01 އޯގަސްޓް 2020 - 08:44
އިންޑިއާގެ ލޮކްޑައުންއާ އެކު ހުއްޓުނު ޓީވީ ޝޯތައް މިދިޔަ މަހުގެ ތެރޭގައި އަލުން ފެށި އިރު ސްޓާ ޕްލަސް އިން "އަނޫޕަމާ" ގެ ނަމުގައި ވަނީ އާ ސިލްސިލާއެއް ފަށައިފަ އެވެ. އޭގެ އިތުރުން އަނެއްކާވެސް އެ ޗެނެލުން އާ ސިލްސިލާއެއް ގެނެސްދޭން ނިންމައި އެކަން ވެސް އިއުލާނުކޮށްފި އެވެ.
"ޝާދީ މުބާރަކް" ގެ ނަން ދީފައިވާ މި ސިލްސިލާގެ ޕްރޮމޯ ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. މި ސިލްސިލާ އަކީ މިޒާޖުގެ ގޮތުން ވަރަށް ތަފާތު މެދު އުމުރުގެ ދެ މީހެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. "ޝާދީ މުބާރަކް" ގެ ތަރިންނަކީ ޓީވީ ސިލްސިލާތަކުން ކުރިން ވެސް ފެނިފައިވާ އާންމު ދެ މޫނެއް ކަމަށްވާ މާނަވް ގޯހިލް އާއި ރާޖްޝްރީ ތާކޫރެވެ.
Kya Shadi Mubarak hone ke liye saare 36 gun milna zaroori hai?#ShadiMubarak, Jald Hi StarPlus par@manavgohil @irajashree pic.twitter.com/xW5MDmgN6g
— StarPlus (@StarPlus) July 30, 2020
ރާޖްޝްރީ، 38، އަލުން ޓީވީ ސިލްސިލާއަކުން މި ފެންނަނީ އޭނާ ނުފެންނަތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުންނެވެ. ރާޖްޝަރީ އެންމެ ފަހުން ފެނިފައި ވަނީ 2013-2015 އަށް ސޮނީ ޓީވީން ގެނެސްދިން "ބާރަތު ކާ ވީރު ޕުތުރާ: މަހާރާނާ ޕްރަތާބް" އިންނެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ސާތު ޕޭރޭ: ސަލޯނީ ކީ ސަރަފު"، "ކަސަމް ސޭ" އަދި "ސަޕްނާ ބާބުލް ކާ: ބިދާއީ" ހިމެނެ އެވެ.
މާނަވް، 45، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ކަލާޒުން ގެނެސްދިން "ކޭސަރީ ނަންދަން" އިންނެވެ.
"ޝާދީ މުބާރަކް" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުން މި މަހުގެ ތެރޭގައި ގެނެސްދޭން ފަށާނެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ގޯރަވް ޝަރުމާ، ޑޯނީ މިންހާސް، އަކަންޝާ ސަރީން އަދި ސައިލޭޝް ގުލްބާނީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy