެ.
"ކަލޭ ބޭނުންވަނީ ތި ހިރުވުމުން ދުރުވާން. އެހެން މީހުންގެ ހަސަދައިން ސަލާމަތްވާން. ބަދު ދުއާތަކުގެ ނުބައިކަމާ ކުރިމަތިނުލާން. ދެން ވެސް ތި ގޮތަށް ރައީސޭ ކިޔައިގެން ހުންނަން. ކަލޭ ބޭނުން ކޮންމެ ކަމަކަށް ނިޔަތް ގަންނާނަމޭ ބުނޭ. ދެން އެދައިތައަށް އެނގޭނީ ކަން ކުރަން ވާ ގޮތް،" އެހެން ބުނެފައި، ކުޅު ދަޅު ހުޅުވާލައިފައި، އަނެއްކާވެސް ކުޅުގަނޑެއް ޖަހާލި އެވެ.
"ތިކަން މަ ރާވާނަން. ދެން ބުނެދޭންވީ، ނިހާދަށް ވީ ގޮތެއް. އޭނާ ނުފެނިގެން މި އުޅެނީ،" ރައީސް ހާލިދު ބުންޏެވެ.
ހަސަން ތައްހާނުގެ ދެ ބުމަ ގޮށްޖަހާލި އެވެ. ރައީސްގެ ދެ ލޮލަށް އޭނާގެ ތޫނު ނަޒަރު ހުއްޓާލި އެވެ. ޖަވާބެއް ނުދިނެވެ. ރުޅިވެރިކަމާ އެކު ހަމަ ބަލަހައްޓައިގެން އިނީ އެވެ.
"މަ ކުރިން ވެސް ބުނިން ދޯ ތި ގޮތަށް މަށާ ދިމާއަށް ނުބަލާށޭ!" ރައީސަށް މަޑުން ނީނދެވިގެން ބުންޏެވެ.
"ބަލަ މަ މިހެން ބެއްޔަސް ކަލެއަށް ކޮން ގެއްލުމެއް ވާނީ؟ ކަލޭ ބިރުގެންފައި އިން ވަރެއް މި ވަޒަންކޮށްލަނީ. ބުނެ ބަލަ، ބިރެއް ނުގަނޭތަ؟" ތައްހާނު، އެއްވެސް ޖެހިލުމެއް ނެތި، ސުވާލުކުރި އެވެ.
"ބިރުގަތުމަށް ވުރެ ކަންބޮޑުވުން ދޯ ބޮޑުވާނީ. މަގޭގެ އެންމެ ގާތް މިނިސްޓަރު. މުޅި ގައުމުގައި އޭނާ ގެއްލުނު ވާހަކަ މިހާރު އެ އޮތީ. ވީ ތަނެއް، ވީ ގޮތެއް ވެސް ނޭނގޭ. ކޮޓަރީގައި ލޭ ހުރިކަން،" ރައީސް ކިޔައިދިނެވެ.
"މަ މިހެން ބުނީމާ ކަލޭ ގަބޫލުކުރާނަންތަ؟" ތައްހާނު ދެން ވެސް ކުރީ ސުވާލެކެވެ.
"ގަބޫލުނުކުރެވޭ ކަހަލަ ސަބަބެއް ދައްކައިގެން އޮޅުވާލަން ދޯ ތި އުޅެނީ؟" ރައީސް ހިތްހަމަނުޖެހިފައި ރައްދުދިނެވެ.
"ތި ސޮރު ހިއެއް ނުވޭ މާލޭގެ ފަސްގަނޑުގައި ހުރި ހެންނެއް. އެއީ އިންސާނުންގެ ކަމެކޭ މަށެއް ނުބުނާނަން،" ދުފުންގަނޑު ހިމުންކުރަމުން ހަސަން ތައްހާނު ބުންޏެވެ.
"އާނ، ދެން އަޅާނުލާ. ކަލޭ ބުނި ގޮތަށް ފިއްލަދުއަށް މަ އަރާނަން. އެކަމަކު ނިހާދާ ބެހޭ ގޮތުން ތި ބުނި ވާހަކަ ގަބޫލެއްނުކުރަން، އިނގޭ. ދެން އެންމެ ރަނގަޅު ދިޔަސް،" ރައީސް އެންމެ ފަހުން ބުންޏެވެ.
"މިރޭ ފުރަން އޮތް އޮޑިއަށް އަރަން މަ މިދަނީ. ފިއްލަދޫ އެ އޮތީ ކަލެއަށް. ނަމަނަމަ މަ ކަހަލަ ސިހުރުވެރިއެއްގެ ވާހަކަ އެދައިތަ ކައިރީގައި ނުބުނާތި،" ފޮތި ކޮތަޅު ތެރެއަށް ކުޅު ދަޅު ލައި، ކޮނޑުގައި ކޮތަޅު އަޅުވާލަމުން، ތައްހާނު ބުންޏެވެ. ދެން ތެދުވެ، ރައީސާ ދިމާއަށް، ދެ މިޔަކަނުން ހީލަމުން، ނުކުންނަން ހިނގައިގަތެވެ.
"މަށަށް ދެން ވެސް ބުނެވެން އޮތީ މި ވާހަކަ. ތި ގެއްލުނު ސޮރު ހޯދަން އުޅޭނެ ކަމެއް ނެތް. އޭނާއެއް ނުފެންނާނެ،" ފަހަތަށް އެނބުރި ބަލައި ވެސް ނުލާ، ކުރިއަށް ދަމުން ތައްހާނު ބުންޏެވެ. ރައީސް ހާލިދު އިނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. ގަބޫލުކުރަން ދަތިވިޔަސް ސިހުރުވެރިޔާ އެ ބުނި ވާހަކައިން ޖެހިލުންވެފަ އެވެ.
ހަސަން ތައްހާނު ދޮރު ހުޅުވާލުމާ އެކު، ދޮރުގެ އަރިމަތީގައި ހުރި، ބިޔަ ބޮޑީގާޑު ފެނުނެވެ.
"މިހިރަ ދެޔޯއެއް ދޯ! ކާކު މި ދުނިޔެއަށް ގެނައި އެއްޗެއްތަ މިއީ؟ އެހެން މީހުން ބިރުގެންފާނެ. މަށެއް ނުގަނޭ ބިރެއް. ވެރިމީހާ ދޫކޮށްނުލައި، ކަލޭ އުޅެން ޖެހޭނީ ތިޔަ ދާން އުޅޭ ރަށުގައި. މި ރަށުގައި ކަލޭ ނެތަސް، އޭނާއަށް ވާނެ ގެއްލުމެއް ނޯންނާނެ،" ދަތްކުނޑިވިކާލައިގެން ހުރި ބޮޑީގާޑާ ދިމާއަށް ބަލަމުން، ތައްހާނު ހިނގައިގަތެވެ. އެވަގުތު ބޮޑީގާޑަށް ރައީސް ގޮވާލި އަޑު އިވުނެވެ. އެހެންކަމުން ނުބައި ސިހުރުވެރިޔާ ދެކެ އުފެދުނު ރުޅިވެރިކަމާ އެކު ބަލަން ހުރެވޭ ގޮތެއް ނުވި އެވެ. އޭނާ އަވަހަށް ރައީސް އިން ކޮޓަރިއަށް ދެމިގަތެވެ.
