ލޯބި ހޯދަން ލޯތްބާ ދުރަށް

ބުދަ ދުވަހާ ގުޅޭ


އާހަކަށް ފަހު އާހެކެވެ. ރިފާ އެންމެ ބިރުގަތް ޝައުގުވެރިކަމުގެ ބާނިތައް ރިފާގެ ހިތުގައި އުފުލެން ފަށައިފިއެވެ. މިހާދާ ދިމާއަށް ދަމާ ލޯބީގެ އޮއިވަރު ބާރުވާން ފަށައިފިއެވެ. ހުޅިނަގައިފައި އަންނަ ޖަޒުބާތުގެ ރާޅުތައް ބިންދަން ފަށައިފިއެވެ. ރިފާ އެ ކަން ފާޅު ނުކުރާ ކަމެވެ. އެއް ފަރާތުގައި ޒާހިރާއި ނަޝްފާއެވެ. އަނެއް ފަރާތުގައި މިހާދެވެ. ރިފާ ދެކެ ބޮޑަށް ލޯބިވަނީ ޒާހިރު ހެއްޔެވެ؟ މިހާދު ހެއްޔެވެ؟ މުސްތަގުބަލު ހަނާއަޅަނީ ކޮން ދިމާއަކުން ހެއްޔެވެ؟

އިންޑިޔާއަށް ދިޔަ ގޮތަށް މިހާދު މަސައްކަތް ފެށީ ގާޒީ ބޭނުންވި ލިޔުން ހޯދާށެވެ. އެންމެ އިސްކަމެއް ދިނީ އެ ކަމަށެވެ. އެއީ މިހާދު ދައްކަން ކުރި ކަމެއް ނޫނެވެ. އެ މަސައްކަތުގައި ދެއްކުންތެރި ކަމެއް ނެތެވެ.

ފުރަތަމަ ދުވަހު ފާހާނާއަށް ވަންނަން ދޮރު ހުޅުވައިލަން ރިފާ އަތް ދިއްކޮށްލި ގޮތަކުން ކަނާއަތުގެ ބޮޑުވައި އިނގިލި ދޮރުގައި ވިދުނެވެ. އިނގިލިން އަޑެއް ވެސް ކިޔެވެ. ވީ ތަދުން ރިފާގެ ބޮލަށް ދިޔައީ އެނބުރުން އަރައިގެންނެވެ. އެ މަންޒަރު މިހާދަކަށް ނުފެނެއެވެ. ދެ ފަހަރަކަށް އަތްތިލަ ތަޅުވައިލައިފައި ރިފާ ވަނީ ފާހާނާއަށެވެ. އެކަމަކު އިނގިއްޔަށް ތަދުވެފައި ހުރި ވަރުން އެ އަތުން އިސްކުރު ދުލެއް ނުކުރެވުނެވެ. އިސްކުރުގައި ހިފާފައި ކިރިޔާ ވެސް ބާރު ލާއިރަށް އިނގިލީގެ ތަދު އިންތިހާއަށް ބޮޑުވެއެވެ. ރިފާ ފާހާނާއަށް ވަނީ ކުޑަކަމުދާށެވެ. ކުއްލިއަކަށް ބޮޑުކަމުދާން ޖެހިއްޖެއެވެ. އެ ކަން ކުރެވިއްޖެއެވެ. މައްސަލަ ކުރިމަތިވީ ދެނެވެ. ތާހިރު ވެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެ ފަދަ ކަމަކަށް މިހާދުގެ އެހީ ހޯދާކަށް ރިފާއަކަށް ނުކެރުނެވެ. އެހެންކަމުން ތަށި މަތީގައި އިނީއެވެ. ބައި ގަޑިއިރު ވި އިރު ވެސް އިނީއެވެ. ރިފާގެ އަޑެއްބަޑެއް ނީވިގެން މިހާދު އައިސް ފާހާނާ ދޮރު ކައިރިއަށް ހުއްޓުނެވެ. އިތުރު ދިހަ މިނެޓު ހިނގިއެވެ. އަޑެއް ނީވެއެވެ. މިހާދު ކުޑަކޮށް ކަންބޮޑު ވިއެވެ.

