29 ޖުލައި 2020 - 09:07
އާދިއްތަ ދުވަހާ ގުޅޭ
"އަހަރެން ބޭނުން އިންނަން،" ފުރަތަމަ ރިފާ ދިނީ އުފާވެރި ޚަބަރެކެވެ. "އެކަމަކު ޝަރުތެއް އެބަ އޮތް!"
"އަވަހަށް ބުނޭ!" މިހާދު ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
"އަހަރެން ރަންކިޔާނީ ރަނުން،" ވަރަށް ފަސޭހައިން ރިފާ ބުނެލިއެވެ. "ދެ ލައްކަ ރުފިޔާގެ ރަން އަހަންނަށް ލިބެންޖެހޭނެ!"
"ގަބޫލު!" ވިސްނާލަން ސިކުންތެއް ވެސް ނުނަގައި މިހާދު ބުންޏެވެ.
މިހާދުގެ ޖަވާބުން ރިފާގެ ހިތް ގަނޑުވި ކަހަލައެވެ. ހީވީ ބޮލަށް އައިސް ފެން އެއްޗެއް އޮއްސައިލިހެންނެވެ. ފުރަތަމަ ސަބަބަކީ ކުއްލިއަކަށް ލިބުނު ފައިސާގެ ބޮޑު ތަނަވަސްކަމެވެ. ދެވަނަ ސަބަބަކީ ނުދަންނަ މީހަކާ ކައިވެނިކުރަން ޖެހުމުގެ ބިރެވެ. ތިންވަނަ ސަބަބަކީ އެ ވާހަކަ ދަރިފުޅާއި ޒާހިރު ގާތުގައި ބުނަން ޖެހިލުންވުމެވެ. އެހެން މީހަކާ ރިފާ އިންނަނީ ޒާހިރާ އިންނަން ރިފާ ބޭނުން ވާތީއެވެ. އެކަމަކު ދެ ލައްކަ ރުފިޔާގެ ރަން ރިފާ ޝަރުތުކުރީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ މީހަކު ވެސް އެ ސުވާލު ކުރާނެކަން ރިފާއަށް އެނގެއެވެ.
"އެހާ ގިނަ ލާރި ދޭން ތިހާ ފަސޭހައިން ތި އެއްބަސްވީ ކީއްވެ؟" ރިފާ ސުވާލުކުރިއެވެ.
"ތެދަށް ބުނީމަ ރިފާ ހީކުރާނީ ކީކޭ ކަމެއް ނޭނގެ،" ހީނލައިފައި މިހާދު ބުންޏެވެ. "އެކަމަކު ތި ސުވާލު ކުރީތީ ތީގެ ޖަވާބު ވެސް ދޭނަން. އަހަންނަކީ ވިޔަފާރިވެރިއެއް. އަގު ބޮޑު މުދަލާ އަގު ހެޔޮ މުދާ ވަކިކުރަން އަހަންނަށް އެނގޭ."
"ކީކޭ ތި ބުނީ؟" އިރުކޮޅަކު މަޑުކޮށްލައިފައި ރިފާ އެހިއެވެ.
މިހާދު ހީނގެންފައި ފޯނު ބޭއްވީއެވެ. ރިފާގެ ތުންފަތަށް ވެސް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މިހާދު ބުނީ ކީކޭކަން ރިފާއަށް އެނގެއެވެ. ނޭނގޭ ކަމަށް ހެދީއެވެ. މިހާދުގެ ޖަވާބާ މެދު ފުންކޮށް ވިސްނުމުގެ ބަދަލުގައި ތިލަކޮށް ވިސްނުމަކީ ވެސް ރިފާއަށް މުހިންމު ކަމެއް ނޫނެވެ. މިހާދަކީ ރިފާއާއި ޒާހިރާ ދެމެދު ބިނާކުރެވޭ ދާލަމެކެވެ. މަންޒިލެއް ނޫނެވެ. ރިފާގެ މަންޒިލަކީ ޒާހިރެވެ. ރިފާގެ އާއިލާއާއި، މުސްތަގުބަލާއި، އުފަލަކީ ވެސް އެއީއެވެ. ވީމާ، ހިލައިން ދާލަން ބިނާކުރިޔަސް ނުވަތަ ރަނުން ބިނާކުރިޔަސް ރިފާގެ މަގުސަދަށް އަންނާނެ ބަދަލެއް ނެތެވެ.