"ދެ މީހުން އެބަ ޖެހޭ ކަމެއް ރާވަން،" ބޮޑީގާޑާ ދިމާއަށް ބަލަން އިނދެ، ރައީސް ބުންޏެވެ.
---
ފާތިރު އޭނާގެ މުސްކުޅި ގޭގައި ހުރި އުނދޯލީގައި، ހެއްލާލަ، ހެއްލާލަ އިނެވެ. އޭނާ އެކަންޏެވެ. ނާވިޝް ދިއުމާ އެކު އިންސާފުގެ ޗެމްބަރުން ނުކުމެ، ހުސޭނުބެއާ ގުޅަން އެތައް މަސައްކަތެއް ކުރި އެވެ. އެކަމަކު އަދިވެސް ގުޅޭ ގޮތެއް ނުވި އެވެ. މިހާރު މެންދުރުން އަނބުރައި ދޭއް ޖަހަނީ އެވެ. ގެއަށް ކާން ނާންނާތީ، އަންހެނުން ދެ ފަހަރަށް ގުޅައިފި ވެސް މެ އެވެ. އެކަމަކު އަދި ދެވެން ނެތް ކަމަށް ބުނެ، ފާތިރު އިނީ ހުސޭނުބެއާ ވާހަކަ ދައްކާފައި ނޫނީ ގުޑާނުލާށެވެ.
މި އޮޕަރޭޝަން ނާކާމިޔާބުވެއްޖެ ނަމަ ނުރައްކާ ކުޑަ ނުވާނެކަން އޭނާއަށް އެނގެ އެވެ. އެކަމަކު ހިތުގެ އަޑިން ގަބޫލުކުރަނީ އެހެން ނުވާނެ ކަމަށެވެ. އެހެން ވެގެން ވެސް ނުވާނެ އެވެ. ތާސްބައިގައި ހިމެނޭ ވިހަ ހަށިގަނޑު ތެރެއަށް ހިނގައްޖެ ނަމަ އެތެރޭގެ ގުނަވަންތައް ހަލާކުނުވެއެއް ނުހުންނާނެ އެވެ. އޭގައި ވިހައިގެ މާއްދާ ހިމެނީ ވެސް، އެފަދަ ނަތީޖާއެއް ނުކުންނާނެ މިންވަރަށް ބަލައިގެންނެވެ.
އޭނާ އެ އިނީ ކާފަގެ އުނދޯލީގަ އެވެ. ކުޑައިރު އޭނާއަށް އެތައް ވާހަކައެއް، އެތައް ނަސޭހަތެއް ދިން ކާފަ އެވެ. އޭނާ ބޮޑުވީ، ހަރުދަނާ ކާފަ އާއި ބައްޕައެއްގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އޭނާ އެ ކުރަމުން އަންނަ ވަރުގެ ބިރުވެރި ކަމެއް އެއިން އެއްވެސް މީހަކަށް ކުރިމަތިވެފައެއް ނުވެ އެވެ. އެމީހުން އޭނާއަށް ފޯރުކޮށްދިން އިލްމީ ސިއްރުތަކުގެ ބާރު އެއަށް ވުރެ އަދި ވަރުގަދަ އެވެ.
އޭނާ އާއި ޒަވީން އާއި ނާވިޝްގެ އަތުން ބަޔަކު މަރުވެއްޖެ އެވެ. އެކަމަކު ކުށުގެ އިހުސާސެއް އެއިން އެއްވެސް މީހެއްގެ ނެތެވެ. އެ މީހުން ނުކުތީ އެ އަނިޔާވެރިންގެ އަތުން އިންސާފު ހޯދައިދޭށެވެ. އާންމުންނަށް ނޭނގުނަސް، ފޮރުވިގެން ތިބެ، ކުރަމުން އެ އަންނަނީ އެ ކަމެވެ. އެ ހުރިހާ އޮޕަރޭޝަނެއް ވެސް ކާމިޔާބެވެ.
ހަމައެކަނި ރޭ ދިން ހަމަލާ ފިޔަވަ އެވެ. އެކަމަކު އެ ހަމަލާ އަމާޒުކުރީ ވެސް، ރާއްޖޭގެ އެންމެ މަތީ ވެރިޔާއަށެވެ. އެހެންކަމުން ތަފާތު ވެސް ހުންނާނެ އެވެ.
އެކަން ވިސްނާލެވުމާ އެކު އަނެއްކާވެސް، ޖީބުން ކުޑަކުޑަ ފޯނު ނެގި އެވެ. އޭނާ ހުސޭނުބޭގެ ނަންބަރަށް ގުޅާލި އެވެ. ދެ ފަހަރު ރިންގް ވީ ތަނުން ނެގި އެވެ.
"މަށަށް ފިލަން އުޅޭނެ ކަމެއް ނެތް. ކަލޭގެ ދަރީގެ މަތިން ހަނދާން ނެތުނީތަ؟" އުނދޯލިން ތެދުވަމުން، ފާތިރު ފުރަތަމަ ވެސް ހުސޭނުބެއަށް ދިނީ އިންޒާރެވެ.
"ފިލައިގެންނެއް ނޫން މި އުޅެނީ. ދެންމެ ރައީސް ވެސް ގުޅައިގެން ވަރަށް ވާހަކަ ދައްކައިފި،" ހުސޭނުބޭ ބުންޏެވެ.
"އޭނާއަށް ހަމަ އެއްވެސް ކަމެއް ނުވޭ! ކަލެއާ ވާހަކަ ވެސް ދެއްކީ؟" ފާތިރު ސުވާލުކުރި އެވެ.
"މަ އެބަ ފޮނުވަން މެސެޖެއް. މިހާރު މި ނައްޓާލަނީ ނަސްރާ ކައިރިއަށް،" ހުސޭނުބެ އެހެން ބުނެފައި ފޯން ބޭއްވި އެވެ.