"ރިފާ!" ދޮރުގައި މަޑުމަޑުން ޓަކިޖަހައިލައިފައި މިހާދު ގޮވައިލިއެވެ.

"ކީކޭ؟" ރިފާ ޖަވާބުދިނެވެ.

"އަޑެއްބަޑެއް ނީވިގެން ބަލައިލީ!" މިހާދު ބުންޏެވެ.

މިހާދު ގޮސް އެނދުގައި ހަމަޖެހިލިއެވެ. އަނެއްކާ ވެސް ވިހި މިނެޓު ހިނގިއެވެ. ހާދަހާ އިރެއް ވެއްޖޭ މިހާދު ހިތަށް ހަމަ އެރި ތަނާ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އެކަމަކު ރިފާ ނުއެއް ނުކުތެވެ. އިރުކޮޅެއް ވުމުން މިހާދު ބަލައިލިއެވެ. ރިފާ ހުރީ ކުޑަކޮށް ދޮރު ހުޅުވައިލައިގެންނެވެ. ލަދުން މޫނު ފިޔާތޮށި ކޮށްލައިގެންނެވެ. ރިފާ ބޮލުގެ އިޝާރާތުން އައުމަށް އެދުނެވެ. މިހާދު ވެސް ހަމަ ބޮލުގެ އިޝާރާތުން ވީ ކިހިނެއްހޭ އެހިއެވެ.

"އަޅެ އާދެބަލަ!" ވަރަށް އުނދަގުލުން ރިފާ ބުންޏެވެ.

ހައިރާން ވެފައި އެނދުން ތެދުވެގެން މިހާދު އައެވެ. ދޮރު ކައިރިއަށް ހުއްޓުނެވެ. ކުއްލިއަކަށް ރިފާ ރޯން ފެށިއެވެ. ހަދާނެ ގޮތެއް މިހާދަކަށް ނޭނގުނެވެ. އެތެރެއަށް ވަންނަން މިހާދު އުޅެން ފެށުމުން ދޮރު ލެއްޕިއެވެ. ވެގެން އުޅޭ ގޮތް ބުނާނެ ހިތްވަރު ރިފާއަށް ލިބުނީ، ދޮރުގެ ދެ ފަރާތުގައި ދެ މީހުން އެތައް އިރަކު ތިބެ، އެކި ގޮތަށް ވާހަކަދައްކައިގެންނެވެ. ވެގެން އުޅޭ ގޮތް ރިފާ ބުނުމުން މިހާދު ގާތަށް އައީ ހިންޏެވެ. ރޮވިފައި ހުރި ރިފާ ގާތަށް ވެސް އައީ ހިންޏެވެ.

"އެކަމަކު ދެން ދޮރު ހުޅުވީމަ ދޯ ޕުއްޕު ދޮވެވޭނީ!" ސަމާސާ ރާގެއްގައި މިހާދު ބުންޏެވެ.

"ދެން! އައްޗީޑި!" ރިފާ ބުނި އަޑު އިވުނެވެ.

"ކޮން ޗީޑިއެއް!" ހީނގެންފައި މިހާދު ބުންޏެވެ. "ބަލަ އަހަންނަކީ ރިފާގެ ފިރިމީހާޔޭ! މަންމައަށް ގުޅައިގެން މަންމަ އަންނަން ކުޑަ އިރުކޮޅެއް ނަގާނެ ދޯ! ދެން ދޮރު ހުޅުވާ! ތި އަތަށް ވީ ގޮތެއް ވެސް ބަލަންޖެހޭނެއްނު! ފަހަރެއްގަ ހެއަރލައިން ފްރެކްޗަރއެއް ވެސް ހުރެދާނެ."

އެ ކަމެއް ނިމިގެން ކޮޓަރީގެ އެނދުމަތީގައި ތިބެގެން ވެސް އެތައް އިރަކު ދެ މީހުން ހުނެވެ. ގެންފައި ހުރި ލަދު މަޑުމަޑުން ފިލައި، ރިފާ ހަމައަކަށް އެޅެންދެން މިހާދު ސަމާސާކުރިއެވެ. ދެން ދިޔައީ ހޮސްޕިޓަލަށެވެ. ރިފާ ބޭނުންވީ ދުވާލު ހޮސްޕިޓަލަށް ދާށެވެ. ހަމަ އެ ރޭ ޑަކުޓަރަށް ދައްކަން ބާރުއެޅީ މިހާދެވެ. ކައިރީގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ގޮސް ޑަކުޓަރަށް ދެއްކުމުން، އެކްސްރޭ ނަގައިފައި ޑަކުޓަރު ދިނީ އުފާވެރި ޚަބަރެއް ނޫނެވެ.

"މިހިރީ ރެނދު!" ޑަކުޓަރުގެ ގަލަމުން އެކްސްރޭގައި ޖައްސައިލައިފައި ބުންޏެވެ. "އަނެއްހެން މާ ސީރިޔަސް އެއް ނޫން. ބެންޑޭޖު އަޅާފަ ދިހަ ވަރަކަށް ދުވަހު ބަހައްޓާލީމަ ރަނގަޅުވާނެ. އަހަރެން ދޭނަން ކާ ބޭހެއް ވެސް. މި އަތުން އެއްވެސް ކަމެއް ކުރަން ނޫޅޭތި!"

އެ ހާދިސާއަކީ މިހާދުގެ އޯގާތެރިކަމާއި، އެހީތެރިކަން ތަޖުރިބާ ކޮށްލަން ރިފާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ރިފާއަށް ބަތް މޮޑެދެނީ މިހާދެވެ. ފެންވަރުވައި، ހެދުން ލައްވައިދެނީ ވެސް މިހާދެވެ. ރިފާއެކޭ ރާނީއެކޭ އެއްގޮތެވެ. އިށީނދެލައިގެން ނުވަތަ އޮށޯވެލައިގެން އޮތީމައި ނިމުނީއެވެ. ވައަތުން ރިފާއަށް ފެންތަށީގައި ހިފެއެވެ. އެ ގޮތް މިހާދަށް ކަމުނުދަނީއެވެ. ފެންތަށި ޖައްސަނީ ވެސް މިހާދެވެ. ރިފާއެކޭ ކުޑަކުއްޖެކޭ އެއްގޮތެވެ. މެންދުރެއް، ދަންވަރެއް، ފަތިހެއް ތަފާތެއް ނެތެވެ.

ވަރަށް ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. ތަނަކަށް ނުގޮސް ރިފާމެން ތިބީ ހޮޓަލުގައެވެ. ރިފާ ސޯފާއިން ތެދުވިޔަ ނުދެއެވެ. ހީވަނީ ރިފާއަކީ ނުވެސް ހިނގޭ މީހެއް ހެންނެވެ. ރިފާ ބޭނުންވީ ލިބޭތާ ލިބިގަންނާށެވެ. ރިފާއަށް ވިސްނުނު ގޮތުގައި، އެހީތެރިކަމަކީ ދިން ވަރަކަށް އިތުރަށް ބޭނުންވާ އެއްޗެކެވެ. ހިތް ދަހިކުރުވާ އެއްޗެކެވެ. މިހާދާ ދިމާއަށް ނުލެނބެން ކިތަންމެ ވަރަކަށް ރިފާ މަސައްކަތް ކުރި ނަމަވެސް ރިފާގެ ހިތް ޝުކުރުން ފުރުނެވެ. މިހާދު ކަހަލަ މުއްސަނދި މަހުޖަނަކު ލޯބިވާން ރިފާއަކީ ކާކު ހެއްޔެވެ؟ ރިފާގެ ފަރާތުން މިހާދަށް ލިބޭނީ ކޯޗެއް ހެއްޔެވެ؟ ރިފާއަށް ދެވޭނީ ވެސް ކޯޗެއް ހެއްޔެވެ؟ އެހެން ހިތަށްއެރުމުން ރިފާގެ ހިތް ރޯލި ކަހަލައެވެ. އެކަމަކު ރިފާގެ މޫނުމަތިން އެ ކަމެއް ނުދައްކައެވެ.

