08 ޖުލައި 2020 - 08:32
އެއްބަޔަކަށް ތަނަވަސް ކަމެވެ. އެކަމަކު އާއިލާގައި ހަމަޖެހުމެއް ނެތެވެ. އަނެއް ބަޔަކަށް އުފާވެރި އާއިލާއެކެވެ. އެކަމަކު ތަނަވަސްކަމުގެ ނަސީބެއް ނެތެވެ. އެކަކަށް ކާމިޔާބު ދިރިއުޅުމެކެވެ. އަނެކަކަށް ރީތި ސިފައެވެ. ހުރިހާ ކަމެއް ފުރާ ފުރިހަމަވެފައިވާ މީހެއް ވަރަށް މަދެވެ. ރިފާއަކީ ވަރަށް ރީތި އަންހެނެކެވެ. ދިގު އަދި ފަން އިސްތަށިގަނޑެއްގެ ވެރިޔެކެވެ. މޫނާއި ހަށިގަނޑުގައި އެއްވެސް އައިބެއް ނެތެވެ. ފިރިހެނުން އަހާ ހިތްވާ އަޑެކެވެ. ހިތުގައި ވަކިއަޅާ ހިނިތުންވުމެކެވެ. ކުލަފަތި ހަށިގަނޑެކެވެ. އަޅައިގަންނަ ކަހަލަ އަންހެން ވަންތަ ހިނގުމެކެވެ. އޯގާތެރި ފިރިޔަކު އެބަ ހުއްޓެވެ. ލޯބިވާ ދަރިޔަކު އެބަ ހުއްޓެވެ. އެ ހިސާބުން ލިސްޓު ނިމުނީއެވެ.
ރިފާގެ ގެއަކީ ރިފާގެ ބައްޕަ ޒަމާނުގައި ހަދައިފައިވާ މުސްކުޅި ގެއެކެވެ. ގޭގެ ވެރިޔަކީ އަޒީޒާއެވެ. ތިން ކުދިންގެ މަންމައެވެ. ބައްޕަ ނިޔާވުމުން އަޒީޒާ ބޭނުންވީ އަޒީޒާގެ ދުނިޔޭގައި ގެ ބަހާށެވެ. ގެ ބަހަން ވެގެން ބަލައިލިއިރު މަގުމައްޗަށް ހުންނަ ފަޅި ތިން ދަރިން ވެސް ބޭނުންވިއެވެ. މަގުމަތިން އެ ބަޔަށް ވަދެވޭތީއެވެ. ކުއްޔަށް ދޭން ޖެހުނަސް ބޮޑު އަގުގައި ދެވޭނެތީއެވެ. ދޮށްޓަށް ދެ ފިރިހެން ކުދިން ތިބެފައި އަންހެން ކުއްޖަކު ހުއްޓަސް އަޒީޒާ ބޭނުންވީ ގުރުއަތުލާށެވެ. ހުރިހާ ވާރިސުން އެ ގޮތަށް އެއްބަސްވިއެވެ. އިންސާފުވެރިކަމާ އެކުގައި ގުރުއަތުލިއެވެ.
މަގުމަތީ ބައި ލިބުނީ ރިފާއަށެވެ. އާއިލާގެ ހަމަ އެކަނި އަންހެންކުއްޖާއަށެވެ. އެންމެ ހަގު ކުއްޖާއަށް ވެސް މެއެވެ. އެ ކަމާ އެކަކު ވެސް ހިތްހަމަނުޖެހުނު ކަމެއް ރިފާ ނުދެނަހުއްޓެވެ. ޔަގީނުން ވެސް ދެ ބޭބެއިންގެ ހިތް ހެވެވެ. ތިން ބެއިންނާއި މަންމައަށް ގެ ބެހިޔަސް ގެ ހަދާނެ ފައިސާއެއް އެކަކު އަތަކު ވެސް ނެތެވެ. ތަނަވަސްކަމުގެ ގޮތުން ރިފާއަށް ވުރެ ރިފާގެ ދެ ބޭބެ އުޅެނީ ތަންކޮޅެއް ކުރީގައެވެ. އެ މީހުންނަށް ލިބުނު ބައިތަކުގެ ފެންވަރު ވެސް ކުޑަ ތަންކޮޅެއް ރަނގަޅު ކުރިއެވެ.
