މުނިފޫހިފިލުވުން / ދިގު ވާހަކަ

ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅޭ

"މިހާރު އޭނަ އެހެރީ އެނބުރިގެން އަހަންނަށް ބަލަހައްޓައިގެން." ކުރިޔަށް ވުރެ ވެސް މަޑުން ދީމާ ބުނެލިއެވެ.

ދީމާ ބިރުގެންނެވުމަށް ޓަކައި ޖިންނިއަކު އެ ވަރު ކޮށްފާނެ ކަމަކަށް އަނިލް އުންމީދެއް ނުކުރެއެވެ. ޖިންނިސައިތާނުންނަކީ، އާންމު ގޮތެއްގައި އިންސާނުންނަށް ފެންނަ ބައެއް ނޫނެވެ. ދެއްކޭ ހިތްވާ ބައެއް ވެސް ނޫނެވެ. ސަބަބަކީ، އިންސާނުންގެ ލޮލަށް ނުފެންނަ ސިފައެއްގައި ތިބޭ އިރު ޖިންނީންނަށް ލިބިދޭ ރައްކާތެރިކަން ބޮޑުކަމެވެ. ޖިސްމާނީ ސިފަ އަކަށް ބަދަލުވުމުން ޖިންނީން ބަލިކަށިވެއެވެ. ޖަހައިފިއްޔާ އަނިޔާވެއެވެ. އެކަމަކު ޖިސްމާނީ ސިފައެއްގައި ތިބޭ އިރު ވެސް ޖިންނީންގެ ދަރަޖަ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ގޫލަކާއި، މާރިދަކާއި، އިފުރީތެއްގެ ކުޅަދާނަކަން އެއްވަރެއް ނުވާނެއެވެ. ދީމާއަށް ބިރުދައްކަނީ ކޮން ދަރަޖައެއްގެ ޖިންނިއެއް ކަމެއް އަނިލް އަކަށް ނޭނގެއެވެ. އެ ދަނޑިވަޅު އަނިލްއަށް ކުރެވެން އޮތްހާ ވެސް ކަމަކީ ދީމާ ބިރުކެނޑުވުމެވެ.

"އޭނައަށް ހައިޖަހާލަބަލަ!" ސަމާސައިގެ ރާގެއްގައި އަނިލް ބުންޏެވެ.

"މަ ނޫޅެން ހައިޖަހާކަށް. އަވަހަށް އާދެބަލަ! ޕްލީޒް!" ބިރުގެންފައިވާ އަޑަކުން ދީމާ ބުންޏެވެ. "އަނިލް އަސްލު ކޮން ތާކު ތި އުޅެނީ؟ ކީއް ތި ކުރަނީ؟ ކިޔަވަނީ ދޯ؟ ޔަގީން މިރޭ ވެސް ކޮންމެވެސް ކަންތައްގަނޑެއްގަ ތި އުޅެނީ."

ރުޤްޔާކުރުމަކީ ދީމާ ރުހޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން ދީމާއަށް ކުރިމަތިވާ އުނދަގޫ އިތުރު ވާތީއެވެ. ދީމާއަށް އަނިޔާ ނުކުރެވުނަސް އިރުއިރުކޮޅާ އެ ބިރާ ކުރިމަތިލާން ދީމާ ބޭނުން ނުވަނީއެވެ. އެކަމަކު އަނިލް ކުށްވެރި ކުރަން ވެސް ދީމާއަށް އުނދަގުލެވެ. އަނިލް ރުޤްޔާކުރަން ދަސްކުރަން ޖެހުނީ ދީމާއަށް ކުރިމަތިވި ކަމަކުން ދީމާ ސަލާމަތް ކުރުމަށް ޓަކައެވެ. އެއަށް ފަހު އެހެން މީހުންނަށް އެހީވާން އަނިލް ބޭނުންވީއެވެ. ރުޤްޔާކުރުމަކަށް އަނިލް އަގެއް ނުނަގައެވެ.