މެސެޖް އައީ އިނގިރޭސި ވިލާތުގެ މޮބައިލް ނަންބަރަކުންނެވެ. އޭގައި ލިއެފައި އޮތް ވާހަކަ ކިޔާފައި، ފާތިރަށް ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނެވެ: ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރައީސް ސިއްރުން ފިއްލަދުއަށް އަރައި، ދަލޭކަދައިތައާ ބައްދަލުކުރަނީ އެވެ. ހުސޭނުބެ ލިއެފައި އޮތީ "ވަރަށް އިލްމުވެރި، އާދަޔާ ހިލާފު މުސްކުޅި އަންހެނެއް" ކަމަށެވެ. މަރުވުމުގެ ކުރިން ފާތިރު ކައިރީ ނަލަ އިބްރާހިމް ބުނި ގޮތުން ނަމަ، ރައީސްގެ އެންމެ ބޮޑު ބޭނުމަކީ ދަލޭކަދައިތައާ ބައްދަލުކުރުމެވެ. ފާތިރަށް ފިއްލަދުއަށް ގޮސް، އެގެއަށް ވަދެވުނީ، އިބްރާހިމް ދިން އެ މައުލޫމާތުންނެވެ.
މިހާރު އެ ގޭގައި އުޅެނީ ދަލޭކަދައިތަ އެކަންޏެއް ނޫނެވެ: އޭނާގެ ދެ ވަނަ އަނބި ހައްވަގެ ގެޔަކީ ވެސް އެ އެވެ.
ރައީސް ހާލިދަށް އެ ގެއަށް ވަދެވިގެން ނުވާނެ އެވެ. އެކަމަކު އޭނާއަށް ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ތިން އަހަރު ވުމުގެ ކުރިން އެރަށަށް ނާރަން އެހުރީ ވައުދުވެގެންނެވެ. އެ ވައުދާ ހިލާފު ވެއްޖެ ނަމަ ދެން ކުރިމަތިވާނީ ކޮން މައްސަލަގަނޑެއް ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. ލަފާކުރަން ވެސް ދައްޗެވެ. އެގޭގައި އޮތީ، އަދި އެ ގެ ވަށައިގެން ވަނީ މުޅިން ވެސް ސިއްރެވެ. ތަފާތު ބާރުތަކެކެވެ.
ފާތިރު ވިސްނަން ފެށި އެވެ.
---
ހުދު ކުލައިގެ ބޮޑު އަލަމާރީގެ އެއް ދޮރުފަތް އެއްކޮށް ހުރީ ބިއްލޫރިންނެވެ. ޖިމް ނިންމާފައި ކޮޓަރިއަށް ވަދެ، ހުސް ގަޔާ ހަދާލައިގެން އޭނާ ހުރީ ލޯގަނޑުން ހަށިގަނޑަށް ބަލާށެވެ. އޭނާއަކީ ސިހުރުވެރިޔާ އެ ސިފަކުރި ގޮތަށް "ދެޔޯއެއް" ހެއްޔެވެ؟ އޭނާގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އާންމު ދިވެހިންނަށް ވުރެ އިސްކޮޅުން ދިގުވެފައި، ހަށިގަނޑު ވަރުގަދަވުން ހެއްޔެވެ؟ އޭނާ ކަޅުވުން ހެއްޔެވެ؟ ލޯގަނޑުން ފެންނަނީ ބޭކާރު ސަރުބީގެ އެއްވެސް މިންވަރެއް ނެތް، ހަ ގޮޅި އަރާފައި ހުރި ބަނޑަކާއި، މޭމަތީގެ މަސްތައް ވަރުގަދަ، ބިޔަ ކޮނޑަކާއި ބިޔަ ދެ އަތެވެ. މޫނުމަތީގެ ހަންގަނޑު އޮމާނެވެ. ތުނބުޅި އާއި މަތިމަސް ބާލައިފަ އެވެ. އޭނާގެ ދެ ލޮލުގެ ބުމަ ބޯވެފައި، ދިގެވެ. ލޮލު ތެރެއިން އަބަދުވެސް ރުޅިވެރިކަން ފެންނަ ވާހަކަ، މީހުން ބުނެ އެވެ. ތެދެކެވެ. ރީތި ހިނިތުންވުމަކީ އޭނާގެ ސިފަޔަކަށް ނުވެދާނެ އެވެ. އެކަމަކު އޭނާ ވެސް އޭނާގެ ގާތް ރައްޓެހިންނަށް ހިނިތުންވެ އެވެ. ސަމާސާ ވެސް ކުރެ އެވެ. އެކަން ނުފެންނާނީ، ރައީސުލްޖުމްހޫރިއްޔާގެ ހަށިފާރަވެރިޔަކަށް ހުންނަ އިރު އެވެ. ސިފައިންގެ ޑިއުޓީގައި ހުންނަ އިރު އެވެ.
އޭނާއަށް ޔަގީންވާ ކަމަކީ، އޭނާގެ ހިތް ސާފުކަމެވެ. ތެދުވެރިކަމެވެ. އޭނާއަށް ހަވާލުކުރާ ކޮންމެ ކަމެއް ކުރާނެކަމެވެ. އަދި ހިތުގައި އެހެން މީހުންނާ މެދު އޮންނަ ލޯތްބެވެ.
މުހައްމަދު ޔޫނުސް ދެ އަތް އުފުލައިލައި، ދެ އަތުގެ މީދާމަސްގަނޑު ބާރުކޮށްލި އެވެ. އޭނާގެ ހަށިގަނޑާ ވާދަކުރެވޭނެ ވަރުގެ މީހަކު ވެސް މި ވަގުތު ސިފައިންގެއަކު ނެތެވެ. އެކަމަކު އެއީ ހަމަ ހުރެފައި އޭނާއަށް ލިބުނު ހަށިގަނޑެއް ނޫނެވެ. ރަށުގައި، މާމަ ކައިރީގައި އުޅެ ބޮޑުވި އިރު ވެސް އޭނާގެ އުއްމީދަކީ، ސިފައިންގެއަށް ވަނުމެވެ. އޭރު އޭނާގެ ރަށުގައި ކޭބަލް ޓީވީއެއް ނުހުރެ އެވެ. ޓީވީއެމްއެއް ނުފެނެ އެވެ. ޓީވީ އާއި ވީސީއާރު ހުންނަނީ މަދު ގެއެއްގަ އެވެ. އެއިން ގެއެއްގައި ފިލްމެއް ދައްކާތޯ އޭނާ ހުންނަނީ ބަލަބަލަ އެވެ. ރާމްބޯ ފިލްމުތަކުގެ ފުރަތަމަ ފިލްމު "ރާމްބޯ: ފަސްޓް ބްލަޑް" އޭނާގެ ހަނދާނުން އަދިވެސް ނުފޮހެވެ އެވެ. އޭގެ ބަތަލް ސިލްވެސްޓަ ސްޓެލޯންގެ ބިޔަ ހަށިގަނޑާއި ތަޅާފޮޅުންތަކާއި ހަނގުރާމައިގެ މަންޒަރުތައް، އޭނާގެ ސިކުނޑިގައި އުފެއްދި ހުވަފެނަކީ ސިފައިންގެ މީހަކަށް ވުމެވެ. އެ ފިލްމުގައި ވެސް، ޖޯން ރާމްބޯއަކީ ހިނިތުންވާ މީހެއް ނޫނެވެ.
ޔޫނުސް ބޮޑުވަމުން އައީ މަންމަ އާއި ބައްޕަގެ ހިޔާވަހިކަމެއް ނެތި އެވެ. އޭނާގެ އުމުރުން އެންމެ ހަ އަހަރުގައި މަންމަ މަރުވީ، ކޮއްކޮއަކު ވިހެއުމުގެ ތެރޭގައިކަން، ހަނދާންވެ އެވެ. އޭރު އޭނާ ހުރީ ދޮންބައްޕަގެ ރަށުގައި، ނިލަންދޫގަ އެވެ. އެކަމަކު އޭނާގެ މަންމަގެ އަސްލު ރަށަކީ ކ. ހުރަ އެވެ. އެއް ދުވަހަކު މަންމަ ބުނީ "މިހާރު މި އުޅެނީ އެހެން ރަށަކަށް ދާން" ކަމަށެވެ. އަނެއް ދުވަހު ދޯންޏަކަށް އަރައިގެން މާލެ އައިސް، އޭގެ އަނެއް ދުވަހު ނިލަންދުއަށް ފުރީ އެވެ.
އަސްލު އޭނާގެ ބައްޕައަކީ ކާކު ކަމެއް، ރަސްމީ ލިއުންތަކުން އެނގޭކަށް ނެތެވެ. އޭނާ ވީ ބައްޕަ ނެތް ކުއްޖަކަށެވެ. އެކަމަކު ކޮންމެ އިންސާނެއްގެ ވެސް ބައްޕައެއް ހުންނާނެތާ އެވެ. މައްސަލައަކީ އެކަމަށް އެއްބަސްވެ، ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ޝަރުތުތަކާ އެ ބައްޕަ ދުރުވުމެވެ. އެއީ ކުށެއް ނެތް އޭނާގެ ހިތް ކަތިލުމެވެ. އެއީ އޭނާގެ މުޅި ހަޔާތަށް ދެމިގެންދާ އަނިޔާއެކެވެ.
އެކަމަކު ޔޫނުސްގެ ޝަކުވާއެއް ނެތެވެ. އުމުރުން އެންމެ ފަސް އަހަރުގައި އޭނާގެ މަންމަ ބުނި ބައެއް ވާހަކަތައް މިހާރު ވެސް ހަނދާނުގައި އެބަ ހުއްޓެވެ: "ދަރިފުޅުގެ ބައްޕައާ ބައްދަލުވެދާނެ" އެވެ. "ބައްޕަ ދެކެ ރުޅި ނާންނައްޗެ"ވެ. "އެންމެން ދެކެ ވެސް ލޯބި ވައްޗެ"ވެ. "ނަމާދު ނާޅައްޗެ"ވެ.
އެހާ ކުޑައިރު އެ ނަސޭހަތްތައް މަންމަ ދިނީ، މަންމަގެ އުމުރު ކުރުވުމުން ކަމަށް، ފަހުން އޭނާއަށް ވިސްނުނެވެ. މަންމަ މަރުވި ރޭ، އޭނާ ހުރީ، ދޮންބައްޕަގެ ގޭގަ އެވެ. މަންމަ އޮތީ ސިއްހީ މަރުކަޒުގަ އެވެ. އެތަނަށް ގެންދިޔައީ އިރާކޮޅު ކުއްލިއަކަށް މަންމަ ރޯން ފެށީމާކަން އޭނާގެ ހަނދާނުގައި ހުރެ އެވެ. ދޮންބައްޕަ އާއި ގޭގެ ބޮޑެތި މީހުން މަންމަ ނަގައިގަނެގެން ގެންދިޔައީ އެވެ. އޭނާ ކައިރީގައި ބުނީ ގޭގައި މަޑުކުރާށެވެ.
ފަތިހު އޭނާއަށް ގޮވައިގެން ނެގި އިރު، މައި ގޭގެ މެދުގައި ހުރި މޭޒެއް މަތީގައި، މަންމަ އޮތީ، ހުދު ފޮތިގަނޑަކުން ނިވާކޮށްފަ އެވެ. މަންމަ އެ އޮތީ މަރުވެފައޭ، ދޮންބައްޕަ، އޭނާގެ ކަންފަތް ދޮށުގައި ބުންޏެވެ. ދެން އޭނާ ގޮވައިގެން ގޮސް، މަންމަގެ މޫނު ދެއްކި އެވެ. ތެދެކެވެ. އޭނާއާ ދިމާއަށް އަބަދުވެސް ވެފައި ހުންނަ ހިނިތުންވުމެއް ނެތެވެ. އޭނާއާ ދިމާއަށް ބަލައެއް ނުލި އެވެ. ކައިރީގައި، މަޑުމަޑުން، ހުރި ކަމެއް ވެސް ނޭނގުނެވެ.
މަންމަ މަރުވިތާ ހަފުތާއެއް ނުވަނީސް، އޭނާ ގޮވައިގެން ދޮންބައްޕަ ދަތުރުކުރީ ހުރައަށެވެ. މާމަގެ ގެއަށް ގެންގޮސް ހަވާލުކުރި އެވެ. އޭގެ ފަހުން އޭނާ ބޮޑުކުރީ މާމަ އާއި ކާފަ އާއި މަންމަގެ ބޭބެމެންނެވެ. އެއީ އޭނާއަށް ލޯބިދިން އާއިލާއެކެވެ. އެ އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރިފުޅު މަރުވުމުން، އެ އެންމެންނާ ހަވާލުކުރި އަމާނާތް، ރައްކާތެރިކަމާ އެކު ހިމާޔަތްކުރި އެވެ. އެ މީހުންގެ އެއްވެސް ޝަކުވާއެއް ނެތި، އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ވެސް ނެތި އެވެ. އޭނާއަކީ، މަންމަގެ އާއިލާގެ އެންމެންގެ ލޯބި ލިބިގެން، ރަނގަޅު ތަރުބިއްޔަތަކާ އެކު ބޮޑުކޮށްފައި ހުރި ޒުވާނެކެވެ.
ދެން އެ ސިހުރުވެރިޔާ "ދެޔޯއެއް"ގެ ގޮތުގައި އޭނާ އެ ސިފަކުރީ ކީއްވެގެން ހެއްޔެވެ؟ ސިހުރުވެރިން ދެކެ އޭނާ ރުޅިއަންނަކަން ޔަގީނެވެ. ހާއްސަކޮށް ހަސަން ތައްހާނެވެ. އެ މުޑުދާރުކަމެވެ. މީހުންނަށް އިހުތިރާމްނުކުރާ ކަމެވެ. ވާހަކަދެއްކުމުގައި ހުންނަ ގޮތްކުޑަކަމެވެ. އެކަލޭގެ ރިޔާސީ ގަނޑުވަރަށް ގެނެސް، އެކަނިމާއެކަނި އޭނާއާ ރައީސް ބައްދަލުކުރާތީ ވެސް ރުޅިއާދެ އެވެ. އެއީ ރާއްޖޭގެ އެންމެ މަތީ ވެރިޔާ ވެއްޓެން ޖެހޭ ފެންވަރެއް ނޫނެވެ. އެކަމަކު އޭނާއާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އޭނާގެ ޒިންމާއަކީ ރައީސް ހިމާޔަތްކުރުމެވެ. ރައީސް ބުނާ ކަންކަން ކުރުމެވެ.
ރައީސްގެ ބޮޑީގާޑަކަށް އޭނާ ހަމަޖައްސައި، ގަނޑުވަރަށް ދިޔަ ފުރަތަމަ ދުވަހު ވެސް ވަރަށް ހާއްސަ ނަޒަރަކުން އޭނާއާ ދިމާއަށް ބަލަން ފެށި އެވެ. އެއީ އޭނާގެ ވަރުގަދަ ހަށިގަނޑުގެ ސަބަބުން ކަމެއް ނުވަތަ، ފުރަތަމަ ފެނުމުން ވެސް އޭނާއާ މެދު ކުރެވުނު އިތުބާރެއްގެ ސަބަބުން ކަމެއް، ބުނާކަށް ނޭނގެ އެވެ. މިހާރު އޭނާއަކީ ރައީސްގެ އެންމެ އަރިސް، އެންމެ އިތުބާރުކުރާ ބޮޑީގާޑެވެ.
އެކަމަކު މިއަދު އޭނާ ގެންގޮސް ރައީސް ރޭވިރޭވުން ރަނގަޅެއް ނޫނެވެ. އެއީ ރައީސަށް ކަނޑައަޅާފައިވާ ސަލާމަތީ އުސޫލުތަކާ ވެސް ހިލާފު ކަމެކެވެ. ނަމަވެސް ރައީސްގެ އަމުރު އޭނާއަށް ހިނގާނެ އެވެ. އެހެންކަމުން ހަމައެކަނި ތިން ބޮޑީގާޑުންނާ އެކު، ހއ. އަށް ކުރާ ކުއްލި ދަތުރެއްގެ ނަމުގައި އެކަން ރޭވި އެވެ. ހަނިމާދޫގައި ހުރެފައި ރޭގަނޑު، ރަސްމީ ލޯންޗުގައި މަހަށް ނުކުތުމެވެ. ފިއްލަދޫ ބޭރުގައި ލޯންޗު އަޅާފައި، އޭގެ ކުޑަ ޑިންގީގައި ދެ މީހުން އެކަނި މަސް ބާނަން ދިއުމެވެ. އަނެއް ދެ ބޮޑީގާޑުންނާއި ލޯންޗުގެ ފަޅުވެރިން، ރައީސް އަންނަންދެން ތިބޭނީ ލޯންޗުގަ އެވެ.
އަނެއް މައްސަލައަކީ، މީހުން އުޅޭ ރަށަކަށް ރައީސް ވަގަށް އެރުމެވެ. އެކަމަކު އެއީ ވެސް އޭނާއާ ބެހޭ ކަމެއް ނޫނެވެ. އޭނާއަށް އޮތީ ރައީސް ހިމާޔަތްކުރުމެވެ. ރައީސް އޭނާ ކައިރީ ބުނީ "މީހަކަށް ހަމަލާއެއް ދޭކަށް، މީހަކު މަރާކަށް ނާންގާނަން" ކަމަށެވެ.
"އެގެއަށް ވަދެ އަހަރެން ނުކުންނަ އިރު ވެސް، ފާރައަށް ހުންނަންވީ. އަހަރެން ހިމާޔަތްކޮށްދޭންވީ. އެގޭގައި އޮތް އަންހެންމީހާގެ އެހީތެރިކަން އަހަރެން ބޭނުންވޭ އެބަ. ވަރަށް ބޮޑަށް ބޭނުންވޭ. ސިފައިންގެ މަތީ އޮފިސަރުންނަށް އަންގަންވާ އެއްޗެއް އަހަރެން އަންގާނަން. ތިކޮޅުން މަ މިބުނި ގޮތަށް ކަންތައްކޮށްދޭންވީ،" އޭނާއާ ދިމާއަށް ފުންކޮށް ބަލަން އިނދެ، ރައީސް ހާލިދު ބުންޏެވެ.
އޭނާގެ ފޯނު ރިންގުވާން ފެށި އެވެ. ލޯގަނޑުން އަމިއްލަ ހަށިގަނޑަށް ހުއްޓާލައިގެން ހުރި ނަޒަރު ކުއްލިއަކަށް އެނބުރުނީ، އެއް ފަރާތުގައި ހުރި އެނދު މަތީގައި އޮތް ފޯނަށެވެ. އޭނާ ގޮސް ބަލައިލި އިރު އެންމެ ދޮށީ ބޮޑުބޭބެ އެވެ. އޭނާ ފޯނު ނެގި އެވެ. ދެން ހުރީ އަޑުއަހާށެވެ.
"އިރުކޮޅަކުން އެބަ ދަން،" އެހެން ބުނެފައި އޭނާ ފޯނު ބޭއްވި އެވެ.
އޭގެ ބައިގަޑިއިރު ފަހުން އޭނާ ހުރީ އޭޑީކޭގެ ޕްރައިވެޓް ރޫމެއްގައި، އޭނާގެ މާމަ ކައިރީގަ އެވެ. ފާހާނާ ތެރެއަށް ވެއްޓި ފައި ބިނދިގެން ބާއްވާފައި އޮންނަތާ ހަފުތާއެއް ވަނީ އެވެ. ބޭބެ ގުޅީ ކޮންމެހެން ވެސް މިރޭ އޭނާ ދެކިލަން މާމަ ބޭނުންވެއޭ ބުނަންވެގެންނެވެ. ކޮންމެ ދުވަހަކު ވެސް ދުވާލު ގަޑީގައި ވިއްސަކަށް މިނިޓް އޭނާ މާމަ ކައިރީގައި ހޭދަކުރެ އެވެ. އެކަމަކު ބޭބެ ބުނި ގޮތުގައި މާމަ މިރޭ ބޭނުންވަނީ ކައިރީގައި އޭނާ އިންނާށެވެ. މާމަ އެދޭ ކޮންމެ ކަމެއް، އެބުނި ގޮތަކަށް ކުރަން އާދަވެފައި ހުރުމުން، އެއްވެސް ޝަކުވާއެއް ނެތި އޭނާ އެކަން ގަބޫލުކުރި އެވެ.