އަޒީޒާ ހުންނަނީ ރިފާގެ ބައިގައި ހުންނަ ކުޑަ ކޮޓަރިއެއްގައެވެ. ރިފާ ނިދާނެ އެނދެއް ނުހުރެއެވެ. އެނދެއް ގަނެވޭ ވަރު ނުވަނީއެވެ. އެނދެއް ބަހައްޓައިފި ނަމަ ކޮޓަރި މާ ބޮޑަށް ދަތި ވެސް ވާނެއެވެ. ނިދަން އޮންނަނީ އިންޕަންޖު ގޮދަޑިއެކެވެ. ނިދަން ވީމައި ތަރަފާލު މަތީގައި ގޮދަޑި ބާއްވައިގެން ނިދަނީއެވެ. ރިފާގެ ދެމަފިރިންނާއި ދަރިފުޅު ވެސް ނިދަނީ އެއް ގޮދަޑީގައެވެ. ތަރަފާލު އޮތީ އެތައް މިތަނުން ވީދި، ތަންތަންގަނޑު ނެއްޓިފައެވެ. ރިފާ އަކަށް މޮޅެތި އެއްޗެހި ކާކަށް ނުލިބެއެވެ. ރީތި ހެދުންތަކެއް ނުލިބެއެވެ. އަންނައުނު ލާ ކުޑަ އަލަމާރީގެ އެއް ދޮރުފަތެއް ނެތެވެ. އަނެއް ދޮރުފަތުގެ މަތީ ހުޅު ހަލާކުވުމުގެ ސަބަބުން އެ ދޮރުފަތް އޮންނަނީ އެލިފައެވެ. އެ ކަން ރަނގަޅު ކުރުމަށް ވުރެ މުހިންމު ހަރަދުތައް ހުންނާތީ އަލަމާރި މަރާމާތެއް ނުކުރެވެއެވެ.
ރިފާގެ ދެ އަތާއި ފައިގައި ރަން ކެވެލި ހުރެއެވެ. ކަރުގައި ރަން ފަށެއް އޮވެއެވެ. އަތުގެ ދެ އިނގިލީގައި ރަން އަނގޮޓި އަދި ކަންފަތުގައި ރަން ބޮޅެއް ވެސް އޮވެއެވެ. އަގު ބޮޑު އެއްޗަކަށް ޒާހިރަށް ދެވުނު ހަމަ އެކަނި އެއްޗަކީ އެއީއެވެ. ކައިވެނި ކުރިތާ ކައިރީގައި ދިން ރަން ހަދިޔާ ތަކަށް ފަހު ދެން ޒާހިރަކަށް އެއްޗެއް ދެވޭ ވަރެއް ނުވިއެވެ. ރިފާގެ ފިރިމީހާ ޒާހިރަކީ މަސައްކަތްތެރި، ހީވާގި މީހެކެވެ. ފިހާރައެއްގެ ސޭޓެއްގެ ވަޒީފާ އަދާކުރާ ރޫފަ ރަނގަޅު، ރީތި މީހެއް މެއެވެ. ގޭތެރޭގައި ކުރާ ވަރަށް ގިނަ މަސައްކަތް ޒާހިރު އަމިއްލައަށް ކުރެއެވެ. ކަމެއް ނުވަންޏާ ނުވާނީ އެ ކަމަކަށް ގަންނަން ޖެހޭ އެއްޗެއް ނުގަނެވިގެންނެވެ. އަތުގައި ފައިސާ ނެތިގެންނެވެ. ޒާހިރު ކިބައިގައި ހުންނަ، އަންހެނުން ހިތްދަމައިގަންނަ ކަހަލަ ރީތި ސިފައާއި މުރާލިކަމަކީ ރިފާގެ ނަޒަރުގައި ރިފާއަށް ލިބުނު ޝަރަފެކެވެ. އެކަމަކު ހަގީގަތުގައި އެއީ ރިފާއަށް ކުރިމަތިވި ބަދުނަސީބެކެވެ. ނުބައި ފާލެކެވެ. ސަބަބަކީ ޒުލްފާގެ ހިތްނިޔަތް ހަރާބުވުމެވެ. ރިފާގެ ބޭބެޔާ އިނދެގެން ހުރެ ރިފާގެ ފިރިމީހާއަށް ވައްކަޅިން ޒުލްފާއަށް ބެލެން ފެށުމެވެ.