ރިފާގެ މުޅި ހަޔާތުގައި ވެސް ރިފާ އަކަށް ފަސް ހާސް ރުފިޔާ ވެސް ނުލިބެއެވެ. އަދާކުރާ ވަޒީފާއިން ލިބެނީ ކުޑަ މުސާރައެކެވެ. އެހެންކަމުން، ދެ ލައްކަ ރުފިޔާގެ ރަނަށް މިހާދު އެއްބަސްވުމުން ރިފާއަށް އިތުރު އުފަލެއް ލިބުނެވެ. ހަމަ އެހެންމެ ނުތަނަވަސް ވެސް ވިއެވެ. އެހާ ބޮޑު އަގަކަށް މިހާދު ރުހުނީ ކީއްވެގެން ހެއްޔެވެ؟ އެ ފަދަ ހޭދައެއް ކުރަން ރިފާއަކީ ކާކު ހެއްޔެވެ؟ ކުޑަ ދުވަސްކޮޅަކަށް އަންބަކަށް ހެދުމުން މިހާދަށް އޮތީ ކޯޗެއް ހެއްޔެވެ؟ ބެންކު އެކައުންޓުގައި އެންމެ ލާރިއެއް ވެސް ނެތް ރިފާއަށް ދެ ލައްކަ ރުފިޔާ ފެންނަނީ ދެ މިލިޔަން ރުފިޔާގެ ގޮތުގައެވެ. އަނެއްކޮޅުން އެއް ދޮނުގައި ދެ ބުޅި ޖަހައިލެވުނީއެވެ. ރަންތައް ހިފައިގެން ރިފާ އަންނާނީ ޒާހިރު ގާތަށެވެ. ހަރަދުކުރާނީ އަމިއްލަ އާއިލާއަށެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ފުރަތަމަ މަރުހަލާ ކާމިޔާބުވުމުން ދެވަނަ މަރުހަލާއާ ރިފާ ކުރިމަތިލިއެވެ. އެއީ ޒާހިރާ މަޝްވަރާ ކުރުމެވެ.
"ދެ ލައްކަ ރުފިޔާއަކީ ހާދަހާ ބޮޑު އަދަދެކޭ!" ހައިރާން ވެފައި ޒާހިރު ބުންޏެވެ.
ޒާހިރު ފުރަތަމަ ވެސް އަޅައިގަތީ ފައިސާގެ އަދަދުގައެވެ. ވަރިކުރިފުޅު އެހެން މީހަކާ ދެވަން ޖެހޭތީއެއް ނޫނެވެ. އެއީ ރިފާ އުންމީދުކުރި ގޮތެއް ނޫނެވެ. ރިފާ ހީކުރީ ޒާހިރުގެ މައްސަލަ އަކަށް ވާނީ ރިފާ މުއްސަނދި މީހަކާ ކައިވެނިކުރުން ކަމަށެވެ. ޒާހިރުގެ މިސްރާބު ފައިސާއާ ދިމާއަށް އެނބުރުމުން، ދުރާލައި ރިފާ ވިސްނައިފައިވާ ޖަވާބު ރިފާ ދިނެވެ.
"ކީއްތަވީ؟" ވަރަށް ހަމަޖެހިލައިފައި ރިފާ ބުންޏެވެ. "އެހެން މީހަކާ ކައިވެނިކުރާކަށް އަހަރެން ބޭނުމެއް ނޫން. އަމުދުން މިހާދަކީ އަހަރެން އިންނަން ބޭނުންވާ ކަހަލަ މީހެއް ވެސް ނޫން. އޭނަޔާ އިނުމަކީ އަހަރެން އަމިއްލައަށް މީހަކަށް ވިއްކާލުން ކަހަލަ ކަމެއް. ކަހަލައެއް ނޫން އަސްލު ވެސް މި ހަމަ ވިއްކާލަނީ. ޒާހިރާ އިންނަން އެގާރަ ރުފިޔާއަށް ރަންކިއީ ޒާހިރު ދެކެ އަހަރެން ލޯބިވާތީ. އެކަމަކު އަހަރެންގެ ހަށިގަނޑުގެ އަގެއް ހެވެއް ނުވާނެ. އަހަންނަށް އެ ވަރު ވެސް ކުޑަ."