މާމަ އެކި ވާހަކަ ދައްކަމުން ދިޔަ އެވެ. ކުޑައިރު އޭނާގެ ފަހަތުން ދުވެދުވެ ވަރުބަލިވި ވާހަކަ އެވެ. އެއް ރެއަކު ދެ ނަމާދު ދޭތެރޭގައި ގެއިން ނުކުމެ، އަތުނުވެ ގޮސް، ވަލުތެރެއަށް ވަދެ އުޅެނިކޮށް ހޯދި ވާހަކަ އެވެ. ގެއަށް ގެނެސް، ފެން ކިޔަވައިގެން ގަޔަށް އަޅައި، ދޮއްވި ވާހަކަ އެވެ. ދުވެގެން އޭނާ އަތުވާނެ އެހެން ކުއްޖަކު ރަށުގައި ނެތް ވާހަކަ އެވެ. އެކަމަކު ރަށުގެ ގިނަ ކުދިން ގޮތަށް، ފުޓްބޯޅަ ކުޅެން ނުދާ ވާހަކަ އެވެ.
ހުސް ވެސް އުފާވެރި ވާހަކަތަކެވެ. އޭގެ ފަހުން ދެން އެނބުރުނީ މަންމަގެ ހަނދާންތަކަށެވެ. މާމަ އަބަދުވެސް ބުނަނީ އެއީ "އެންމެ ރަނގަޅު އަހުލާގެއް ލިބުނު، އެންމެ ރިވެތިކޮށް ރަށުގައި އުޅެމުން އައި އަންހެން ކުއްޖާ" ކަމަށެވެ. އެކަމަކު އެއީ އޭނާގެ ބައްޕައާ ބައްދަލުވުމުގެ ކުރިންނެވެ.
"ރަށުގައި އޮތް ކަމަކަށް އައި މީހެއް އެއީ. ރޭގަނޑު އޮތް ބައްދަލުވުމެއްގައި ދިމާވީ. އޭގެ ފަހުން މަންމަ އޭނާގެ ކައިރިއަކުން ނުނެއްޓުނު،" އޭނާގެ އަތުގައި ހިފައިގެން އޮވެ، މާމަ ކިޔައިދިނެވެ.
މާމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާއިލާގެ އެންމެ ހަގު މީހާ އެވެ. އެހެންކަމުން ބޭބެމެންނާއި އެންމެން ވެސް މަންމަގެ ހިމާޔަތުގަ އެވެ. އެކަމަކު ލޯތްބަކަށް ހުރަހެއް ނޭޅުނެވެ. އެއީ މަންމަގެ ފުރަތަމަ ލޯތްބެވެ. ހަފުތާގެ ބަންދާ ދިމާކޮށް މާލެ އަށް ވެސް އަންނަން ފެށީ އެވެ. އެކަމަކު އެއީ މާ ގިނަ ދުވަހަކަށް ދެމިގެން ދިޔަ ލޯބީގެ ދަތުރަކަށް ނުވި އެވެ. މަންމަ ދޫކޮށް އެމީހަކު ރައްކާވީ އެވެ.
މާމަ ބުނި ގޮތުގައި އެކަން ވީ ހަފުތާ ބަންދުގައި ރަށުން މާލެ އައިސް ހުއްޓަ އެވެ. އެ ހިތާމަޔަށް ފަހު ރަށަށް ގޮސް، މާމަގެ ގައިގައި ބައްދާލައިގެން ހުރެ ރުއީ އެވެ. އޭގައި ވަރަށް ބޮޑު ސަބަބެއް އޮތެވެ. އެއީ މަންމައަށް މުޅި ހަޔާތުގައި ވެސް ސަލާމަތްނުވެވޭނެ ވަރުގެ ލަދެކެވެ. އާއިލާއަށް ހުތުރު ނަމެކެވެ.
އޭނާއަށް މަންމަ ބަލިވެއިން ވާހަކަ ބައްޕަގެ ކައިރީގައި ބުންޏެވެ. އެކަމަކު ބައްޕަ ދިން ޖަވާބަކަށް ވީ، މީހަކާ އިނދެގެން ޒިންމާއެއް ނެގޭ ވަރަށް ދިިރިއުޅުން ކޮޅަށް ޖެހިފައި ނެތުމެވެ. ދެން މަންމަގެ ބޮލުގައި އެޅުވީ އެހެން ތުހުމަތެކެވެ. ރަށުގައި ވެސް ލޯބިވެރިޔަކު، ނުވަތަ ލޯބިވެރިންތަކެއް ހުންނާނެ ވާހަކަ އެވެ. އެހެންކަމުން ބަލިވެއިނީ ކާކަށްކަން ޔަގީންނުކުރެވޭނެ ކަމަށް ބުނެ، "މަންމަގެ ހިތް ހަލާކުކޮށްލީ" ކަމަށް، މާމަ ކިޔައިދިނެވެ.
"އޭގެ ފަހުން ފަސް އަހަރު މަންމަ ހޭދަކުރީ ހިލޭ ފިރިހެނަކާ ވާހަކަ ވެސް ނުދައްކާ. ދަރިފުޅު ގޮވައިގެން ގޭގައި ހަމަ އުޅުނީ. ދަރިފުޅުގެ ކަމެއްގައި ނޫނީ އެހެން ތަނަކަށް ގޮސް ވެސް ނޫޅޭ. އެހެން އުޅެނިކޮށް، ދަރިފުޅު ގޮވައިގެން މާލެ އައިސް ހޮސްޕިޓަލަށް ދިޔަ ދުވަހަކު، ދޮންބައްޕައާ ދިމާވީ. ދަރިފުޅު ރޯވަރުން މައިތިރިނުވެގެން، އުޅެނިކޮށް ދޮންބައްޕަ ކޮންމެވެސް އެއްޗެއް ދީގެން ރުއިން ހުއްޓުވާލީ. ދެން މަންމަ ދޮންބައްޕައާ ވާހަކަ ދައްކަން ފެށީ،" މާމަ ބުންޏެވެ.
"މަންމަ އަކީ ރަނގަޅު ކުއްޖެއް. އެންމެން ދެކެ ވެސް އެހާ ލޯބިވާނެ. އެކަމަކު ލޯތްބަކީ އުމުރެއް ނޫން. މަންމަގެ އުމުރު މާތްﷲގެ އިރާދަފުޅާ އެއްގޮތަށް ވަރަށް ކުރު،" އޭނާއާ ދިމާއަށް ބަލަން އޮވެ، މާމަ ބުނެލި އެވެ.