ޒުލްފާއަކީ ރިފާގެ ދެވަނަ ބޭބެ ކަމުގައިވާ މަންދޫހުގެ އަނބިމީހާއެވެ. ރިފާގެ ފަހަރިއެކެވެ. ފެންނަ ފަށުގައި އެއްވެސް ހަސަދަވެރިކަމެއް ނުގެންގުޅޭ ދައްތަ އެކެވެ. ޒުލްފާއަކީ އަޒީޒާ ގަޔާވާ ޅީދަރިއެއް ނޫނެވެ. ގެއަށް ފާޑުކިޔާތީއެވެ. ގޭގެ ކަންކަމަށް ގޮތްކިޔާތީއެވެ. ޒުލްފާ ނިސްބަތް ވަނީ ފަންޑިތައަށް މަޝްހޫރު އަތޮޅަކަށެވެ. އަޒީޒާ ކަންބޮޑުވާ އަނެއް މައްސަލައަކީ އެއީއެވެ. އެކަމަކު މަސްލަހަތަށް ބަލައިފައި އަޒީޒާ ދެ ތުންފަތުގައި ދަތްއަޅައިލައިގެން ހުންނަނީއެވެ. އަޒީޒާގެ އާއިލާއަށް ކޮންމެވެސް ފަންޑިތައެއް ޒުލްފާ ހަދާނެހެން އަޒީޒާއަށް ވަރަށް ހީވެއެވެ. ހާއްސަކޮށް ރިފާއަށެވެ. ޒާހިރު ކަހަލަ ފިރިއެއް ޒުލްފާ ބޭނުމެވެ. ކޮންމެވެސް ދުވަހަކުން މަންދޫހު ކައިރިން ވަރިވެފައި، ރިފާ ވަރިކުރުވައިފައި ޒާހިރާ އިންނާނެއެވެ. އެއީ އަޒީޒާގެ ހީއެއް ނޫނެވެ. ސަމާސާ އަކަށް ހަދައިފައި ޒުލްފާ ވަރަށް ގިނައިން ބުނެލާ އެއްޗެކެވެ. އެ ކަމާ ރިފާ އެއްވެސް އެއްޗެއް ހިތަކަށް ނާރައެވެ. އެއީ ދައްތަގެ މިޒާޖޭ ހީކޮށްލައިފައި ނިންމައިލަނީއެވެ.
މަންދޫހަކީ ރިފާއަށް ވަރަށް ހެޔޮ ބޭބެއެކެވެ. އަބަދުވެސް ރިފާއަށް ހެޔޮ ނަސޭހަތްދީ، ވީ ވަރަކުން އެހީތެރިވެދީ ހަދައެވެ. ޒުލްފާއަށް ވުރެ ބޮޑަށް ރިފާ ދެކެ މަންދޫހު ލޯބިވާހެން ވެސް ރިފާއަށް ހީވެއެވެ. އެ ކަމާ ޒުލްފާ ހަސަދަވެރިވާން ޖެހޭނެ ކަމަކަށް ރިފާ ނުދެކެއެވެ. ޒުލްފާއަކީ މަންދޫހުގެ އަނބިމީހާއަށް ވެފައި، ރިފާއަކީ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވީތީއެވެ. އެކަމަކު ރިފާ ކައިރީގައި ބައިންދައިގެން އަޒީޒާ ކިތަންމެ ފަހަރަކު ނަސޭހަތް ދެއެވެ. ޒުލްފާއަށް އިތުބާރު ނުކުރުމަށާއި، ބަލައިގެން އުޅުމަށާއި، ޒުލްފާ ދޭ އެއްވެސް އެއްޗެއް ކައިބޮއި ނެހެދުމަށް ހަނދާން ކޮށްދެއެވެ. ރިފާ ލޮލުންނާއި ބޮލުން އެ ކަމަށް އެއްބަސްވެއެވެ. އެކަމަކު ރިފާގެ ހަޔާތަށް ކުރިމަތިވެފައިވާ ފަޅުކަމަކުން ސަލާމަތްވާން ވެސް ރިފާ ބޭނުމެވެ.