ޒާހިރު ވިސްނައިލިއެވެ. ފައިސާއާ ނުލައި އުފާ ހޯދޭނެކަމަށް ބަޔަކު ބުންޏަސް އުފަލަކީ ހިލޭ ލިބޭ އެއްޗެއް ނޫނެވެ. ޒާހިރަށް އެ ކަން ވިސްނެއެވެ. ދެ ލައްކަ ރުފިޔާއިން އެތައް ކަމެއް ކުރެވޭނެއެވެ. ކުރަންޖެހިފައިވާ މަރާމާތުތައް ބައިވަރެވެ. ނިދާނެ އެނދެއް ގަނެވުނަސް އެއީ ވެސް ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ އެހެން ފިރިހެނެއްގެ އަތްމައްޗަށް ރިފާ ދޫކޮށްލުމަކީ ޒާހިރުގެ ނަފުސު ދުވަހަކު ވެސް ރުހޭނެ ކަމެއް ނޫނެވެ. އެކަމަކު ލޯބީގެ ތިލަފަތުގެ އަނެއް ކޮޅުގައި ދެ ލައްކަ ރުފިޔާގެ ރަން ބެހެއްޓުމުން ނިޔަތުގެ ކަށި އެ ދިމާއަށް ސަޖިދަޖެހި ކަހަލައެވެ.
"މިހާދު ތިހާ ރަން ދޭނެބާ؟" ޒާހިރު އިސްޖަހައިލައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ. "އޭނަގެ ހިޔާލު ބަދަލެއް ނުވާނެބާ؟ ދެ ލައްކަ ރުފިޔާއެއް ވެސް ނޫން. ދެ ލައްކަ ރުފިޔާގެ ރަން."
"ދިނިއްޔާ ދިނީ! ނުދިނިއްޔާ ނުދިނީ!" އަނެއްކާ ވެސް ވަރަށް ހަމަޖެހިލައިފައި ރިފާ ބުންޏެވެ. "ބޮޑު ވިޔަފާރިވެރިއެއް. އެ ވަރު އެއްޗެއް ނުދެވެންޏާ އޭނައަށް ވެސް ހުތުރެއްނު!"
"އެކަމަކު ތި ދެ މީހުން ދޭތެރޭ ފަނަރަ ވަރަކަށް އަހަރުގެ ތަފާތު ހުންނާނެ ދޯ؟" ޒާހިރު އެހިއެވެ.
"ކޮބާ މައްސަލައެއް؟" ރިފާ ބުންޏެވެ. "އަހަރެން މި އުޅެނީ އޭނަޔާ ހިތާވެގެނެއް ނޫނެއްނު! މި އުޅެނީ އަހަރުމެން ދެ މީހުން އިންނަން ވެގެން. އޭނައަށް އައްޑިހަ އަހަރު ވިޔަސް އަހަންނަށް ކީއް؟"
ޒާހިރު އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިނެވެ. މިހާދުގެ އެ ހުށަހެޅުމަކީ ފަސޭހައިން އިންކާރު ކުރެވޭ ކަހަލަ ހުށަހެޅުމެއް ނޫނެވެ. ރުހުން ދޭން ވެސް އެހާމެ އުނދަގުލެވެ. ދުނިޔޭގެ ލަދަކީ ވެސް ޒާހިރުގެ ބޮލުގަރިހުމެކެވެ.
"ރައްޓެހިން އަހަންނާ ވަރަށް ދިމާކުރާނެ!" ޒާހިރު މަޑުމަޑުން ބުނެލިއެވެ. "އަންހެނުން ވިއްކާލިއްޔޭ، އަހަންނަކީ ދައްޔޫސެކޭ ކިޔާނެ. ރާއްޖެއިން ބޭރަށް ގޮސް ތި ކަން ކުރެވިދާނެތަ؟ ކައިވެނި ކޮށްފަ ވަރިވެގެން އަންނާނީ."