"އުހުނ! އަހަރެން މިހިރީ ވާރޭގަ ތާށިވެފަ،" އަނިލް ޖަވާބުގައި ބުންޏެވެ. "އޭނަ ކައިރީގަ ބުނޭ ކަލޭ ތި ހުރި ތާކު ހުންނާށޭ ޖެހޭނީ. އެތެރެ އަކަށް ނުވަދެވޭނޭ. ބޭރުގަ ހުރެފަ ކަލޭ ދާ ތާކަށް ކަލޭ ދާށޭ. ބިރުގަންނަވާލާ!"

"އަހަންނެއް ނޫޅެން އޭނަޔާ ވާހަކަދައްކާކަށް،" ދީމާ ހިތްހަމަނުޖެހިފައި މަޑުމަޑުން ބުންޏެވެ. "ހަމަ ތިހެން ބުނާހާ ކަމެއް ކުރެވޭތަ؟"

"އަހަނ! އަހަރެން ބުނާ ގޮތަށް ކަންތައް ނުކުރެވެންޏާ ކީއްކުރަން އަހަންނަށް ތި ގުޅަނީ؟" އަނިލް ބުންޏެވެ. "އޭނަ ބަހައްޓާފަ ނިދާބަލަ! މާދަމާ އަވަހަށް ހޭލަން ވެސް ޖެހޭނެ! އަހަރެން ދަސްކޮށްދިން އެއްޗެހި ހަނދާން އެބަ ހުއްޓެއްނު!"

އެ ހިސާބުން ދީމާ ފޯނު ކަނޑައިލިއެވެ. ނުވަތަ ކެނޑުނެވެ. ފަހަކުން ނުގުޅައެވެ. ވާރޭ ތުނިކޮށްލީމައި އަނިލް ދިޔައީ ރިޒްވާންގެ ގެއަށެވެ. އެ ރެޔަކީ ރިޒްވާންގެ ތިމާގެ ބަޔަކު ވެސް ގޭގައި އުޅުނު ރެޔެކެވެ. އަނިލް އަންނަ ވާހަކަ ބުނުމުން އެ މީހުން ވެސް ވާނުވާ ބަލައިލަން ތިބީއެވެ. ރުޤްޔާއަކީ ކުޅިވަރެއް ނޫނެވެ. ނުރައްކާތެރި ސީރިއަސް ކަމެކެވެ. ކުޅިބެލުމުގެ ނިޔަތުގައި މީހުން ބޭތިއްބުމަކީ އަނިލް އެދޭ ކަމެއް ނޫނެވެ. އެކަމަކު ރިޒްވާންގެ ތިމާގެ ބަޔަކަށް ވީތީ އެއްޗެއް ނުބުނެ އަނިލް ކިޔަވަން ފެށިއެވެ.

"މިރޭ އެއްވެސް އުނދަގުލެއް ނުވޭ!" އަނިލް ކިޔަވަން ފެށުމާއެކު ހަނާ ބުންޏެވެ. "އަހަންނަށް ފެންނަނީ މާދަމާ ރޭ ކިޔަވަން."

ހަނާ އެހެން ނުބުނި ނަމަ، ފަހަރެއްގައި އަނިލްގެ ހިޔާލު ބަދަލުވީހެވެ. ސަބަބަކީ، ހަގީގަތުގައި ވެސް ހަނާގެ ހަށިގަނޑުން އަނިލްއަށް ޝައްކު ކުރެވޭ ކަހަލަ އަލާމާތެއް ނުފެންނާތީއެވެ. އަނިލްގެ ވިސްނުން ބަދަލުވީ ހަނާ ބުނި އެއްޗަކުންނެވެ.

"ހަގީގަތުގަ ވެސް ކަލޭމެންނަށް ނުދެއްވާ އަހަރުމެންނަށް ދެއްވި އެއްޗަކީ ބުއްދި،" އަނިލް ވާހަކަދެއްކީ ހަނާއަކާ ނޫނެވެ. "ނާހިދު! ބަޤަރާ ސޫރަތް ކިޔަވަން ފަށާ! އޭރުން އެނގިދާނެ ކިހާ އުނދަގޫ ނުވާކަން."