ފުރަތަމަ ދަރިފުޅު ނަޝްފާއަށް ފަނަރަ އަހަރު ވީ އިރު ވެސް ރިފާ އަކަށް ދެވަނަ ދަރިޔަކު ނުލިބެއެވެ. ފިރިހެން ކުއްޖަކު ހޯދަން ރިފާ ވަރަށް ބޭނުމެވެ. ގޭގެ އެންމެނަށް ވެސް އެ ކަން އެނގެއެވެ. ދޭތެރެއަކުން ރިފާއަށް އެ ވާހަކަ ދެއްކެއެވެ. ފައިސާ ހުރި ނަމަ، ވެގެން އުޅޭ ގޮތް ބަލައި، ބޭސްކުރަން ޖެހޭ ނަމަ އެ ކަން ވެސް ކުރީހެވެ. ކުޑަ ފިރިހެންކުއްޖަކު ގޮވައިގެން އަންހެނަކު ދާ ތަން ފެނިއްޖެ ނަމަ ރިފާއަށް ހުއްޓެވެއެވެ. ބަލަން ހުރެވެއެވެ. ހިތުގައި އަޅަމުންދިޔަ ވޭން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ބޮޑުވަމުންނެވެ.
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރިފާ އިނީ މަންދޫހުގެ ބައިގައެވެ. ރިފާ އެ ބަޔަށް އަންނަނީ ޓީވީ ބަލާށެވެ. ރިފާގެ ބަޔަކު އޭރަކު ޓީވީއެއް ނުހުރެއެވެ. ޓީވީން ދެއްކި ލަވައިގައި ފެންނަނީ ކުޑަ ފިރިހެން ކުއްޖަކާ އެކުގައި މަންމައަކު ލަވަކިޔާ ތަނެވެ. ރިފާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރިފާ އިނީ ފެންކަޅިވެފައެވެ. ދަނޑިވަޅަކަށް ބަލަބަލާ ހުރި ޒުލްފާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ވަރަށް ގަޔާވެފައި އައިސް ރިފާ ކައިރީގައި ޒުލްފާ އިށީނދެލިއެވެ.
"ފިރިހެން ކުއްޖަކު ހުރުމަކީ ހާދަ ހިތްހަމަޖެހޭ ކަމެކޭ ދޯ ރިފާ!" ގަސްތުގައި ރިފާގެ ހިތަށް ތަދުކުރުމަށް ޓަކައި ޒުލްފާ ބުނެލިއެވެ.
ޒުލްފާގެ ރޭވުން ކާމިޔާބުވިއެވެ. ރިފާ ޓީވީ ނިއްވައިލިއެވެ. އަދި އެއްޗެއް ނުބުނެވިފައި އެތައް އިރަކު އިސްޖަހައިލައިގެން އިނެވެ.
"ރިފާ އަސްލު ވެސް ފިރިހެން ކުއްޖަކު ވަރަށް ބޭނުންތަ؟" ގަޔާވެފައި ޒުލްފާ އެހިއެވެ. "އަހަރެންގެ ބައްޕައަކީ ވަރަށް މޮޅަށް ފަންޑިތަހަދާ މީހެއް. ހިނގާބަލަ ކަމެއް ކުރަމާ!"
ޒުލްފާ އެހެން ބުނި ވަގުތު ވެސް މަންމަގެ ނަަސޭހަތް ރިފާ ހަނދާންވިއެވެ. އެކަމަކު އެ ހަނދާނުގެ މައްޗަށް މައިކުލުނު ބާރު ފޯރުވިއެވެ. ރިފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔަގީނުން ވެސް ނޫނެކޭ ބުނާ ހިތެއް ރިފާ ނުވިއެވެ.