ތަންކޮޅެއް ވާހަކަ ދިގުވެއްޖެ އެވެ: އޭނާގެ ހިތަށްއެރި އެވެ. އެކަމަކު ގިނަ ވާހަކަތައް އޭނާއަށް މުޅިން އަލެވެ. އެހެންކަމުން މިރޭ އޭނާ އެ ގެނައީ މަންމަގެ އެ ބައި ކިޔައިދޭންކަން ގަބޫލުކުރެވުނެވެ. އެކަމަކު މިރޭ ކީއްވެގެން ހެއްޔެވެ؟ އޭނާ އެ ސުވާލު މާމައާ ކުރި އެވެ. އެއްވެސް ޖަވާބެއް ނުދީ މާމަ އޮތީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެން އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލި އެވެ.
"ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ބުނަންވެގެން މާމަ މި އުޅެނީ،" ހަމަ އެ އޮތް ގޮތަށް، ނަޒަރު ހުއްޓާލައިގެން އޮވެ ބުންޏެވެ.
"އަނެއްކާ އަހަންނަށް އެނގޭ މީހެއްތަ؟" ކުއްލިއަކަށް އޭނާއަށް އަހާލެވުނެވެ.
"އާނ. ރާއްޖޭގެ ރައީސް ނޭނގިއެއް ނުހުންނާނެ. ދަރިފުޅުގެ ބައްޕައަކީ އެއީ،" މާމަ ވަގުތުން ބުންޏެވެ.
އޭނާއަށް ލިބުނު ހައިރާންކަމުގައި، މާމަ ހިފަހައްޓާލައިގެން އޮތް އަތް ވެސް ދުރަށް ޖައްސާލެވުނެވެ. ނޭނގުމުގެ ތެރޭގައި އެނދާ ދުރަށް ހަށިގަނޑު ވެސް ގެންދެވުނެވެ. ހީވީ މާމަގެ އެ ބަހުން، އޭނާ ބިރުގަތީހެންނެވެ. އާއެނކެވެ. އޭނާގެ ހިތަށް ވަދެގެން ދިޔައީ ބިރުވެރިކަމެވެ. ހިތުގެ ވިންދު، ކުއްލިއަކަށް، މައްޗަށް އަރަން ފެށި އެވެ. ޖިމްގައި އެންމެ ވަރުގަދައަށް ބަރުހިފާ ދުވަސްދުވަހު ވެސް އެވަރުގެ ތެޅުމެއް އިހުސާސެއް ނުކުރެވެ އެވެ.
"ދަރިފުޅާ! މާމައަށް އެނގޭ ތިހެން ވާނެކަން،" އޭނާއަށް އައި ބަދަލު ފެނިފައި، މާމަ އޭނާގެ އަތުގައި ހިފަހައްޓާލައި، ކައިރިއަށް ގެންނަން އުޅުނެވެ.
"ދޮގެއް ނަމަ މާމަ އެހެން ބުނާކަށް ނުޖެހޭނެ ދޯ. ބޭބެމެން ކައިރީގައި އަޅެ އަހާ ބަލަ. އެއްވެސް މީހަކު ދަރިފުޅާ އެވާހަކަ ދައްކަން ބޭނުންނުވަނީ. އެކަމަކު މިއަދު ދަރިފުޅާއި ރައީސް ވަރަށް ކައިރިއޭ ބޭބެ ބުނީމާ، މާމަ ނިންމީ ދެން މަޑެއް ނުކުރެވޭނެއޭ،" މާމަ އުޅުނީ އޭނާގެ އެ ހައިރާންކަމާއި ޝޮކުން ނެރެ، ވިސްނައިދެވޭތޯ އެވެ. އެކަމަކު އޭނާގެ ހިތަށްއަރައި ފައިބަމުން ދިޔަ އިހުސާސްތައް، މާމަގެ އެ ވާހަކަތަކަށް ވިސްނުން އަނބުރާލެވޭ ވަރަށް ވުރެ ގިނަވެފައި، ފުނެވެ.
"ދަރިފުޅާ ޔޫނުސް...." މާމަ ގޮވާލި އަޑު އިވުނެވެ. އެކަމަކު ޖަވާބެއް ދިނުމުގެ ބަދަލުގައި އޭނާއަށް ލޯ މަރާލެވުނެވެ. ބާރުކޮށްލެވުނެވެ. ރޯކަށެއް ނޫނެވެ. އެކަމަކު އަދިވެސް ގަބޫލުނުކުރެވިގެންނެވެ. ގަބޫލުކުރަން ބޭނުންނުވެގެންނެވެ. މާމަ އެ ސިއްރު ހާމަކޮށްގެންނެވެ.
"އަނެއްކާ މާމަ ދެކެ ރުޅިއައީތަ؟" ކަންބޮޑުވެފައި އޮތް މާމަ ސުވާލުކުރި އަޑު އިވުނެވެ.
އޭނާއަށް ލޯ ހުޅުވާލެވުނީ އެހެން ބުނީމަ އެވެ. އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫނެވެ. މާމަގެ ހިތުގައި ޖެހުނަކަ ނުދޭނެ އެވެ.
"މާމަ ދެކެ އަހަރެން ރުޅިއަންނާނެތަ؟" އޭނާއަށް ބުނެވުނެވެ.
އޭނާގެ ކަނާތް ތިލާގައި މާމަ ބާރަށް ހިފާލި އެވެ. ދެން ގެންގޮސް، މާމަގެ މޫނުގައި ޖައްސާލި އެވެ.
"މި ވާހަކައިން ދަރިފުޅަށް އަސަރުކުރާނެ. މާމައަށް ނޭނގެނީކީ ނޫން. އެކަމަކު ދަރިފުޅުގެ މަންމަގެ ވަސިއްޔަތެއް އެއީ،" މާމަ ބުންޏެވެ.
"މަންމަގެ ވަސިއްޔަތެކޭ!" އޭނާއަށް ހައިރާންވެފައި ސުވާލުކުރެވުނެވެ.
"އާނ. މަންމަ ރަށުން ފުރައިގެން ދަމުން ބުނީ ދަރިފުޅު ބޮޑުވެ، ކަންކަން އެނގޭ ވަރުވީމާ ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ. އެކަމަކު މަންމަ ނެތް ދުނިޔެއެއްގައި އެކަން ކޮށްދޭން މާމަގެ ކިބައިން އެދުނީ. ވަސިއްޔަތެކޭ ވެސް ބުނި،" މާމަ ކިޔައިދިނެވެ.
ވާތު އުޅަނބޮށި އެނދުގައި ޖައްސާލަމުން، ވާތުން ނިތްކުރީގައި ފިރުމަން ފެށި އެވެ. މިއީ ހުވަފެނެއް ނޫން ބާވައޭ ވެސް ހިތަށްއެރި އެވެ. އޭނާ ބޭނުންވީ ނުކުމެގެން ދާށެވެ. އެކަނިވެލާށެވެ. މީހަކު ބަލަން ނެތް ތަނެއްގައި ވިސްނާށެވެ. މި ދިމާވި އިއްތިފާގުގެ މާނައަކީ ކޮބައިތޯ ދެނެގަންނާށެވެ. އޭނާގެ ބެލުމުގެ ދަށުގައި އެހުރީ އޭނާގެ ބައްޕަތޯ ކަށަވަރުކުރާށެވެ.