ނާހިދު ކިޔަވަން ފެށިއެވެ. އަނިލް ފުރަތަމަ ކިޔެވީ ފާތިޙާ ސޫރަތެވެ. އެއަށް ފަހު ކުރުސިއެވެ. ފަލަޤް އާއި ނާސް ފެށުމުގެ ކުރިން ހަނާގެ ރާގު ބަދަލުވެއްޖެއެވެ.

"ކަލޭ ވެސް ތި ކުރާ ކަންތަކޭ އަހަރެން ވެސް މި ކުރަނީ،" ހަނާގެ އަޑުގައި ދީޕޫގެ ކުލަ ޖެހެން ފެށިއެވެ. "ހެޔޮ ނަސޭހަތް މި ދެނީ. ކޮބާ ތަފާތެއް؟ ކީއްކުރަން އަހަރެން ފައްސާލަން ތި އުޅެނީ؟"

ކުޅިބަލަން ތިބި މީހުންގެ ނޭވާ ކުރުވިހެން ހީވިއެވެ. އެ ފަދަ މަންޒަރެއް އެ މީހުން ދުށީ އަލަށެވެ. އެންމެންގެ ލޯމަތިން އެ މަންޒަރު އަނިލްއަށް ފެނުނެވެ. އެހެނަސް، އެކަކު ވެސް ގޯހެއް ހަދައިފާނެ ކަމަކަށް އަނިލް އުންމީދެއް ނުކުރެއެވެ.

"މި ވާހަކަ މިހާރު މާ ގިނައިން ދެއްކިއްޖެ!" އަނިލް ކުރުކޮށްލިއެވެ. "ކަލެއަކީ މިހާރު މުސްލިމަކަށް ވެފަ ކަލޭ އިންސާފަށް ލޯބިކުރާ ކަމަށް ވަންޏާ، ސިހުރު އުފުލައިގެން ނުވާނެ. އިންސާނުންގެ ހަށިގަނޑުގަ ސިހުރު ވަޅުލާފަ އެއަށް ފާރަވެރި ވެގެން ވެސް ނުވާނެ. ކަލެއަކަށް ވަސްވާހެއް ވެސް ނުދެވޭނެ."

"އުހުނ! ބައެއް ހާލަތްތަކުގަ ވަސްވާސް ދެވޭނެ." ހަނާ އިންކާރުކުރިއެވެ.

"ކަލޭތަ އެ ކަން ނިންމަނީ؟" އަނިލް ސުވާލުކުރިއެވެ. "އަހަރުމެން އުޅެންވީ ކަލޭމެން ބުނާ ގޮތަކަށްތަ؟ ތީ ދެން އަޖައިބެއް ކަހަލަ ކަމެއް. އެއްވެސް އަމިއްލަ އެދުމެއް ނެތި، ހަމަ އެކަނި އިންސާނަކަށް ހެޔޮ ނަސޭހަތް ދޭކަށް ކަލޭ މި ތާކު ނުހުންނާނެ. ތިމަންނަ ހަމަ އެކަނި އެހީއޭ ވަނީ، އަނިޔާއެއް ނުކުރަމޭ ބުންޏަކަސް އަހަރެން ގަބޫލެއް ނުކުރާނަން. މިރޭ އަހަރެން މި ތަނަށް އަޔަނުދޭން ވެސް ކަލޭ ކިހާ މަސައްކަތެއް ކުރިން؟ ކަލޭ ކޮންމެވެސް ކަމެއް އެބަ ފޮރުވާ."