"ތީ އެއްވެސް ކަމެއް ނޫނޭ ރިފާ!" ޒުލްފާގެ ރާގުގައި ވަނީ ޔަގީންކަމެވެ. "ކުދިން ނުލިބިގެން އުޅޭ ކިތައް މީހުންނަށް ބައްޕަ އެހީވި. ހުރިހާ އެންމެނަށް ވެސް ލިބުނީ ފިރިހެން ކުދިން. މީގެ މޮޅު ކަމަކީ ބައްޕަ އެއްވެސް ލާރިއެއް ނާތުލާނެ."
"އެކަމަކު ފަންޑިތަހަދަން މަންމަ ވަރަށް ސަޕޯޓު ނުކުރާނެ،" ހިތްދަތި ރާގެއްގައި ރިފާ ބުންޏެވެ. "މަންމައަށް އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ."
"އެނގިގެންތާ!" ޒުލްފާ ބުންޏެވެ. "ސިއްރުން ކޮށްލީމަ ނިމުނީނު. ފިރިހެން މާމަދަރިއެއް ލިބުނީމަ މަންމަ ކިހާ އުފާ ވާނެ! އަހަރުމެން އެންމެން ވެސް ކިހާ އުފާވާނެ. ރިފާ ނުލާހިކު ލޯބިކޮށް ތި ހުންނަނީ. ޒާހިރު ވެސް ނުލާހިކު ރީތި! އަހަންނަށް ޔަގީން ތި ދެ މީހުންނަށް ލިބޭ ބޭބީ ވެސް ވަރަށް ލޯބިވާނެ. އަހަންނަށް ހީވަނީ ހަމަ ފިރިހެން ކުއްޖެއްހެން ދެން ލިބޭނީ."
އެއްބަސްވާން ރިފާ ބޭނުންވިއެވެ. ރިފާގެ ލޮލަށް ދަރިފުޅު ފެނުނު ކަހަލައެވެ. އެހެންނަމަވެސް އާނއެކޭ ބުނާކަށް ނުކެރުނެވެ.
"އުހުނ! ޒާހިރު ވެސް ހިތްހަމައެއް ނުޖެހޭނެ،" ކަންބޮޑުވެފައި ރިފާ ބުންޏެވެ. "މިހެން އުޅެމުން ލާރިކޮޅެއް އެއްވި ދުވަހަކުން ޑޮކްޓަރަށް ދައްކާނީ. އޭރުން ދެން މައްސަލައެއް ނުޖެހޭނެއްނު!"
ޒުލްފާ އެ ވަރުން ވެސް ދުލެއް ނުކުރިއެވެ.
"ތީ ކޮން ދުވަހަކުން ވާނެ ކަމެއް؟" ޗޮކެއް ކަނޑައިފައި ޒުލްފާ ބުންޏެވެ. "މީން ޒަމާނަކު ނުވާނެ. ވަކި އުމުރަކަށް ދިޔައިމަ ދެން ކުއްޖަކު ނުވެސް ލިބޭނެ. އެންމެ ފަހުން ފިރިހެން ކުއްޖެއް ނުލިބިގެން ޒާހިރު ވެސް ރިފާ ވަރިކޮށްލާފަ ދާ ތަން ފެންނާނީ. އަހަރެން އަޅެ އެއްޗެއް ގެންނާނަން އިނގޭ. އަޅެ ވާ ގޮތެއް ބަލައިލެވިދާނެއްނު!"
ރިފާ އެއްބަހެއް ނުވެއެވެ. އެކަމަކު އެއްރޭ ސިއްރުސިއްރުން ޒުލްފާ އައިސް ރިފާގެ ބަޔަށް ވަނެވެ. އޭރު އަޒީޒާ އާއި ޒާހިރެއް ވެސް ނޫޅެއެވެ. އައި ގޮތަށް އައިސް ރިފާގެ އަތު ތެރޭގައި އެއްޗެހިތަކެއް ބެހެއްޓިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރައުންޑްފްލާވާ
10 July 2020
މާ ކުރީ. ވަރަށް އިންޓްރެސްޓިން.