"ގާޒީ ބުނި ލިޔުން ލިބޭނެ މާދަމާ!" ރިފާ ގާތުގައި، ސޯފާގައި އިށީނދެގެން އިން މިހާދު ބުންޏެވެ. "ހަމަ ލިބޭ އިރަށް ފުރަންވީ!"

ރިފާ ހިތަށްއެރިއެވެ. މިހާދު ބޭނުންވަނީ އެ ގޮތް ހެއްޔެވެ؟ އަވަހަށް މާލެ ދާން ހެއްޔެވެ؟ ރިފާ ދެކެ މިހާދު ފޫހިވީ ހެއްޔެވެ؟ ނުވަތަ މިހާދު އުންމީދު ކަނޑައިލީ ހެއްޔެވެ؟ ރިފާގެ ހިތް ބުންޏެވެ. މިހާދު ތި ވަރުބަލިވީ ކިހާ ކައިރިއަށް އައިސްފައިކަން އެނގޭ ހެއްޔެވެ؟ އަޅެ އެއް ފަހަރު ވެސް އަހައިބަލާށެވެ. މިހާދު ދެކެ އަހަރެން ލޯބިވޭ ހެއްޔެވެ؟ އެ ސުވާލު ކޮށްބަލާށެވެ.

"ވަރަށް އުފާވެފަ ތިހިރީ؟" ރިފާ ސުވާލު ކުރިއެވެ.

"ވެގެން ނުވާނެ؟" މިހާދު ވެސް ކުރީ ސުވާލެކެވެ. "ރިފާ ލޯބިވާ މީހާ ހުރީ މާލޭގައެއްނު! އެންމެ ރަނގަޅު. އަހަރެން ކަމަކަށް އެދިފިއްޔާ ކޮށްދޭނަންތަ؟"

މިހާދު ކޮށްދިން ހުރިހާ ކަމެއްގެ ބަދަލެއް ރިފާއަކަށް ނުދެވޭނެއެވެ. ދުވަހަކު ވެސް ނުދެވޭނެއެވެ. ވީ އިރު މިހާދު އެދޭ އެންމެ ކަމަކަށް ރިފާ ފުރަގަސް ދޭނީ ކިހިނެއް ހެއްޔެވެ؟ އެ ކަން ކޮށްދޭން ރިފާ ބޭނުމެވެ.

"އަހަންނަށް މާ ގިނަ ކަންތަކެއް ނުކޮށްދެވޭނެ!" ހިނިތުންވެލައިފައި ރިފާ ބުންޏެވެ. "އަޅެ ބުނެބަލަ! ކޮށްދެވޭ ވަރު ކަމެއް ވިއްޔާ ކޮށްދޭނަން."

މިހާދު އެ ވާހަކަ ބުނަން އަނގަ ހުޅުވައިލިއެވެ. އެކަމަކު ނުބުންޏެވެ. ބަދަލުގައި ހިނިތުންވެލިއެވެ.

"ތި ވަރު ފުދޭ!" މިހާދު ބުންޏެވެ. "ބޯޓަށް އަރާފަ ބުނާނަން. މާލެ ގޮއްސަ ވެސް ރެސްޓު ކުރައްޗޭ އިނގޭ! އޭރުން އަވަހަށް ފަސޭހަ ވާނީ. އަހަރެން ނެތަސް ރިފާ ޖެހޭނެ ރިފާއަށް ވިސްނަން."