އަނިލް އެހެން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިންސީންނާއި ޖިންނީންނަކީ ދެ "ދުނިޔެއެއްގައި" އުޅޭ ބައެކެވެ. ކަމެއް ނެތި އިންސީންގެ މާހައުލަކަށް ޖިންނީން ނާންނާނެއެވެ. ޖިންނީންނަކީ އިންސީންނަށް ގޯނާކުރަން ފޮނުއްވި ބައެއް ނޫނެވެ. އިންސާނުން ފަދައިން ޖިންނީން ވެސް ފޮނުއްވީ ﷲ އަށް އަޅުކަން ކުރުމަށް ޓަކައެވެ. އެ މަޚުލޫގުންގެ ވެސް ޒިންމާތަކާއި ވާޖިބުތަކެއް ހުރެއެވެ. އާއިލާ އޮވެއެވެ. ކާންބޯން ޖެހެއެވެ.

"އަހަރެން ބުނީމެއްނު ކަލޭ ދެން ނާންނައްޗޭ!" އަނިލް ބުންޏެވެ. "ކަލޭ މިހާރު ތި އަންނަ ހަގީގީ ސަބަބު ނުބުނަން ތި އުޅެނީ ކީއްވެ؟ އެއް ފަހަރު ބުނެފާނެ މަންމަ ގެއްލިގެންނޭ. އަނެއް ފަހަރު ބުނާނެ ނަސޭހަތްދޭން ވެގެންނޭ. ކަލެއަށް އެނގޭތަ ދޮގުހެދުމަކީ އިސްލާމުންނަށް ހަރާން ކަމެއްކަން؟"

އަނިލް ކުރާ ކޮންމެ ސުވާލަކަށް "ހަނާ" ޖަވާބުދޭތީ ކުޅިބަލަން ތިބި ތިން މީހުންގެ ޝައުގުވެރިކަން އިތުރުވާން ފެށިއެވެ. އެ މީހުން އަހަން ބޭނުންވާ ސުވާލުތަކެއް ހުރީމައެވެ. އަމިއްލަ ދިރިއުޅުމާ ބެހޭ ސުވާލެވެ. އެހެން މީސްމީހުންނާ ބެހޭ ސުވާލެވެ. އެ ފަދަ ސުވާލެއް ކުރުމަކީ އަނިލް ކިހާ ހަރުކަށިކޮށް މަނާކޮށްފައިވާ ކަމެއްކަމެއް އެއިން އެކަކު ވެސް ނުދެނަހުއްޓެވެ.

"ހަނާގެ ބައްޕައަށް ވައުދެއް ކޮށްފަ އޮތީމަ މި އަންނަނީ." އަނެއްކާ ވެސް އެހެން ސަބަބެއް "ހަނާ" ބުންޏެވެ.

"އަނެއްކާ އަނެއް ކަންތައް،" ޗޮކެއް ކަނޑައިފައި އަނިލް ބުންޏެވެ. "އިންސާނެއްގެ ކިބައިން ކަލޭ ކިހިނެއް އަހުދު ކަށަވަރެއް ހިފާނީ؟ އެއްކޮޅުން ކަލޭ އަބަދު ތި ދައްކަނީ ހަނާގެ ފިރިމީހާ ގޯސް ވާހަކަ. ކަލޭ ތި އުޅެނީ ދެމަފިރިން ދުރުކުރަން. މީ ކަނޑައެޅިގެން މަނާކަމެއް. ސިހުރު އުފުލުމާ އެއަށް ފާރަލުމަކީ އަނެއް ހަރާން ކަންތައް. އޭނަގެ ބައްޕަ ބުންޏަސް ހަރާންކަމެއް ކުރާކަށް ކަލެއަކަށް ވައުދެއް ނުވެވޭނެއްނު!"

"އުހުނ! ވެވޭނެ!" ގަދަކުރާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ.

"މިހާރު ތި ގޯސްވީ!" އަނިލް ގާތަށް ރުޅިއައެވެ. "ދެން މަ ބޭނުމެއް ނޫން ކަލެޔާ ވާހަކަދައްކާކަށް."

"އަހަރެން އެއްޗެއް..." އެއްޗެއް އަހަން ފުރަތަމަ މަސައްކަތްކުރީ ފަރުހާދެވެ.