ލޯބީ
09 July 2020
އަނެއްކާ އަނެއް ވާހަކަ ކޮންމެވެސް ސިހުރެއް . ލޯބީގެ ހާޓުބުރޯކިން ވާހަކައެއް ލިޔެބަ ވަރަށް ކިޔާހިތްވޭ އެކަހަލަ ވާހަކަ.
ކޮކަޑި ހަކީމް
09 July 2020
ހޫން އެއްވެސް ރީއްޗެއް ނޫން. މި ހާސަރުގަނޑު ނޫން އެއްޗެއް ބިންމާ އަކަށް ލިޔާކަށް ނޭނގުނު ވިއްޔާ..
ަރުގީ
08 July 2020
ރުގްޔާ ސީޒަން ނިމޭކަށް ނޫޅޭތަ؟
ގާޑިޔާ
08 July 2020
މިހާރު ރާއްޖޭގެ ވެރިކަމުގެ ހުންނެވި ބޭފުޅާ، އެންމެން ރުއްސަންއުޅުމުން ވާގޮތް ފެނޭތަ؟
ާއާމިނަ
08 July 2020
އަނެއްކާ އަނެއްފަހަރު ރުޤްޔާ ކުރަންޖެހޭ ކަ މަކަށް މިކަން ނުވާނެބާ؟ މިފަހަރު އަނިލް ނުގެންނާތި ބިން މާ ޕލޒ ތިފަންޑިތަ ކުޅިވަރު ހުއްޓާލައްވާ.
ރުޚާން
08 July 2020
ތިމީހުން ދެކެންބޭނުންވާ ހުރިހާ އެއްޗެއް ބިންމާ އަކަށް ނުދެއްކޭނެ. އެވެސް އިންސާނެއް. ރީތި ޗާލު އަސަރުގަދަ ވާހަކަ ތިމާ ލިޔެލިޔެފަ މިހާރުނޫހަށް ފޮނުވަބަލަ. ހަމަ އަޕްކޮށްލީ ކިޔާލީ.
ހޭހަން
08 July 2020
އަދި ވަރަށް ސަޅިކޮށްދަނީ. ސާބަސް ބިންމާ.
ޜާޤީ
08 July 2020
ބިންމާ އަށް ކިޔަންވީ ރާޤީ އަކަށް ނުވި ރާޤީ. ދުވަހަކު ސިހުރަކުން ނުނެއްޓުނު. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އެދުރު ލިޔާކަަހަލަ މޮޅުވާހަަކައެއް ލިޔެބަލަ!
ތައްތު
08 July 2020
ކިހިނެއް އެނގެނީ ބިންމާ އަކީ އެދުރު ނޫން ކަމެއް.
ބައްތު
09 July 2020
ބިންމާ އަކީ އެދުރެއް ނޫން. ދެމީހުންގެ ވާހަކަ ލިޔުމުގައި ހާސް ތަފާތު. އެދުރަކީ ނިކަން މޮޅަށް ޕްލޭން ކޮށްގެން ވާހަކަ ލިޔާ މީހެއް. މަށަށް މި ބިންމާ މި ފަހަކަށް އައިސް ސިފަވަނީ ބޮޑު ހާސަރު ބެއްޔެއް ގޮތުގަ.
ސަނައްޓޭ
08 July 2020
އަބަދު ހުސް ސިހުރަކާއި އަޅައިގަނެގެން ބިންމާ އުޅެނީ
ރެދަން
08 July 2020
ދެން ކޯންޗެއްތަ ލިޔަންވީ. ކަލޭމެނަށް ރަނގަޅުއެއްޗެއް މީހަކަށް ލިޔެވޭތަ؟ ސަނައްޓޭމެން އުޅޭފާޑުން މަހަމަ މޮޔަވާވަރުވޭ.
ސަނައްޓޭ
08 July 2020
ސިހުރު ނޫން ހުރިހާ ބާވަތެއްވެސް އެހުރީނު ލިޔަން
ސަސީ
08 July 2020
ޖީންނީންގެ ޝަކުވާނިމިއްޖެ، އެކަމު އަދިވެސް އިންސީންގެ ޝަކުވާ ނިމޭނެ ކަމަކަށް ނުފެނޭ