އެކަމަކު ދޮގުހަދައިގެން މާމަ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއިން އޭނާއަށް އުނދަގޫވުން ފިޔަވައި، މާމަމެންނަށް ލިބޭނެ ފައިދާއެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން އެއީ މާމަގެ ސިކުނޑީގައި އޮތް ޒިންމާއެއް އަދާކުރީކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.
ހިތްވަރު ކިތައްމެ ގަދަޔަސް އޭނާގެ ހިތަށް އޮބިނޯންނަ ވަރަށް އިހުސާސްތައް ކެކިގަތެވެ. އެހެންވެ މަޑުމަޑުން މާމަގެ އަތުން އޭނާގެ ކަނާތް ދުރުކުރުމަށް ފަހު ތެދުވެ، ފާހާނާއާ ދިމާއަށް ހިނގައިގަތެވެ. ވަދެ، ދޮރު ލެއްޕި އެވެ. މިފަހަރު ލޯ މަރާލެވުނީ، ލޮލު ތެރެއަށް ގިނަވެގެން އައި ކަރުނަތަކާ ހެދި އެވެ. ރުއިމަކީ އޭނާގެ މިޒާޖެއް ނޫނެވެ. އެކަމަކު ބައްޕައަކީ ކާކު ކަމާ މެދު އެންމެ ސުވާލެއް ވެސް ނުކޮށް، ހަޔާތުގެ މިހާ ހިސާބަށް އައި އައުން ނިމުނު އިރު، އެއީ އިންސާނަކަށް ކެތްކުރެވޭ ވަރުގެ ހަގީގަތަކަށް ނުވި އެވެ.
ޒިންމާގެ ގޮތުން އޭނާ ހިމާޔަތުގެ ދަށުގައި ހުރި ރާއްޖޭގެ ރައީސް ހާލިދަކީ އޭނާގެ ބައްޕައޭ، ހިތަށްއަރާނީ ވެސް ކިހިނެއް ހެއްޔެވެ؟ މަންމަގެ ފުރަތަމަ ލޯބިވެރިއެއްގެ ގޮތުގައި އެފަދަ ސަކަރާތެއް ރައީސް ގަނެފައި އޮވެދާނެ ކަމަށް، އޭނާގެ ވިސްނުމުގެ، އޭނާގެ ހިޔާލުތަކުގެ އެއްވެސް ހިސާބަކަށް އަރާފައެއް ނުވެ އެވެ.
އޭނާ ލޯ ފޮހެލި އެވެ. އެކަމަކު އޭރު ގިސްލުން ހުއްޓައެއް ނުލެވުނެވެ. ދެން އަނެއްކާވެސް ބާރަށް ކަރުނަތައް ފައިބައި ގަތީ އެވެ. ފާހާނާ ތެރެއިން އަޑެއް ބޭރުވިޔަ ނުދޭންވެގެން، އަނގަ މަތީގައި އޭނާއަށް އަތް އެޅުނެވެ.
(11 ވަނަ ބައި، ޖޫން 23، 2020، އަންގާރަދުވަހު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަތަ11
22 June 2020
މަހަމަ ކޮސްވެ ތަލިން ކުޅުހިކިއްޖެ ވާހަކައިގެ ހާދިސާތައް ގެނައުމާއި ރާވާލާލެއް މޮޅުކަމުން.އެދުރަކީ ދިވެހި ލިޔުންތެރިއެއްބަވއޭވެސް ހިތަށްއަރާ. ކުޅަދާނައިނގޭ. ހީވެސް ނުކުރާގޮތަށް ސަސްޕެންސް ތިޔަ ގެންނަނީ. ޔޫނުސް އަށް ރައީސްގެ ކިބައިން މަންމަގެ ބަދަލު ހިފެންޖެނެ އެދުރާ. ފާތިރު ޓީމަށް ޔޫނުސް ވައްދައިދީ
ޖީމް
22 June 2020
ވަރަށް މޮޅު މީހެއް އެދުރަކީ
ނާލާ
22 June 2020
ވ ރީތި މި ވާހަކަ
އިބްރާހިމްކިލެގެފާނު މާލްދީފީ
22 June 2020
އެދުރުކިލެގެފާނުގެ މިވާހަކަ ގެނެސްދެމުން އެދަނީ ފިސާރި ފުރިހަމަޔަށް ރާވާލައިގެން. މީ ނުހަނު މޮޅު ވާހަކައެއް. އެދުރުކިލެގެފާނަކީ ވާހަކަލިޔަން މޮޅު ކިލެގެފާނެއް. ޚާދިމްކުމް (ސޮއި) އިބްރާހީމް ކިލެގެފާނު
ދެބަންދިހާރު
22 June 2020
މިފަހަރު ހައްވަ އަތުލައި ގަންނާނެހެން ހީވަނީ، ވަރުގަދަ ސޮރެއްނު
ޢަފީ
22 June 2020
ލާހިކެއް ނޫން ފާތިރު ނޫން މީހަކަށް ތިކަ މެއްް ނުވާނެ
މިލިލީ
22 June 2020
މަ ބުނާނެ އެއްޗެއް ވެސް ނެތް..ވާހަކަ އެހާ ވެސް ފުރިހަމަ.. އެދުރު ހަމަ މޮޅީ އޭ... އައްސަރިބަހާއި ސާބަސް... އަނެއް ބަޔަށް އިންތިޒާރު ކުރަން..
އެދުރީފާނު
22 June 2020
ވާހ ވާހ!!!!!! އެދުރާ ދެލޯފުޅާ އެކޮޔަށް ވާހަކަ އެބަލިޔެވޭ.
ޢަލީ
22 June 2020
އެދުރަށް ހަމަ ސާބަސް. ތީ ފިސާރި މީހެއް. ދެނވާނީ ކިހިނެއްބާބާއޭ ހީވެފާ ވަނޮކޮށް މިއަދު ތި ނިންމާލީ
ރައިސް ޚާލިދު
22 June 2020
ފުރަތަމ ހީކުރީ ބޮޑީގާޑަކީ ވީރު އާއިލާގެ މީހެއްގެ ދަރިއެއް ކމަށް. ޓުވިސްޓް ވަރަށް ސަޅި
އެދުރުގެ ބިގަސްޓް ފޭން
22 June 2020
ފަހަރަކު އެޕިސޯޑެއް ދަނީ ހައްތަހާ ރީތިވަމުން ❤️ ކޮންމެ ދުވަހަކު މި ވާހަަކަ ގެނެސްދެވޭނެ ނަމަ ދޯ