ރިފާ ދޫކޮށްލަން އުޅޭހެން ރިފާއަށް ފުރަތަމަ ހީވި ފަހަރަކީ އެއީއެވެ. އެ ވަގުތު ރިފާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. މިހާދަށް ބަދަލުގައި ކޮންމެވެސް އެއްޗެއް ދޭން ރިފާ ބޭނުންވިއެވެ. ރިފާއަށް މިހާދު މާ ގިނަ ކަންތައް ކޮށްދީފިއެވެ. ހުސްއަތާ މިހާދު ފޮނުވައިލައިގެން ނުވާނެއެވެ.

ދަތުރުގެ ފަހު ދުވަހު މިހާދުގެ ކަމަކަށްވީ ރިފާއަށް ހަދިޔާ ގަނެދިނުމެވެ. ނަޝްފާއަށް ވެސް ހަދިޔާ ގަނެދިނެވެ. ނުވާ ތާކަށް ޒާހިރަށް ވެސް ހަދިޔާ ގަނެދިނެވެ. އެ ކަމާ ރިފާ ވަރަށް ހައިރާން ވިއެވެ.

"ކީއްވެ ޒާހިރަށް މިހާދު ހަދިޔާ ގަނެދެނީ؟" ރިފާ ސުވާލުކުރިއެވެ.

"ގަނެދޭން ވާނެއްނު!" ހިނިތުންވެލައިފައި މިހާދު ބުންޏެވެ. "ލޯބިވާ މީހާ ލޯބިވާ މީހާ ދެކެ ވެސް ލޯބިވާން ޖެހޭނެއްނު! އެޔެއްނު ލޯތްބަކީ. އަހަރެން މީ ރިފާ ތި ހީކުރާހާ ގޯސް މީހެއް ނޫނޭ. އަޅެ ރިފާ ބުނެބަލަ! މީހެއް ދެކެ ލޯބިވުމަކީ ފާފައެއްތަ؟"

ރިފާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ހިތަށްއެރިއެވެ. ބުނެފާނަމެވެ. މައްސަލައަކީ ލޯބިވުމެއް ނޫނެވެ. ލޯބިވާ ވާހަކަ ބުނުމެވެ. އަހަރެން ވެސް މި ހުންނަނީ އެ ކުށް ކުރަން ޖެހިލުން ވެފައެވެ. ތަންކޮޅެއް ކުރިން އަހަންނަށް މިހާދު ފެނުނު ނަމައެވެ.

ފުރަން އޮތް ދުވަހު ފޮށްޓަށް އެއްޗެހި އަޅަން ރިފާ ހުއްޓައި މިހާދު އައިސް ފޯނު ދިއްކޮށްލިއެވެ. ރިފާ ހައިރާން ވެފައި މިހާދަށް ބަލައިލިއެވެ. ފޯނު ދިއްކުރި ސަބަބު ނޭނގިގެން ބަލައިލާ ކަހަލަ ގޮތަކަށެވެ.

"ޒާހިރަށް ގުޅާފަ ތި އޮތީ!" މަޑުމަޑުން މިހާދު ބުންޏެވެ. "އަންނަ ވާހަކަ އަންގާލަން ވާނެއްނު!"

ރިފާ ހައިރާންވެފައި ފޯނުގައި ހިފިއެވެ. އިސްނަގައި ޒާހިރަށް މިހާދު ގުޅުމަކީ ރިފާއަށް ލިބުނު ވަރުގަދަ ސިހުމެކެވެ. އިންޑިޔާއިން ފުރި އިރު ވެސް ރިފާގެ ހިތުގައި އެ ސުވާލު އުފެދުނެވެ. ޒާހިރަށް މިހާދު ގުޅީ ކީއްވެ ހެއްޔެވެ؟

"ބުނީމެއްނު ބޯޓަށް އަރާފަ ވާހަކައެއް ބުނާނަމޭ!" ރިފާ ބުންޏެވެ. "ދެން ބުނަންވީނު!"

"ހަނދާން އެބަ ހުރި ދޯ؟" ހިނިތުންވެލައިފައި މިހާދު ބުންޏެވެ. "މަ ބުނަން އުޅުނީ އަހަރެން މަތިން ހަނދާންނައްތައި ނުލައްޗޭ!"

ނުނިމޭ