ފަރުހާދަކީ ރިޒްވާންގެ ތިމާގެ މީހެކެވެ. އަތުގެ އިޝާރާތުން ރިޒްވާން އެ ކަން ހުއްޓުވުމުން އެ ފަހަރު ފަރުހާދު ހަމަހިމޭންވިއެވެ. އެކަމަކު ފަރުހާދުގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ. ފަރުހާދުގެ އަންހެނުން އަތުން ގެއްލުނު ރަން ކެވެލިގަނޑު ވީ ތަނެއް އަަހައިލަން ފަރުހާދު ވަރަށް ބޭނުމެވެ.

"މަ ވެސް ބޭނުމެއް ނޫން ކަލެޔާ ވާހަކަދައްކާކަށް،" ހަނާ ޖަވާބުދިނެވެ. "ކަލޭ އައިސް ކިޔަވާތީ އަހަރެން އަޅާނުލަނީ. އެހެން ނޫން ނަމަ މިހާރު ކަލޭ ހޭއަރުވާލައިފީމުސް."

"ﷲ އިރާދަކުރެއްވިއްޔާ އަހަންނަކާ ނުބެހެވޭނެ،" ވަރަށް ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ. "ތިމަންނަ އިސްލާން ވެއްޖައީމޭ ކިޔާފަ ކަލޭ ތި އުޅެނީ ކަލޭ ހެއްދެވި ފަރާތަށް ގޮންޖަހަން. އެ ކަމެއް ނުކުރެވޭނެ. ކަލޭ ކިތަންމެ ބޮޑާވެފަ ކިބުރުވެރި ވިޔަސް ކަލޭ ތީ ﷲ ގެ އަޅެއް. އަހަރެން ވެސް މީ ﷲ ގެ އަޅެއް. ކަލޭ ފުއްޕަނީ. އަހަރެން ﷲ އަށް ބިރުވެތިވަން. މީ ތަފާތަކީ. ބޭނުމެއް ނޫން ތި ކަހަލަ ޖާހިލުންނާ ވާހަކަދައްކާކަށް."

މާހައުލު ހޫނުވަމުން އައެވެ. ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރިއެވެ. އެއީ ހައްގާއި ބާތިލާ ދެމެދު ކުރެވުނު ވަރުގަދަ ބަހުސެކެވެ.

"ތީ މާ ރަނގަޅު މީހެއްތަ؟" ހަނާ ސުވާލުކުރިއެވެ. "ކަލޭ ހިތުއަޅައިގެން ތި އުޅޭ ކަންތައް ވަކި ރަނގަޅު؟"

"މަ ނުޖެހޭ މަގޭ ރަނގަޅުކަން ކަލެއަށް ސާބިތުކޮށްދޭކަށް،" އަނިލް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދެއެވެ. "މި ބުނީނު ބޭނުމެއް ނޫނޭ ކަލެޔާ ވާހަކަދައްކާކަށް."

"ދެން ތި ދައްކަނިއްޔޯ؟" ހަނާ އެހިއެވެ.

"މި ތަަނަށް ކަލޭ ބޭނިގަނެގެން އުޅޭތީނު ދައްކަނީ،" އަނިލް ގޮނޑިން ތެދުވަމުން ބުންޏެވެ. "ކަލޭ ދޭބަލަ ކަލޭމެން ދިރިއުޅޭ ތަނަށް. ކަލޭމެން ކަލޭމެންނާ ކިތަންމެ ވަރަކަށް ކޯޅުނަސް އަހަރެން ތި ފާޑަށް ކަލެއަށް ޖެއްސުންކުރާކަށް ނުދާނަން. ކަލެއަށް އެނގޭތަ ކަލޭ ސަލާމަތްވާން ހުރި ދޮރު އެބަ ލެއްޕޭކަން؟"

އަނިލް ފެންފުޅި ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ. ހަނާ ތެޅިފޮޅިގަތެވެ.

"އިހަށް މަޑުކޮށްލަބަލަ!" ކެތް ނުކުރެވިގެން ފަރުހާދު ބުންޏެވެ. "އަހަރެން ގެއްލިގެން މި އުޅޭ ރަން ކެވެލިގަނޑު ފެންނާނެތަ؟"

ނުނިމޭ

10 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 13%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރަފަތް ސަޓަނު

02 July 2020

މިހާރު ނިއު ނޯމަލްގެ ކިޔެވުންވެސް ފެށިއްޖެ. އަނިލްއަކަށް ވީކަމެއް ޙަރާން

The name is already taken The name is available. Register?

މިވެސްދޯދެން.

01 July 2020

ދެފޮޅުވަތް ހަފްތާއެއް. ހެހެ

The name is already taken The name is available. Register?

ތުނިޔަ

01 July 2020

އަޅެ މިއޮށްބޮޑު ލޮކްޑައުން ނިމުނުއިރުވެސް އަނިލްހަމަ ޖިންނިއާ ޒުވާބު ކޮށްލަކޮށްލާ؟ އަނިލްގެ އަނގަވެސް ވާޅުނުވާކަން...

The name is already taken The name is available. Register?

ަައައިޝާ

01 July 2020

ހާދަ ފޫއްސޭ :(

The name is already taken The name is available. Register?

ވިސްްނާ

01 July 2020

އަޅެ ބިންމާ ފޫހިނުވޭތަ އަބަދު އެކައްޗެއްް ކިޔާކިޔާ.. ..........ބަސްނާހާ ޖިންނީގެ ޒުވާބު ގެ ތިހާ ތަފްްސީލު ނުދީ، އެބައި ކުރުކޮށް ފޮނިކޮށް ގެނެސްދީފަ ވާހަކަ ނިންްްްމާލަދީ

The name is already taken The name is available. Register?

ާއާމިނަ

01 July 2020

ޝުކުރިއްޔާ ބިންމާ ތިޔަހިތްވަރަށް. ނުނިމޭ ޖަހާފައިންތަން ކިޔާލައިފިން. ބިންމާގެ ވާހަކަތަކަށް މަރުދޭ ކިއުންތެރިން މާޔޫސްކުރަން ވެސް ވ. މޮޅު. ހުނަރު އެބަހުރި. ކިއުންތެރިން ގެ އިޙްސާސް ތަކަށް ބީރުކަންފަތެއް ދީގެން ހިފަހައްޓަވާ ތިގޮތުގައި. ވ. ވެދުން

The name is already taken The name is available. Register?

ކައުންސެލަރު

01 July 2020

ކުރިޔަށް، ބިންމާ ކުރިޔަށް.............. ހަބޭސް، މިހާރު އަނެއްކާ ޝައުގުވެރިކަން އިތުރުވާން ފަށައިފި. ފޫހިވާ ކުދިން މިވާހަކަ ނުކިޔާ............ ޕްލީޒް

The name is already taken The name is available. Register?

އަލައިކާ

01 July 2020

ކެއްތެރިކަން ކޮޅުންލައިފި...ހެޔޮނުވާނެ ދެން ނިންމަބަލަ ޕުލީޒް

The name is already taken The name is available. Register?

އިފުރީތު

01 July 2020

ހެޔޮނުވާނެ. ދެން ތިވަރުން މިވާހަކަ ނުކިޔަބަލަ. ބައިވަރު އެހެން ހަބަރު އެބަހުރި މީގަ. އެ ކިޔާބަލަ

The name is already taken The name is available. Register?

ށަސޖ

01 July 2020

ބިންމާ، މިހާރު ލޮކްޑައުންނިމި ކޮވިޑް އޮޕަރޭޝަން ބޮޑުތަނުން ޑައުން ގުރޭޑްކޮށްފި، ދެން ޖިންނި ކިބްއިން ހަނާވެސް މިނިވަން ކުރަން އުޅެބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454