"ތީ އަދި މާ ސަޅި ގޮތެއް،" ރިފާ ވަގުތުން އެއްބަސްވިއެވެ. "މަ ބުނާނަން އެ ނޫން ގޮތަކަށް ނީންނާނަމޭ. އޭނައެއްނު ހުރިހާ ހަރަދެއް ކުރާނީ. ކިތަންމެ ލާރިއެއް އޭނަ ދިނަސް، ޒާހިރު ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން. އޭނަޔާ ނީންނާށޭ ބުނެފިއްޔާ ނުވެސް އިންނާން. އަހަންނަށް މުހިންމީ ޒާހިރާ ނަޝްފާ. އަހަރެންގެ އާއިލާ! މިހާދެއް ނޫން!"
ޒާހިރު އެއްބަސްވިއެވެ. އުފަލުން ނަށަމަކުން ނޫނެވެ. އެހެން މީހަކާ ރިފާ އިނުމަކީ ޒާހިރަށް ދިރުވަން އުނދަގޫ ސުވައެކެވެ. އެކަމަކު އެހެން ގޮތެއް ނެތީއެވެ. ރިފާ މީހަކާ ދެވަން މަޖުބޫރެވެ. ދެ ބީރައްޓެހިންހެން އުޅުމަކީ އެކަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.
"އިނދެފަ ރަން ނުދީފިއްޔާ؟" ޒާހިރު ސުވާލު އުފެއްދިއެވެ. "އެއީ ފާޑެއްގެ މީހެއް އިނގޭ!"
"އޭރުން އޭނަ ހިތަށްއަރާނެ އަހަންނާ ނީދެވުނު ނަމައޭ،" ޔަގީންކަމާ އެކުގައި ރިފާ ބުންޏެވެ. "ބުނެއެއްނު ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ. އެއީ ތެދެއްކަން އޭނައަށް އަންގާލާނަން. ޒާހިރު ރަނގަޅު ވީމަ އަހަރެންގެ ރަނގަޅުކަން ތި ފެންނަނީ."
ނިދަން އޮތް އިރު މިހާދުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ސުވާލެކެވެ. ރިފާއާއި މިހާދު ކައިވެނިކުރަން އުޅޭ ވާހަކަ ޒާހިރު ގާތުގައި ބުނާނީ ކާކު ހެއްޔެވެ؟ ކޮންމެވެސް މީހަކު އެ ކަން ކުރަން ޖެހޭނެއެވެ. ރީތި ގޮތަކީ އެއީއެވެ. ރިފާއަކީ އަލުން ޒާހިރާ އިންނަން ހުރިހައި ކަމެއް ހަމަޖެހިފައިވާ އަންހެނެކެވެ. ޒާހިރުގެ ދަރިފުޅުގެ މަންމައެވެ. އެތައް އަހަރަކު ޒާހިރު އިނދެގެން އުޅުނު މީހާއެވެ. ރިފާ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. އެ ފަދަ މީހަކާ ޒާހިރުގެ އެކުވެރިޔަކު ކައިވެނިކުރާ އިރު ރީތި ގޮތަކީ ޒާހިރާ ވެސް މަޝްވަރާ ކޮށްލުމެވެ. ނޭނގޭ ކަމަށް ހެދިފައި ރިފާއަށް އިނުމެއް ނޫނެވެ. އެހެން ހަދައިފި ނަމަ ޒާހިރާ ކުރިމަތިލާން މިހާދަކަށް ފަސޭހައެއް ނުވާނެއެވެ. މައްސަލައަކީ ޒާހިރު ގާތުގައި އެ ވާހަކަ ބުނަން މިހާދަށް ފަސޭހަ ނުވުމެވެ.
"އެކަމަކު ރިފާ ދޯ ބުނަން ޖެހޭނީ!" ހިތާހިތުން މިހާދު ބުނެލިއެވެ. "އެއީ އަހަންނާ ބެހޭ ކަމެއް ނޫނެއްނު!"
މައްސަލައިގެ ސަރިޔަތް އަމިއްލައަށް ކޮށްފައި، ހުކުން ވެސް އިއްވީ މިހާދެވެ. ތިމާއަށް ފައިދާ ވާނެ ގޮތަށެވެ. އެ ކަމުގައި މިހާދާއި ޒާހިރާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެކަކަށް ވެސް އެއީ ފަސޭހަކަމަކަށް ނުވިއެވެ. ރިފާގެ ދަރިފުޅު ނަޝްފާގެ އުމުރުން އޭރު ސޯޅަ އަހަރެވެ. ރިފާ ހުރިހައި ވާހަކައެއް ނަޝްފާއަށް ކިޔައިދިނެވެ. ނަޝްފާ ސުވާލެއް ނުކުރެއެވެ. އިސްޖަހައިލައިގެން އަޑުއަހަން އިނީއެވެ. ދޮންބައްޕައަކީ ނަޝްފާގެ ދުލަށް ފަސޭހަ ލަފުޒެއް ނޫނެވެ.
"މަންމަ މި ބުނާ ވާހަކަ ދަރިފުޅު ނިކަން ރަނގަޅަށް އަޑުއަހާތި!" އެންމެ މުހިންމު ވާހަކަ ރިފާ ބުނީ ނަޝްފާއާ ހަތަރުކަޅި ހަމަކޮށްފައެވެ. "ދަރިފުޅުގެ ބައްޕަ ދެކެ މަންމަ ވަރަށް ލޯބިވޭ! އެހެންވެގެން އެހެން މީހަކާ މި އިންނަނީ. ދަރިފުޅު ލޯމަތީގައެއްނު ހުރިހާ ކަމެއް ހިނގީ. ދަރިފުޅުގެ ބައްޕައަށް ވުރެ ވެސް މަންމައަށް މުހިންމީ ދަރިފުޅު. މަންމަ އަންނާނީ މި ގެއަށް. މަންމަ ހުންނާނީ ދަރިފުޅުމެން ކައިރީގަ. މަންމައަށް ލިބޭ ދެ ލައްކަ ރުފިޔާ ވެސް ހަމަ އަހަރުމެންގެ ދިރިއުޅުމަށް ހަރަދުކުރާނީ. އަދިވެސް ވަގުތު އެބަ އޮތް. ދަރިފުޅު ބުނޭ އޭނަޔާ ނީންނާށޭ. އިތުރު އެއްވެސް ސުވާލެއް ނުކުރާނަން. ވަގުތުން ކައިވެނި ކެންސަލު."
"އަހަރެން ބުނާ ގޮތެއް ހަދާނަން؟" އިސްޖަހައިލައިގެން އިނދެ ނަޝްފާ އެހިއެވެ.
" ހަމަ އެންމެ ފަހަރަކު ބުނަން ޖެހޭނީ،" ރިފާ ޔަގީންކަން ދިނެވެ. "ބުނޭ!"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
29 July 2020
ދެ ލައްކަ ރުފިޔާއާއި ދެލައްކަ ރުފިޔާގެ ރަނާ ދެ މެދު އަގުގެ ގޮތުން ހުރި ތަފާތަކީ ކޮބައިބާ؟
ޑޮޓް
29 July 2020
"އެކަމަކު ލޯބީގެ ތިލަފަތުގެ އަނެއް ކޮޅުގައި ދެ ލައްކަ ރުފިޔާގެ ރަން ބެހެއްޓުމުން ނިޔަތުގެ ކަށި އެ ދިމާއަށް ސަޖިދަޖެހި ކަހަލައެވެ." މި ޖުމްލަ ކިޔާލެވުން ދެތިން ފަަހަރު ރީތި ކަމުން.
ޖޫން
29 July 2020
ލޯބި އަށް ހުތުރު އަރުވަނީ މިހާރު މި ވާހަކަ އިން??
ޖަހާނާރާ
29 July 2020
މިހާރު މިވާހަކަ ދާގޮތުން ހާދަ ވައްތަރު ވާން އުޅެޔޭ، އިންޑީސެންޓް ޕްރޮޕޯސަލް ވާހަކަޔާ.
ކިނާން
29 July 2020
ރީތި
ށަސޖ
29 July 2020
ލޯބި ހޯދަން ލޯތްބާދުރަށް
ރަފާ ފޭން
29 July 2020
ދަރިފުޅު މިއަންނަ ބައިގައި ބުނާނީ ކީކޭބާ؟